ތ. ހިރިލަންދޫ މަސްޖިދުލް ޙުސައިނީ ނުވަތަ ކުރީގެ ހުކުރު މިސްކިތުގެ އިމާރާތުގެ އެތެރެބައި ހަދައިފައިވަނީ ހިރިގަލުންނެވެ. އެބައި ހިޔާކޮށްފައިވަނީ ހައިވަކަރުން ގެއުގަނޑު ހަދައި އީޓުންނެވެ. މިމިސްކިތް މަރާމާތުކުރިއިރު އީޓުތައް ނެގުމަށްފަހު ވަނީ ސިމެންތި ޓިނު ޖަހާފައެވެ. މިބައިގެ ބޮޑުމިނަކީ 23 ފޫޓު 10 އިންޗި އަދި 13 ފޫޓެވެ.

ހިރިގަލުން ހަދައިފައިވާ ބައިގެ ވަށައިގެން 1943 ވަނަ އަހަރުގަ ފެންޑާއެއް ހަދާފައިވެއެވެ. ފާރުތައް އެއިރު ހުރީ އުވައިން ރޭނުމަށްފަހު އުވަޖަހާފައެވެ. ފަހުން މަރާމާތުކުރިއިރު ވަނީ އުވަތައް ކޮށައި ސިމެންތި ޖަހާ ކުލަލާފައެވެ. ފެންޑާ ހިޔާކޮށްފައިވަނީ ވަކަރުން ގިއުގަނޑު ހަދައި އީޓުންނެވެ.

މިސްކިތް މަރާމާތުކުރިއިރު މިބައިގައި ހުރި އީޓުތައްވެސް ވަނީ ނަގައި ސިމެންތި ޓިނު ޖަހާފައެވެ. ފެންޑާހުރި ބައިގެ ބޮޑުމިނަކީ 33 ފޫޓު 9 އިންޗި އަދި 32 ފޫޓެވެ. މިމިސްކިތް ބިނާކުރި ތާރީޚެއް ސީދާ އެނގެން ނެތް ކަމުގައިވިއަސް މި މިސްކިތް ވަނީ ދިވެހިރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ހިމަނާފައެވެ.
ނޯޓް: މިލިޔުމުގައި ހިމަނާފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކޮށްފައިވާ މައުލޫމާތެވެ. 'ޒީޓައިމްސް' އިން ދަނީ އާސާރީ ތަރިކައިގެ ދަފްތަރުގައި ހިމެނޭ ހުރިހާތަނެއްގެ މައުލޫމާތު ގެނެސްދެމުންނެވެ. ތާރީޚީ ތަންތަނުގެ ފޮޓޯ ޒީޓައިމްސްގެ ފޭސްބުކް ޕޭޖަށް ފޮނުވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.