ދިވެހި ރާއްޖެއިން ވީނުވީއެއް ނޭނގި ގެއްލި މިއަދާއި ހަމައަށްވެސް ނުފެންނަ މީހުން އެބަތިއްބެވެ. މިފަދަ މީހުން ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭކަމަށް ފުލުހުން ހާމަކުރިއަސް ތަހުގީގު ކުރިއަށްދާ ގޮތާމެދު މީހުންގެ ހިތުގައި ވަރަށްގިނަ ސުވާލުތައް އުފެދެއެވެ.

މިފަދަ އެއް މައްސަލައަށް ބަލަމާ ހިނގާށެވެ. ކ.މާލެ/ ހ. ބޮނޑިކަނދޮޅުގެ މުހައްމަދު އަޛުހާން (27އ) މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ފުލުހުންގެ ވެބްސައިޓުގައި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ޝާއިޢުކޮށްފައިވެއެވެ. އަޛުހާން އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ މަހުގެ 18 ވަނަ ދުވަހު ފަތިހު ހިޔާ ފުލެޓުގެ 13 ވަނަ ޓަވަރު ކައިރިންނެވެ.
" އެސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލިބެލުމުން އެދުވަހު ފަތިހު 04:53 އެހާކަންހާއިރު ހުދުކުލައިގެ ކާރަކަށް އަރާކަން ވަނީ ފާހަގަކުރެވިފަ. އަދި އިތުރު ފުޓޭޖުތައް ބަލައި، ކާރު ދެނެގަތުމުގެ މަސައްކަތްވެސް ފުލުހުން ދަނީ ކުރަމުން" ފުލުހުން ފާހަގަކޮށްފައިވެއެވެ.

އަޛުހާން ގެއްލުނުތާ 12 ދުވަސްވީފަހުން އާދީއްތަ ދުވަހު ހަވީރު ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލޭގެ ނިރޮޅުމަގުގެ ވޯޓަރތީމު ޕާކުގެ ކުރިމަތީ އޮންނަ ހުސްބިމުން ފެނިފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސުޕްރިންޓެންޑެންޓް ހަސަން ސައީދު ވިދާޅުވީ ފެނުނީ ގެއްލިގެން ހޯދާ އަޛުހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށެވެ. ފެނުނުއިރު ހަށިގަނޑު އޮތީ ވަރަށްބޮޑަށް ކުނިވެފައެވެ.

" ކުނިވަސް އައިޑެންޓިފައި ކުރެވިގެނެއް ނޫން އަޅުގަނޑުމެންނަށް މިތަން އައިޑެންޓިފައިވީ. ސީސީޓީވީ ކެމެރާތަކުން މިހިސާބުން ގެއްލިފަ ފެންނަންޖެހޭ ހިސާބަކުން ނުފެނުނީމަ ބޮޑަށް ގަބޫލުކުރެވުނީ މިއީ ސަރޗްކުރަން ވަރަށް މުހިންމު ތަނެއްގެ ގޮތުގަ. ހަށިގަނޑު އޮތް ގޮތުން އަދި ވަރަށް އުދަގޫ ގެއްލުން ހުރިތޯ ނެތްތޯ ބަލަން. ޕޯސްޓްމޯޓަމް ކުރިއަށް ގެންދާނެ". ފުލުހުންގެ އޮފިޝަލު ވިދާޅުވިއެވެ.
މިސަރަހައްދު އެކީގަ ފުލުހުން ނުބަލަނީތޯ ނޫސްވެރިއަކު ސުވާލުކުރުމުން ވިދާޅުވީ "މިހިސާބުގަނޑު ސަރޗް ކުރެވިފައިނީ. އެކަމަކު އަނެއްކޮޅަކަށް ސަރޗް ކުރިއަށް ނުގެންދަން. އަނެއްކޮޅަށް ސަރޗް ކުރިއަށް ގެންދިޔައީ ދެން އިތުރަށް ލިބުނު މައުލޫމާތާއި ގުޅިގެން. ވޯޓަރތީމް ޕާކުގެ ކުރިއަށް މިއޮތް ބިން (ހަށިގަނޑު ފެނުނު ސަރަހައްދު) ސަރޗްކުރީ މިއަދު" ކަމަށެވެ.

ފުލުހުންގެ އޮފިޝަލުގެ ވާހަކައިން ގަބޫލުކުރެވުނީ ހަށިގަނޑު ފެނުނު ސަރަހައްދު ކުރިން ނުބަލައި ދޫކޮށްލެވިފައިވާކަމެވެ. ތަހުގީގު ކުރިއަށްގެންދިއުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. ކުރިން ބެލުނުނަމަ ހަށިގަނޑު އެހާބޮޑަށް ކުނި ނުވަނީސް ފެނުމުގެ ފުރުސަތު ބޮޑެވެ.
ފުލުހުންނާއި ކުރަން ބޭނުން ވަރަށް ގިނަ ސުވާލުތައް ހުރިކަމުގައިވިއަސް ފުލުހުންގެ ބައްދަލުވުން ނިންމާލީ މަދު އަދަދެއްގެ ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދިނުމަށްފަހުގައެވެ. ތަކުރާރުކޮށް ސުވާލުކުރުމަށް ބޭނުންވާކަމަށް އެދުނު ނަމަވެސް އެފުރުސަތު ލިބިފައެއް ނުވެއެވެ.
'ޒީޓައިމްސް' އިން ވާނީ މިމަރާއި ގުޅޭގޮތުން އުފެދޭ ސުވާލުތައް އާދީއްތަ ދުވަހުގެ ރޭ 21:51 ގައި ފުލުހުންގެ މީޑިއާ ގުރޫޕަށް ފޮނުވާފައެވެ. މިރިޕޯޓް ޕަބްލިޝް ކުރުމާއި ހަމައަށް ތިރީގައިމިވާ އެއްވެސް ސުވާލަކަށް ޖަވާބު ލިބިފައެއް ނުވެއެވެ.
- ފުލުހުންގެ އޮފިޝަލު ވަނީ މުޅި ސަރަހައްދު ނުބަލާ ކަމަށް ވިދާޅުވެފަ. ކީއްވެތޯ އެސަރަހައްދު އެކީގަ ކުރިން ބަލާފަ ނުވަނީ؟
- ކީއްވެތޯ 12 ދުވަސް ހޭދަވީ މުޅި ސަރަހައްދު ބެލުމަށް؟
- މިފަދައިން ގެއްލިގެން އުޅޭ މީހުންގެ މައްސަލަތައް ބެލުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ގަބޫލުކުރެވޭތޯ؟
- ފުލުހުންގެ ޓީމުގައި މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ގާބިލުކަން ނެތީތޯ؟
- މާލެ އަދި ހުޅުމާލޭގެ މަގުތަކުގަ ހަރުކޮށްފަހުރި ކެމެރާތައް ރަނގަޅަށް މަސައްކަތްކުރޭތޯ؟
ތަހުގީގު ކުރިއަށްދާ މައްސަލައެއްގައި ހުރިހާ ސުވާލަކަށް ޖަވާބު ނުދެވިދާނެއެވެ. އެހެންނަމަވެސް ޖަވާބުދެވޭނެ ސުވާލުތައްވެސް ހުންނާނެއެވެ.
މަރުވެ ކުނިވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުމާއެކު ފުލުހުންނަށް ދަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ. ގަސްތައް ގިނަ ކަމުގައިވިއަސް އާންމު ސަރަހައްދަކުން މިގޮތަށް ކުނިވެފައިވާ ހަށިގަނޑެއް ފެނުމަކީ އެކަށީގެންވާ މިންވަރަށް ފުލުހުންނަށް ހޯދިފައި ނުވާކަމުގެ ހެއްކެކެވެ. ފުލުހުންގެ ކިބައިގައި އެވަރުގެ ގާބިލުކަމެއް ނެތްނަމަ ގެއްލިގެން ރިޕޯޓް ކުރާ މީހުން ހޯދުމަށް މިހާރަށްވުރެ ބޮޑަށް އާންމު ސަރަހައްދުތައް ބެލުމަށް ރައްޔިތުންގެ އެހީތެރިކަން ހޯދަންވީ ނޫންތޯއެވެ.
މިފަދަ މަރުތަކުގެ ސަބަބުން އާންމުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އުންމީދު ކުރަނީ ފުލުހުންގެ ތަހުގީގު ކުރިއަށްވުރެ ފުޅާކޮށް، މިފަސްގަނޑަކީ އާންމުންނަށް އަމާން ތަނަކަށް ވުމެވެ.