February 24, 2025 07:17
Advertisement

-Advertisement-

ބިލު ނުދައްކާނަމަ ރައްޔިތުމީހާގެ ގޭގެ ކަރަންޓު ކަޑާގޮތަށް އެހެންތަންތަނުގެ ކަރަންޓުވެސް ކަޑަންވީއެވެ!

ކޮވިޑުގެ ދަތި ދުވަސްވަރަށްފަހު އާމްދަނީ ލިބުމުގައި ގިނަ ގޮންޖެހުންތަކެއް ބައެއް ދިވެހިންނަށް ދަނީ ކުރިމަތިވަމުންނެވެ. މިފަދަ ދަތިހާލަތުގައިވެސް އަސާސީ ބޭނުން ފުއްދުމަށް ކުރަންޖެހޭ ހަރަދުތައް ކޮންމެގޮތެއް ހަދައިފައިވެސް ކުރެއެވެ. ސަބަބަކީ ކަރަންޓު ބިލު ނުދައްކައިފިނަމަ ކަރަންޓު ކަޑާލަފާނެތީއެވެ.

ސަރުކާރު ހިއްސާވާ ބައެއް ތަންތަނުން ކަރަންޓު ބިލު ނުދައްކާ ބޮޑު އަދަދަކުން ދަރަނިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު އެ ހުރިހާ ތަންތަނަކުން ވެސް އެއް އުސޫލެއްގެ ދަށުން ކަރަންޓު ކަޑަންވީއެވެ. އެއިރުން ޔަގީނުންވެސް ބިލު ދައްކަން މަޖުބޫރުވާނެތާއެވެ.

ފޭސްބުކްގައި ހިންގަމުން އަންނަ ސްޓެލްކޯގެ ރަސްމީ ޕޭޖުގައި ދެދުވަސް ކުރިން ލިޔެފައިވެއެވެ. "ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދެވި، އެކަންވެސް ކޮށްފައިނުވާތީ، އެފްއޭއެމް ހައުސް އިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައެވެ. އަދި މިފައިސާ ނުދައްކައިފިނަމަ އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް މިކުންފުނިން ދަނީ ވިސްނަމުންނެވެ".

Advertisement

މި ލިޔުމަށް ރައްދުދީ އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ މުއްދަތުގެތެރޭގައި އެފްއޭއެމްގެ އިދާރާ ތަފާތު އެކި ފަރާތްތަކުން ތަފާތު ބޭނުންތަކަށް ބޭނުންކޮށްފައިވާކަމަށެވެ.

" ކޮވިޑުގެތެރޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި މިއިމާރާތް ބޭނުންކޮށްފައިވޭ. އޭގެފަހުން ސްކައުޓް އެސޯސިއޭޝަންގެ އިދާރާ ހިންގުމަށް މިއިމާރާތް އަންނަނީ ބޭނުންކުރަމުން. އެފްއޭއެމް ނޫން އެހެން ފަރާތްތަކުން މި އިމާރާތް ބޭނުންކުރުމުގައި ކަރަންޓާއި ފެން ފަދަ ވަސީލަތްތައް ބޭނުންކުރުމުގައި ހިނގާ އެއްވެސް ހަރަދަކީ އެކަމުގެ ޒިންމާ އެފްއޭއެމްއިން ނަގަންޖެހޭ ކަމެއްކަމުގައި ނުދެކެން. އެފްއޭއެމްއިން ޒިންމާވާން ނުޖެހޭ ފައިސާގެ އަދަދުތަކެއް އެކީ އެއްފަހަރާ ދެއްކުމަށް އެފްއޭއެމްއަށް ޑިމާންޑްކޮށް، ކަރަންޓު ކަޑާލުމުގައި އެފްއޭއެމް ހައުސްގައި ސަރުކާރުގެ ބޭނުމަށް ބޭނުންކުރަމުންދާ އެއްވެސް ފަންގިފިލާއަކުން ކަރަންޓު ބިލަށް ފައިސާ ދައްކާފައިނުވާހާލު ހަމައެކަނި އެފްއޭއެމްގެ އިދާރާއިން ބޭނުން ކުރަމުންދާ ފަންގިފިލާއިން ކަރަންޓު ކަޑާލުމަކީ މިކަމުގައި އިހުސާންތެރި ނިޔަތެއް އޮތްކަން ނުފެންނަ ކަމެއްކަމުގައި ފާހަގަކުރަން. މިކަމުގައި ސްޓެލްކޯގެ ފަރާތުން އަމަލުކޮށްފައިވާ ޒިންމާދާރުކަން ކުޑަ ގޮތާއިމެދު މިއިދާރާގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމުގައިވީނަމަވެސް މިމައްސަލަ ހައްލުކުރުމަށް ސްޓެލްކޯއާއެކު މަސައްކަތް ކުރުމަށް ތައްޔާރަށް އޮތްކަމަށް ދަންނަވަން". އެފްއޭއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެފްއޭއެމް ހައުސް

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފު ވިދާޅުވީ މި އަސާސީ ޚިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލަ ނުޖައްސާނެ ކަމަށެވެ.

" ވަކިބަޔަކަށް ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާތީ ޚިދުމަތް ވަކިފެންވަރަކަށް ދީފަ އަނެއްބަޔަކީ ސިޔާސީ ގޮތުން އެއްޚިޔާލެއްގެ ބަޔަކަށް ވާތީ ވަކިފެންވަރެއްގެ ޚިދުމަތް ދީފަ އެއުސޫލެއް އަޅުގަނޑުމެން ނުގެންގުޅޭނަން". ޝަރީފު ވިދާޅުވިއެވެ.

މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ފަހުމުނާމާގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވާހަކަދައްކަވަނީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އެވިދާޅުވިގޮތަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެންމެންނަށް ވެސް އޮންނަން ވާނީ ހަމަހަމަކަމެވެ. 

" އަޅުގަނޑުމެން ތަނަކުން ކަރަންޓު ކަޑާލަނީ އެކަމަށް އިޚްލާސްތެރި ނިޔަތެއް ނެތިގެނެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކަރަންޓުގެ ފީގެ ގޮތުގައި ނަގާ ފީ ކަރަންޓުގެ ޚިދުމަތަށް އިންވެސްޓް ކުރަން. ރައްޔިތުންނަށް ދޭ ޚިދުމަތް ދެނީ އޭގެ މައްޗަށް ބިނާކޮށް. އެއްވެސް ފަރާތަކުން ކަރަންޓު ފީ ނުދައްކާކަމުގައިވާނަމަ އަޅުގަނޑުމެންނަށް އެކަމަށް ބުރޫ އަރާނެ. އެކަން ހައްލުކޮށްދެއްވާނީ ތިބޭފުޅުން ކަރަންޓު ބިލު ދައްކަވައިގެން. ބިލު ނުދައްކަވާ ކަމުގައިވާނަމަ ކޮންތާކުންތޯ ލާރި ގެންނާނީ. ދައުލަތުން އެހުރިހާ ލާރިއެއް ނުދެވޭނެ. އެފްއޭމްއިން 6.5 މިލިއަން ދައްކަން އޮތީމާ ކަރަންޓު ކަޑާލީ. އިޚުލާސްތެރި ނިޔަތެއް ނެތިގެނޭ ނުބުނެވޭނެ. 6.5 މިލިއަން ރުފިޔާ އަރަންދެން ކޮން ނިޔަތެއް އޮވެގެންތޯ ތިބީ. އަވަހަށް ފައިސާ ދައްކަވާ". ޝަރީފު ވިދާޅުވިއެވެ.

ކަރަންޓު ބިލު ނުދެއްކުމުން އެ މަދުވަނީ ބޮޑު އަދަދަކުން އާމްދަނީއެވެ. ރައްޔިތުންނަށް ޚިދުމަތްދޭ މިފަދަ ކުންފުނިތަކަށް ލިބެންޖެހޭ ބޮޑެތި އަދަދުތަކުން ފައިސާ ނުލިބި ލަސްވުން މިއީ ރައްޔިތުންނަށް ވެސް ލިބޭނެ ގެއްލުމެކެވެ. ޚިދުމަތްތައް ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނީ އެލިބެންޖެހޭ އާމްދަނީވެސް ލިބިގެންތާއެވެ.

މިލިއަނުން ބިލަށް އަރަމުން އަންނައިރުވެސް ބިލު ނުދައްކާތިބި ހުރިހާ ތަނެއްގެ ނަން ސްޓެލްކޯއިން އާންމުކޮށް އެތަންތަނާމެދު އެއްއުސޫލަކުން ފިޔަވަޅު އަޅަން އެބަޖެހެއެވެ. އެހެންނޫނީ ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާ މިލިއަނުގެ ބަދަލުގައި ބިލިއަނުން ނުލިބި ލަސްވަމުން ދިއުމަކީ ވެދާނެކަމެކެވެ. 

+1
0
+1
0
+1
2
+1
1
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް