ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ ވިޔަފާރިތަކުގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ދޭ " ގޯލްޑް 100 އެވޯޑް " ހާސިލުކުރި ފަރާތްތަކަށް އެވޯޑު ދިނުމަށް ޚާއްސަ ހަފްލާއެއް ބާއްވާފައި ވަނީ ކުރޮސްރޯޑް ގައެވެ. ރޭގައި ބޭއްވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ކޯޕަރޭޓް މޯލްޑިވްސް އިން އިސްނަގައިގެން ކުރާ މަސައްކަތުގެ ދަށުން ދޭ މި އެވޯޑު ރާއްޖޭގެ ފާހަގަކުރެވޭ ވިޔަފާރިތަކުން ވަނީ ހާސިލުކޮށްފައެވެ. މީގެތެރޭގައި އަލްޝާލީ މެރިން މޯލްޑިވްސް ވެސް ހިމެނެއެވެ. އަލްޝާލީ އިން މި އެވޯޑާއި ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އިސްމާއީލް ޝަރީފް އެވެ. މިއީ އަލްޝާލީ އަށް މިއެވޯޑު ލިބުނު 6 ވަނަ ފަހަރެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ އިޤްތިސާދު ކުރިއަރުވައި ވަޒީފާތައް އުފެއްދުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ޤައުމީ ތަރައްޤީއާއި މުޖުތަމައުގެ ލާބަޔާ މަންފާއަށް އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވިއެވެ. މި ހަފްލާގައި ވަނީ "ގޯލްޑް 100" މެގަޒިން ނެރެދެއްވާފައެވެ.
އެންމެ ރަނގަޅު 100 ކުންފުނި ހޮވުމުގެ އިތުރަށް ކޯޕަރޭޓް މޯލްޑިވްސް އިން ދަނީ ކޮންމެ އަހަރަކުވެސް ވިޔަފާރީގެ ދާއިރާއިން " ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް " ވެސް ދެމުންނެވެ. މިއަހަރު މި އެވޯޑު ލިބިވަޑައިގަތީ އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ބާނީ އަޙްމަދު ނާޝިދު އަށެވެ. ނާޝިދަށް މި އެވޯޑު ލިބިވަޑައިގަތީ ވޭތުވެދިޔަ 36 އަހަރު ދުވަހު ވިޔަފާރީގެ ތެރެއިން ރާއްޖެއަށް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.
ގޯލްޑް 100 ގެ އެވޯޑު ދިނުމުގެ މި ހަފްލާގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ އެންމެ އިސްވެރިންނާއި ބައެއް ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި ލިސްޓަށް ކުންފުނިތައް ހޮވަނީ ޚާއްސަ ކޮމިޓީއަކުން ބެލުމަށްފަހުގައެވެ. އެންމެ ފުރަތަމަ މި އެވޯޑު ދޭން ފެށީ 2017 ވަނަ އަހަރުގައެވެ.