May 13, 2024 12:15
Advertisement

-Advertisement-

ހުރި ހަމައެކަނި ދަރިފުޅުގެ ބަލިހާލަތު ފެނި އިންތިހާއަށް ހިތްދަތިކަމާއި ކަންބޮޑުވުން!

އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައިވެސް އޯޓިޒަމްގެ ތަފާތު އުދަގޫތައް ތަހައްމަލު ކުރަމުންދާ އެތައް ކުދިންނެއް އެބައުޅެއެވެ. މިކުދިންނަށް ހިތްވަރުދީ ދިރިއުޅެން ދަސްކޮށްދިނުމުގައި އެންމެ ބޮޑު ޒިންމާއެއް އަދާކުރާނީ މައިންބަފައިންނެވެ. ޚާއްސަކޮށް މަންމައެވެ.

ށ. ފުނަދޫ އަށް ނިސްބަތްވާ ސުވައިދާ ހުސައިން (ސުވޭ) ގެ ހުރި ހަމައެކަނި ދަރިފުޅު ހުސައިން ސަދާދު މުހައްމަދު ސާޖިދު (ދާދު) ގެ އުމުރަކީ 14 އަހަރެވެ. އުމުރުން 2 އަހަރުގެ ފަހުން އެއްގޮތަކަށްވެސް ވާހަކަނުދެއްކޭ ދާދު ގެންގުޅުމަށް ސުވޭ ކުރަމުންދާ ހިތްވަރާއި މިފަދަ ކުދިން ގެންގުޅޭ ބެލެނިވެރިން ވިސްނަންވީ މުހިންމު ކަންތައްތަކާއި ގުޅޭގޮތުން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހު 'ޒީޓައިމްސް' އިން ވާނީ ރިޕޯޓެއް ގެނެސްދީފައެވެ.

ދާދުގެ އަތަށް ލިބިފައިވާ ޒަޚަމްތައް

ދާދު ގެންގުޅެމުންދިޔައީ ކުޑަކުޑަ ކުއްޖެއް ފަދައިން ކައިރީގައި ނިންދަވައިގެން ވަރަށް ލޯބިންނެވެ. ކައުންސިލް މެންބަރެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުން އަންނަ ސުވޭގެ ގިނަ ވަގުތުތައް ހުސްކުރަމުން ދިޔައީ ދަރިފުޅުގެ ހައްގުގައެވެ. މި ދަރިފުޅަށް ފަރުވާ ލިބޭތޯ ސްރީލަންކާގައިވެސް ދުވަސްތަކެއް ހޭދަކުރިއެވެ. އެހެންނަމަވެސް އެއިރު ބޭސްފަރުވާ އަށް އިތުރަށް ޚަރަދު ކުރަން ދަތިވުމުން އެނބުރި ރާއްޖެ އައީއެވެ. އަދި މާލޭގައި ގިނަ ދުވަސްތަކަކަށް މަޑުކުރުމަށްފަހު ރަށަށް ބަދަލުވެ ދާދު ގެންގުޅެމުން އައީ ވިސްނުންތެރިކަމާއެކުގައެވެ.

Advertisement

އެހެންނަމަވެސް ދާދުގެ ހާލަތު ގޯސްވެ އަމިއްލަ ނަފްސަށް ގެއްލުން ދޭން ފެށީ މިދިޔަ އަހަރުގެ ޑިސެންބަރު ހިސާބުގައެވެ. ގްރޭޑު 7 ގައި ތަޢުލީމް ހާސިލުކުރަމުން އަންނަ ދާދު އިންތިހާއަށް ރުޅިގަދަވެ ތަންތަނުގައި ބޮލުންޖަހާ ބޮލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އަތްތިލައަށް ލިބިފައިވާ ޒަޚަމްތައް

" އަމިއްލަ ނަފްސަށް ގެއްލުންދޭން ފެށީ. ބޯވެސް ތަންތަނުގައި ޖަހާ ފަޅައިގެންގޮސް އެތެރެއަށް ލޭ އެޅިފަހުރީ. އަދި އަތްފައި ދުޅަވެފަ. އިންފެކްޝަން ހެދިގެން ހުންއައިސްގެން އިތުރު ފަރުވާއަށް ޑިސެންބަރުގަ މާލެ ގެންދިޔައީ. އެއިރު އެންޓިބައޮޓިކް ދީގެން ކުޑަކޮށް ރަނގަޅުވީމަ ރަށަށް ގެންދިޔައީ. މާލެ އެއިރު ގެނައިއިރު ކާއެއްޗެއްވެސް ނުކެވޭ". ސުވޭ އަސަރާއެކު ކިޔައިދިނެވެ.

އެއިރު ދާދު ތަންތަނުގައި އަތުންޖަހާ އަތަށްވެސް ބޮޑެތި ޒަޚަމްތަކެއް ލިބެމުން ދިއުމުން އާއިލާއިން އިސްކަންދިނީ 'ބޮކްސިން އަންގި' ބޭނުންކުރާށެވެ.

" އެއިރުން ތަދު ނުވާނެއްނު. އަޅުގަނޑުމެން ގަބޫލުކުރީ އޯޓިޒަމް ކުދިންގެ އާދެއެއްނު އެކިދުވަސްވަރު އެކިކަހަލަ ކަންތައްތައް. އެހެންވެ އެފަދަކަމެއް ކަމަށް ހީކުރީ. ރަށަށް ގެންގޮއްސަވެސް އެނދުމަތިވެފަ އޮތީ. ގައިގައި ވަރުޖެހި ތެދުވެވޭވަރުވުމުން އަނެއްކާ ބޮޑަށް އަނިޔާ ކުރަންފެށީ".

ދާދުގެ ނިދުމަށް ބަދަލުތަކެއް އައިސް 37 ގަޑިއިރު ނުނިދާ ހުރުމަށްފަހު ކެއުމާއިވެސް ދުރުވެ އަނިޔާކުރުން އިތުރުވެގެންދިޔަ ކަމަށް ސުވޭ ވަނީ ބުނެފައެވެ.

" އަންގި ލެއްވިއަސް އަންގި ނަގާފަ ތަންތަނުގައި ޖަހަނީ. ބޮލަށްވެސް އަނެއްކާ ގެއްލުން ލިބި ކުރީގެ ހާލަތަށް ދަރިފުޅު ދިޔައީ. ހޮސްޕިޓަލަށް ގެންގޮސް ބޭސްދިނަސް ރަނގަޅެއް ނުވޭ. 2 އިންޖެކްޝަން 3 އިންޖެކްޝަން ޖަހައިގެން ކިރިޔާ ކޮންޓްރޯލްވަނީ ދަރިފުޅު. ނިދާބޭސް ދިނީމަ ނިދި އަންނާތީވެސް ރުޅިގަދަވެފަ ހުންނަނީ. ވަރަށް ހިތަށް ތަދުވޭ ދަރިފުޅުގެ ހާލަތު ފެނުނީމަ. އިޝާރާތުން ބުނަނީ ޖަހާށޭ ގައިގައި. ދަތްއަޅާށޭ. ތަދުކުރާށޭ. އެއްދުވަހު ބުނި ކަރުގައި ހިފާށޭވެސް. ދުނިޔޭގައި ހުންނަން ބޭނުންނުވާ ކަހަލަ އިހުސާސެއް ކުރެވެނީ". އަސަރާއެކު ސުވޭ ކިޔައިދިނެވެ.

ދާދު އަށް ފަރުވާދޭން ވަނީ އެޑްމިޓްކޮށްފައި

ސުވޭ ފާހަގަކުރިގޮތުގައި ރާއްޖެއިން މިހާތަނަށް ދެމުން އައި ފަރުވާއަކަށް ކުރިއެރުމެއް ނުލިބެއެވެ. މިވަގުތުވެސް ދާދު އޮތީ އައިޖީއެމްއެޗްގަ އެޑްމިޓްކޮށްފައެވެ.

" ރޭގަނޑު ހަތަރުދަމު ނުނިދާ މިތިބެނީ ދަރިފުޅުކައިރީގައި ކޮޅަށް. ދާދު ބޭނުމެއް ނުވޭ ކައިރީގައި މީހަކު ހުންނާކަށްވެސް އަދި އެކަނި ހުންނާކަށްވެސް. ވަރަށް ހާލުގައި މިގެންގުޅެނީ. ބޭސްދީގެން ނުނިދިގެން އިންޖެކްޝަން ޖަހައިގެން މިނިންދަވަނީ. ތަދު ނުވާވަރަށް އަތާއި ފައި އެނދުގައި އައްސައިގެން ކަހަލަ ގޮތަކަށް މިގެންގުޅެން މަޖުބޫރުވެފަވަނީ. އެއީ އަމިއްލަ ނަފްސަށް ގެއްލުންދޭތީ. ދާދުއަށް އިތުރު ހިތްދަތިކަމެއް ދޭން ބޭނުމެއް ނޫން. ޑޮކްޓަރުން ލަފާކުރަނީ ނިދި ހަމަނުވެގެން ވާގޮތެއް ކަމަށް. އެކަމަކު އެހެނެއް ނޫން ރަނގަޅަށް ނިދިއިރުވެސް ހަމަތެދުވާގޮތަށް އަނިޔާކުރަން ފަށާ".

ޑޮކްޓަރުންނަށްވެސް ސީދާ ވާގޮތެއް ބުނެދޭން ނޭނގޭތީ ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުނަސް ދަރިފުޅަށް ރަނގަޅު ފަރުވާއެއް ލިބި އާންމުހާލަތަށް ގެނައުމަށް ސުވޭ ބޭނުންވެއެވެ. ދަރިފުޅުގެ ފަރުވާއަށް ސަރުކާރުގެ އެހީތެރިކަން ލިބުނަސް ރާއްޖެއިން ބޭރުގައި ހޭދަވާނެ މުއްދަތެއް ނޭނގޭތީ އާއި ދާދު ބެލެހެއްޓުމަށް މަދުވެގެން 3 މީހުން ގެންދަން މަޖުބޫރުވާތީ އެހީތެރިކަމަށް އެދެން ޖެހުނީކަމަށް ސުވޭ ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ލަފާދީ ހޮސްޕިޓަލުން ދީފައިވާ ލިޔުން

ދާދު އަށް މިހާތަނަށް ވަނީ ސްޕީޗް ތެރަޕީ، ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަން ތެރަޕީ ދީފައެވެ. އަދި އޯޓިޒަމް އެސޯސިއޭޝަން، ކެއަރ ސޮސައިޓީ، ލަންކާ އޯރަލް ކުލިނިކުން ވަނީ ކްލާސްތައް ނަގައިފައެވެ. ސުވޭ އަކީ ނަމޫނާ މަންމައެކެވެ. ދަރިފުޅުގެ ހައްގުގައި ކޮންމެފަދަ ގުރުބާނީއެއްވެސް ވާން ހުރީ ތައްޔާރަށެވެ.

ދާދުގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 9878849

އެކައުންޓު ނަންބަރު: 7730000616037 (ޑޮލަރު)

             7730000443651 (ރުފިޔާ)

އެކައުންޓުގެ ނަން: ސުވައިދާ ހުސައިން

ޒީޓައިމްސްއިން އެދެނީ ދާދު އަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމެވެ. އާމީން! 

+1
0
+1
2
+1
0
+1
0
+1
0
+1
1
+1
70

Advertisement

ގުޅުންހުރި ލިޔުންތައް