ޗައިނާ އަކީ ދިވެހިރާއްޖެއަށް ފަހުގެ ތާރީޚުގައި ގެނެވުނު ތަރައްގީގެ އެންމެ ބޮޑު ބައިވެރިއާއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ވަނީ އެ ޤައުމުގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ވާހަކަފުޅު ދައްކަވާފައެވެ.
ރައީސް ވަނީ ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ބަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިއަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.
ދެޤައުމުގެ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްސަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ތަރައްޤީގެ ތަސައްވުރަކީ ގުޅިގެން އެކުގައި މަސައްކަތްކޮށް އަދި ކަންކަން ތަންފީޒުކުރުމަށް އަމާޒުހިފުމުގެ ތަސައްވުރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ " ކޮމާޝަލް ސްޕައިން" މަޝްރޫޢު ވަނީ ޗައިނާގެ ހުނާން ކުންފުންޏާ ހަވާލުކޮށްފައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސްގެ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދެވެ.
ކޮމާޝަލް ސްޕައިން މަޝްރޫޢުގައި ހިމެނެނީ ގުޅިފައިވާ 7 އިމާރާތެވެ. މީގެ ތެރޭގައި ހިމެނެނީ ކޮމާޝަލް 6 އިމާރާތާއި ސަޕޯޓިންގ އިމާރާތެކެވެ. ރީޓެއިލް ފިހާރަތަކާއި ބޭންކިންގ ޚިދުމަތްތަކުގެ އިތުރުން ވެލްނެސް އާއި އެންޓަޓެއިންމެންޓް ޚިދުމަތް ލިބެން ހުންނާނެއެވެ. 50 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ބެލެވޭ މިމަޝްރޫޢު ހުނާން ކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުން ނިންމާ ގޮތަށެވެ. މިމަޝްރޫޢު ނިމުން މިސަރަހައްދު ވާނީ އެންމެ ބޮޑު ކޮމާޝަލް ޒޯނަށެވެ.