ދިވެހި ކަނބަލުންގެ ތެރޭގައި މަސައްކަތްތެރި ތަފާތު ރޮނގުތަކުން ފާހަގަކުރެވޭ މީހުން އުޅެއެވެ. ރ. އަތޮޅު އަލިފުއްޓަށް އުފަން އުމުރުން 77 އަހަރުގެ ސިއްތިފުޅު މުހައްމަދަކީ މިފަދަ ފާހަގަކުރެވޭ ޚިދުމަތްތެރިއެކެވެ. ސިއްތިފުޅު ކިޔައިދިން ގޮތުގައި 7 ދަރިންނާއި ފިރިމީހާ ހިމެނޭ މިއާއިލާ އެންމެ ފުރަތަމަ ދިރިއުޅުނީ އަލިފުށީގައެވެ. ފިރިމީހާ އަކީ އެއިރު މުދައްރިސަކަށް ވުމުން ވަޒީފާ އަދާކުރުމަށް ކިނޮޅަހަށް ބަދަލުވީއެވެ. 'ޒީޓައިމްސް' އަށް އިންޓަވިއު ދިންއިރުވެސް ސިއްތިފުޅު އިނީ ފަންގިވިންނާށެވެ.
ފަންގިވިނުމުގެ މަސައްކަތް ފެށުނު ގޮތް
ފަންގިވިނުމުގެ މަސައްކަތް ފެށީ މީގެ 40 ވަރަކަށް އަހަރު ކުރިންނެނެވެ.
" އެއީ 1984 ވަނަ އަހަރު. އަންހެނުންގެ ކޮމިޓީގެ މަސައްކަތަށް ގޮއްސަ އައިސް އެއްދުވަހަކު ހިތަށްއެރީ ސާންތި ވިއުމަކީ ވަރަށް ބުރަ ބުރަކަށީގައި ރިއްސާ މަސައްކަތެކޭ. ފަންގިވިންނަން ދަސްކޮށްގެން އެހިސާބުން ފެށިގޮތަށް މިމަސައްކަތް މިކުރަނީ". ސިއްތިފުޅު ކިޔައިދިނެވެ.
ފަންގިވިންނަ ދުވަހެއްނަމަ ދުވާލަކު 4 ގަނޑު ވިންނަ ކަމަށާއި، ވިއްކަނީ ރިސޯޓްތަކަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ. މިމަސައްކަތަށް ބޭނުންވާ ފަން ހޯދަނީ ކިނޮޅަހުންނެވެ. ހިތްވަރާއެކު ކުރެއްވިއްޖެނަމަ މިއީ ރަނގަޅު އާމްދަނީއެއް ލިބޭނެ މަސައްކަތެއްކަމަށް ސިއްތިފުޅު ވަނީ ބުނެފައެވެ. ފަންބޮނޑިއެއް 100 އަށްވުރެ ގިނަ ރުފިޔާއަށް ރިސޯޓްތަކަށް ވިކެއެވެ.
ފޫޅުމައެއްގެ ގޮތުގައި އަތޮޅަށް ގިނަ ޚިދުމަތްތަކެއް
ކުރީޒަމާނުގައި ފޫޅުމައެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް ބުރަ އެހާމެ ގިނަ ވަގުތު އެކަމަށް ހޭދަވާކަމެކެވެ. ކުޑަކުޑަ 7 ކުދިން ގޮވައިގެން އުފަން ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭއިރު މިމަސައްކަތުގައި އަދި މާބޮޑަށްވެސް ބުރަވާނެއެވެ. އެކަމަކު ސިއްތިފުޅު ފާހަގަވީ ދަންވަރަކަސް ދުވާލަކަސް ފަސްޖެހުމެއްނެތި އަތޮޅުތެރޭގެ ކޮންމެ ރަށަކުން އެދުނަސް އެރަށަކަށް މީހުން ވިއްސަން ދިޔަ މީހެއްގެ ގޮތުގައެވެ.
" ފޫޅުމައަކަށް އުޅުނުއިރު މީހަކު ވިހަން ބަނޑުގައި ރިއްސަން ފަށާއިރަށް މަންމަގެ ކުދިންތައް ބައިތިއްބާފަ އަތޮޅުތެރޭގެ ރަށްރަށަށް މަންމަ ދާނެ. ކިތަންމެ ދަންވަރަކަސް މީހަކު ބުނާއިރަށް އެހީތެރިވާން ދާނެ. އެއިރު އެރަށްރަށުން މަންމަ ހޯދަން އަންނާނީ. މަންމަ އިސްކަންދޭނީ ގޭތެރޭގެ ކަންތައްތަކަށްވުރެ އެހެން މީހުންނަށް އެހީތެރިވުމަށް". ސިއްތިފުޅުގެ ދަރިފުޅަކު މައުލޫމާތު ދިނެވެ.
" ވިއްސުމުގެ އިތުރަށް ބަނޑުގެ ތެޔޮފެންލައި ދަރިފުޅު އިންނަގޮތް ބަލަން. ބައެއްފަހަރަށް ބަނޑު ހާނަންވެސް ޖެހޭ ވިހާއިރު ބަނޑުގައި ދަރިފުޅު އޮންނަންޖެހޭ ގޮތަށް ބޭއްވުމަށް. މީގެއިތުރަށް ރަހިމުގެ ފާރު ހިއްކުމަށާއި ބަނޑުގެ އެކި ކަންކަމަށް ދިވެހިބޭސްވެސް ހަދަން އެއިރު". ސިއްޙީ ފަރުވާ ކުރިއަރައިގެން އައުމުންނާއި އުމުރުން ދުވަސްވުމުން ސިއްތިފުޅު ވަނީ މިމަސައްކަތް ކުރުން ހުއްޓާލާފައެވެ.
ކޯސް ފުރިހަމަކޮށް 20 އަހަރަށްވުރެ ގިނަ ދުވަހު ފޫޅުމައެއްގެ ގޮތުގައި ސިއްހީ ދާއިރާއަށް އަދި އިޖުތިމާއީ ދާއިރާގައި ގިނަ ދުވަސްތަކަކަށް ޚިދުމަތް ކޮށްދީފައިވާތީ ކިނޮޅަހު ކައުންސިލުން ވަނީ ހަނދާނީ ލިޔުމާއި ފިލާވެސް ސިއްތިފުޅަށް ދީފައެވެ. އަދި އެކިދާއިރާތަކުން ކޮށްދިން ޚިދުމަތް ފާހަގަކޮށް އާނަންދަ އެވޯޑްވެސް ވަނީ ލިބިފައެވެ.
އަންހެނުންގެ ކޮމިޓީގައިވެސް މަސައްކަތްކުރި
ސިއްތިފުޅު ފާހަގަކުރިގޮތުގައި އަންހެނުންގެ ކޮމިޓީގައި އޭނާ ވަނީ 29 އަހަރު މަސައްކަތް ކޮށްފައެވެ. ރަށުފެންވަރުގައި އިސްކޮށް ހުރިހާކަމެއްގައިވެސް ހަރަކާތްތެރިވި ކަމަށް ވަނީ ހިތްހަމަޖެހުމާއެކު ފާހަގަކޮށްފައެވެ. މީގެ އިތުރުން ބޮނބިތަޅައިގެން ރޯނު ވެށުމަކީ ވެސް ކުރި މަސައްކަތެކެވެ.
ނިންމުން
ސިއްތިފުޅަކީ ވަރަށް މައުލޫމާތު މުއްސަނދި މީހެކެވެ. މިކަމުގެ ސިއްރަކީ އަބަދުވެސް ރޭޑިއޯ އަޑުއެހުމެވެ. އެކަމަކު ހެމުން ހެމުން ބުނީ ޓީވީ ނުބަލާކަމަށެވެ. އަދި ގޭގައި ޓީވީއެއް ނުވެސް ގެންގުޅޭކަމަށެވެ. ކޮންމެއަކަސް ސިއްތިފުޅުގެ އުމުރުން 80 އަހަރާއި ކައިރިވާއިރުވެސް ހަރަކާތްތެރިކޮށް މި ފެންނަނީ ދިރިއުޅުމަށާއި ހިތްހަމަޖެހުމަށް ކުރަމުންދާ މަސައްކަތުންނެވެ.