November 24, 2024 02:35
Advertisement

-Advertisement-

ޣައްޒާގެ ހޮސްޕިޓަލެއްގެ ބޭރުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑު

ކޮންފަދަ ހިތްދަތި މަންޒަރެއް! އެ މަންޒަރު ބަލަން ހިތަށް ކުޅަދާނަހެއްޔެވެ؟

އެއީވެސް އަހަރެމެން ފަދަ މުސްލިމުންނެވެ. ތަފާތަކީ އުފަންވީއްސުރެ އެމީހުން އުޅެންޖެހިފައިވާ ހާލަތެވެ. ޔަހޫދީންގެ އަނިޔާވެރިކަމުގެ ދަށުގައި ވޭތުވެދިޔަ 71 އަހަރު ކުށެއްނެތި އުޅެމުންދިޔަ ފަލަސްޠީނުގެ ޣައްޒާގެ 2.3 މިލިއަން ރައްޔިތުން އެކުރާ ޖިހާދަށް އައްސަރިބަހާއި ސާބަހެވެ. އާއިލާގެ އެތައްބަޔަކު ޝަހީދުވެ ވަންނާނެ ގެދޮރެއް ނެތި މަގުމަތިވިއަސް އެމީހުންގެ އަޒުމަކަށް ބަދަލެއް ނާދެއެވެ. ޔަހޫދީންނާއި ދެކޮޅަށް ސާބިތުވެ ތިބުމަށް ތިބީ އަޒުމް ކަޑައަޅައިގެންނެވެ.

ފަލަސްޠީނުގެ ބިމުގެ 90 އިންސައްތަ ގަދަކަމުން އަތުލައިގެން އުޅޭ ޔަހޫދީންގެ ކިބައިން ފަލަސްޠީން މިނިވަން ކުރުމަށްޓަކައި ހަނގުރާމަކުރަމުންދާ ހިތްވަރުގަދަ ހަނގުރާމަވެރިން މިމަހު 7 ވަނަ ދުވަހު ދިން ކުއްލި ހަމަލާތަކުގެ ރައްދެއްގެ ގޮތުގައި އިސްރާއީލުގެ ހައްދުފަހަނައެޅި ޔަހޫދީން ދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ޝަހީދުވި ފަލަސްޠީން މީހުންގެ އަދަދު 1900 އަށްވުރެ ގިނަ ކަމަށް ފަލަސްޠީނުގެ ސިއްޙީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މީގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. 

ޣައްޒާގެ އެކިދިމަދިމާއަށް ޔަހޫދީންގެ ހަމަލާތައް އަމާޒުވަމުން އަންނައިރު ޒަޚަމްވި މީހުންގެ އަދަދުވަނީ 7000 އާއި ގާތްވެފައެވެ. ގެދޮރު ގެއްލިފައިވާ މީހުންގެ އަދަދު އެއްލައްކައިން މައްޗަށް އަރައެވެ. ފަރުވާދެވޭނެ ގޮތެއް ނެތި އެތައްބައެއްގެ ފުރާނަދާއިރު އެންމެ އެކަށީގެންވާ ގޮތަކަށް އެހީ ފޯރުކޮށްދިނުމަށްވެސް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.  

Advertisement

އަދި ޣައްޒާގެ އުތުރުބިތުގައި ދިރިއުޅޭ މީހުން އެމީހުން ދިރިއުޅޭ ގެ ދޫކޮށް އެހެން ސަރަހައްދަކަށް ދިއުމަށް ވަނީ އަންގާފައެވެ. ޔަހޫދީންގެ އެންގުމާއެއްގޮތަށް ގެތައް ދޫކޮށް ނުގޮސްފިނަމަ އެ ސަރަހައްދު އެއްކޮށް ގޮއްވާލާނެކަމުގެ ބިރު ވަނީ ހީވެފައެވެ.

މަރުވެފައިވާ މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވަމުން އަންނައިރު މި ފޮޓޯތައް ފެނުމުން އެކުރެވޭ އިހުސާސް ލިޔުމުން ބުނެދޭންވެސް ދައްޗެވެ. އެއް ފޮޓޯއިން ފެންނަނީ ތުއްތުކުއްޖަކު ބައްޕަގެ އަތްމަތީގައި އޮށޯވެގެން އޮތްއިރު އެދެބަފައިންގެ ފުރާނަނެތް މަސްގަނޑެވެ. މިފަދަ އެތައް ފޮޓޯއެއް ރެއާއި ދުވާލު ފެންނައިރު އާއިލާގެ ގިނަމީހުން މަރުވެ ކުޑަކުދިން ޔަތީމްވެ ހާލުގައިޖެހިފައިވާ ވީޑިއޯތައް ވެސް ވަނީ ފެނިފައެވެ. ޣައްޒާގެ ހޮސްޕިޓަލުގެ ދޮރުމަތި ފުރިފައިވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކުންނެވެ. ހޮސްޕިޓަލު ފުރިގެން ޒަޚަމްވެފައިވާ މީހުން އިތުރަށް ވައްދާނެ ޖާގައެއްނެތެވެ. 

ބައްޕައާއި ކުޑަދަރިފުޅު މަރުވެފައި. މިއީ ކޮންފަދަ ހިތްދަތި މަންޒަރެއް

ފަލަސްޠީނުގެ ރައްޔިތަކު ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ފަލަސްޠީނުގެ ކުޑަކުދިންނާއި ޒުވާނުން ބުނެފައިވެއެވެ. "އަހަރެމެން މިހެން އުޅެން މިޖެހެނީ ކީއްވެ؟ ކޮބާ އަހަރެމެންގެ ކުށަކީ؟ އަހަރެމެންނާއިމެދު ޔަހޫދީން ކަންތައްކުރާ ގޮތް ދުނިޔެއަށް ނުފެންނަނީތަ؟ މި އަނިޔާއިން އަހަރެމެން ސަލާމަތްކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނީ ކޮންބައެއް؟". ކުށެއްނެތް މައުސޫމު ކުދިން އެފާހަގަކުރިގޮތަށް އެމީހުންގެ ކެކުޅުންތަކުގެ އަޑުއަހާ އެކަމަށް ހައްލެއް ހޯދައިދެވުނު ބައެއް ނެތެވެ.

މުޅި ޣައްޒާގެ ރައްޔިތުން ވަނީ ކަރުނައާއި ކަންބޮޑުވުމާއި ހާސްކަމެއްގެ ތެރޭގައެވެ. ދެމުންދާ މިސައިލް ހަމަލާތަކުގައި ދެންމެ ދެންމެ ފުރާނަ ގޮސްދާނެހެން ހީވެއެވެ. އެކި ސަރަހައްދުތަކުގައި ލެއިން ތައްތެޅިފައި ތިބި މީހުން ތިބިއިރު އެހީއަށް އެދި ދާނެ ތަނެއް ނެތެވެ. ވަށައިގެން ނުކުމެވެން ހުރި ބޯޑަރުތައް ހުރީ ޔަހޫދީންގެ ބާރުގެ ދަށުގައެވެ. މަގުމައްޗަށް ނުކުތުންވެސް އެއީ ބިރުވެރިކަމަކަށްވެފައިވާއިރު ކަރަންޓެއް ނެތެވެ. ބޯނެ ފެނެއް ނެތެވެ. ހަމައެކަނި އެހީގެ ތަކެތި ފޯރުކޮށްދެވެނީވެސް ހަމައެކަނި މިސްރަށް ވަދެވެން ހުރީ ބޯޑަރުން އެކަންޏެވެ. އެހީ ހިފައިގެން އަންނަ ބަޔަކަށްވެސް ހަމަލާދޭނެކަމަށް ޔަހޫދީން ބުނެފައިވާއިރު މިއީ ކޮންފަދަ ބޮޑު އިންސާނީ ކާރިސާއެއް ހެއްޔެވެ. ދުނިޔޭގެ ގައުމުތައް ނިދާފައިއޮއްވާ ޔަހޫދީންގެ ހަމަލާތަކުގައި ޣައްޒާ އެދަނީ ނެތިވަމުންނެވެ. 

ފަލަސްޠީނުގެ ރައްޔިތުންނަށް ނަސްރު ލިބޭތޯ ގިނަގިނައިން ދުޢާކުރަމާ ހިގާށެވެ. އަދި ވެވުނުމިންވަރަކުން އެހީތެރިކަން ފޯރުކޮށްދެމާ ހިގާށެވެ. 

+1
1
+1
1
+1
0
+1
0
+1
0
+1
0
+1
6

Advertisement

ގުޅުންހުރި ލިޔުންތައް