އަހާ ކަމަކުދާކަށް ނެތެވެ. ފިހާރައަށް މިދިޔައީ ހަނޑުލާއި ފުށާއި ހަކުރު ގަންނާށެވެ. ސޭޓު އަހައިފިއެވެ. ކޮތަޅު ގެނައިންތަ؟ ޖަވާބުގައި ނުގެންނަމޭ ބުނީމެވެ. މި ޖެހުނީ ކޮތަޅު ގަންނާށެވެ. ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ރޭޓުން 3 ކޮތަޅު ގަނެގެން ވަކިވަކިން ކާޑުގެ ބާވަތްތައް އެއަށް އެޅީމެވެ. ކޮތަޅަކަށް 2 ރުފިޔާ ދޭންޖެހުން މިއީ ބޮޑު ޚަރަދެކެވެ.
ހަނދާނަށް އަންނަނީ ކުރީ ޒަމާނުގައި މަތިޖެހި ބާލިދީ ހިފައިގެން ކާޑުގެ ބާވަތްތައް ގަންނަން ފިހާރަތަކަށް މީހުން ދާ ހަނދާނެވެ. ކުޑައިރު ގޭގައި ހުންނަ ފިހާރައަށްވެސް ބޮޑެތި ބާލިދީ، ރަބަރުތަށި ހިފައިގެން ކާޑުގެ ބާވަތްތައް ގަންނަން މީހުން އާދެއެވެ. ބާލިދީ ނުވަތަ ތަށި ހިފައިގެންގޮސް މިފަދަ ތަކެތި ގަނެވިދާނެއެވެ. އެކަމަކު ބާކީހުރި ކަންތައް ކޮތަޅާއި ނުލާ ހަމަޖައްސާނީ ކިހިނެއް ހެއްޔެވެ؟
ކުޑަކުދިންނާއި އުމުރުން ދުވަސްވީ ބަލި މީހުންގެ ދުވާލަކު އެތައް ނެޕީއެއް ބަދަލުކުރާއިރު އެ ނެޕީތައް އަޅާނީ ކޯއްޗަކަށް ހެއްޔެވެ؟ ވަސް ބޭރު ނުވާގޮތަށް ކުރިން ކޮތަޅުތަކަށް އެޅި ނެޕީ އުކާލުމަށް އަޅާނެ އެއްޗެއް ނުވިސްނުނެވެ. ބަދިގޭގައި ބޭނުންކުރާ ވަސްދުވާ ކުނިތައް އުކާލަން އަޅާނީ ވެސް އެއްކަލަ ކޮތަޅަށެވެ. ކުނިއުކާއިރު ރަނގަޅަށް ބަންދުކުރަން ވެމްކޯ އިން ބުނާއިރު ކޮތަޅެއް ނެތީސް ކުނިއަޅާނެ އެއްޗެއް ނެތެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފެށުން
ވިޔަފާރިތަކުން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުން ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ނަގަން ފެށިތާ މިވީ 1 ދުވަހެވެ. ކޮތަޅުބޮޑީގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. މިއީ އާންމުންގެ އަތުން ބޮޑު ޚަރަދެއް ދާނެ ކަމެކެވެ.
މިބަދަލު ގެންނަން ޖެހެނީ ކީއްވެ؟
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ބުނީ މި ބަދަލު ގެންނަން ޖެހުނީ ޕްލާސްޓިކް ކޮތަޅަށް ބަރޯސާވާ މިންވަރު ކުޑަކޮށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުވުމަށް ކަމަށެވެ. އަދި ޕްލާސްޓިކް ކުނި މަދުކޮށް ވެށި ތައައްޔަރުވުން ކުޑަ ކުރުވުމަށް ކަމަށެވެ.
މި ބަދަލާއެކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކުރެވިދާނެ ގޮތްތަކަކީ ކޮބާ؟
- ބާޒާރަށް ދާއިރު އަލުން ބޭނުންކުރެވޭނެ އަމިއްލަ ކޮތަޅެއް ހިފައިގެން ދިއުން އަދި އަބަދުވެސް ކޮތަޅެއް ދަބަހުގައި ގެންގުޅުން
- ދުރާލާ ރާވައިގެން ބާޒާރުކުރުން
އާންމުންނަށް ބޮޑު ބުރައެއް
ދުރާލާ ރާވައިގެން ބާޒާރުކުރިއަސް ކޮތަޅަށް އާންމުމީހާ އަތުން ޚަރަދުތަކެއް ކުރަން ޖެހޭނެއެވެ. އެންމެންނަކީ އެއްފަހަރާ ގިނައިން ތަކެތި ގަނެވޭނެ ބައެއް ނޫނެވެ. އެވަރަށް މީހުންނަށް ރުފިޔާ ނުލިބެއެވެ. އަދި ޚާއްސަކޮށް މާލެ ސަރަހައްދުގައި ކުނި އުކާލުމަށްވެސް ކޮތަޅު ބޭނުންކުރުން ނޫން ގޮތެއް ނެތެވެ.
ޤާނޫނު ބަދަލުކުރުން
ކުނިމެނޭޖު ކުރުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ޤާނޫނަށް އަމަލުކުރަން ފެށިއިރު އޮތީ ކޮތަޅުގެ އަގު ބޮޑުވާ ގޮތަށެވެ. އެއީ ކޮތަޅު ގަންނައިރު ކޮންމެ ކޮތަޅަކަށް 2 ރުފިޔާ ދައްކަން ޖެހޭތީއެވެ. 100 ކޮތަޅު ހުންނަ ކޮތަޅުބޮޑިއަށް 200 ރުފިޔާ ދައްކަން ޖެހުމުން އަގު ބޮޑުވާނެ ވަރު ވިސްނަބަލާށެވެ.
ޤާނޫނަށް އަވަހަށް ބަދަލުގެނެވޭނެތަ؟
އާންމުންގެ ފާޑުކިޔުން އިންތިހާއަށް ބޮޑުވުމުން މި ޤާނޫނަށް ބަދަލުގެންނާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ކަންހިގާ ގޮތަށް ބަލާއިރު މެޖޯރިޓީ އޮންނަ ބަޔަކަށް މުހިންމުކަމެއްނަމަ އެ ދުވަހުން ދުވަހަށް ޖަލްސާ ބާއްވައިގެން ކަންތައްތައް ނިންމާފަ އެބަހުއްޓެވެ.
ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ މި ޤާނޫނަށް ގެންނަ އިސްލާހު އަވަހަށް ފާސްވެދާނެ ކަމާމެދު ސުވާލު އުފައްދަވައިފައެވެ.
" ކުނި މެނޭޖުކުރުމުގެ ޤާނޫނު 18 ޑިސެންބަރު 2022 ގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު ވެސް އޭގެ 4 މަސްފަހުން ކޮތަޅުގެ އަގުގެ މައްސަލަ ދިމާވާނެކަން އެނގޭއިރު، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޤާނޫނަށް އިސްލާހު ހުށަހެޅީ 27 މާރިޗް 2023 ގައި. މި ބިލްގެ އިބްތިދާއީ ބަހުސް އަދި ނުފެށޭ. މި ފެށޭ ހަފްތާގައި މަޖިލީސް 15 ދުވަހުގެ ރިސެސް އަކަށް ދާއިރު ކައިރި މުސްތަގުބަލެއްގައި ކޮތަޅުގެ އަގުގެ މައްސަލައަށް ހައްލެއް ލިބިދާނެކަމަށް ޝައްކު" ޓްވިޓާގައި އުޝާމް ލިޔުއްވިއެވެ.
ނިންމުން
ވެށި ހިމާޔަތްކުރުމުގެ ބޭނުމުގައި ޤާނޫނަށް ބަދަލު ގެނައިއިރު ޕްލާސްޓިކް ކޮތަޅާއި ނުލާ ރައްޔިތުން އުޅޭނެ އެހެން ގޮތެއް ހޯދައިދޭން އެބަޖެހެއެވެ. ޚާއްސަކޮށް ކުނި އުކާއިރު އެބޭނުންވާ ކޮތަޅުގެ ބަދަލުގައި އެހެން ގޮތެއް ހޯދަދޭށެވެ. ބާލިދީއެއް ހިފައިގެން ގޮސް ކާޑުގެ ބާވަތްތައް ގަނެވިދާނެއެވެ. އެކަމަކު ކުނި އުކާނީ ކިހިނެއްހެއްޔެވެ؟ ރައްޔިތުންގެ މަޖިލީހުން އަދި ސަރުކާރުންވެސް ކަންކަން ނިންމާއިރު އާންމުންނަށް ބުރަ ބޮޑު ނުވާނެގޮތަކަށް ކަންތައްތައް ނިންމަން އެބަޖެހެއެވެ. އަދި އާންމުންވެސް ޕްލާސްޓިކް ކޮތަޅު މަދުން ބޭނުންކުރެވޭނެ ގޮތަކަށް ވިސްނާ ކާޑުގެ ބާވަތްތައް ފިޔަވައި އެހެން ތަކެތި ގަތުމަށް ފިހާރައަށް ދާއިރު ފޮތި ދަބަހެއް ވެސް ބޭނުން ކުރެވިދާނެއެވެ. ވެށި ހިމާޔަތް ކުރަން އެބަޖެހެއެވެ. އެކަމަކު ރައްޔިތުންނަށް އިންތިހާއަށް ބުރަ ބޮޑު ނުވާގޮތަކަށެވެ.