ކުޑަދަރިފުޅު މި ދުނިޔެއަށް އުފަންވާ ވަގުތަކީ އެ ދަރިފުޅުގެ އިންތިޒާރުގައި ވަރަށް ގިނަ މީހުން ތިބޭ ޚާއްސަ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅު އެންމެ ޚާއްސަވަނީ އެ ދަރިފުޅުގެ ލޯބިވާ މައިންބަފައިންނަށެވެ. ޚާއްސަކޮށް މަންމައަށެވެ.
ބަނޑުބޮޑުވިކަން އެނގޭ ހިސާބުން ތަފާތު ތަކުލީފުތަކާއި ވޭން އުފުލާ، ދަރިފުޅުގެ އިންތިޒާރުގައި ހުރި އެ މަންމަގެ މައިކުލުނަކީ ލިޔުމުން ބުނެދެވޭ ވަރަށްވުރެ ޚާއްސަ ކުލުނެކެވެ. މައިންގެ ހިތުގައި ދަރިންނާމެދު އެ އޮންނަ ލޯތްބަކީ އެ ދަރިފުޅުގެ ހިތުގައި ޖައްސަން ބޭނުންނުވެ އުފަލުގައި އަބަދަށް ގެންގުޅެން ބޭނުންވާފަދަ ލޯތްބެކެވެ.
ލޯބިވާ ދަރިފުޅު އުފަންވުމާއެކު އެ ދަރިފުޅަށް ބޭނުންވާ އެންމެހާ ކަންތައްތައް ކޮށްދެނީ ބަދަލުގައި ކަމެއް ބޭނުންވެގެނެއް ނޫނެވެ. އަރާމާއި ނިދި ނަގާލާ އެތައް ރެއަކާއި ދުވާލެއް އެ ހޭދަ ކުރަނީ އެ ދަރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށެވެ. އަމިއްލަ އުފާތަކުން މަހްރޫމްވެގެންވެސް އިސްކަންދެނީ ދަރީންގެ މުސްތަގުބަލަށެވެ. މިއީ ގިނަ މައިންގެ ހަގީގަތެވެ. އެކަމަކު އެ މަންމަ އުމުރުން ދުވަސްވުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ދަރީންގެ ހަނދާނުގައި މަންމަ ކޮށްދިން ކަންތައްތަކެއް ނުހުރެއެވެ. ލޯބިވާ މައިންބަފައިންގެ ހާލު ބަލާލާ އެ މީހުންނަށް ޚިދުމަތް ކޮށްދިނުމުގައި ތިބެނީ މަދު އަދަދެއްގެ ދަރީންނެވެ.
އަސަރާއެކު 'ޒީޓައިމްސް' އާއި މައުލޫމާތު ހިއްސާކުރި މަންމައަކު ކިޔައިދިނެވެ. " ލޯބިވާ ދަރިފުޅު ކިޔަވަން ރަށުން ބޭރަށް ދިޔަގޮތަށް އޯލެވެލް ނިންމުމަށްފަހު ވަޒީފާ އަދާކުރަން ފެށީ ރިސޯޓެއްގައި. މިއަދު އެ ދަރިފުޅަކަށް މައިންބަފައިން މުހިންމެއް ނޫން. ގުޅައިގެން ހާލު ބަލާނުލާއިރު ހަމަލޮލަށް ފެނުނު ހަނދާނެއްވެސް ނެތް".
ވިސްނާލަބަލާށެވެ. މި މައިމީހާ ހާދަ ހިތްދަތިވާނެއެވެ. ކައިރީގައި ގިނަ ދަރިން ތިބީކީއެއް ނޫނެވެ. އުފަން ދަރީން މިދުނިޔޭގައި ތިބެ ދުނިޔެއަށް އެކަނިވެރިވީއެވެ. މި މައިމީހާގެ ހައްގު ކޮބައިހެއްޔެވެ. މިގޮތަށް އަމަލުކުރަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. މިއީ މިއަދު އެތައް މައެއްގެ ހިތުގެ އުދާސްތަކެވެ. ރަށުން ބޭރުގައި ދިރިއުޅޭ ދަރީންގެ އެހީތެރިކަމެއް ނުލިބި މިދުނިޔެއާއި ވަކިވެދަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ލޯތްބާއި އަޅާލުން އެ މައިންނަށް ދިނުމަށް އަވަސްވެގަންނަމާތޯ އެވެ. މައިމީހާގެ ފައިތިލަ ދަށުން ނޫނީ ސުވަރުގެވެސް ނުވަދެވޭނޭ ބުނާ އަޑު ނައަހަން ހެއްޔެވެ؟
އިސްލާމް ދީނުގައި ވެސް ވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. މައިންބަފައިންގެ ކުރިމަތީގައި 'އުފް' ވެސް ބުނުމަކީ ކޮށްގެންވާނެ ކަމަކަށް ނުވާއިރު އެ މައިންބަފައިންނާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ކިޔާއިރު ހަމަ ނުވިސްނެނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟ މައިންބަފައިން ނުރުހޭގޮތަށް އަދި ހިތުގައި ޖެހޭގޮތަށް ކަންތައްތައް ނުކުރާ ބަޔަކަށް ވަމާ ހިގާށެވެ.
ބައިނަލް އަގްވާމީ މަންމައިންގެ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ލޯބިވާ މަންމައިން ތިޔަ އުފުލާ ބުރައާއި ކުރަމުންދާ ހިތްވަރަށް ސާބަހެވެ.