January 19, 2025 21:59
Advertisement

-Advertisement-

ފޮޓޯ: ހެލްތްލައިން

ޑރ.ޝިފާންގެ ލިޔުއްވުމެއް: އުރަމަތީގަ ރިއްސުމާއި ކެންސަރ

މިއީ ވަރަށް އާންމު އަލާމާތެއް!

ދިރާސާތަކުން ދައްކާގޮތުގައި އުރަމަތީގެ ބައްޔަކަށް ޑޮކްޓަރަށް ދައްކާ މީހުންގެ 45-75 އިންސައްތަ މީހުން ޑޮކްޓަރަށް ދައްކަން އަންނަނީ އުރަމަތީގަ ރިއްސާތީ އެވެ. އެހެންކަމުން، އުރަމަތީގެ ބަލިތަކުގެ އަލާމާތްތަކުގެ ތެރެއިން އެންމެ އާންމު އަލާމާތަކީވެސް މިއީއެވެ. މިފަދައިން ރިއްސާ ރިއްސުމަކީ ގިނަފަހަރު މާބޮޑު ސަމާލުކަމެއް ބޭނުންވާފަދަ ކަމެއް ނޫނެވެ. ނަމަވެސް ބައެއްފަހަރު ރިއްސުން ބޮޑުވެ އާންމުކޮށް ކުރަމުންދާ ހަރަކާތްތަކަށް ހުރަސް އެޅެއެވެ. (މިސާލަކަށް އަމިއްލައަށް ހެދުން ބަދަލުކޮށް އުޅުމާ، ނިދީގައި އެއްފަރާތަށް ޖެހުންފަދަ ކަންކަން ކުރަން ދަތިވެއެވެ).

މިފަދައިން އުރަމަތީގައި ރިއްސާ ރިއްސުން މައިގަނޑު ގޮތެއްގައި ބެހިގެން ވަނީ ދެ ބަޔަކަށެވެ. މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސާރިއްސުމަށް "ސައިކްލިކަލް މެސްޓެލްޖިއާ" އޭ ކިޔެއެވެ. އަދި މިނޫންގޮތަށް އަންނަ ތަދަށް "އޭ ސައިކްލިކަލް މެސްޓެލްޖިއާ" އޭކިޔެއެވެ. މޭމަތީގެ (އުރަމަތީގެ ޓިޝޫ ނޫން) އެހެނިހެން ހިސާބުތަކުން (މިސާލަކަށް ކަށިގަނޑު ނޫނީ ނޭވާލުމުގެ ނިޒާމުގައި ހިމެނޭ މަސްތަކާއި މޭމަތީގެ ކަށިތަކުން) އަންނަ ތަދުވެސް އުރަމަތީގައި ހުންނަ ރިހުމެއްހެން ބައެއްފަހަރު ފެނިދާނެއެވެ. މިފަދަ ތަދަށް "އެކްސްޓްރާ މެމަރީ ޕެއިން" އޭކިޔެއެވެ. ޚާއްސަކޮށް "ކޮސްޓޯ ކޮންޑްރައިޓިސް" ނޫނީ ނޭވާލާ ނިޒާމުގަ ހިމެނޭ، ފުއްޕާމޭގެ ކުރިމަތީގައިވާ ކަށިތަކުގެ ހުޅުތަކުގައި ރިއްސާ ރިއްސުމަކީ މުހިއްމު ސަބަބެކެވެ.

Advertisement

އުރަމަތީގައި ރިއްސުމާއި ކެންސަރ

އުރަމަތީގައި ރިއްސުމަކީ އާންމުކޮށް އުރަމަތީގެ ކެންސަރގެ އަލާމާތެއްނޫނެވެ. ދުނިޔޭގެ އެކިހިސާބުތަކުގައި 2016-2019 ވަނަ އަހަރުގެ ނިޔަލަށް ހެދިފައިވާ ދިރާސާތަކެއްގެ ހުލާސާއަށް ބަލާލާނަމެވެ. މިދިރާސާތަކުގައި ޖުމްލަކޮށް 1881 އަންހެނުން (މައިގަނޑު ޝަކުވާއަކީ އުރަމަތީގައި ރިއްސުން) ވަނީ ބައިވެރިވެފައެވެ. މީގެތެރެއިން އުރަމަތީގެ ކެންސަރ ފެނިފައި ވަނީ 3.5-0 އިންސައްތަ މީހުންގެއެވެ. {5-2}.

ސަބަބު:

ހަށިގަނޑުގައި ބަދަލުވަމުން އަންނަ ހޯމޯން އާއެކު، ކިރުއުފައްދައި، ޖަމާވެ ދައުއުރުކުރާ ނިޒާމަށް ބަދަލުތަކެއް އާދެއެވެ. މިގޮތުން ކުދި "ސިސްޓް" އުފެދެއެވެ. އަދި މިފަދައިން އުފެދޭ  "ސިސްޓް" އަކީ މައްސަރު ކަންތަކާ ގުޅިގެން އުރަމަތީގައި ރިއްސާރިއްސުމުގެ މުހިއްމު ސަބަބެކެވެ.

އުރަމައްޗައް އަނިޔާއެއްވުން، އުރަމަތީގެ އޮޕަރޭޝަނެއް ފަދަ ކަންކަމަކީ މައްސަރުކަމާނުގުޅި އުރަމައްޗަށް އަންނަ ތަދު ނޫނީ ރިހުމުގެ މުހިއްމު ސަބަބެކެވެ.

ބައެއްފަހަރު ސީދާ ސަބަބު ނުހޯދިދާނެއެވެ. ނަމަވެސް ބައެއްކަން ކަމަކީ މިފަދައިން އުރަމަތީގައި ރިއްސުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. މިގޮތުން:

  • އުރަމަތީގެ ސައިޒު: އުރަމަތި ބޮޑުވެ ބަރުވުން މިއީ އުރަމަތީގެ އިތުރުން ކަނދުރާއާއި ކޮނޑުގައި ރިއްސުމަށް މަގުފަހިކޮށްދޭ މުހިއްމު ސަބަބެކެވެ.
  • އުރަމަތީގެ އޮޕަރޭޝަނެއް ކޮށްފައިހުރުން: އުރަމަތީގައި ލަކުނުލުމަކީ ފާރު ފަސޭހަވުމައްފަހުވެސް އުރަމަތީގައި ރިއްސުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
  • އުރަމަތި، ދައުރުވާ ހޯމޯންތަކަށް އަސަރުކުރާ މިން އިތުރުވާފަދަ ކަންކަން: މިސާލަކަށް ހަށިގަނޑުގެ ތެރޭގައި އެކުލެވޭ ސެލްތަކުގައި ސަރުބީގެ ބައިގެ މިންހެޔޮކަން ގެއްލުން. ”ފެޓީ އެސިޑް އިމްބެލަންސް".
  • ބޭނުންކުރެވޭ ބޭހެއްގެ ސަބަބުން: ބައެއް ހޯމޯން އެކުލެވޭ ބޭސްތައް، މިސާލަކަށް ދަރިމައި ކުރުމަށް ދެވޭ ފަރުވާގެތެރޭގައި ހިމެނޭ އަދި ދޭތެރެ ދުރުކުރުމަށް ބޭނުންކުރެވޭ ބައެއް ބޭސްތައް ހިމެނެއެވެ. އަދި އިއްދައިން ކެނޑުމަށްފަހު "ހޯމޯން" ފަރުވާ ގައި ބޭނުން ކުރާ "އިސްޓޮރޯޖަން" އަދި "ޕޮރޮޖެސްޓަރޯން" ހޯމޯން ހިމެނެއެވެ.
  • ކެފެއިން އިތުރުވުން: ހެދިފައިވާ ބައެއް ދިރާސާގެއަލީގައި، ބައެއް ފަހަރު "ކެފެއިން" ބޭނުންކުރާ މިންވަރު މަދު ކުރުމުން، އުރަމަތީގެ ރިހުމަށް ލުއިކަންލިބެއެވެ.

ރައްކާތެރިވުން:

ތިރީގައި ބަޔާންކުރަނިވި ކަންކަމުން ބައެއްފަހަރު މިފަދަ ވޭނަކުން ރައްކާތެރި ވެވިދާނެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މިފަދަ ކަމެއް ދިމާވެދާނެ ސަބަބުތައް ގިނަކަމެވެ. އަދި އެފަދަ ކަމެއް ކަށަވަރުކޮށް އިނގޭނަމަ ހައްލެއް ހޯދުމެވެ.

  • ހޯމޯން ފަރުވާ ބޭނުން ނުކޮށް ވާނަމަ އެގޮތް ހިޔާރުކުރުން.
  • ވަކިހާއްސަ ބޭހަކުން މިފަދަ ތަދެއް އިތުރުވާނަމަ އެކަން ފާހަގަކޮށް ޑޮކްޓަރުގެ ސަމާލުކަމަށް ގެނެސް، ބޭސް ބަދަލުކުރުން.
  • ބޭނުންކުރާ 'ބްރާ' އަކީ ހެޔޮވަރުގެ އެއްޗަކަށް ވުން، އަދި ކަސްރަތާއި ކުޅިވަރު ކުޅޭއިރު ކުޅިވަރަށް ހާއްސަ "ސޮޕޯޓްސް ބްރާ" އެއް ބޭނުންކުރުން (ނޯޓް: މިފަދައިން އަމަލުކުރުމުން އުރަމައްޗަށް އަނިޔާވުން ދުރުވެއެވެ.)
  • ކެފެއިން ހިމެނޭ ތަކެތި މަދުކުރުން
  • ބުރަކޮށް، ބަރުއުފުލަމުން ކުރާ ކަސްރަތުތައް ގިނައިން ނުކުރުން.
  • ސަރުބީ މަދު ކާނާ ބޭނުން ކުރުން.
  • ލުއިކަސްރަތު އަދި ޔޯގާ ފަދަ (ހަށިގަނޑާއި ސިކުނޑިއަށް ލުއިކަން ގެނުވައިދޭ) ކަންކަމަކީ، އާންމުދިރިއުޅުމުގެ ބައެއްކަމުގައި ހެދުން. ("ސްޓްރެސް" އާއި ސިކުނޑީގެ ނުތަނަވަސްކަމުން ދުރުވުން)

އުރަމަތީގައި ރިއްސުން (މައިގަނޑު ދެވައްތަރުގެ ހުލާސާއެއް)

މައްސަރުކަމާއެކު އަންނަ ތަދު "ސައިކްލިކަލް މެސްޓެލްޖިއާ"

"އޭ ސައިކްލިކަލް މެސްޓެލްޖިއާ"

މިފަދަ ތަދު އަންނާނީ ބަދަލުވަމުން އަންނަ ހޯމޯންއާއެކު ޕީރިއަޑް އާއި ގުޅިގެންނެވެ. އުރަމަތީގައި ރިއްސާނީ ޕީރިއަޑްގައި ބަދަލުވަމުން އަންނަ ހޯމޯން އާއި އެއްވެސް ގުޅުމެއް ނެތިއެވެ.
ތަދު އިހްސާސް ކުރެވޭނީ ސީދާ ބުނެދޭން ނޭގޭ ގޮތަކަށް، އުރަމައްޗަށް ބަރުވެ ފުރިފަ ހުންނަ ގޮތަކަށް. ބައެއްފަހަރު ވިންދު ޖަހާހެން. ތަދު އިހްސާސް ކުރެވޭނީ އުރަމައްޗަށް ބަރުވެ ތޫނު އެއްޗެސް ހެރޭފަދަ ގޮތަކަށެވެ.
އާންމުކޮށް މިފަދަ ތަދެއް އިހްސާސްކުރެވޭނީ އުރަމަތި ދުޅަވެ ބަރުވެ އަދި އުރަމަތީގައި ގަނޑުލުމާއެކުގައެވެ.  
  ތަދު އަބަދު ހުރުން ނޫނީ ދޭތެރެދޭތެރެއިން ތަދު އައުން. (ޕީރިއަޑް ދުވަސްވަރާއި އެއްވެސް ގުޅުމެއް ނެތި)
އާންމުކޮށް ދެއުރަމަތީގައި އެއްފަހަރާ ރިއްސުން. ގިނަފަހަރަށު އުރަމަތީގެ މަތީ އަދި ކިހިލިފަތާ ދިމާލުގަ ރިއްސުން. އަދި ރިހުން ކިހިލިފަތާ އަތުގެ ދަށްފަރާތަށް ފެތުރުން. އާންމުކޮށް ރިއްސާނީ އެއް އުރަމަތީގައެވެ. އަދި ފަސޭހައިން ބުނެދޭން އެނގޭފަދަ 'އެއް' ތަންކޮޅެއްގައެވެ. ނަމަވެސް ބައެއްފަހަރު އެއްތަންކޮޅަކަށްވުރެ ބޮޑަށް ތަދު މުޅި އުރަމައްޗަށް (އެއްފަރާތަށް) ފެތުރެއެވެ.
މިފަދަ ތަދެއް އެންމެ ބޮޑުވަމުން އަންނާނީ މައްސަރު ކަންތައް ޖެހުމުގެ ދެހަފްތާވަރު ކުރިންނެވެ. އަދި މައްސަރު ކަންތައް ޖެހުމަށްފަހު މަޑުމަޑުން އަމިއްލައަށް ރަނގަޅުވެއެވެ. އަންހެނުންނަށް އާންމުކޮށް މިފަދަ ތަދެއް އިހްސާސް ކުރެވެން ފަށާނީ އިއްދައިން ކެނޑުމަށްފަހުއެވެ.
މިފަދަ ތަދެއް އާންމުކޮށް އިހްސާސް ކުރެވޭނީ ޒުވާން ދުވަސްވަރުގައެވެ. އަދި ބައެއްފަހަރު އުމުރުން ސާޅީހުން މަތީގެ އަންހެނުން، އިއްދަޔާ ގާތް ވެފައިވާ އަންހެނުންނަށްވެސް މިފަދައިން ދިމާވެއެވެ.  

ޑޮކްޓަރެއްގެ ލަފާ ހޯދާނީ ކޮންއިރަކު؟

ތަދުނުފިލާ އަބަދުހުރުން (މިސާލަކަށް: އެތައްހަފްތާއެއް ތަދުނުފިލާހުރުން).

އުރަމަތީގެ އެއްތަންކޮޅެއްގައި ރިހުން ހުރުން.

ގިނަދުވަސް ވާވަރަކަށް ތަދުބޮޑުވުން.

ތަދާއިހެދި އާންމުކޮށް ކުރާ ހަރަކާތްތަކަށް ބުރޫއެރުން.

ތަދާއި ހެދި ރޭގަނޑުގެ ނިދިން މަހްރޫމްވުން.

އުރަމަތީގެ އެންމެ މައިގަނޑު އަލާމާތަކީ ތަދު/ ނޫނީ އުރަމަތީގައި ރިހުން ކަމުގައި ވާނަމަ، އެއީ އުރަމަތީގެ ކެންސަރަށް ވުމަކީ ދުރުކަމެކެވެ. ނަމަވެސް ޑޮކްޓަރަކު ބެލުމަށްފަހު ކަށަވަރުކުރުމުގެ ގޮތުން ބައެއްފަހަރު އިތުރަށް ބަލާ ތަހްލީލު ކުރެއެވެ. އަދި ބައެއްފަހަރު ވަކި ހަމައެއްގެ ދަށުން އަލުން ޑޮކްޓަރަށް ދެއްކުމަށް އިރުޝާދު ދޭނެއެވެ.

 

ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
0
+1
2
+1
6
+1
1
+1
2
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް