November 25, 2024 00:50
Advertisement

-Advertisement-

ދިވެހިރާއްޖޭގެ ދިދަ/ ފޮޓޯ: ޝަޓަރސްޓޮކް

ގައުމުގެ ހާލަތާމެދު ފިކުރުކޮށް އިސްލާހުކުރުމަށް މަސައްކަތް ކުރަމާ!

ޒަމާންތަކެއް ކުރިން ދިވެހިންނަކީ އެއްބައިވަންތަ ބައެކެވެ. ޖުމްލަގޮތަކަށް ބަލާއިރު އާއިލާތައް އުޅުނީ ބަދަހިކަންމަތީގައެވެ. އަވަށްޓެރިންނާއި އޮތީ ގާތްގުޅުމެކެވެ. އެކަކު އަނެކަކަށް ދެރައެއް ދިނުމަށްވުރެ އިސްކަންދިނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އެހެންނަމަވެސް ދުވަހެއް ދުވަހަކަށް ހާލަތު މިދަނީ ބަދަލުވަމުންނެވެ.

ގުޅުން ހީނަރުވުން

ކުރިއާއި އަޅާބަލާއިރު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މިވަނީ ބަދަލުވެފައެވެ. އާއިލާތައް ދަނީ ބައިބައިވަމުންނެވެ. އެކަކު އަނެކަކާ އަނގައިން ނުބުނާތާގަ ހާލުބަލާނުލާ މީހުންވެސް އެއް އާއިލާއެއްގައި އެބައުޅެއެވެ. މައިންބަފައިންނަށް އަޅާލުމާއި ލޯބި ނުދޭ މީހުން ދަނީ ގިނަވަމުންނެވެ. އަދި އަވަށްޓެރިންނަކީ ނެތްބައެއް ކަހަލައެވެ. އާއިލާގެތެރޭގައި އުފެދޭ ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް ތޫނުއެއްޗެހިން ހަމަލާދީ ޒަޚަމް ކުރަމުންދަނީ ބިރެއްނެތިއެވެ. އަވަށްޓެރިންގެ މުދަލަށް ގެއްލުންދެނީ ފަސްޖެހުމެއްނެތިއެވެ. ގުޅުން ހީނަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އާއިލާތެރޭގައި ރަނގަޅު ގުޅުމެއް އޮވެއްޖެނަމަ ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް އެކަކު އަނެކެއްގެ އެހީތެރިކަން ހޯދިދާނެއެވެ. އަދި އެކަކަށް ހިތާމައެއް ކުރިމަތިވާ ވަގުތު އަނެކަކުގެ އަޅާލުން ލިބިދާނެއެވެ.

Advertisement

މަސްތުވާތަކެތި އާންމުވުން

މަސްތުވާތަކެތީގެ ވަބާގައިޖެހި ޖީލެއް މިދަނީ ހަލާކުވަމުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ މައިންބަފައިންގެ އެންމެބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ފަރުވާ ދެވެން ނެތުމެވެ. އަދި ރާއްޖެއިން ލިބެންހުރި ފަރުވާ ހޯދުމަށް ދިގު ކިއުއެއްގައި އެތައް ދުވަހެއް ހޭދަކުރަންޖެހުން ވެގެން ދަނީ މިވަބާގެ ޝިކާރައަކަށްވެފައިވާ ޒުވާނުންގެ ހާލަތު ގޯހުން ގޯހަށްދާ ސަބަބަކަށެވެ.

" ހިތްމަފުށީގައި ހުންނަ ސެންޓަރަށްވެސް ދަރިފުޅު ފޮނުވިއްޖެ. ފަރުވާ ހޯދައިގެން އަންނައިރު ދުވަސްކޮޅަކަށް ހާލަތު ރަނގަޅު. އެކަމަކު އެހާފަސޭހައިން މަސްތުވާތަކެތި ލިބެން ހުންނާތީ އަނެއްކާވެސް އޭގެ އަވާގައި ދަރިފުޅު ޖެހެނީ. އެހާ އާންމު އެއްޗެއް ހޯދުން ނުހުއްޓުވޭ. މަގަކަށް ނުކުމެއްޖިއްޔާ މިދިމާވަނީ އެބޭނުންކުރާ މީހުންނާ. ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވޭނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ". ނަން ހާމަކުރަން ނޭދޭ އެބެލެނިވެރިޔާ ބުންޏެވެ.

މާރާމާރީ

ކިތަންމެބޮޑު އަނިޔާއެއްވެސް މީހަކަށް ދިނުމަށް ފަސްނުޖެހޭ މީހުން އެބައުޅެއެވެ. ސޯޝަލް މީޑިއާއިން އާންމުވަމުންދާ ވީޑިއޯތަކަކީ މީގެ ހެއްކެކެވެ. މާރާމާރީ މިވަނީ އާންމުވެފައެވެ. މީހުން މެރުން އާންމުވުމަކީވެސް އޮތް ބޮޑު ބިރެކެވެ.

ދަރިންގެ އަޚްލާގު

އަޅުގަނޑުމެންގެ މުޖުތަމައުގަ ބައެއް ދަރީންނަކީ އަޚްލާގު ރަނގަޅު ކިޔެވުމުގައިވެސް ކާމިޔާބު ހޯދަމުންދާ ފަޚުރުވެރިވާފަދަ ދަރީންތަކެކެކެވެ. އެހެންނަމަވެސް ބައެއް ކުދިންގެ އަޚްލާގީ ފެންވަރާމެދު ހިތާމަކުރަންޖެހެއެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުގެ ބަދަލުގައި ތަފާތުކުށްތަކަށް އަރައިގަންނައިރު އެކުދިންގެ ހާލަތު ގޯސްވާން މެދުވެރިވާ ސަބަބާއިމެދު ވިސްނާ އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންޖެހެއެވެ. ދަރިންނަށް ދޭންޖެހޭ ސަމާލުކަން ދިނުމަށް އެކުދިންނަށްޓަކައި ވަގުތު ހުސްކުރަންޖެހެއެވެ. އެކުދިން އުޅޭނުއުޅޭގޮތް ބަލަންޖެހެއެވެ. ރަނގަޅު ތަރުބިއްޔަތެއް ދޭންޖެހެއެވެ.

ވަޒީފާގެ ފުރުސަތު ހަނިވުން

ރަނގަޅު ތަޢުލީމެއް ހާސިލުކުރިއަސް އެކަށީގެންވާ އާމްދަނީއެއް ލިބޭ ވަޒީފާތައް ބައެއް ދާއިރާތަކުން ލިބެން ނެތުމަކީ ބައެއް މީހުންގެ ކަންބޮޑުވުމެކެވެ. އަދި ގައުމުގެ އެންމެ މަތީފަންތީގެ ބޮޑު މުސާރަ ލިބޭ ވަޒީފާތަކުގައި ތަޢުލީމެއް ނެތް، ތަޖުރިބާއެއް ނެތް މީހުން ވަޒީފާ އަދާކުރުމަކީ ދެވޭ ނޭދެވޭ މެސެޖެކެވެ. ޚާއްސަކޮށް ރައްޔިތުންގެ ނަމުގައި ބަސްކިޔުމަށްތިބި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ އަޚްލާގީ ފެންވަރު ދަށްވެ ތަޢުލީމީ ފެންވަރެއް ނެތުމަކީވެސް މިއަދުގެ ޅަދަރީންނަށް ދެވޭ ނުބައި މެސެޖެކެވެ. އެފަދަ މަގާމްތަކަށް މީހުން ހޮވުމުގައި ޤާބިލު މީހުންނަށް އިސްކަންދޭންޖެހެއެވެ. 

ނިންމުން

މުޖުތަމައަށް މިހާބޮޑު ބަދަލެއް އަންނަން މިޖެހުނީ ކޮންސަބަބަކާހުރެބާއެވެ؟ މިސުވާލުގެ ޖަވާބު ހޯދަން އެބަޖެހެއެވެ. ފަރުދީ ފެންވަރުގައި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެންހުރި މަސައްކަތަކީ ކޮބައިތޯ ބަލައި އެކަމެއް ރަނގަޅު ކުރުމަށް މަސައްކަތްކުރަން އެބަޖެހެއެވެ. ކުރިއަށްއޮތްޖީލު ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ޚާއްސަކޮށް ކަމާގުޅުންހުރި މުއައްސަސާތަކުން މިފަދަ ކަންތައްތަކަށް ހައްލު ހޯދުމަށް ޚާއްސަ އިސްކަމެއް ދޭންޖެހެއެވެ. 

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް