November 25, 2024 01:23
Advertisement

-Advertisement-

މާލެ މަގުތަކަށް އުކާލާފަ ހުންނަ ކުނީގެ މައްސަލަ މިމަހު ހައްލުވާންޖެހޭނެ ކަމަށް މިބަލަނީ- ޑރ. މުޢިއްޒު

ތިރީގައި މިވަނީ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު 'ޒީޓައިމްސް' އަށް ދެއްވި އިންޓަވިއުގެ ސުވާލާއި ޖަވާބެވެ.

1. ރޯދަމަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު މުހިންމު ކަންތައްތަކަކީ ކޮބައިތޯ؟

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި މިސްކިތްތައް މަރާމާތުކުރުން އެއީ ރޯދައަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު އެންމެ ބޮޑު މަސައްކަތް ކަމަށް ޑރ. މުޢިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބާޒާރުމަތީގައި ދުއްވާ އުޅަނދުތަކަށް ފަސޭހަވާނެ ގޮތަށް މަގުތަކަށް ބަދަލު ގެނައުމުގެ އިތުރަށް މާލެތެރެ ޒީނަތްތެރި ކުރުމަށްޓަކައި ބައެއް މަސައްކަތް ވަނީ ސިޓީ ކައުންސިލުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ބޮޑުތަކުރުފާނު މަގުގައި ކަދުރު ރުއްތައް އިންދުމުގެ އިތުރަށް އެ ރުއްތައް ކައިރީގައި ރީތިކޮށް ގަސް އިންދާ ލައިޓްތަކެއް ވަނީ ހަރުކޮށްފައެވެ. ވިލިމާލޭގައި މާރުކޭޓެއް ވަނީ ހަދާފައެވެ.

Advertisement

2. ސިޓީ ކައުންސިލުން ކުންފުންޏެއް ހެދުމަށް މަސައްކަތް ކުރިއިރު އެމަސައްކަތް ގޮއްސަ އޮތް ހިސާބަކީ ކޮބައިތޯ؟

" 2021 ވަނަ އަހަރު ސެޕްޓެމްބަރ ހިސާބުގައި އިކޮނޮމިކް މިނިސްޓްރީ އަށް ފޯމް ހުށަހެޅީ ކުންފުނި ހެދުމަށް އެދި. ހުއްދައެއް ނުދޭ. އެއްވެސް ސަބަބެއް ވިދާޅެއް ނުވޭ. ރިޖެކްޓްވެސް ނުކުރޭ. މާލެ ސިޓީގެ މެޖޯރިޓީ މިއޮތީ ޕީޕީއެމް އަށް. އެހެންވީމަ ސިޔާސީ ގޮތުން އަންނަ ކަމެއްހެން ހީވަނީ. ސަރުކާރުން ރަޖިސްޓްރީ ކޮށްދީފި ބައެއް އެހެން ކައުންސިލްގެ ކުންފުނިތައް. އެއީ މުޅިން އެމްޑީޕީ ކައުންސިލްތައް". ޑރ. މުޢިއްޒު ވިދާޅުވިއެވެ.

3. މާލޭގެ މީހުން އުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަންތައް ހުރުމުގެ ސަބަބުން އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ވަނީ ހިނގާފައެވެ. ކެމިކަލް ގުދަންތައް މޮނީޓަރކޮށް އެތަންތަން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ކުރައްވާ މަސައްކަތަކީ ކޮބައިތޯ؟

ސިޓީ ކައުންސިލުން ދަނީ މާލެ ތެރޭގައި ހުންނަ ތަންތަން މޮނީޓަރ ކުރަމުންކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

" އަޅުގަނޑުމެން ބަލާބެލުމުގައި ކެމިކަލް ގުދަނެއް ފެނިއްޖިއްޔާ ބަންދުކުރަން. އަދި ޕޮލިހަށްވެސް އަންގަން. މާލެ ތެރޭގައި މަނާކަމެއް އެއީ. އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. ސިޓީކައުންސިލުން ހުއްދަ ނަގައިގެން ހިންގާ ތަނެއް ނަމަ ހުއްދައާއި އެއްގޮތަށް ތަން ބަދަލުކުރަން އަންގަން. ކައުންސިލުން ހުއްދަ ނުދޭނެ ކެމިކަލް ބަހައްޓާކަށް. ހުއްދަ ނުނަގާ ހިންގާތަނެއް ވެއްޖިއްޔާ ވަގުތުން ބަންދުކުރަން އަންގާނަން". ޑރ. މުޢިއްޒުގެ އިންޓަވިއުގައި ފާހަގަކުރެއްވިއެވެ.

މާލޭގެ ގަރާޖެއް ހުރި އިމާރާތެއްގައި އަލިފާން ރޯވެ އެތަނުގައި ދިރިއުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން މަރުވި ހާދިސާ އަށް ބަލާއިރު އެ ގަރާޖު ވެސް ބަންދުކުރަން ކައުންސިލުން އަންގާފަވާކަމަށާއި އެކަމަކު އެ ގަރާޖު ބަންދު ނުކޮށް މަސައްކަތް ކުރިއަށް ގެންދިޔައީ ކަމަށް ފާހަގަކުރެއްވިއެވެ.  

" މާލެ ތެރޭގައި މީހުން އުޅޭ ސަރަހައްދުތަކުން އެހެން ތަނަކަށް މިތަންތަން ބަދަލުކުރަން އެބަ ބޭނުންވޭ ސަރުކާރުގެ އެއްބާރުލުން. ކައުންސިލުގެ އަމިއްލަ ބާރުގައި މިފަދަ ކަންތައް ކުރެވޭގޮތަކަށް ނޫން މިއޮންނަނީ. އިންޑަސްޓްރިއަލް ވިލެޖްގައި ބިން އޮވެމެ އެތަނަށް މި ތަންތަން ބަދަލުކުރަން ސަރުކާރުން އެއްބަސް ނުވޭ. ސަރވޭއެއް ކުރުމަށްފަހު އަޅުގަނޑުމެން އެދުނިން ކެމިކަލް ގުދަންތައް ބަދަލުކުރުމަށް. އެކަމަކު ސަރުކާރުން އެކަމަށް ދެކޮޅުހެދީ. އެއީ ބްރިޖް ޕްރޮޖެކްޓަށް ޖާގަ ބޭނުންވާކަމަށް ބުނެ. އެކަމަކު އެ ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ޖާގަ ނެގުމަށްފަހުވެސް އެބައޮތް ޖާގަ. ސަރުކާރުން ބޭނުންވަނީ ތިލަފުއްޓަށް ނޫނީ ގުޅީފަޅަށް ކެމިކަލް ގުދަންތައް ބަދަލުކުރަން. އެއީ ސަރުކާރުގެ އަތްމަތީގައި އޮތްކަމެއް".

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު އަދި ޒީޓައިމްސްގެ ޗީފް އެޑިޓަރ ޒީނާ ޒާހިރު

4. ސިޓީކައުންސިލުގެ ބެލުމުގެ ދަށުގައި ހުންނަ ބިންތައް ސަރުކާރުން ބޭނުންކުރަމުންދާ ކަމަށް ބުނެ ބައެއް ފަހަރަށް ކަންބޮޑުވުން ފާޅުކުރާތަން ފެންނައިރު މިފަދަ ކިތައް ބިން ސަރުކާރުން ބޭނުންކުރޭތޯ؟

ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން ބޭނުންކުރާ ސިޓީ ކައުންސިލްގެ ބިންތަކުގެ އަދަދު އެގިނުލައްވާކަމަށެވެ.

" އަދަދެއް ދަންނަވަން ނޭގޭ. ސަރުކާރުން ކަންތައް ކުރާގޮތް އަޅުގަނޑަށް އަންޑަސްޓޭންޑިންގ ނުވަނީ. ބައެއް ބިންތައް އިޖުރާއަތުތަކާއި އެއްގޮތަށް އެބަ ގެންދަވާ. މިސާލަކަށް އަރަބިއްޔާ ސްކޫލުގެ އިމާރާތް އެޅުމަށް ސަރުކާރުން ބޭނުންވީ ބާޖަމާލުއްދީން ގޯތި އެކަމަށް ކަނޑައަޅަން. އެބޭފުޅުން އިޖުރާއަތުތައް ފުރިހަމަކުރެއްވި. ރައީސް އޮފީހުގެ ސިޓީ އަޅުގަނޑުމެންނަށް ފޮނުވާފަ އެތަން އެޑިޔުކޭޝަނުން ރަޖިސްޓްރީ ކޮށްގެން ކުރިއަށް އެދަނީ. އިޖުރާއަތް އެނގިވަޑައިގަންނަވާ. އެކަމަކު ބައެއްފަހަރަށް ލާމަރުކަޒީ ޤާނޫނަށް ބެލުމެއް ނެތް. އެއް މިނިސްޓްރީން އަނެއް މިނިސްޓްރީ އަށް ސިޓީ ފޮނުވައިގެން މި ކުރިއަށް ގެންދަނީ". 

5. މާލޭގެ ބައެއް މަގުތަކުގައި މީހުން ބަހައްޓާފަ ހުންނަ ކުނީގެ ސަބަބުން ނުބައިވަސް ދުވުމުގެ އިތުރަށް މީހުންގެ ޝަކުވާ ބޮޑު. މިމައްސަލަ ހައްލު ނުވަނީ ކީއްވެތޯ؟

" އަސްލު ހައްލަކީ ވެމްކޯއިން ކުނިތައް ނެގުން. ކަރަންޓް ބިލާއެކު ވެމްކޯގެ ބިލް ހިމަނައިގެން އަންނަ ގޮތް ހަދައިފިކަމަށް ވަނީ މައުލޫމާތު ލިބިފަ. އެހެންވުމުން ކޮންމެ ގެއެއްގެ ކުނި އެމީހުން ނަގާނެ. އެހެންވީމަ މަގުމަތީގައި ކުނި ހުރެގެން ނުވާނެ. މަގުމަތިން މި ނަގަންޖެހޭ ކޮތަޅުތަކުގެތެރޭގައި ގިނައީ ގޭގެއިން އުކާލަން ނެރޭ ހަލާކުވާ ޒާތުގެ ކުނިތައް. ބައެއްފަހަރު ހުރޭ ފަރުނީޗަރ ބަދަލުކުރާއިރު އެތަކެތި ނެރެފަ މަގުމަތީގައި. އެ އެއްޗެހި އުކާލަން ހޭދަވާ ޚަރަދު ބޮޑުވީމަ ކަމަށްވެސް ވެދާނެ އެހެން ބަހައްޓަނީ. އެކަމަކު ޚަރަދު ބޮޑުވުން އެއީ އުޒުރެއް ނޫން. މިމަސް ތެރޭގައި ހައްލުވާން ޖެހޭނެ ކަމަށް މިބަލަނީ. އެއީ ވެމްކޯއަށް ކޮންމެ މީޓަރަކުން ރުފިޔާ ލިބޭނެ. ކުރިން ބުނަނީ ތިމަންނަމެންނަށް ރަޖިސްޓަރ ނުކުރަނީއޭ. ރަޖިސްޓަރ ކުރާ ގޭގެ ކުނި އުކާލަމޭ. ދެން ރަޖިސްޓަރ ނުކުރާ ގެއެއް ނުހުންނާނެތާ". ޑރ. މުޢިއްޒު ވިދާޅުވިއެވެ.

6. ސިޓީ ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުން؟

" ސަރުކާރުގެ އެއްބާރުލުން ނުލިބުން އެއީ އެންމެ ބޮޑު ދައްޗަކީ. އަޅުގަނޑުމެން ސަރުކާރަށް އެއްބާރުލުން ފުރިހަމައަށް ދެން. އަޅުގަނޑުމެންގެ ކުންފުނި ރަޖިސްޓްރީކޮށް ނުދިނުން މިއީ އެއްކަންތައް. އަޅުގަނޑުމެންގެ އާމްދަނީގެ ގޮތުގައި ހުންނަ ފައިސާ ހަވާލުކޮށްދެއްވާ އެކަމަކު ލަސްވަނީ ލިބުން. މި ދަތިތަކުގެ ތެރޭގައިވެސް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެބަކުރަން ރައްޔިތުންނަށް ދަތިވާ ކަންތައް ހައްލުކުރަން. މާލެ އަކީ ހިތްގައިމު ތަނަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންކަން އެބަކުރަން. މިސާލަކަށް ކުނި ނެގުން އެއީ ވަރަށް ބޮޑު ގޮންޖެހުމެއް. އެކަމަކު އެކަން ވެސް އެބަކުރަން. މަގުމަތި ބެލެހެއްޓުމަށްޓަކައި ޕޮލިހާއި އެކީ ސޮއިކުރިން އެގްރިމެންޓެއް. އެކަމަކު ޕޮލިހުން އަމިއްލައަށް އެ ބާތިލްވެސް ކޮށްފި. އެހެންވެ އަޅުގަނޑުމެންގެ އަމިއްލަ ޓީމެއް މި ތައްޔާރުކުރީ މަގުފާރަވެރިންގެ ގޮތުގައި. އެއީ މަގުތައް ބެލެހެއްޓުމަށްޓަކައި. ސަރުކާރުން ދެއްވަންޖެހޭ އެއްބާރުލުން ނުދިނަސް ކޮންމެވެސް އެހެން ގޮތަކުން ގޮތް ހޯދައިގެން ކުރަންޖެހޭ ކަންތައް އެބަކުރަން". ޑރ. މުޢިއްޒު ވިދާޅުވިއެވެ.

7. ނިންމާލަމުން ދެއްވާ މެސެޖު

މާލެ ސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، އެންމެ އެދެވޭ ގޮތަށް ކަންތައްތައް ކުރެވޭނީ ސަރުކާރުން އެއްބާރުލުން ދީގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ޤާނޫނުން މަތިކޮށްފަހުރި ކަންތައްތަކުގައި ސަރުކާރުން އެއްބާރުލުން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

+1
0
+1
0
+1
3
+1
0
+1
1
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް