November 23, 2024 19:36
Advertisement

-Advertisement-

ޅަދަރިންގެ ހިތްތަކުގައި ޤައުމަށް އޮތް ލޯބި އާލާކުރުމަކީ މިނިވަންކަމަށްޓަކައި ކޮށްދެވޭނެ މަތިވެރި ޚިދުމަތެއް- ނައިބު ރައީސް

ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ. ނައިބު ރައީސް މިގޮތަށް ވިދާޅުވީ ޝަހީދުންގެ ދުވަހުސް ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރުމާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާކަމުގައި ވިދާޅުވިއެވެ.

އަލިރަސްގެފާނުގެ ޖިހާދުގެ ޢިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ޚިޠާބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެފަދައިން އުގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ޤައުމީ ޚިޠާބެއްކަން ފާހަގަކުރެއްވިއެވެ.

Advertisement

" އަލިރަސްގެފާނުގެ ގުރުބާނީ ތާއަބަދަށް ހަނދުމަކުރުމަކީ މި ޤައުމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ޝަހީދުންގެ ދުވަހަށް ދޭންޖެހޭ ޚާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރައްވަން ފެއްޓެވިކަމަށްޓަކައި ރައީސް ޑރ. މުޢިއްޒަށް ޚާއްސަ ޝުކުރެއް ދަންނަވަން". ނައިބު ރައީސް ވިދާޅުވިއެވެ. 

ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ޤުރުބާނީއަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެއީ ދިވެހި ޤައުމާއި، އިސްލާމީ ވަޙުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ. އަދި މިއަދުގެ ޅަދަރީންނަކީ މާދާމަގެ މުސްތަގުބަލަށްވާއިރު މި ކުދިންގެ ހިތްތަކުގައި ޤައުމަށް އޮތް ލޯބި އާލާކުރުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށްޓަކައި ކޮށްދެވޭނެ މަތިވެރި ޚިދުމަތެއްކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް