November 24, 2024 05:27
Advertisement

-Advertisement-

ޑރ. ޝިފާންގެ ލިޔުއްވުމެއް: ހަށިގަނޑުގައި ކެންސަރ ހުރެ ނޭނގި ކިހާދުވަހަކު ހުރެދާނެތަ؟

ކެންސަރ އާއި ބެހޭގޮތުން މައުލޫމާތު ހޯދަމުން ދާއިރު ނޫނީ ދަންނަމީހަކު މިފަދަ ބައްޔަކަށް ޑައެގްނޯސް ކުރެވިދާ ވަގުތަކީ ތަފާތުގިނަ ސުވާލު އުފެދިދާނެ ވަގުތެކެވެ. މިފަދަ ވަގުތެއްގައި ހިތުގައި ވަރަށް ގިނަ ސުވާލު އުފެދެއެވެ. ތިމާގެ ހަށިގަނޑުގައި ޓިއުމަރެއް އިނދެފާނެބާ؟ އަދި ހާއްސަކޮށް ހަށިގަނޑުގައި ކެންސަރ ހުރެ، ނޭނގި ކިހާދުވަހަކު ހުރެދާނެ ބާއެވެ؟ މިއީވަރަށް މުހިއްމު ސުވާލެކެވެ.

ޓިއުމަރ އާއި ގުޅޭ ފޮޓޯ: ޔުރެކްއެލަރޓް

ބައެއް ކެންސަރ ގެ ވައްތަރުތަކަކީ އަލާމާތް ފެނުމުގެ ކުރިން ހަށިގަނޑުގައި ހުރިކަން ނޭނގޭ ބައްޔެކެވެ. އަދި މިއީ ބަލި/ ޓިއުމަރގެ ސައިޒު ބޮޑުވެ، އަތްލުމުން އަތުގަޖެހޭވަރުވެ، ނޫނީ ސްކޭން ފަދަ ވަސީލަތަށް ފާހަގަ ކުރެވޭވަރުވީމަ ނޫނީ ނޭނގޭފަދަ ހާލަތްތަކެވެ.

ނަމަވެސް އަނެއްބައި ވައްތަރުގެ ކެންސަރ އަކީ ބަލީގެ ކުރީކޮޅުގައި، އަލާމާތްތައް ފެނުމުގެ ކުރިން ޑައިގްނޯސް ކުރެވޭ ވައްތަރުތަކެވެ.

Advertisement

މިލިޔުމުގައި ދެން ބަލާލާނީ ކުރީކޮޅުގައި އަލާމަތްތައް ފެނުމުގެ ކުރިން ޑައިގްނޯސް ނުކުރެވޭ ފަދަ ވައްތަރުގެ ކެންސަރތަކާ، މިފަދަ ވައްތަރުތައް އަވަހަށް ދެނެގަންނާނެ ގޮތެވެ.

ނޯޓް: ކުރިންވެސް ލިޔެވިދިޔަ ފަދައިން ބައެއް ކެންސަރ ތަކަކީ ކުރީކޮޅުގައި ދެނެގަންނަން ދަތި ވައްތަރުތަކެކެވެ. މިއާހިލާފަށް ދެނެގަންނަން ފަސޭހަ ވައްތަރުތައް މިސާލަކަށް: ހަމުގެ ކެންސަރުގެ ވައްތަރުތަކަކީ ގިނަފަހަރަށް ލޮލަށް ފެނުމުން އެނގޭ ބައްޔެކެވެ. ނަމަވެސް ކަށަވަރު ކުރަން ބަޔޮޕްސީ ހަދަންޖެހެއެވެ.

ނަމަވެސް، ބައެއް ވައްތަރުތަކުގެ ކެންސަރ އަކީ މަޑުމަޑުން ލަސްލަހުން ބޮޑުވެ، އަލާމާތެއް ނުފެނި ހުންނަ ވައްތަރުތަކެވެ.

ކެންސަރުގެ ވައްތަރު ބަލި އާންމުކޮށް ޑައެގްނޯސް ކުރެވޭ ގޮތް
ޓެސްޓިކިއުލަރ ކެންސަރ (އޮށުގެ ކެންސަރ) މިފަދަ ކެންސަރ އުފެދިގެން އަންނާނީ އާންމުކޮށް އެއްފަރާތުގައެވެ.  ނަމަވެސް ބައެއްފަހަރު ދެފަރާތުގެ އޮށުގައި އުފެދި ގަނޑެއް އިންނަކަން ނޭނގި އެތައްދުވަހެއް ވަންދެން ފާހަގަނުކުރެވި އިނދެއެވެ.

އަވަހަށް ދެނެގަތުމަށް ގަވާއިދުން އަމިއްލައަށް ބަލާ ޗެކްކުރުން މުހިންމެވެ.

ރަހިމުގެ ދޮރަށް ޖެހޭ ކެންސަރ އާންމުކޮށް އަލާމާތްތައް ފެންނާނީ ބަލި އުފެދޭތާ ގިނަ މުއްދަތެއް ފާއިތުވާފަހުންނެވެ. ގަވާއިދުން ޗެކްކޮށް " ޕެޕް ސްމެއަރ" ހެދުމުން ކުރީކޮޅުގައި އަންނަ ބަދަލުތައް (ކެންސަރ އަށް ބަދަލުވުމުގެ ކުރިން) ދެނެގަނެ ފަރުވާކުރުމުގެ ފުރުސަތު ލިބިދެއެވެ.
ޕެންކްރިއާސް (ޗިސްމޭ) ގެ ކެންސަރ ބަލީގެ ކުރީކޮޅުގައި ފާހަގަކުރެވޭ ފަދަ އަލާމާތް މަދުވާނެއެވެ. މި ސަބަބަށްޓަކައި ބަލި ފެންނަނީ ގިނަފަހަރު ބަލި ބޮޑުވެ ފެތުރޭފަހުންނެވެ.
އުރަމަތީގެ ކެންސަރ އަމިއްލައަށް އުރަމަތި ކޮންމެ މަހަކު ޗެކްކުރުމަކީ، އުރަމައްޗަށް އަންނަ ބަދަލުތައް ކުރީކޮޅުގައި ދެނެގަތުމަށް އެޅޭ މުހިއްމުފިޔަވަޅެކެވެ. ކަނޑައެޅިފައިވާ ހަމަތަކެއްގެ މަތިން " މެމޯ ގްރާމް" ހެދުމަކީ އުރަމަތީގައި ގަނޑެއް އުފެދުމުގެ ކުރިން ބަލި ދެނެގަނެވޭނެ ގޮތެކެވެ.
ޕްރޮސްޓޭޓް ކެންސަރ ބަލީގެ ކުރީކޮޅުގައި ޚާއްސަ އަލާމާތެއް ނުފެނިދާނެއެވެ. ނަމަވެސް ލޭގެ ޓެސްޓް "ޕީއެސްއޭ" އިން ޕްރޮސްޓޭޓަށް އަންނަ ބަދަލުތައް ދައްކައިދެއެވެ. މި ޓެސްޓް އަކީ ފިރިހެނުންނަށް ވަކި އުމުރެއްގައި ގަވާއިދުން ހެދުން މުހިންމު ޓެސްޓެކެވެ.
އޯވަރީގެ ކެންސަރ ބަލީގެ ކުރީކޮޅުގައި ޚާއްސަ އަލާމާތެއް ނުފެނިދާނެއެވެ. ނަމަވެސް ލޭގެ ޓެސްޓުން " ކެންސަރ އެންޓިޖެން" ޓެސްޓުންނާއި " ޖާމް ސެލް ޓިއުމަރ" ޕެނަލް ބޭނުންކޮށްގެން ދެނެގަނެވިދާނެ އެވެ.
ފުއްޕާމޭގެ ކެންސަރ ފުއްޕާމޭގެ ކެންސަރ ގެ އާންމު އަލާމާތުގެ ތެރޭގައި ނުފިލާހުންނަ ކެއްސުމެއް، އަޑު ބަދަލުވެ ކުރަކިވެފަހުރުން ހިމެނެއެވެ. ނަމަވެސް ޑޮކްޓަރަކު ބަލާ އިތުރު ޓެސްޓްތައް ހަދާ ކަށަވަރު ކުރަންޖެހެއެވެ. ( އެކްސްރޭ، ސީޓީ އަދި ބަޔޮޕްސީ ފަދަ ޓެސްޓްތައް)
ހަމުގެ ކެންސަރ ބަލީގެ ކުރީކޮޅުގައި ޚާއްސަ އަލާމާތެއް ނުފެނިދާނެއެވެ. ނަމަވެސް ހަމުގަ ހުންނަ ލަފު/ ދަދެއް އަދި ކަޅުތިލަ ފަދަ ތަންތަނަށް އަންނަ ބަދަލަކީ (މިސާލަކަށް އިންނަ ގޮތް، ކުލަ ބަދަލުއައުން) މުހިއްމު ވާނެއެވެ. ކަށަވަރުކުރުމަށް ޑޮކްޓަރު ބައޮޕްސީ ހަދައެވެ.
ބޮޑުގޮހޮރުގެ ކެންސަރ އާންމުކޮށް މިފަދަ ވައްތަރުގެ ކެންސަރ އުފެދި އަލާމާތްތައް ފެނުމާ ދޭތެރޭ ވަރަށް ގިނަ ދުވަސްނަގައެވެ. ކޮލޮނޮސްކޯޕީ ޓެސްޓް އަކީ ބަލީގެ އެންމެ ކުރީކޮޅުގައި ދެނެގަންނަން އެންމެ މުހިންމު ޓެސްޓް އެވެ.
ކިޑްނީގެ ކެންސަރ ބަލީގެ ކުރީކޮޅުގައި ޚާއްސަ އަލާމާތެއް ނުފެނިދާނެއެވެ. ނަމަވެސް ކުޑަކަމުދާއިރު "ތަދުނުވެ" ލޭއައުން އަލާމާތުގެ ތެރޭގައި ހިމެނެއެވެ. ލޭގެ ޓެސްޓް އަދި ސްކޭން/ ސީޓީ/ ބަޔޮޕްސީ ފަދަ ވަސީލަތްތައް ކަށަވަރުކުރުމަށް ބޭނުން ކުރެވެއެވެ.

ކެންސަރ، ބަލީގެ ކުރީކޮޅުގައި ދެނެގަތުން މުހިއްމުވަނީ ކީއްވެ؟

ދިރާސާތަކުން ދައްކާގޮތުގައި، އާންމުކޮށް  "ސްކްރީން" ކުރެވިގެން ފެންނަ ކެންސަރުގެ ވައްތަރުތަކުގެ ސައްތަ، ބައްޔަށް ޝިފާލިބުމުގަ އިތުރު ވެއެވެ. ސަބަބަކީ ގިނަފަހަރު އާލާމާތެއް ފެނުމުގެ ކުރިން، ބަލި ދެނެގަނެވުމުން ބަލީގެ ކުރީކޮޅުގައި ފަރުވާފޯރުކޮށް ދެވޭތީއެވެ.

ކެންސަރ ފަދަ ބަލިތައް ބަލާމިންގަނޑެއް ކަމުގައި ވާ ފަސްއަހަރުފަހުން (ފަރުވާ ފުރިހަމަކުރުމަށްފަހު) ދުނިޔޭގައި ތިބި މީހުންގެ ސައްތަ ނޫނީ ”ފައިވް އިޔަރ ސަވައިވަލް ރޭޓް" އަށް ބަލާލާއިރު ދުރަށް ނުފެތުރި ހުންނަ އުރަމަތީގެ ކެންސަރ އަދި ޕްރޮސްޓޭޓް ގެ ކަންސަރ ގެ ސައްތަ އަކީ ގާތްގަނޑަކަށް ސަތޭކަ ޕަސެންޓް އާ ގާތަށް އަދަދެކެވެ.

އެހެނަސް، ބައެއް ކެންސަރ ގެ ވައްތަރުތައް، ބަލީގެ ކުރީކޮޅު ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ބައެއް ކެންސަރުގެ ވައްތަރުތައް ކުރީކޮޅުގައި ދެނެގަނެވޭނެ "ސްކްރީނިން ގައިޑްލައިން ތައް" ނެތުމެވެ. އަދި މިއާއެކު އަލާމާތްތައް ފެންނަނީ ބަލި ބޮޑުވެ ފެތުރޭފަހުންނެވެ.

މިފަދަ ތަފާތުވައްތަރުގެ ކެންސަރ ތައް، ބަލީގެ ކުރީކޮޅުގައި ދެނެގަތުމަށް އެހީވެދެވިދާނެ ބައެއް މުހިއްމު ނުކުތާތައް ތިރީގައި ބަޔާންކުރެވިފައި ވަނީއެވެ.

  1. ގަވާއިދުން އަހަރަކު އެއްފަހަރު ލޭގެ ޓެސްޓް ތަކާ "މެޑިކަލް އަދި ފިސިކަލް" ޓެސްޓް ހެދުން.
  2. އައު އަލާމާތެއް (ކިތަންމެ އާންމު ކަމުގައި ވިއަސް) ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ސަމާލު ކަމަށް އެކަން ގެނައުން.
  3. ކެންސަރުގެ ވައްތަރެއް އާއިލާގެ ތެރޭގައި އާންމު ނަމަ ޑޮކްޓަރއާ މަޝްވަރާކޮށް، ޓެސްޓް ކުރުން.
ޑރ.ޝިފާން ގެންދަވަނީ ކެންސަރު ބައްޔަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން

ފަހުބަސް:

ވީމާ ތިމާގެ ހަށިގަނޑު ގައި ޓިއުމަރެއް އިނދެފާނެބާ؟ އަދި ހާއްސަކޮށް ހަށިގަނޑުގައި ކެންސަރ ހުރެ، ނޭނގި ކިހާދުވަހަކު ހުރެދާނެ ބާއެވެ؟ މިސުވާލަށް ދެވޭނެ ސީދާ ޖަވާބެއް ހޯދިފައެއްނުވެއެވެ.  އެނގޭކަމަކީ ބައެއް ވައްތަރުގެ ކެންސަރ ދެނެގަނެވެނީ، ހަށިގަޑުގައި އުފެދި ބޮޑުވާން ފަށާތާ މުއްދަތެއް (މަސް ނުވަތަ ބައެއްފަހަރު އަހަރު) ފާއިތުވާފަހުންނެވެ.

ބައެއް އާންމުކޮށް ނުފެންނަ ވައްތަރުގެ ކެންސަރ އަކީ ލަހުން ފެތުރޭ ވައްތަރު ތަކެކެވެ. މިސަބަބަށްޓަކާ ފަރުވާކުރުމަށް ފަސޭހަވެދެއެވެ. ނަމަވެސް އަނެއްބައި ވައްތަރު ތަކަކީ ކުޑަމުއްދަތެއްގެ ތެރޭގައި އަވަހަށް ފެތުރޭ ވައްތަރުތަކެކެވެ. މިސަބަބަށްޓަކައި ފަރުވާކުރުމުގަ ދަތިތަކެއް ދިމާވެއެވެ.

އެހެންކަމުން، އަވަހަށް ބަލި ދެނެގަތުމުގެ ފުރުސަތު އިތުރު ކުރުމަށް "ސްކްރީން" ކުރެވޭ ވައްތަރުތައް އޮންނަ ގަވާއިދުގެމަތިން ކުރިއަށް ގެންދަން ވާނެއެވެ. އަދި އަލަށް ފެންނަ އަލާމާތެއް، އައު އަލާމާތެއް (ކިތަންމެ އާންމު ކަމުގައި ވިއަސް) ފާހަގަ ކުރެވިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ސަމާލުކަމަށް އެކަން ގެނައުން މުހިއްމުވާނެއެވެ.

ކެންސަރުގެ ގިނަ ވައްތަރުތަކަކީ ބަލީގެ ކުރީކޮޅުގައި ސަމާލުކަމަށް ގެނެވި ފަރުވާފެށިއްޖެނަމަ، އިރާދަ ކުރެއްވިއްޔާ އެއްކޮށް ޝިފާލިބޭ ބައްޔެކެވެ. އަދި، ބަލި ކުރީ ކޮޅުގައި ފެނިއްޖެނަމަ ލުއިފަސޭހަ ފަރުވާތަކަކަށް ހުށަހެޅެއެވެ.

 

ނޯޓް: މިއީ އައިޖީއެމްއެޗްގެ އޮންކޮލޮޖީ ޑިޕާޓްމެންޓްގައި އިސްކޮށް މަސައްކަތްކުރައްވާ ޑރ.މުހައްމަދު ޝިފާން ލިޔުއްވައި 'ޒީޓައިމްސް' އަށް ހަދިޔާކޮށްދެއްވި ރިޕޯޓެކެވެ. ޑރ.ޝިފާންގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ މިލިޔުން 'ޒީޓައިމްސް' ގައި ހިއްސާ ކުރުމުގެ ބޭނުމަކީ ކިޔުންތެރިންނަށް މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމެވެ.

+1
3
+1
0
+1
12
+1
0
+1
4
+1
1
+1
1

Advertisement

ގުޅުންހުރި ލިޔުންތައް