January 19, 2025 00:40
Advertisement

-Advertisement-

ކަރަންޓް ބިލް ބޮޑުވާ ސަބަބުތަކާއި، ކުޑަކުރުމަށް ކުރެވިދާނެ ކަންތައް!

ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމުގައި ކަރަންޓް ބިލް ބޮޑުވެއެވެ. އަދި ޚާއްސަކޮށް ހޫނުމޫސުމާއި ރޯދަމަސް ދިމާވެއްޖެނަމަ ގިނަ ގޭގޭގައި ބިލް ބޮޑުވެއެވެ. އެހެން މަސްމަހާއި އަޅާބަލާއިރު މިދިޔަ އޭޕްރީލް މަހު ކަރަންޓް ބިލް ބޮޑުވެފައިވާތީ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކޮށްފައެވެ. މީގެތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓުތަކުގައި ދިރިއުޅޭ މީހުން ހިމެނެއެވެ. މި ޝަކުވާތަކާއެކު ކަރަންޓް ބިލަށް މިބަދަލު އައީ ކީއްވެތޯ ބަލާލީމެވެ.

ބިލް ބޮޑުވާން ދިމާވި ސަބަބުތައް:

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވަނީ ވަރަށް ތަފްސީލްކޮށް ކަރަންޓް ބިލް ބޮޑުވާން މެދުވެރިވާ ސަބަބުތައް ވިދާޅުވެދެއްވާފައެވެ. ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުކުރާނެ ކަމުގެ ސަތޭކަ އިންސައްތަ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި ޝައްކުވާނަމަ ސްޓެލްކޯ އަށް އައިސް ބިލިން ސިސްޓަމް ކުރިއަށްދާގޮތް ބަލާލެވިދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

" ކަރަންޓް ބޭނުންކުރާ އަދަދު ބޮޑުވުމާއެކު އެއްބޭންޑުން އަނެއް ބޭންޑަށް ބަދަލުވާނެ. ފުރަތަމަ ބޭންޑުގަ އިންނަނީ 0–100 ޔުނިޓަށް މިސާލަކަށް ޔުނިޓަކަށް ދޮޅުރުފިޔާ. ހޫނު މޫސުމާއި ގުޅިގެން ދެވަނަ ބޭންޑަށް އަރާވަރަށް ކަރަންޓް ބޭނުންކޮށްފިނަމަ ދެވަނަ ބޭންޑުގައި މިއިންނަނީ މިސާލަކަށް ޔުނިޓަކަށް ދެރުފިޔާބައި އެއިރުން އަގު ހަދާއިރު ބިލް ބޮޑުވާނެ. ހަމައެގޮތަށް ތިންވަނަ ބޭންޑަށް އައުމުން ފުރަތަމަ ދެބޭންޑަށް އަރާވަރަށްވުރެ ބޮޑުވާނެ. ކަރަންޓް ބޭނުންކުރާ އަދަދު އިތުރުވުމުން އެ ބޭންޑުތަކުގެ ރޭޓުން ބިލްކުރާތީ ބިލް ބޮޑުވަނީ". ޝަރީފް ވިދާޅުވިއެވެ.

ބިލް ކުޑަކުރެވިދާނެ ގޮތް

ކަރަންޓް ބޭނުންކުރާ މިންވަރު ދުވަހެއް ދުވަހަކަށް މައްޗަށް ދާއިރު ބިލް ބޮޑުވާ އެހެން ސަބަބުތަކެއްވެސް އެބަހުއްޓެވެ. ސްޓެލްކޯ އަށް ފާހަގަވެފައިވާ ގޮތުގައި ކަރަންޓްގެ ހަރަދު އެންމެ ބޮޑުވަނީ ހޫނުމޫސުމުގައި ފިނިކުރުމަށް ބޭނުންކުރާ ވަސީލަތްތަކުންނެވެ. އޭގެތެރޭގައި އޭސީ އަދި އައިސްއަލަމާރި ހިމެނެއެވެ.

ޝަރީފް ބައްދަލްވުމެއްގައި ވާހަކަދައްކަވަނީ

" ކަރަންޓް ހަރަދު ކުޑަ އިންވާޓަރ އޭސީ އެބަހުރި. އޭސީ ބޭނުންކުރުމުގައި ކަރަންޓް ހަރަދު ކުޑަވާނެ ގޮތްތައް އެބަހުރި. އައުޓްޑޯ ޔުނިޓް ބަހައްޓާފަ ހުންނަ ތަނުގެ ސަބަބުން ކަރަންޓް ބިލް ބޮޑުވޭ. މިސާލަކަށް ހިޔާފުލެޓުގައި އެހުންނަނީ ވަރަށް ކުޑަ ވައިގޮޅި. އެވައިގޮޅީގައި ގިނަ އަދަދެއްގެ އައުޓްޑޯ ޔުނިޓް ބަހައްޓާފަ ހުންނައިރު ހޫނުމޫސުމުގައި އެތަނަށް އަތްދިއްކޮށްގެން ގިނައިރު ނުބެހެއްޓޭނެ. އެހާވެސް އެތަން ހޫނުގަދަ. ވައިގޮޅި އެހާ ހޫނުގަދަވުމުން ވައި ރަނގަޅަށް ބޭރުނުވެ ހޫނުވުމުން އޭސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު މަތިވެގެންދާނެ. އޭސީގެ އައުޓްޑޯ ޔުނިޓް ބަހައްޓަންވީ ހާމަކަންބޮޑު ތަނެއްގައި ވީހާވެސް ވައިޖެހޭގޮތަށް. އެއިރުން ކަރަންޓް ހަރަދު ކުޑަވާނެ" ޝަރީފު ވިދާޅުވިއެވެ.

އަދި ބިއްލޫރި ޖަހާފަ ހުންނަ ދޮރެއްވެއްޖިއްޔާ ދޮރުފޮތި ބޭނުންކުރުމުން ހޫނުމިން ދަށްކޮށްދީ ކަރަންޓްގެ ހަރަދު ކުޑަވާނެއެވެ. ނިއްވާލާފަ އިރުއިރުކޮޅާ ޖެއްސުމުގެ ބަދަލުގައި ގިނައިރުވަންދެން ޓެމްޕަރޭޗަރ 25 ގައި އޭސީ ޖައްސާފަ ބެހެއްޓިދާނެއެވެ.  

ވައިގޮޅީގައި ހަރުކޮށްފަހުރި އައުޓްޑޯ ޔުނިޓެއް

ތިރީގައި މިވަނީ ބިލް ކުޑަކުރެވިދާނެ އިތުރު ގޮތްތައް:

  • ކޮންމެހެން ދިއްލަން ޖެހިގެން ނޫނީ ބޮކި ނުދިއްލުން. އެނަރޖީ ސޭވިންގ ބޮކި ބޭނުންކުރުން
  • ކޮމްޕިއުޓަރ އަދި ޑީކޯޑަރ ފަދަ ތަކެތި ބޭނުންނުކުރާ ވަގުތުގައި ނިއްވާލާފައި ބެހެއްޓުން
  • ކޮންމެދުވަހަކު މަދުއެތިކޮޅެއް ދޮވުމުގެ ބަދަލުގައި ވަކިގޮތަކަށް ބަހާލައިގެން އެއްޗެހި ދޮވުން
  • ކަރަންޓް ބިލަށް އަރާވަރު މޮނީޓަރކުރުން، ބިލް ބޮޑުވާނަމަ ބޮޑުވާ ސަބަބު ދެނެގަތުން. މިސާލަކަށް ކަރަންޓް އެންމެ ބޮޑަށް އަރަނީ ކޮންއެއްޗަކަށްތޯ ބެލުމަށްފަހު އެއެއްޗެއް ބޭނުންކުރާވަރު މަދުކުރުމަށް މަސައްކަތްކުރުން.

ކަރަންޓް ބޭނުންކުރާ މިންވަރު ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދެމާތޯއެވެ. ސްޓެލްކޯގެ އެޕްގައި ފެންނަންހުރި ކަލްކިޔުލޭޓަރ ބޭނުންކޮށްގެން މީޓަރގެ ރީޑިންގ ޖެހުމަށްފަހު ކަލްކިޔުލޭޓް ކުރެވިދާނެއެވެ. އެއިރުން ބިލާއި މެދު ޝައްކުވާނަމަ ބިލުގައި ހުރި އަދަދާއި އަމިއްލައަށް ކަލްކިޔުލޭޓްކުރި އަދަދު ދިމާވޭތޯ ބެލިދާނެއެވެ.

ސްޓެލްކޯ އިން ދަނީ ސްމާޓްމީޓަރ ތަޢާރަފް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެއިރުން އެވަރެޖް އިން މައްޗަށް ކަރަންޓް ބޭނުންކުރާ ދުވަސްދުވަހު އެލާޓް އަންނާނެ ގޮތެއް ތަޢާރަފް ކުރެވޭނެއެވެ. މިކަން ވެގެންދާނީ ކަރަންޓް ބިލް ކުޑަކުރުމަށް އެޅޭ ބާރަކަށެވެ. 

+1
1
+1
0
+1
5
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް