އުރަމަތީގެ ކެންސަރ އަކީ ކޮބާ؟
އުރަމަތީގެ ކެންސަރ، އުފެދެން ފަށަނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ވަރަށް އަވަހަށް އިތުރުވެ، ބޮޑުވާން ފެށުމުންނެވެ. ކޮންޓްރޯލް ގެއްލި ކުޑަމުއްދަތެއްގެ ތެރޭގައި އިތުރުވުމުންނެވެ. ދެނެގަންނަންވީ އެންމެ މުހިންމުކަމަކީ އުރަމަތީގައިލާ ގިނަގަނޑު ތަކަކީ އުރަމަތީގެ ކެންސަރ އެއް ނޫނެވެ. އަދި ގިނަވައްތަރުތަކަކީ ކެންސަރ އަށް ބަދަލުވާ ވައްތަރުތަކެއް ނޫނެވެ.
އާންމުކޮށް އުރަމަތީގެ ކެންސަރ ފަށާނީ، ކިރުދައުރުކުރާ ޑަކްޓު (ޑަކްޓަލް ކާސިނޯމަ)ގައެވެ. އަދި ކިރުއުފައްދައިދޭ ގްލޭންޑް (ލޮބިއުލަރ ކާސިނޯމާ)ގަ އެވެ. މަދުފަހަރެއްގައި އުރަމަތީގެ އެހެނިހެން ޓިޝޫތަކުން ކެންސަރު އުފެދެއެވެ.
ދުނިޔޭގެ ހާލަތަކީ ކޮބާ؟
ޑަބްލިއު.އެޗް.އޯ ގެ ދިރާސާތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދުނިޔޭގައި 2.1 މިލިއަން މީހުން ވަނީ އަލަށް އުރަމަތީގެ ކެންސަރަށް ޑައިގްނޯސް ވެފަ އެވެ. އަދި 6،27000 މީހުން ވަނީ މިބަލީ ގައި ނިޔާވެފަވެއެވެ. މިއީ އަންހެނުންނަށް ޖެހޭ ކެންސަރުން ނިޔާވާ އެންމެން ގެ 15 އިންސައްތަ އެވެ.
ރާއްޖޭގެ ހާލަތަކީ ކޮބާ؟
2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލިމީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުން، އެއީ 73 މީހުން، އެއީ އެއަހަރު ކެންސަރ އަށް އަލަށް ޑައިގްނޯސްވީ މީހުންގެ %17 އެވެ. (ގްލޯބޯކޭން)
2019ވަނައަހަރު އައިޖީއެމް.އެޗް ހޮސްޕިޓަލު ގައި 52 މީހުން ވަނީ އުރަމަތީގެ ކެންސަރ އަށް އޮޕަރޭޝަން ކޮށް އިތުރު ފަރުވާނަގަން ފަށާފައެވެ. 2020 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ ނިޔަލަށް 34 މީހުން ވަނީ އަލަށް ޑައިގްނޯސް ކުރެވި ފަރުވާއަށް ހުށަހެޅި ފައެވެ.
އެންމެ އާންމު އުމުރުފުރާއަކީ 40-60 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. 60 އަހަރުން މަތީގެ އުމުރު ފުރާގަ ގިނައީ ފުރަތަމަ ޑައިގްނޯސް ކުރެވޭއިރުވެސް ދުރަށް ފެތުރިފަވާ ބައްޔެވެ.
1. އުރަމަތީގެ ކެންސަރުގެ ވައްތަރުތަކަކީ ކޮބާ؟
އުރަމަތީގެ ކެންސަރ ގެ ތަފާތު ވައްތަރުތަކެއް ހުރެއެވެ. އަދި ބައެއްފަހަރު މިތަފާތު ވައްތަރުތަކުގެ ބަލީގެ ފަރުވާގައި ތަފާތުތަކެއް ހިމެނެއެވެ. މައިގަނޑުގޮތެއްގައި އުރަމަތީގެ ކެންސަރ ބެހެނީ ދެބަޔަކަށެވެ.
ހ. ނުފެތުރޭ ވައްތަރުތައް (ފެތުރުމުގެ ޗާންސް ނާދިރު ވައްތަރުތައް)
- ޑަކްޓަލް ކާސިނޯމާ އިންސިޓޫ
- ލޮބިއުލަރ ކާސިނޯމާ އިންސިޓޫ
ށ. ފެތުރޭ ވައްތަރުތައް
- އިންވޭސިވް ޑަކްޓަލް ކާސިނޯމާ( އިންފިލްޓްރޭޓިން ޑަކްޓަލް ކާސިނޯމާ)
މިވައްތަރަކީ ކިރުދައުރުކުރާ ޑަކްޓުގެ އެތެރެފަށަލައިން އުފެދި، ޑަކްޓުތަކުގެ ވަށައިގެންވާ އެހެނިހެން ޓިޝޫތަކަށް ފެތުރޭ ވައްތަރެކެވެ. އަދި މިވައްތަރަކީ އެންމެ އާންމު ވައްތަރެވެ. ގާތްގަނޑަކަށް އުރަމަތީގެ ހުރިހާ ކެންސަރެއްގެ %80 އެވެ.
- އިންވޭސީވް ލޮބިއުލަރ ކާސިނޯމާ
- ޕޭޖެޓްސް ޑިސްއީސް (ވަށްގަނޑުން ފަށާވައްތަރު)
- އިންފްލެމޭޓްރީ ބްރެސްޓް ކެންސަރ
- ފައިލޮއިޑްސް ޓިއުމަރ
- ކައިރިއަށް ފެތުރިފަވާ އުރަމަތީގެ ކެންސަރ
- ދުރަށް ފެތުރިފައިވާ އުރަމަތީގެ ކެންސަރ
ފަރުވާ ކުރުމަށް ބެހިފައިވާ ހާއްސަ ވައްތަރުތައް (މިވައްތަރުތައް ބެހިފައިވަނީ، އެކުލެވޭ ޖީން އެއް ނޫނީ ހޯމޯން ރިސެޕްޓަރ އަށް ބަލާފައެވެ.)
މިއީ ތިން ވައްތަރެކެވެ.
ހ. ހޯމޯން ރިސެޕްޓަރ އެކުލެވޭ ވައްތަރު (މިވައްތަރު ތަކުގައި "އިސްޓްރޯޖެން" ނޫނީ "ޕްރޮޖެސްޓަރޯން" ނުވަތަ ދެވައްތަރުގެ ރިސެޕްޓަރަ ކެންސަރ ސެލްތަކުގައި ހިމެނޭނެއެވެ. މިފަދަ ވައްތަރުތަކުގައި ފަރުވާކުރުމުގައި މިފަދަ ރިސެޕްޓަރގެ ބޭނުން ހިފައި ހޯމޯން ދަށްކޮށް ދިނުމަށް ބޭނުން ހިފެއެވެ.
ށ. "ހަރ-2 ޕްސިޓިވް" (މިއީ ސެލްތައް ބޮޑުވުމަށް މަގުފަހިކޮށްދޭ ޕްރޮޓީން އެކެވެ. މިވައްތަރުގެ ޕްރޮޓިން، ކެންސަރ ސެލްއެއްގައި އާންމުކޮށް ހުންނަ ވަރަށްވުރެ އިތުރުނަމަ ކެންސަރ ސެލްތައް އިތުރުވެ ބޮޑުވާލެއް އަވަސް ވާނެއެވެ. ނަމަވެސް މިޕްރޮޓީން އަށް އަމާޒުކުރެވިގެން ދޭ ފަރުވާ ކާމިޔާބުވުން ގާތްވާނެއެވެ.
ނ. "ޓްރިޕަލް ނެގެޓިވް" އުރަމަތީގެ ކެންސަރ (މިވައްތަރަކީ "އީސްޓްރޯޖެން" "ޕްރްޖެސްޓަރޯން"، އަދި އިތުރަށް "ހާރް-2" ޕްރޮޓީން އެކުނުލެވޭ ވައްތަރެވެ. މީގެ މާނައަކީ މިފަދަ ކެންސަރގެ ސެލްތައް އިތުރުވެ ބޮޑުވުމުގައި މިލިޔެވުނު ތިންވައްތަރުގެ އެއްވެސް ރޯލެއް ނުވާނެއެވެ. މިސަބަބަށްޓަކައި މިއީ ފަރުވާކުރުމަށް ދަތި ވައްތަރެކެވެ.
އުރަމަތީގެ ކެންސަރުގެ އަލާމާތް، ދެނެގަންނާނީ ކިހިނެއް!
އެންމެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ގަނޑެކެވެ. ތަދުނުވާ ހަރު، ގަނޑު ކޮޅެކެވެ. މިސަބަބަށްޓަކާ އަލަށް ގަނޑުކޮޅެއް ފެނިއްޖަނަމަ ޑޮކްޓަރަކަށް ދައްކައި ޗެކްކުރަންވާނެއެވެ.
އެހެނިހެން އަލާމާތްތައް:
އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުން (ގަނޑުކޮޅެއް ވަކިން ނެތްކަމުގައި ވިޔަސް)
ހަންގަނޑު ރޫޖެހި އެތެރެއަށް ވަދެފައި ހުރުން (އޮރެންޖް ތޮށިގަނޑެއް ހެން)
އުރަމަތި ނޫނީ ވައްގަނޑުގައި ރިއްސުން
ވައްގަނޑުއެތެރެއަށް ވަދެފައި އިނުން
ވައްގަނޑު ނޫނީ އުރަމަތީގެ ހަންގަނޑު ބޯވެ، ރަތްވެ، ހަން ނޮޅޭގޮތްވުން.
ވައްގަނޑުން އެއްޗެހި އައުން (ކިރު ނޫން)
ގޮށެއް ދުޅަވެފައި އިނުން (ބައެއްފަހަރު އުރަމަތިން ގަނޑެއް ފެނުމުގެ ކުރިން ކިހިލި ފަތްދޮށުން ނޫނީ ކަރުން ގޮށެއް ފެނިދާނެއެވެ)
މަތީގައި ބަޔާންކުރެވުނު އަލާމާތްތައް އުރަމަތީގެ އެހެނިހެން ބަލިތަކުގައިވެސް ފެނިދާނެއެވެ. މިސަބަބަށްޓަކައި މިފަދަ އަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމުވާނެއެވެ.
ބަލަންވީ އަލާމާތްތައް އެނގި، މިފަދަ އަލާމާތެއް ނުފެނުމަކީ، އެއްގޮތަކަށްވެސް އަހަރަކު އެއްފަހަރު ހަދަމުން އައި މެމޯގްރާމް (އާންމުކޮށް 40 އަހަރުން މަތީގެ މީހުން) އަދި އެހެނިހެން ސްކްރީން ކުރާ ޓެސްތަކަށް ފަރުވާ ކުޑަކުރަންވީކަމެއް ނޫނެވެ.
ބަލިޖެހުމަށް ދިމާވާ ސަބަބުތައް(ރިސްކް)/ ރައްކާތެރި ވާނެގޮތް
ސީދާ މިބަލިން ރައްކާތެރިވެވޭނެ ގޮތެއް ނުއޮވޭ، ނަމަވެސް ބަލިޖެހުން ދުރުކުރުމަށް ކުރެވިދާނެ ކަންކަން ހުރެއެވެ. މިސާލަކަށް ބަލި ޖެހެން މަގުފަހިވާ ކަންކަން، އަމިއްލަ އިހްތިޔާރުގައި ބަދަލުކުރުމުގެ ބާރުހުރިކަންކަން ދެނެގަނެ އެކަމަށް ހެޔޮފިޔަވަޅެއް އެޅިދާނެއެވެ.
އާދަކާދަޔާގުޅިފައިވާ، އަމިއްލަ އިހްތިޔާރުގައި ބަދަލު ކުރުމުގެ ބާރުހުރި ކަންކަން:
ބަނގުރާ ބުއިން
މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުން
ކަސްރަތު މަދުވުން
ދަރިން ނުހޯދުން
ގާތުން ކިރު ނުދިނުން
ދޭތެރެ ދުރުކުރާބޭސް
ވާރުތަކުރާ ޖީންސް
އަމިއްލައަށް ބަދަލު ކުރުމުގެ އިހްތިޔާރުނެތް ކަންކަން
އަންހެނަކަށްވުން
އުމުރުން ދުވަސްވުން
ކައިރިތާ ތިމާގެމީހުން
ކުރިން އުރަމަތީ ކެންސަރަށް ފަރުވާކޮށްފައިވުން
ނަސްލު
ސްކްރީން ކުރުން
ސްކްރިން ކުރުމުގެ އަމާޒަކީ ބައްޔެއްގެ އަލާމާތްތައް ފެނުމުގެކުރިން އެބައްޔެއް، ހާއްސަވަސީލަތެއް ބޭނުންކޮށްގެން، ބަލީގެ އެންމެ ކުރީކޮޅު ދެނެގަތުމެވެ.
ގައިޑްލައިން: (ހުލާސާ)
އެވަރެޖް ރިސްކް ގްރޫޕް (މިފަދަ އަންހެނުންނަކީ، ކުރިން އުރަމަތީގެ ކެންސަރ ޖެހިފައި ނުވާ، އާއިލާގައި މަންމަ، ބޮޑުދައިތަ، ދައްތަ ފަދަ މީހެއް އުރަމަތީގެ ކެންސަރ އަށް ފަރުވާކޮށްފައި ނުވާ. އަދި އެނގޭ އެއްވެސް ވާރުތަކުރާ ފަދަ "ޖީން" އެއް މިސާލަކަށް ބީ.އާރް.ސީއޭ ޖީން) ފަދަ ޖީންއެއް ނުވާ، އަދި އުމުރުން 30 އަހަރުގެ ކުރިން މޭގެ އެއްވެސް ހިސާބަކަށް ރޭޑިއޭޝަން ލިބިފައި ނުވާ މީހުންނެވެ.
40-44 ދެމެދުގެ އުމުރުފުރައިގެ އަންހެނުން: އަހަރަކު އެއްފަހަރު މެމޯގްރާމް އެއް ހެދުމުގެ އިހްތިޔާރުވެއެވެ.
45-54 ދެމެދުގެ އުމުރު ފުރައިގެ އަންހެނުން: މެމޯގްރާމް އަހަރަކު އެއްފަހަރު ހަދަން ބާރުއަޅައެވެ.
އުމުރުން 55 އަހަރާއި، އެއަށްވުރެ ދޮށީ އުމުރުގެ އަންހެނުން: މެމޯގްރާމްއެއް ބޭނުން ކޮށްގެން ސްކްރީން ކުރުން ދެއަހަރުން އެއްއަހަރު ނޫނީ އަހަރަކު އެއްފަހަރު ހެދުންވެސް އެންމެ ރަނގަޅެވެ.
އުމުރުން ދުވަސްވީކަމުގައި ވިޔަސް އާންމު ސިއްހަތު ރަނގަޅުނަމަ، މިފަދައިން (މެމޯގޮރާމްގެ އެހީގައި) ސްކްރީން ކުރަންވާނެއެވެ.
ނޯޓް: އަމިއްލައަށް އުރަމަތި ބެލުން (self-breast examination) ނޫނީ ސިއްހީ ހިދްމަތް ތެރިއެއް އުރަމަތި ބަލާފާސްކުރުން (clinical breast examination) އަކީ އެވަރެޖް ގްރޫޕް ގެ މީހުން ސްކްރީން ކުރުމުގަ މެމޯގްރާމްގެ ބަދަލުގައި ބޭނުން ކުރެވޭނެ ވަސީލަތެއް ނޫނެވެ.
ހައި ރިސްކް ގްރޫޕް (high risk group)
މިގްރޫޕްގައި ހިމެނޭ އަންހެނުން އަހަރަކު އެއްފަހަރު އެމް.އާރް.އައި. އަދި މެމޯގްރާމްގެ އެހީގައި އުރަމަތި ޗެކްކުރަން ވާނެއެވެ. ސްކްރީން ކުރަން ފައްޓަން ވާނީ އުމުރުން 30 އަހަރުން ފަށައިގެންނެވެ.
މިގްރޫޕްގައި ހިމެނެނީ ރިސްކް ބަލާ ވަސީލަތެއްގެ އެހީގައި، އުރަމަތީގެ ކެންސަރ ޖެހުމުގެ ރިސްކް %25 އަށް ވުރެ އިތުރުވާ މީހުންނެވެ.
މީގެއިތުރުން މަތީގައި ބަޔާންކުރެވުނު ކަންކަން ވާނަމައެވެ.
ފަރުވާ
އުރަމައްޗައް އެކަނި ދޭފަރުވާ (local treatments)
މިފަދަ ފަރުވާ ދެވޭނީ ޓިއުމަރ އަށް އެކަނި އެވެ. އަދި ހަށިގަނޑުގެ އެހެން ހިސާބުތަކަށް އަސަރެއް ނުކުރާނެއެވެ.
އުރަމަތީގެ ކެންސަރ އަށް ފަރުވާއެއްގެ ގޮތުގައި ކޮންމެވެސް ކަހަލަ އޮޕަރޭޝަނެއް ހިމެނޭނެއެވެ. ބައެއްފަހަރު އޮޕަރޭޝަން ގެ ކުރިން އެހެނިހެން ފަރުވާއެއް ބޭނުން ވެދާނެއެވެ (neo adjuvant therapy). މިފަރުވާގެ ތެރޭގައި ހިމެނެނީ:
އޮޕަރޭޝަން
ރޭޑިއޭޝަން
މުޅިހަށިގަނޑަށް އަސަރުކުރާ ފަރުވާ (systemic treatments)
ބޭހެއް ދީގެންދޭ ފަރުވާ، މިވައްތަރުގެ ފަރުވާގެ އަސަރު މުޅި ހަށިގަނޑައް ކުރާނެއެވެ. މިފަރުވާ ދެވޭނީ ބޭސް ގުޅައެއްގެ ގޮތުގަ ނޫނީ ސީދާ ލޭގެ ތެރެއަށެވެ. (މިސާލަކަށް: އައިވީއެއްގެ ގޮތުގައި، ނޫނީ ޕޯރޓް އެއް ލައްވައިގެންނެވެ). މިފަރުވާގެ ތެރޭގައި ހިމެނެނީ:
ކީމޯތެރެޕީ
ހޯރމޯން ތެރެޕީ
ޓާރގެޓަޑް ތެރަޕީ
އިމިއުނޯ ތެރަޕީ
ފަހުބަސް:
އުރަމަތީގެ ކެންސަރ އަކީ އެބަލީގެ ކުރީކޮޅުގައި ފެނިއްޖެނަމަ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދިބަލި ފެތުރުމަށްފަހުވެސް، ފަރުވާއަށް އައިސްފާވާބަދަލާ އެކު، ބަލި އިތުރުވިޔަނުދީ، އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭ ބައްޔެކެވެ.
References:
https://www.mayoclinic.org/diseases-conditions/breast-cancer/symptoms-causes/syc-20352470
https://www.bcna.org.au/understanding-breast-cancer/what-is-breast-cancer/types-of-breast-cancer/
https://www.ncbi.nlm.nih.gov/pmc/articles/PMC7140050/
https://www.cancer.org//
ނޯޓް: މިއީ ޑރ.މުހައްމަދު ޝިފާން ލިޔުއްވުމަށްފަހު 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.