ދަރިން ދުނިޔެއަށް އުފަންވާ ވަގުތަށް ކޮންމެ ދެމަފިރިއަކުވެސް އިންތިޒާރު ކުރާނެއެވެ. ކާރލޯސް މޮރެލްސް އާއި އެރިކާގެ ދެމަފިރިން ވެސް އިންތިޒާރު ކުރަމުން އައީ އެ ދެމަފިރިންގެ އެއްމާބަނޑު 4 ކުދިން އުފަންވާނެ ވަގުތަކަށެވެ. އެހެންނަމަވެސް ދަރިން ލިބުމުގެ އުފަލާއެކު އެކުދިންގެ މަންމަ މަރުވުން މިއީ ކާރލޯސް އަށް ހަނދާން ނައްތާލަން އުނދަގޫ ހިތްދަތިކަމެއް ލިބުނު ކަމެކެވެ.

'އިންފޯރ ޑޮޓް ކިވިޑް' ވެބްސައިޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ކާރލޯސް ވަނީ 2015 ވަނަ އަހަރު ހިނގި މިހިތާމަވެރި މަރުގެ ތަފްސީލް ކިޔައިދީފައެވެ.
" އެރިކާ މަރުވީ 4 ކުދިން ވިހެއިތާ 6 ގަޑި އިރު ފަހުން. ލޭ މަނާނުވެ ގިނަ އަދަދެއްގެ ލޭ ބޭރުވުމުން ސަލާމަތްކުރެވޭ ގޮތެއް ނުވި. އަހަރެންގެ ހަތަރު ދަރިން އުފަންވިތާ މަދު ގަޑިއިރެއްގެ ތެރޭގައި އަހަރެންގެ ލޯބިވާ އަނބިމީހާ މަރުވީ. ފުރަތަމަ އަންހެނުންގެ ހާލު ރަނގަޅު. އެހެންނަމަވެސް ކުއްލިއަކަށް ހާލުދެރަވެ މަރުވީ".
4 ކުދިން އުފަންވި ދުވަހަކީ އެންމެ ބޮޑު އުފާވެރިކަން ލިބުނު ދުވަސްކަމަށާއި އެހެންނަމަވެސް އެއުފާވެރިކަމަށް ބަދަލު އައީ ޖެހިގެން އައި ދުވަހު ހެނދުނު އެކުދިންގެ މަންމަ މަރުވުމުން ކަމަށް ވަނީ ބުނެފައެވެ.
" 4 ކުދިން ވިހެއީ ދުވަސްނުފުރާ. ހޮސްޕިޓަލުގައި 2 މަސް ދުވަހަށް ފަރުވާ ދިނުމަށްފަހު ކުދިން ގެއަށް ދޫކޮށްލީ އެއަހަރު މާރިޗް މަހުގަ. މި ކުދިން ބެލުމަކީ ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން"

ވޭތުވެދިޔަ 8 އަހަރު ދުވަހު އުފުލި ތަކުލީފަކީ ކާރލޯސް ހަނދާން ނެތޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް އެއްފަހަރާ 4 ކުދިން ލިބި ހެޔޮހާލުގައި އެކުދިން ބޮޑުކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
" އަހަރެން ހިތަށްއަރާ އެކުދިންގެ މަންމަ ދުނިޔޭގަ ހުރިނަމައޭ. އެއިރުން އެކުދިން ފުރަތަމަ ފަހަރަށް ހިނގާ މަންޒަރު ފަދަ އުފާވެރި މަންޒަރުތައް ފެންނާނެ". އަސަރާއެކު ކާރލޯސް ކިޔައިދިނެވެ.
ކުދިން ބެލުމުގައި ކާރލޯސް އަށް ވަނީ އާއިލާއާއި ރައްޓެހިންގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަން ލިބިފައެވެ. މިގޮތުން ކޮންމެ ކުއްޖަކަށް 10،000 ޑޮލަރު ވެސް ލިބިފައިވާއިރު، އެ ފައިސާ ވަނީ އެކުދިންނަށްޓަކައި ފަހަށް ރައްކާކޮށްފައެވެ.
ކާރލޯސް އަށް ދިރިއުޅުމުގައި ކުރިއަށްދާން ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެ 4 ކުދިންގެ މޫނުން ފެންނަ އުފާވެރިކަން ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިއީ ކޮން ގައުމެއްގެ އާއިލާއެއްކަން ހާމަކޮށްފައި ނުވިއަސް މިވާހަކަ ވަނީ ތަފާތު ނޫސްތަކުގައި ވޭތުވެދިޔަ ދެހަފްތާތެރޭގައި ޝާއިޢުކޮށްފައެވެ.
މައުލޫމާތު: އިންފޯރ ޑޮޓް ކިވިޑް އަދި ޔޫއެސްއޭ ޓުޑޭ ވެބްސައިޓް
ކިޔުންތެރިންގެ ހިޔާލު
Varah dera adiehaame ufaaveri khabareh mikudinnah maaiy AllAAH ufaaveri faagathi musthagubaleh devvaashi aamean
ކޮމެންޓްސް ބަންދުކުރެވިފައި