November 24, 2024 12:20
Advertisement

-Advertisement-

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރަނީ/ ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯ އިން ކަރަންޓް ކަނޑަނީ ކީއްވެ؟

ސްޓެލްކޯ އިން ދެމުންދާ ކަރަންޓްގެ ޚިދުމަށް ކެނޑުމާއެކު، ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް އަޑުއުފުލާ މީހުން ގިނައެވެ. މާލެ ސަރަހައްދުގެ އާބާދީ ބޮޑުވެ ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު ކަރަންޓް ކެނޑޭ ސަބަބަށް ބަލާލަމާ ހިނގާށެވެ. 

ކަރަންޓް ކަނޑަން ޖެހެނީ ކީއްވެ؟

ސްޓެލްކޯ އިން މައުލޫމާތު ދިންގޮތުގައި ކަރަންޓަކީ ވަގުތުން މަސައްކަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކަށާއި، ކަރަންޓް ނެޓްވޯކުގައި ބޭނުންކުރާ އާލާތްތަކަށް ނުރައްކާތެރި އެއްޗެކެވެ. އަޕްގްރޭޑިންގ އަދި އެއްޗެހި ހަލާކުވެގެން މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައި އެ މަސައްކަތް ކުރެވޭނީ ކަރަންޓް ކަނޑައިގެންނެވެ.

Advertisement

ކަރަންޓް ކަނޑަނީ ކޮންކަހަލަ މަސައްކަތެއް ކުރުމަށް؟

އާންމުކޮށް ކަރަންޓް ކަނޑައިގެން ކުރާ މަސައްކަތަކީ ލޯ ވޯލްޓޭޖް (400 ވޯލްޓު) ޑިސްޓްރިބިއުޝަން ނެޓްވޯކުގެ އަޕްގްރޭޑިންގ އަދި މެއިންޓަނަންސް މަސައްކަތެވެ.

" ކޭބަލް ފަލަކުރުމާއި އޯވަރލޯޑުވާ ފީޑަރުތަކުން އެއް ފީޑަރުން އަނެއް ފީޑަރަށް ލޯޑު ޓްރާންސްފަރ ކުރުމުގެ މަސައްކަތް. މީގެ އިތުރުން މީޑިއަމް ވޯލްޓޭޖް ނެޓްވޯކުގައި ހިމެނޭ ޓްރާންސްފޯމަރު، ސްވިޗްގިއަރ އަދި ޓްރާންސްފޯމަރ ތަކުގެ މެއިންޓަނަންސް މަސައްކަތާއި، މީޑިއަމް ވޯލްޓޭޖް ކޭބަލް އަޕްގްރޭޑިންގ އަދި އޯވަރ ލޯޑުވާ ފީޑަރުތަކުން އެއް ފީޑަރުން އަނެއް ފީޑަރަށް ސަބްސްޓޭޝަންތައް ބަދަލު ކުރުން ހިމެނޭ"

ކަރަންޓް ކަނޑައިގެން މަސައްކަތް ނުކޮށްފިނަމަ ދިމާވާ މައްސަލަތައް؟

އަޕްގްރޭޑިންގ މަސައްކަތްތަކަކީ 'ޕްރިވެންޓިވް' މެއިންޓަނަންސްގެ ދަށުން ކުރެވޭ މަސައްކަތެކެވެ. މިގޮތަށް ދުރާލާ ރާވައިގެން މެއިންޓަނަންސް މަސައްކަތް ނުކުރާނަމަ 'ބްރޭކްޑައުން' މެއިންޓަނަންސް ކުރަންޖެހޭ އަދަދު ގިނަވާނެ ކަމަށާއި، މިހާލަތަށް ގޮއްސިނަމަ ކުރިން އެންގުމަކާނުލާ ކަރަންޓު ކަނޑަން ޖެހޭނެ ކަމަށް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފައެވެ. އަދި ހައްލުކުރުމަށް ހޭދަވާ ވަގުތު އިންތިހާއަށް އިތުރުވެ މެއިންޓަނަންސަށް ކުރަންޖެހޭ ޚަރަދު ބޮޑުވާނެ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކުރަނީ/ ފޮޓޯ: ސްޓެލްކޯ

ހުކުރު ހޮނިހިރު ދެދުވަހު ކަރަންޓް ކަނޑައިގެން މަސައްކަތް ކުރަނީ ކީއްވެ؟

ރާވައިގެން ކުރިއަށްގެންދާ ގިނަ މަސައްކަތްތައް ހަފްތާ ބަންދާ ދިމާކުރަނީ ސްކޫލް އަދި އޮފީސްތަކުގެ މަސައްކަތަށް އުނދަގޫ ނުވާނެ ގޮތަކަށް މަސައްކަތް ރޭވުމަށެވެ. ރަސްމީ ދުވަހަކު މަސައްކަތް ކުރާނަމަވެސް ސްކޫލު ގަޑި އަދި އޮފީސް ގަޑިއާއި ދިމާ ނުވާނެހެން މަސައްކަތް ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދަނީ ދެމުންނެވެ.

ކަރަންޓު ކަނޑާ ސަރަހައްދުގައި ލައިފް ސަޕޯޓް އިކުއިޕްމެންޓް ފަދަ ސިއްހީ ހާއްސަ އާލާތެއް ބޭނުންކުރާ ފަރާތެއް އުޅޭނަމަ އެކަން ސްޓެލްކޯއަށް އެންގުމުން އެފަރާތަކަށް ލުއި ގޮތެއް ހޯދައިދެވޭތޯ މަސައްކަތްކުރާ ކަމަށް ސްޓެލްކޯ އިން ވަނީ ފާހަގަކޮށްފައެވެ.

" މީގެ އިތުރުން ކަރަންޓު ކެނޑޭ ސަރަހައްދު ކުޑަ ކުރުމަށްޓަކައި މީޑިއަމް ވޯލްޓޭޖް ރިންގ ސްވިޗިން ހަދައިގެން ވަގުތީގޮތުން އެހެން ފީޑަރަކަށް ސަބްސްޓޭޝަންތައް ބަދަލުކޮށްގެން މަސައްކަތް ކުރަން. މިކަން ކުރެވޭނީ ލޯޑު ދަށް ވަގުތުތަކުގައި ކަމުން އެފަދަ މަސައްކަތްތައް ވެސް ހަފްތާ ބަންދަށް ނުވަތަ ރަސްމީ ބަންދު ދުވަސްތަކުގައި ކުރަނީ. ހަފްތާ ބަންދު އަދި ރަސްމީ ބަންދު ދުވަސްތަކުގައި އެވްރެޖް ލޯޑު ރަސްމީ ދުވަހަކަށްވުރެ 20 އިންސައްތަ ދަށް".

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތް

ތަފާތު ސަރަހައްދުތަކުގައި ކަރަންޓް ދިނުމަށް ބަހައްޓާފަހުރި ސަބްސްޓޭޝަންތައް އޯވަރލޯޑު ވިޔަ ނުދީ ބޭނުންވާ ކެޕޭސިޓީ އަށް މަތިކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިގޮތުން ކުރިން ބެހެއްޓިފަހުރި 630 ކޭ.ވީ.އޭގެ ޓްރާންސްފޯމަރުތަށް 1500 ނުވަތަ 2000 ކޭ.ވީ.އޭގެ ޓްރާންސްފޯމަރަށް ބަދަލުކުރުން ހިމެނެއެވެ. މާލެ އަދި ހުޅުމާލޭގައި ކުރި އަޅައިފައިވާ 70 އަދި 185 ސްކެއަރ އެމްއެމްގެ ކޭބަލްތައް ފަލަކޮށް ކެޕޭސިޓީ އިތުރުކޮށް އަދި ފީޑިންގ ޕޮއިންޓްތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

" މެނުއަލްކޮށް ސަބްސްޓޭޝަންތަކަށް ގޮސްގެން އޮޕަރޭޓް ކުރަންޖެހޭ އިކުއިޕްމަންޓުތަށް އޮޓަމޭޓްކޮށް ސަބްސްޓޭޝަންތައް މޮނީޓަރ ކުރެވޭނެ ގޮތް ހެދުން. އެގޮތުން ޑިސްޓްރިބިއުޝަން ސްކާޑާ އިމްޕްލިމެންޓުކޮށް ރިއަލްޓައިމް މޮނީޓަރިންގ އާއި ކޮންޓްރޯލް ރޫމުގައި ތިބެގެން އިކުއިޕްމަންޓު އޮޕަރޭޓު ކުރެވޭނެގޮތަށް ވާނީ މާލެ އަދި ހުޅުމާލެއިން 5 ސަބްސްޓޭޝަނެއްގެ މަސައްކަތް އެއްކޮށް ނިމި ދަނީ ފައިނަލް ޓެސްޓްތައް ކުރެވެމުން. އަމާޒަކީ މި އަހަރު ނިމެންވާއިރަށް މާލެ އަދި ހުޅުމާލެ ގްރިޑްގައި ހިމެނޭ ހުރިހާ ސަބްސްޓޭޝަނެއް މި ސިސްޓަމުގައި ހިމެނުން. މިކަމުގެ ސަބަބުން ލޯޑު ފޯކާސްޓްކޮށް މަސައްކަތް ރޭވުމަށް ފަސޭހަވެ ކަރަންޓު ކެނޑިގެންދާ ވަގުތު މަދުކުރެވޭނެ". ޒީޓައިމްސް އަށް މައުލޫމާތުދެމުން ސްޓެލްކޯއިން ފާހަގަކުރިއެވެ. 

އެއްބާރުލުން މުހިންމު

ކަރަންޓު ކެނޑިގެން އަދި ކަނޑައިގެން މަސައްކަތް ކުރަމުންދާ ވަގުތު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަކީ ސްޓެލްކޯގެ ޓެކްނީޝަނުންނާ އިންޖިނިއަރުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތުގައި ދެމިތިބުމަށް ލިބިދޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

+1
0
+1
0
+1
3
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް