ތައާރަފް: ރާއްޖޭގެހާލަތު
އިންޓަރނޭޝަނަލް އެޖެންސީ ފޮރ ރިސަރޗް އޮން ކެންސަރ ގެ އޮންލައިން ކޮށް ކެންސަރގެ ތަފާސްހިސާބާއި އަންދާސީ ހިސާބުތައް ދައްކައިދޭ ޕޯރޓަލް (ގޮލޯބޯ ކޭން) ގެ ތަފާސްހިސާބު ތަކުން ދައްކާގޮތުގައި 2018 ވަނަ އަހަރު ދިވެހިރާއްޖޭގައި އަލަށް ޑައިގްނޯސްވި ކެންސަރުގެ(ފިރިހެނުންގެ) %14.3 މީހުންނަކީ ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރ އަށް ޑައިގްނޯސްވި މީހުންނެވެ. އަދި މިމޭރުމުން އަންހެނުންގެ %5.2 މީހުން ހިމެނެއެވެ.
މިވައްތަރުގެ ކެންސަރު އުފެދޭނީ ބޮޑުގޮހޮރާއި ފުރަގަސްފަރާތުންނެވެ. މިވައްތަރުގެ ކެންސަރއަށް ނަން ކިޔެނީ ބަލިފަށާ ގޮހޮރުގެ ހިސާބަކަށް ނިސްބަތްކޮށެވެ. ބޮޑުގޮހޮރުގެ ކެންސަރއާ ފުރަގަސް ފަރާތުގެ ކެންސަރު ގައި އެއްގޮތް އެތައް ގޮތްތަކެއް ހުރެއެވެ. މިސަބަބަށްޓަކާ ފަރުވާކުރުމުގައި ވެސް އެއްކަހަލަ ހަމަތަކެއް ބޭނުން ކުރެއެވެ.
ކެންސަރަކީ ހަށިގަނޑުގައި އުފެދޭ ނޫނީ އިތުރުވާ ސެލްތައް އޭގެ ހަމައިން ނެއްޓި، ކޮންޓްރޯލު ވުމެއް ނެތި އިތުރުވުމަށް ކިޔޭނަމެކެވެ.
ބޮޑުގޮހޮރާއި ފުރަގަސް ފަރާތު ކެންސަރު އުފެދެނީ ކިހިނެއް:
ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ "ޕޮލިޕް"
ޕޮލިޕް އަކީ ގޮހޮރުގެ ނޫނީ ފުރަގަސްފަރާތު އެތެރޭގެ ފަށަލައިން އުފެދޭ މަސްކޮޅެކެވެ. ގިނަފަހަރު ގޮހޮރުގެ އަދި ފުރަގަސްފަރާތުގެ ކެންސަރ އުފެދެނީ މިފަދަ މަސްކޮޅަކުންނެވެ.
އެއްބައި ވައްތަރުގެ ޕޮލިޕް އަށް މިފަދަ ބަދަލު އަންނަން، އާންމުކޮށް ވަރަށް ގިނަ އަހަރު ނަގައެވެ. ކުރިންވެސް ބަޔާންކުރެވުނެ ފަދައިން ހުރިހާ ވައްތަރުގެ މިފަދަ ޕޮލިޕް އަކީ ކެންސަރ އަށް ބަދަލުވާ އެއްޗެއް ނޫނެވެ.
މުހިއްމު ދެވައްތަރެއްގެ ޕޮލިޕް:
- އެޑިނޯމެޓަސް ޕޮލިޕް (އެޑިނޯމާ):
މިވައްތަރުގެ ޕޮލިޕް އެއްބައިފަހަރު ކެންސަރަށް ބަދަލުވެއެވެ. މި ސަބަބަށްޓަކައި މިއީ ކެންސަރަށް ބަދަލުވުމުގެ އެއްމަރްހަލާ ކުރި (ޕްރީ ކެންސަރަސް) ކަމަށް ބުނެވެއެވެ.
- ހައިޕަރޕްލާސްޓިކް ޕޮލިޕް އަދި އިންފްލެމެޓޮރީ ޕޮލިޕް
މިއީ އެންމެ އާންމުވައްތަރުގެ ޕޮލިޕް އެވެ. އަދި އާނމު ކޮށް ކެންސަރަށް ބަދަލު ވާ ވައްތަރެއް ނޫނެވެ.
މިފަދަ މަސްކޮޅެއް (ޕޮލިޕް އެއް) ގައި ކެންސަރ ގެ ސެލްތައް އަށަގަނެފައި ހުރެދާނެ ނޫނީ ބަދަލުވުމުގެ ފުރުސަތު ބޮޑުވެދާނެ ބައެއް މުހިއްމު ސަބަބުތައް:
- މިފަދަ ޕޮލިޕެއްގެ ސައިޒު އެއް ސެންޓިމީޓަރ އަށް ވުރެ ބޮޑުވުން.
- ދެ ޕޮލިޕަށް ވުރެ އިތުރަށް ފެނުން
މިފަދަ ޕޮލިޕެއް ނަގާފަހުން (ބަޔޮޕޮސީ ނޫނީ ޕޮލިޕެކްޓަމީ)، ސެލްތަކަށް އާންމުކޮށް ހުންނަން ވީގޮތާހިލާފަށް، ނުރަނގަޅު ބަދަލެއް އައިސް ފައި ހުރިނަމަ "ޑިސްޕްލޭސިޔާ" އޭކިޔެއެވެ. "ޑިސްޕްލޭސިޔާ" އަކީވެސް ކެންސަރަށް ބަދަލުވުމުގެ އެއްމަރްހަލާ ކުރި (ޕްރީ ކެންސަރަސް) ކަމަށް ބުނެވެއެވެ. މިފަދައިން ބަދަލު އައި ކަމުގާވިޔަސް ސީދާ ކެންސަރުގެ ސެލްތައް އެކުލެވިގެންނެއް ނުވެއެވެ
ބޮޑުގޮހޮރާއި ފުރަގަސް ފަރާތު ކެންސަރު ފެތުރެނީ ކިހިނެއް؟
ކެންސަރު އުފެދުނީ "ޕޮލޮޕަކުން" ކަމުގައިވާނަމަ، ޓިއުމަރު ބޮޑުވެ ގޮހޮރުގެ ތަފާތު ފަށަލަތައް ހުރަސްކޮށް ގޮހޮރުގެ ބޭރަށް ފެތުރެއެވެ. މިފަދަ ބަދަލެއް އައުމަށް ގިނަ މުއްދަތު ނަގައެވެ. ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގައި އެތައް ފަށަލައެއް ހިމެނެއެވެ. ކެންސަރު އުފެދެން ފަށަނީ މީގެ އެންމެ އެތެރެ ފަށަލައިންނެވެ.
މިދެންނެވި ފަށަލަ ތަކުން ކެންސަރެއް އުފެދެމުން ދާއިރު، ލޭދައުރު ކުރާ ހޮޅިތަކަށް (އަދި ލިންފް ހޮޅިއަށް) ފެތުރެއެވެ. މިހިސާބުން ފެށިގެން ލޭދައުރު ކުރާ ނިޒާމުގެ ގޮށްތަކަށް (ލިންފް ނޯޑަށް) ފެތުރި، ދުރުގައިވާ ގުނަވަންތަކަށް ފެތުރެއެވެ.
މިބަލީގެ ސްޓޭޖް (ބަލި ފެތުރިފަ ހުރި މިންވަރު) ކުރުމުގެ އެންމެ މުހިއްމު އެއް މިންގަނޑަކީ، ކެންސަރު އުފެދި ފެތުރިފަ ވަނީ ގޮހޮރުގެ ކިތައް ފަށަލައަކަށްތޯ، ކިހާފުންމިނަކަށްތޯ ބެލުމެވެ.
ގޮހޮރާ ފުރަގަސްފަރާތުގެ ތަފާތު ވައްތަރުތަކުގެ ކެންސަރ ތައް:
- "އެޑިނޯކާސިނޯމާ"
ގާތްގަނޑަކަށް %96 އަކީ "އެޑިނޯކާސިނޯމާ" ކިޔާވައްތަރުގެ ކެންސަރެވެ. މިވައްތަރުގެ ކެންސަރު އުފެދެން ފަށަނީ ގޮހޮރާއި ފުރަގަސްފަރާތުގެ އެތެރެ ފަށަލައިގައި އެކުލެވޭ "މިއުކަސް" ނޫނީ ތެތްކޮށް އެކުލަވާލުމަށް ޚާއްސަވެފައިވާ "މިއުކަސް" ގްލޭންޑް ތަކުންނެވެ. އާންމުކޮށް ޑޮކްޓަރުން ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރުގެ ވާހަކަ ދައްކާއިރު އެ މުޚާތަބްކުރައްވަނީ މިވައްތަރެވެ. އެޑިނޯކާސިނޯމާ ގެވެސް އިތުރު ވައްތަރުތައް ހުރެއެވެ. މިސާލަކަށް "ސިގްނެޓް ރިންގް" ނޫނީ "މިއުސިނަސް" ފަދަ ވައްތަރުތަކެވެ. މިފަދަ ވައްތަރު ހިމެނުމަކީ ބަލިން އަރައިގަތުމުގެ ކުރިމަގު އެހާރަނގަޅު ނޫން ވައްތަރުތަކެކެވެ.
މަދުން ނަމަވެސް ހިމެނޭ މުހިއްމު އިތުރު ވައްތަރުތައް:
"ކާރސިނޮއިޑް ޓިއުމަރ"
މިވައްތަރުގެ ކެންސަރ އުފެދެނީ ހޯމޯން އުފައްދައިދޭ ޚާއްސަ ގްލޭންޑް ތަކަކުންނެވެ.
"ގެސްޓޮރޯއިންޓަސްޓީނަލް ސްޓްރޯމަލް ޓިއުމަރސް (ޖިސްޓް)"
މިވައްތަރު އުފެދެނީ ގޮހޮރުގެ ފަށަލަތަކުގެ ތެރޭގައި ވާ "އިންޓަސްޓީޝިއަލް ސެލްސް އޮފް ކަޖަލް" ކިޔޭ ޚާއްސަ ސެލްތަކަކުންނެވެ. މިވައްތަރުގެ އެއްބައި ވައްތަރަކީ ކެންސަރެއް ނޫނެވެ (ބިނައިން). މިވައްތަރު ގޮހޮރުގެ ކޮންމެ ހިސާބަކުން ވެސް ފެނިދާނެއެވެ. ނަމަވެސް އެންމެ އާންމުކޮށް ފެންނާނީ ބޮޑުގޮހޮރުގެ ހިސާބުތަކުންނެވެ.
- "ލިންފޯމާ"
މިއީ ހަށިގަނޑުގެ ދިފައީ ނިޒާމްގެ ސެލްތަކުން އުފެދޭވައްތަރެކެވެ. އާންމުކޮށް ފަށަނީ ލިންފް ނޯޑްއިންނެވެ. ނަމަވެސް މިވައްތަރުގެ ކެންސަރު ބޮޑުގޮހޮރާއި، ފުރަގަސް ފަރާތް އަދި އެހެނިހެން ގުނަވަންތަކުން ފެނެއެވެ.
- "ސާރކޯމާ"
މިވައްތަރުގެ ކެންސަރ ފަށަނީ ބޮޑުގޮހޮރާއި ފުރަގަސް ފަރާތުގެ އެކި ފަށަލައިގައި ހިމެނޭ ލޭހޮޅި އާއި މަސްފަށަލަ ފަދަ ތަންތަނުންނެވެ. މިއީ ވަރަށް މަދުވައްތަރެއްގެ ކެންސަރެކެވެ.
ސަމާލުވެލައްވަން ވީ މުހިއްމު ފަސް އަލާމާތެއް
- ބަރުދަން ލުއިވުން
- ބަނޑުގައި ރިއްސުން ނޫނީ ބަނޑުފުއްޕުން
- ހަށިގަނޑުގައި ލޭމަދުވުން
- ބޮޑުކަމުދިއުމަށް އަދި ބޮޑުކަމުދާއެއްޗިއްސަށް ބަދަލު އައުން
- ވަރުބަލިވުން
ފަރުވާކުރުން:
ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރ ޑައިގްނޯސް ކުރެވުމަށްފަހު ފަރުވާދޭ ޓީމް އިން ފަރުވާގެ ތަފާތު ވައްތަރުތަކާއި ބޭނުން ކުރެވޭނެ ވަސީލަތްތައް ކިޔައިދޭނެއެވެ. މިފަދަ މައުލޫމާތެއް ލިބުމަށްފަހު ހިތުގައި އުފެދޭ ސުވާލުތަކަށް، ފަރުވާކުރާ ޓީމް އާ މަޝްވަރާކޮށް ޖަވާބު ހޯދަންވާނެއެވެ.މިގޮތުން ކޮންމެ ފަރުވާއެއްގެވެސް ހުރި ފައިދާ އަދި ވަކިފަރުވާއެއް ހިޔާރު ނުކޮށްފިނަމަ ވެދާނެ ގޮތްތައް އޮޅުންފިލުވަން ވާނެއެވެ.
ފަރުވާ މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެބަޔަކަށެވެ.
"ލޯކަލް ޓްރީޓްމަންޓް" ބަލި ހުރި ހިސާބަށް ދޭފަރުވާ.
"ސިސްޓީމިކް ޓްރީޓްމަންޓް" މުޅި ހަށިގަނޑަށް ދެވޭފަރުވާ.
"ލޯކަލް ޓްރީޓްމަންޓް" ބަލި ހުރި ހިސާބައް ދޭފަރުވާ.
މިފަދަ ފަރުވާ އަމާޒުކުރެވިފައި ވަނީ ހަމައެކަނި ޓިއުމަރ އިން ހިސާބަށެވެ. މިފަދަ ފަރުވާއެއްގައި ހަށިގަނޑުގެ އެހެން ހިސާބުތަކަށް އަސަރެއް ނުކުރާނެއެވެ. އާންމު ގޮތެއްގައި މިފަދަ ފަރުވާ އަމާޒުވެފައި ވަނީ ނުފެތުރި ހުރި ބަލީގެ ކުރީ ސްޓޭޖްތަކުގައެވެ. ނަމަވެސް މިފަދަ ފަރުވާ ބަލީގެ އެކި ހިސާބުތަކުގައި އެހެން ވަސީލަތްތަކާ ގުޅުވައިގެން ދެއެވެ.
ހިމެނޭ ތަފާތުވައްތަރުތައް:
- ގޮހޮރުގެ ކެންސަރުގެ އޮޕަރޭޝަން
- ފުރަގަސް ފަރާތުގެ ކެންސަރުގެ އޮޕަރޭޝަން
- ރޭޑިއޯފްރީކުއެންސީ ފަދަ ވަސީލަތަކުން އަންދާލުން ނޫނީ އެބްލޭޝަންފަދަ ވަސީލަތަކުން ނައްތާލުން
- ރޭޑިއޭޝަން ފަރުވާ
"ސިސްޓީމިކް ޓްރީޓްމަންޓް" މުޅި ހަށިގަނޑަށް ދެވޭފަރުވާ
މިފަދަ ފަރުވާ ދެވޭނީ ތަފާތު ބޭހުގެ ގޮތުގައެވެ. އަނގައިންދޭ ބޭސް ގުޅައެއްގެ ގޮތުގަ ނޫނީ ސީދާ ލޭ ހޮޅިއަކަށް މަގުތަނަވަސްކޮށް އާލާތެއް ލައްވައިގެންނެވެ. މިފަދަ ފަރުވާއަކުން ހަށިގަނޑުގެ އެކިހިސާބުގައިވާ ކެންސަރ ސެލްތަކަށް ފޯރާނެއެވެ. މިފަދަ ފަރުވާގެ މައިގަނޑު ބައިތައް ބެހެނީ ތިންބަޔަކަށެވެ.
ކީމޯތެރަޕީ
ޓާރގެޓް ތެރަޕީ
އިމިއުނޯ ތެރަޕީ
އާންމު ކޮށް ފަރުވާދޭން ބޭނުންކުރާ މިންގަނޑު
ބަލީގެ ސްޓޭޖްއަށް ބެލުމަށްފަހު ކަނޑައެޅޭ ފަރުވާ ނިންމާނީ "ސްޓޭންޑަޑް" ފަރުވާއެކެވެ. މިއީ ކޮންމެ ސްޓޭޖް އަކަށް ކަނޑައެޅޭ އެންމެ ރަނގަޅު ފަރުވާއެކެވެ. ބައެއް ފަހަރު އެހެން ބަލި ތަކާއި ބަލިމީހާގެ ހާލު ތަންދޭ ގޮތުން މިދެންނެވުނު ސްޓޭންޑަޑް ފަރުވާއިން އެއްކައިރިވެ، ފަރުވާކުރާ ޓީމްގެ މަޝްވަރާ އަށްފަހު އެންމް ރަނގަޅު ފަރުވާއެއް ނިންމައެވެ.
ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.