November 25, 2024 00:23
Advertisement

-Advertisement-

ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮގޮތުގައި ހިފަމާ!

މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ މިދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް އަރިސްކުރަމެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ނޫސްތަކުން އެންމެ އަވަހަށް ޚަބަރު ގެނެސްދިނުމުގެ ބޭނުމުގައި ތެދު މައުލޫމާތު އާންމުކުރުމަށް ސަމާލުކަންދޭ މިންވަރު ކުޑަވުމެވެ.

ޚަބަރާއި މައުލޫމާތު އާންމުކުރާއިރު ހަގީގަތް އޮޅުވައިލައިގެން ނުވާނެއެވެ. މީޑިއާގެ ކޮންމެ ވަސީލަތެއްގައި އާންމުކުރާ މައުލޫމާތެއްވެސް ވާންވާނީ ތެދު މައުލޫމާތަށެވެ.

Advertisement

ދިވެހި މީޑިއާ އިން އަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑުގައި ފާހަގަކޮށްފައިވެއެވެ. ދިވެހި މީޑިއާގެ ކޮންމެ މީހަކީ މި އަޚްލާގީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާގީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެއެވެ.

ތެދު މައުލޫމާތު ހާމަކުރުން

" މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢު ކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ ތެދު މައުލޫމާތުކަން ކަށަވަރު ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ. އަވަހަށް ޚަބަރު ޝާއިއުކުރުމަށްވުރެ ޚަބަރުގެ ސައްހަކަން ކަށަވަރު ކުރުމަށް އިސްކަންދޭނެއެވެ. ސައްހަ ނޫން މައުލޫމާތެއް ޝާއިޢު ކުރެވޭ ހާލަތްތަކުގައި އެކަން އެނގިއްޖެނަމަ ވީ އެންމެ އަވަހަކަށް އިސްލާހް ކުރާނެއެވެ. އަދި މައާފަށް އެދެންޖެހޭ ހާލަތްތަކުގައި މައާފަށް އެދި އެކަން އާންމުކޮށް އެނގޭނެހެން ޝާއިއު ކުރާނެ އެވެ". ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑުގައި މިގޮތަށް ފާހަގަކޮށްފައިވިއަސް މި މަންޒަރު ހުރިހާ ނޫހަކުން ނުފެނެއެވެ. ދޮގު މައުލޫމާތު ގެނެސްދިނުމަށްފަހު މައާފަށް އެދުމަށް ދެކޮޅުހަދާ ނޫސްތައް އެބަ ހިންގައެވެ. އެކަން އިސްލާހުކުރުމަށް މާބޮޑު ކަމެއް ކުރެވޭތަނެއް ނުފެނެއެވެ.

އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުން

"މީޑިއާގައި ޚަބަރާއި މައުލޫމާތު ޝާއިޢު ކުރުމުގައި އަނެކާގެ ޒާތީ ދިރިއުޅުމާއި ކަރާމާތަށް އިޙްތިރާމް ކުރާނެ އެވެ". މިގޮތަށް ދިވެހި މީޑިއާގެ އަޚްލާގީ މިންގަނޑުގައި ފާހަގަކޮށްފައި އޮތަސް މިކަމަށް އިސްކަން ދެނީ ކިތައް ނޫހުންތޯ ސުވާލު އުފެދެއެވެ. އާއިލާ އެއްކޮށް ބޭޒާރުކޮށްލުމަށް ފަސްނުޖެހޭ ނޫސްތައް ވެސް އެބަހުއްޓެވެ. އޭގެ ސަބަބުން އެ އާއިލާއަށް ލިބޭނެ ގެއްލުމަކަށް ވިސްނަން އެބަޖެހެއެވެ. ކުށް ނުކުރާ މީހުންގެ ހައްގަކީވެސް އޮންނަ އެއްޗެއް ކަމާއިމެދު ވިސްނަމާތޯއެވެ.

ނޫސްވެރިކަމުގެ ހަމަތައް ނެގެހެއްޓުން މުހިންމު

މީޑިއާ އާއި ބީރައްޓެހި ބައެއް މިނިސްޓްރީތަކާއި ކުންފުނިތައް އެބަހުއްޓެވެ. މިތަންތަނުން މައުލޫމާތު ހޯދުމަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް ނޫސްވެރިކަމުގެ ވާޖިބު އަދާކުރަން ވާނީ ޒިންމާދާރުކަމާއެކުގަ އެވެ. މައުލޫމާތު އާންމު ނުކޮށްފިނަމަ ދެން އެމައުލޫމާތު ހޯދުމަށް މަސައްކަތްކުރެވޭނެ ގޮތްތައް ވެސް އެބަހުއްޓެވެ.

މާލީ މިނިވަންކަން ނެތުން

ތެދު މައުލޫމާތު އާންމުކުރުމަށް ކުރާ މަސައްކަތުގައި އެބަޔަކު ބޭނުންވާހާ ގޮތަކަށް މައުލޫމާތު ނުގެނެސްދޭނަމަ އިސްތިހާރު ދިނުމަށް ދެކޮޅުހަދާ ކުންފުނިތައް އުޅެއެވެ. ނުފޫޒުން އެއްކިބާވެ ރަނގަޅަށް މަސައްކަތް ކުރާ ނޫސްތަކަށް އިސްތިހާރު ނުލިބުން މިއީ ބޭނުންވާ ފެންވަރަށް ނޫސް ތަރައްގީ ކުރުމަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ.

ރާއްޖޭގައި އިސްތިހާރު ދޭއިރު އިސްކަންދެނީ ރަނގަޅު މައުލޫމާތު ގެނެސްދީ ގިނަ ކިޔުންތެރިން ތިބި ނޫސްތަކަކަށް ނޫނެވެ. ގާތް މީހަކު ހުރިނަމަ ލިބޭ އެއްޗެއް ގޮތަށް އިސްތިހާރު މިވަނީ ވެފައެވެ. ސަރުކާރުގެ ކުންފުނިތަކުންވެސް ބައެއް ނޫސްތަކަށް ބޮޑެތި އަދަދުތަކުން އިސްތިހާރު ދޭއިރު އަނެއްބައި ނޫސްތަކަށް އެއްގޮތަކަށްވެސް އިސްތިހާރު ނުދިނުން މިއީ އިންސާފުވެރި ގޮތެއް ކަމަކަށް ނުދެކެމެވެ. ސަރުކާރުންވެސް ނޫސްތަކަށް މައުލޫމާތު ދިނުމާއި އިސްތިހާރު ދިނުމުގައި ހަމަހަމަގޮތްތަކެއް ގެންގުޅެން އެބަޖެހެއެވެ. 

ނިންމުން

މިނިވަންކަމާއެކު ތެދު މައުލޫމާތު އާންމުކުރާ ބަޔަކަށް ނޫސްވެރިން ވާން އެބަޖެހެއެވެ. ނަޒާހަތްތެރިކަމާއެކު ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ވާން އެބަޖެހެއެވެ. 

ނޫސްވެރިކަމަކީ ވަރަށް މުހިންމު މަސައްކަތެކެވެ. އެތައް ބައެއްގެ ހައްގުތަކަކާއި ގުޅިފައިވާ ބޮޑު ޒިންމާއެކެވެ. ތެދު މައުލޫމާތުތައް އާންމުކޮށް ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑު ރަނގަޅަށް ހިފަހައްޓާ ނޫސްވެރިންނަށް ޝުކުރު ހައްގެވެ. 

+1
0
+1
0
+1
4
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް