ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަދި އާމްދަނީގެ ގޮތުގައި އިތުރަށް ފައިސާ ލިބޭނެގޮތް ފަހިކޮށްދެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ޤާނޫނަށް އިސްލާހު ގެނެސް މީރާއަށް ލިބޭ އާމްދަނީގެ ވަކި ބައެއް ސީދާ ކައުންސިލްތަކަށް ލިބޭނެގޮތް ހަދައި ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ގުރައިދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މައި ސަރުކާރުގެ ބަޖެޓުން ލިބޭ ކުޑައެތިކޮޅެއް ކައުންސިލުތަކަށް ދީގެން ކަންކަން ކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމުގައެވެ. އަދި އެމަނިކުފާނު މަސައްކަތް ކުރައްވަނީ މުޅި ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން ބައެއް ކައުންސިލުތަކަށްވެސް ޖަމާވާގޮތަށް ހެދުމަށްކަމަށް ފާހަގަކުރެއްވިއެވެ.
މިހާރު ލިބޭ ބްލޮކްގްރާންޓުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ލިބޭ 5 އިންސައްތައަކީ ވެސް އެކޮމިޓީން ހިންގާ ހަރަކާތްތައް ހިންގުމަށް އެކަނި ޚާއްސަކުރެވޭ ފައިސާކަމުގައި ކަނޑައެޅުއްވުމަށް މަސައްކަތްކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަން ކުރުމަށް ގާނޫނުތަކަށް އިސްލާހު ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ގުރައިދޫގެ ބިންހިއްކުމާއި އަދި އިތުރުކުރެވޭ ބިމުގައި ފެނާއި ނަރުދަމާ އަދި ކަރަންޓް ހިމެނޭހެން ހުރިހާ އަސާސީ ޚިދުމަތެއް ޤާއިމުކުރުމުގެ ކަންކަން ރައްޔިތުން އެދޭގޮތަށް ފުރިހަމަކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށް އަމާޒުހިފާނީ ކައުންސިލުން އެދުނުގޮތަށް ގިނަ ކްލާސްރޫމްތަކާއި އަދި މަލްޓިޕަރޕަސް ހޯލްވެސް ހިމެނޭ އިމާރާތެއް ތަރައްޤީކޮށްދެއްވައިގެންކަމަށާ، ޞިއްހީ މަރުކަޒު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ރައްޔިތުން އެދޭފަދައިން ހަޤީޤީ މާނައިގައި ހޮސްޕިޓަލަކަށް އެތަން ބަދަލުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރިއަށާއި، މުލަކަތޮޅު އަދި ފެލިދެއަތޮޅުގެ ބައެއް ރަށްތަކާއި މާލެއަތޮޅު ދެރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ވަނީ މާލެ ވަޑައިގެންފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައިފައިވާއިރު، މިހާތަނަށް 145 ކައުންސިލަކާ ރައީސުލްޖުމްހޫރިއްޔާ ވަނީ ބައްދަލުކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުޅުވެފައި ވަނީ އެމަނިކުފާނުގެ އަމާޒަކީ މި ފަސްއަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް މަދުވެގެން ދެ ފަހަރު ޒިޔާރަތްކުރެއްވުން ކަމުގައެވެ.