މިއަހަރުގެ މިދުވަސްވަރަކީ ވަރަށް ހޫނު ދުވަސްވަރެކެވެ. ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވާކަން ފާހަގަކުރެވެއެވެ. އެންމެ ބޮޑު ސަބަބަކީ ފިނި މޫސުމާއި ބަލާއިރު ހޫނު މޫސުމުގައި ގިނައިން ކަރަންޓް ބޭނުންކުރެވުމެވެ.
ކަރަންޓް ބިލް ކުޑަކުރުމަށް އަމިއްލައަށް މަސައްކަތް ކުރެވިދާނެއެވެ. މިގޮތުން ކުރެވިދާނެ ކަންތައް މި ރިޕޯޓުގައި ހިމަނާލާނަމެވެ.
- ގޭގައި ބޭނުންކުރަނީ ރަނގަޅު ލައިޓެއްތަ؟
ގޭގައި ހަރުކޮށްފައި ހުންނަ ލައިޓުތަކަކީ އެންމެ ގިނައިން ބޭނުންކުރާ އެކައްޗެވެ. އެނަރޖީ ސޭވިންގ ލައިޓް ހަރުކުރުމަށް އިސްކަން ދޭށެވެ. އެއިރުން އާދައިގެ ލައިޓް އަށްވުރެ ޚަރަދު ކުޑަވާނެއެވެ.
- ބޮކި ދިއްލަނީ ކޮންމެހެން ދިއްލަން ޖެހިގެންތަ؟
ބައެއް ގޭގެއަށް ދުވާލު ގަޑީގައި ބޮކީގެ އަލި ބޭނުން ނުވެއެވެ. ދޮރު ފޮތިތައް ކަހާލުމުން ބޭނުންވާވަރަށް އަލި ލިބެއެވެ. އެހެންނަމަވެސް ފަސޭހައަކަށް ބޮކި ދިއްލާލެވޭ ފަހަރު އާދެއެވެ. ލައިޓްގެ ބޭނުން ނިމުމުން އަވަހަށް ނިއްވާލުމަށް ހަނދާން ކުރާށެވެ.
- ކޮމްޕިއުޓަރ ޑީކޯޑަރ ފަދަ ތަކެތި ނިއްވާލަންތަ؟
ގޭގައި ބޭނުންކުރާ މިފަދަ ތަކެއްޗަކީ އަބަދުވެސް 'އޮން' ކޮށްފަ ހުންނަ ތަކެތީގެ ގޮތުގައި ފާހަގަކުރެވެއެވެ. ބޭނުންކޮށް ނިމުމުން ކޮމްޕިއުޓަރ ފަދަ ތަކެތި ނިއްވާލެވިދާނެއެވެ. އެއިރުން އެއަށް ދާ ކަރަންޓުގެ ޚަރަދު ވެސް ކުޑަވާނެއެވެ.
- އެއްޗެހި ދޮވުމުގައި ސަމާލުވުން
ބައެއް ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ދޮންނަ މެޝިނުގެ ސަބަބުން ގޭގެ ކަރަންޓް ބިލުގެ 14 އިންސައްތަ ބޮޑުވެއެވެ. އިރުއިރުކޮޅާ މަދު އަދަދެއްގެ ހެނދުން ދޮވުމުގެ ބަދަލުގައި ވަކި ގޮތަކަށް ބަހާލައިގެން ޚަރަދު ކުޑަވާނެ ގޮތަކަށް ދޮވެވިދާނެއެވެ. އަދި ކޮންމެ ފަހަރަކު ހޫނުފެނުން ދޮވުމުގެ ބަދަލުގައި އާދައިގެ ފެނުން ދޮވެވިދާނެއެވެ.
- ކަރަންޓް ޚަރަދު ކުޑަ އޭސީ ބޭނުންކުރުން
ހޫނު މޫސުމުގައި ގިނައިން ބޭނުންކުރާ އެއްޗަކީ އޭސީއެވެ. އިންވާޓާ ބްރޭންޑްގެ އޭސީ ބޭނުންކުރެވިދާނެއެވެ. އެއިރުން އާދައިގެ އޭސީ އަށްވުރެ ޚަރަދު ކުޑަވާނެއެވެ.
- ބޭނުންނުކުރާ ސްވިޗްތައް ނިއްވާފަ ބެހެއްޓުން
ގޭގައި ވަރަށް ގިނަ ސްވިޗްތައް ހުންނައިރު ލެޕްޓޮޕް ފޯން ފަދަ ތަފާތު ތަކެތި ޗާޖުކޮށް ނިމުމުން ސްވިޗް ނިއްވާފަ ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. ބޭކާރު ގޮތުގައި ގޭގެ އެއްވެސް ސްވިޗެއް އޮންކޮށްފަ ނުބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ.
- ނިމިދިޔަ މަހުގެ ކަރަންޓް ބިލަށް ބެލުމަށްފަހު ޚަރަދު ކުޑަކުރަން މަސައްކަތް ކުރުން
ކަރަންޓް ބިލް ބޮޑުކަން އެނގޭ ހިސާބުން ޚަރަދު ކުޑަކުރުމަށް މަސައްކަތް ކުރާށެވެ. އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން އެންމެ ގިނައިން ކަރަންޓްގެ ޚަރަދު ބޮޑުވަނީ ކޮން އެއްޗަކަށްތޯ ބަލާ އެއެއްޗެއް މަދުން ބޭނުންކުރުމަށް މަސައްކަތް ކުރާށެވެ.
ކަރަންޓް ބިލް ކުޑަކޮށްގެންވެސް ފައިސާ ރައްކާކުރަން މަސައްކަތް ކުރެވިދާނެއެވެ. ހިތްވަރާއެކު މަސައްކަތް ކޮށްގެން ބިލް ކުޑަ ނުކުރެވިއްޖެނަމަ ޚިދުމަތް ހޯދާ ފަރާތަށް ގުޅައިގެން މިވާގޮތެއް ބަލާލެވިދާނެއެވެ. އެއީ ބައެއް ފަހަރަށް ގޭގައި ހަރުކޮށްފަ ހުންނަ މޯޓަރު ފަދަ އެއްޗަކުން ލީކުވެ އަބަދު މޯޓަރު ޖެހޭނަމަ ބިލު ބޮޑުވުމަކީ ވެދާނެކަމެކެވެ. މިފަދަ މައްސަލައެއްވެސް އުޅޭކަން އެނގޭނީ ދާއިރާގެ ތަޖުރިބާހުރި މީހެއްގެ އެހީތެރިކަން ހޯދައިގެންނެވެ.