November 24, 2024 19:58
Advertisement

-Advertisement-

ވޭތުވެދިޔަ 2 އިންތިޚާބުގެ ނަތީޖާ ފޮޓޯ: ސޯޝަލް މީޑިއާ

ރިޔާސީ އިންތިޚާބު 2023: ތާއީދު ދެމިއޮންނާނީ ރައްޔިތުންނަށް އިހްތިރާމްކޮށްގެން!

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އިއްޔެ ނިމުނުއިރު އެއްލައްކައަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެން ކުރި ހޯއްދެވީ އިދިކޮޅު ޕީޕީއެމް އަދި  ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އެވެ. ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ.

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއިން އިންތިޚާބު ކާމިޔާބު ކުރަން މަސައްކަތްކުރީ އަދާލަތު އަދި އެމްޑީއޭ އާއެކު ކޯލިޝަން ހަދައި ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީވެސް އޮވެގެން ފުރިހަމަ ބާރާއި އެކުގައެވެ. އެހެންނަމަވެސް މި ލިބުނު ނަތީޖާއަކީ ލިބުނު ބައްޔެކޭ ބުނެވިދާނެއެވެ.

ވޯޓުލި މީހުންގެ އަދަދު މަދުވަނީ ކީއްވެ؟

Advertisement

މިއީ އެންމެ މަދުން މީހުން ވޯޓުލި ރިޔާސީ އިންތިޚާބެވެ. ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބޭއިރު އޭގެ ތެރެއިން ވޯޓުލާފައިވަނީ 75 އިންސައްތަ ވަރަކަށް މީހުންނެވެ.

އިންތިޚާބުގެ ދުވަސްކޮޅު މީހުންނާއި ވާހަކަ ދައްކާލުމުންވެސް ބައެއް މީހުން ވޯޓުލާން ބޭނުންނުވާކަން ފާހަގަވިއެވެ. އެންމެ ބޮޑު އެއް ސަބަބުކަމަށް ބުނަނީ ވެރިކަމަށް އައުމަށްފަހު އަމަލުކުރާގޮތެވެ. ތަފާތުކުރުންތައް ބޮޑުވުމެވެ. ވަކިބަޔަކަށް ނާޖާއިޒު ފައިދާ ލިބުމެވެ. ވަޒީފާ ދިނުމުގައި އިންސާފުވެރި ނުވުމެވެ. ނުހައްގު މުއްސަނދިކަމެއް ވަކި ބަޔަކު ހޯދާއިރު އެއަށް ފާރަވެރިވާނެ މުއައްސަސާއެއް ނެތުމެވެ. ކުށްކުރާ މީހުންނާމެދު ފިޔަވަޅު ނެއެޅުމެވެ. އަރިހުގައި އުޅޭ މުއްސަނދި ބާރާއި ނުފޫޒުގަދަ މީހުންނަށް ވަކިގޮތަކަށް އަމަލުކުރުމެވެ.

ފައިސާ އާއި ނުފޫޒަށް ބޯލަބާނެ ރައްޔިތުން މަދު

ފައިސާއާއި ނުފޫޒަށް ބޯލަބާނެ ރައްޔިތުންގެ އަދަދު އިންތިހާއަށް މަދުވެއްޖެކަން ގަބޫލުކުރަން އެބަޖެހެއެވެ. ފައިސާ ހުއްޓަސް ނުކުރެވޭނެކަންތައް ހުންނާނެއެވެ. ފައިސާ އޮވެގެން އިންތިޚާބެއް ކާމިޔާބުވާނެނަމަ ރާއްޖޭގެ އެއް މަހުޖަނު ޤާސިމް އިބްރާހީމް އަށް އިންތިޚާބު ކާމިޔާބުވީހެވެ. ކިންގް މޭކާއެއްގެ ގޮތުގައި މަޝްހޫރުވި ޤާސިމަށް މިފަހަރު އެލިބިވަޑައިގަތީ ވޯޓުލި 2 ލައްކައެއްހާ މީހުންގެ ތެރެއިން އެންމެ 5469 މީހުންގެ ވޯޓެވެ. މިއީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އަށް ލިބިވަޑައިގެންނެވި 48000 ވޯޓާއި އަޅާބަލާއިރު އިންތިހާއަށް މަދު އަދަދެކެވެ.

މި އިންތިޚާބުގައި 3 ވަނަ އަށް ދިޔަ ދަ ޑިމޮކްރެޓްސް އަކީ ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީގެ ފަރާތުން އިއްލިޔާސް ލަބީބު ވާދަކުރައްވާ 15000 ވޯޓު ލިބިވަޑައިގަތަސް މިއީ ކުރީގެ ރައީސަކު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ބޭފުޅަކު އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި ކެންޕެއިނަކާ ބަލާއިރު މަދު އަދަދެކެވެ. މިފަހަރުގެ އިންތިޚާބުގައި ބޮޑު ބަޖެޓެއްނެތި ކުޑަ ޓީމަކާއެކު މަސައްކަތްކޮށްގެން 4 ވަނައަށް ކާމިޔާބު ހޯއްދެވީ 6000 ވޯޓު ހޯއްދަވައިގެން އުމަރު ނަސީރެވެ. އުމަރު ނަތީޖާ ހޯއްދެވީ ސިޔާސަތުތައް ވިއްކައިގެންނެވެ.

އެންމެންގެ ވޯޓުވެސް މުހިންމު

މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ. ޤައުމުގެ ކުރިމަގު ކުރިއަށް އޮތް 5 އަހަރަށް ނިންމާނެ ވެރިއަކު ހޮވުމަށް ބާއްވާ މި އިންތިޚާބުގައި އެމީހަކަށް ފެންނަ ގޮތަކަށް ވޯޓުދޭން އެބަޖެހެއެވެ. އެއްވެސް ނުފޫޒެއް ނެތި ގޮތް ނިންމެން އެބަޖެހެއެވެ. ވޯޓު ދިނުމުގައި މަގާމާއި ފައިސާގެ ނުފޫޒު އޮވެގެން ނުވާނެއެވެ.

ތާއީދު ބޭނުންނަމަ ރައްޔިތުންނަށް އިހްތިރާމްކުރޭ

ވެރިކަން ލިބުމާއެކު ފެނިގެންދަނީ އަރިހުގައި އުޅޭ މުއްސަނދިންނާއި ބާރާއި ނުފޫޒުގަދަ މީހުންގެ މެދުގައި ސަރުކާރުގެ މަގާމްތައް ބަހާލެވޭތަނެވެ. އެ 5 އަހަރުގެ ދައުރުގައި އާންމު ރައްޔިތު މީހާ ބާކީވެގެންދާތަނެވެ. ތަޢުލީމާއި ތަޖުރިބާ ހުއްޓަސް ވަޒީފާ ނުލިބި އުޅެންޖެހެއެވެ. ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހެއެވެ. ބޯހިޔާވަހިކަމެއް ނުލިބި މުޅިއުމުރު ގަނަ ތެޅެންޖެހެއެވެ. ރައްޔިތުން ބޭނުންވަނީ ތަފާތު ކުރުމެއް ނެތި އިންސާފުވެރިކަމާއެކު ވެރިކަން ކުރާނެ ވެރިއެކެވެ. އެހެންނޫނީ ކޮންމެ 5 އަހަރަކުން އައު ވެރިއަކު ހޯދުމަށް ރައްޔިތުން ޑިމާންޑްކުރާނެއެވެ. ގޮތް ނިންމާނީ ރައްޔިތުންނެވެ. އަރިހުގައި އުޅޭ ސިޔާސީ ލީޑަރުންނާއި މުއްސަނދިންނެއް އެކަންޏެއް ނޫނެވެ. ރައްޔިތުންނަށް އިހްތިރާމްކޮށް ރައްޔިތުންނަށް ހެޔޮ އެދޭ ވެރިއަކަށް ވާން އެބަޖެހެއެވެ. 

+1
2
+1
0
+1
11
+1
1
+1
0
+1
1
+1
0

Advertisement

ކިޔުންތެރިންގެ ހިޔާލު

  1. ވަރަށް ރަނގަޅު ވާހަކައެއް، ބިންހިއްކުމަށް ބަދަރުހެދިޔަސް މުސާރަ
    ބޮޑުކުރުމަށް ހިލޭ ޑިގްރީއަށް ކިޔަވާ ދިނަސް ފެނާއި ނަރުދަމާ އެޅިއަސް ހުރިހާ ރައިއްޔަތުން ވެރިމީހާގެ ކުރިފުޅު
    މަތީ އެއްމިންގަނޑުން މިނެންޖެހޭނެ
    ޕާޓީމީހާއާއި ރަހުމަތްތެރި މަހުޖަނުން އަރިސް ބޭފުޅުން މިފަރާތްތަކާއި ޢާއްމު
    ރަޢިއްޔަތާއި ތަފާތުނުކޮށް ޢަދުލުވެރިކަމާއި،އިންސާފުން ދީނާއި ދައުލަތުގެ ކަރާމާތް ރައްކާތެރިކޮށް ކޮރަޕްޝަންހުއްޓުވާ ނަޒާޙަތްތެރި ވެރި
    ކަމެއްކޮށްފި ކަމުގާވާނަމަ ރައިއްޔަތުން
    އެވެރިޔަކު ބަލައިގަންނާނެ!

    1
    1

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް