ނަފްސު ހޭލައްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް.... ރޯދަމަހުގެ ފުރަތަމަ 10 ދުވަސް ފާއިތުވެގެން އަންނައިރު ނަފްސު ތައްޔާރުވެފައިވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟
- ބޭކާރު ވަގުތު ހޭދަކުރުން
ގަޑިން ގަޑިއަށް އަދާކުރަން ޖެހޭ ނަމާދުތައް އަދާ ކުރުން ފަސް ނުކުރުން
ނެތިމޮށުމާއި، މީހުން ނެތް ތަންތަނުގައި އެމީހުން ނުބައި ވާހަކަ ނުވަތަ އުނި ސިފަތަކާއި އައިބުތަކުގެ ވާހަކަ ދައްކާ އެކުވެރިންގެ މެދުގައި އެކަމަށް ފާޑުކިއުމަކީ މި މުޖުތަމައުންވެސް ފެންނަ ކަންކަމެވެ. ރޯދައަށް ހުންނައިރު ނަފްސުގައި ހުރި މިފަދަ އުނިކަންތައް ފިލުވާލާ މީހުންގެ ނުބައި ވާހަކަ ދެއްކުން ހުއްޓާލާ، އެފަދަ ގޮތަކަށް ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ބަޔެއްގެ ރަނގަޅު ކަންކަން ފާހަގަކޮށް އެ ބަޔަކަށް މާތްﷲ ބަރަކާތްލެއްވުން އެދި ދުޢާ ކުރެވިދާނެއެވެ.
އަދި މަގުމަތީގައި ގޯޅި ގޯޅި ކަންމަތީގައި، ނުވަތަ ހޮޅުއަށިތަކާއި ޖޯލިފަތިތައް މަގުތަކަށް ނެރެގެން އެކި ފުރާގެ މީހުން "ކަންމަތި އާންޓީސް" ހެދިގެން އުޅޭ އުސޫލުން އެއްވެ ތިބި ނަމަވެސް ބޭކާރު ވާހަކަ ދެއްކުމުގައި ވަގުތު ބޭކާރު ނުކުރާށެވެ. އެފަދަ ވަގުތުތައް ޒިކްރު ކުރުން، މުހައްމަދުގެ ފާނަށް ސަލަވާތް ކިޔެވުމާއި، ކީރިތި ޤުރުއާން ކިޔެވުން ނުވަތަ ޤުރުއާނުގެ މާނަ އަޑު އެހުން ފަދަ ކަމެއްގައި އެ ވަގުތުތައް ފުރާލެވިދާނެއެވެ. އަދި ހަމަ އެހެންމެ ޓިކްޓޮކް ބެލުމާއި ޓިކްޓޮކް ކުޅުމާއި، ގުރޫޕް ހަދާފައި ކަރޯކޭ ޖެއްސުން ފަދަ ކަންކަންވެސް ހުއްޓާލާފައި އެކުވެރިންގެ ހާލު އަހުވާލު ބަލާލާ، ރަމަޟާން މަހުގެ ތަހުނިޔާ ކިޔާލާ ހެދިދާނެއެވެ. މާހެފުމެއް ފަދަ އިސްރާފް ނުކޮށް ސައިފޮދެއްވެސް ބޯލަން ވަގުތުކޮޅެއް ހޭދަ ކޮށްލެވިދާނެއެވެ.
މީހުން ފަލީހަތް ކުރުމާއި، ޖޯކުޖެހުމާއި، ސަމާސާއަކަށް ނަމަވެސް އަނެކާގެ ހިތް ނޭދޭ ގޮތަކަށް ބަހެއް ނުބުނެވޭތޯ ބަލާށެވެ. އެފަދަ ހާލަތްތަކުގައިވެސް ﷲ އަށް ހަމްދުކޮށް ކެތްތެރިވާށެވެ. ދުލުން ނުރުހުމުގެ ބަސްތައް ބޭރުކޮށް ޒުވާބު ކުރުންފަދަ ބޭކާރު ކަންކަމަށް ވަގުތު ހޭދަ ނުކުރާށެވެ. މީހުންގެ އައިބުތަކާއި އަބުއި ވާހަކަތައް ހާމަނުކޮށް އެމީހަކަށް ކުރެވިފައިވާ އެފަދަ ކަންކަމަށް އެމީހަކު ތައުބާވުމަށް ބާރު އަޅާށެވެ. އަދި ގޯސްމަގުން ދާ މީހާ ހެޔޮ މަގަށް އެޅުވޭތޯ މަސައްކަތް ކުރާށެވެ.
- ސަދަގާތްދީ ދީލަތިވުން
ސަދަގާތް ދިނުމަކީ ވަކި މަހަކަށް ވީތީ ހާއްސަ ކަމެއް ނޫނެވެ. އަބަދުވެސް ކުރެވިދާނެ ކަމެކެވެ. އެހާމެ ގިނަ ސަވާބު އަދި އެ ސޮދަގާތް ލިބޭ ބައެއްގެ ފަރާތުން ހެޔޮ ދުޢާވެސް ލިބޭ ކަމެކެވެ. ސަދަޤާތް ދިނުމުގައިވެސް ހިފަހައްޓަން ޖެހޭ ހަމަތަކެއް ވާނެއެވެ. ދީނީ އިރުޝާދުތައް ބަލައިގެން އެކަން ކުރަން އޮންނަ އެންމެ ރަނގަޅަށް ކުރެވިދާނެއެވެ.
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އެކަކު އަނެކަކު ފަސޭހަކަމާއެކު ދަނެ އުޅޭއިރު ސަދަގާތް ދިނުމުގައި އެންމެ ބުއްދިވެރީ އެވާހަކަ ނުދެއްކުމެވެ. މީހަކަށް ސަދަގާތެއް ދޭއިރު ތިމާ އެކަން ކުރިކަން އިއުލާނު ކުރާކަށްވެސް ނުޖެހެއެވެ. ދީނުގައި އެންމެ މޮޅު އިތުރު ގޮތަކީވެސް މިއެވެ. ސަދަގާތް ދޭއިރު އެންމެ މޮޅުތަކެތި، ނުވަތަ ތާޒާ ތަކެތިން ސޮދަގާތް ދިނުމަށް އިސްކަންދޭށެވެ. އަދި އެ ދޭ އެއްޗަކީ ބޭނުން ޖެހިފައިވާ މީހަކު އެއަށް އެންމެ ބޭނުން ވެފައިވާ ދަނޑިވަޅުގައި ދެވޭ އެއްޗެއް ކަމުގައި ވެއްޖެނަމަ އެއީވެސް މޮޅު އިތުރު ގޮތެކެވެ.
ސަދަގާތުގެ އިތުރުން ރޯދަ ހަދިޔާ ބަދަލުކޮށް ތަހާނީ ފޮނުވާ ހެދުންވެސް އެއީ މުޖުތަމައު އެއްބައިވަންތަކުރުވާ ކަމެކެވެ. އާއިލާތަކާއި ރައްޓެހިންގެ ގުޅުންތައްވެސް އަލުން އިޔާދަވާ ކަމެކެވެ. ވީމާ ގިނަ ގިނައިން ހަދިޔާދީ ތިމާގެ އަހުންނާއި އުހުތުންނާއި މެދު ހެޔޮ ބަސް ބުނާ ބައެއް ކަމުގައި ވުމަށް ނަފްސުތައް ތައްޔާރުކުރަމާ ހިނގާށެވެ.
- އެކަކު އަނެކަކަށް މައާފްކޮށް ހިތްތަކުގެ ކިލަނބުކަން ފޮހެލުން
ސިޔާސީ ވެއްޓެއްގައި އުޅެމުންމިދާ އަދުގެ ޖީލުގެ މެދުގައި ކުރިން ދިމާނުވާ މިންވަރަށް ދެކޮޅުވެރިކަމާއި ނަފްރަތު އޮންނަނީ އާންމުވެފައެވެ. އެކަކު އަނެކަކަށް ހިތް ހަލާސްކޮށް މާޒީގައި ކުރެވިފައިވާ ހިތް ނޭދޭ ކަންކަމަށް މާފު އެދުމާއި، މާފު ކުރުމަކީ މިފަދަ ދަނޑިވަޅެއްގައި ކިހާ މޮޅު އިތުރު ގޮތެއްހެއްޔެވެ. މުސްލިމުންގެ މައްޗަށް އިސްލާމްދީން އުގަންނައިދިނީ ތިމާގެ މުސްލިމު އަހާ އާއި އަހުތުން ދެކެ ރުޅި އައިސްގެން 3 ދުވަހަށްވުރެ ގިނަ ދުވަހު ނުތިބުމަށެވެ. ނަފްރަތު ކުރާ ކަމެއް އޮތްނަމަ އެކަމެއް ހިއްސާކޮށް ދެފަރާތުން ވާހަކަ ދައްކައިގެން މައާފްދޭން ވާނެއެވެ. މިއީ ދުނިޔެއެވެ. މި ދުނިޔޭގައި ކުށްކުރެވޭނީވެސް އިންސާނުންނަށެވެ. ނަމަވެސް ﷲ އެއީ އެންމެ ދީލަތިވަންތަ، އަދި އެކަލާންގެ އަޅުތަކުންގެ ބޭނުންތައް ފުއްދަވާދެއްވާ މަތިވެރި އިލާހް ކަމުން، ތިމާއަށް ބުނެވިފައިވާ ބަހަކުން ނުވަތަ ކުރެވިފައިވާ އަމަލަކާއި މެދު ދެރަވެ އަނެކާގެ ކިބައިން މާފަށް އެދޭ މީހާއަށްވެސް ގިނަގުނަ އަޖުރު ދެއްވައެވެ. ހުސްތާހިރު ވަންތަ ﷲގެ ހަޒްރަތުގައި ދުޢާ ކުރުން ގިނަކޮށް ހިތްތައް އެކަކު އަނެކަކަށް ހެޔޮ ކުރާށެވެ. އަޅުގަނޑުމެން އެންމެންނަކީވެސް އަހުންތަކެއް ކަމުގައި ނޫނީ ނުވެއެވެ. ދުޝްމަނުންނެއް ނޫނެވެ. އަޅުގަނޑުމެން ދިވެހިންނަކީ އެއް ދީނަކަށް އުޅޭ އެއް އުންމަތެއްގެ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމި ތިބި ބައެކެވެ. އެހެންކަމުން މި އުންމަތުގެ ނަބިއްޔާގެ ނަބަވީ އިރުޝާދުގައި ހިފާށެވެ. އެއްވެސް މީހަކާއި މެދު ބުރަ ހިތެއް ނުބާއްވާށެވެ. މައާފް ކުރާށެވެ. އެކުވެރިކަން އާލާ ކުރާށެވެ. ވަކިވެގަތުމަކީ ނިކަމެތި ކަމެއްކަން ހަނދާން ކުރާށެވެ.
- ދަތި ހާލުގައި އުޅޭ ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި ފަޤީރުންނަށް މަދަދުވެރިވުން
ތިމާއަށް ލިބިފައިވާ ތަނަވަސްކަމުގެ ބޭނުން އެއްމެ ހެޔޮ ގޮތުގައި ހިފާށެވެ. ރޯދަމަހަށް ތައްޔާރުވުމަށް ގެއަށް ރީތި ފަރުނީޗަރު ހޯދުމާއި، ބަދިގޭ ސާމާނު ހޯދުމާއި، ރީތި ކާބޯ ތައްޓާއި ތެލި ސަމުސާ ފަދަ ތަކެތި ގަނެ ހަދާއިރު އެފަދަ ތަނަވަސް ކަމެއްނެތް މީހުންގެ މަތިންވެސް ހަނދުމަކުރާށެވެ. ތިމާގެ އަތުގައި އެފަދަ މީހަކަށް ބޭނުން ހިފޭނެ ފަދަ އެއްޗެއް އޮތްނަމަ ދޭށެވެ. މުދަލާއި ފައިސާ އަކީ ﷲ ދެއްވާ އެއްޗެއްކަން ހަނދާނުގައި ބަހައްޓައިގެން މުހުތާދުތައް ޖެހިފައިވާ މީހުންގެ މުހުދާތުތައް ފިލުވައި ދިނުމަށް ތިމާގެ ތަނަވަސްކަމުގެ ބޭނުން ކުރަން ވާނެއެވެ.
ލޯތްބާއި އިހްތިރާއި އެކު އެފަދަ ފަރާތްތަކަށް ކާބޯތަކެއްކާއި އަންނައުނާއި މި ނޫންވެސް ތަކެތި ދޭންވާނެއެވެ. މުއް ބާރު މީހެއް ކަމުގައި ނުވެ ވޭތޯ ބަލާށެވެ. ފައިސާ އިސްރާފު ކުރުމުގެ ބަދަލުގައި ފަޤީރުންނާއި އަވައްޓެރިންނާއި، އަމިއްލަ އާއިލާގެ މީހުންގެ ބޭނުންތައްވެސް އޮޅުން ފިލުވާށެވެ. އަދި ބޭނުމެއް ޖެހިފައިވާ ނަމަ އެކަމެއް ފުއްދާލަދެވޭތޯ ބަލާށެވެ.
- ހެޔޮ ދުޢާ ކުރުން، އިހުގައި އުޅެވުނު ގޮތްތައް ހަނދާނަށް ގެނެސް ތައުބާވުން
ރޯދަ ވެރިންނަށް ހުރި މަތިވެރި ރައްބުގެ ރަހްމަތް އެހާމެ ތަނަވަސްވެގެން ވާނެއެވެ. އަމިއްލަ ނަފްސަށް ކުރެވިފައިވާ ކަންކަން ސިކުނޑިން ކިރާ ވަޒަން ކޮށްލާށެވެ. ފާފަ ފުއްސަވާ ދެއްވާތޯ އެކަމަށް އެދި ﷲ އަށް ދުއާކުރާށެވެ. އަދި ހެޔޮ އަމަލުތައް ގިނަ ކުރާށެވެ. ތައުބާވާށެވެ. ﷲގެ ހަޒްރަތުގައި އެދި ދަންނަވާށެވެ. ފާއިތުވި ރޯދަމަހަށްވުރެ މި ރޯދަމަހު ތިމަންނާގެ އަމަލުތައް އިސްލާހު ކުރުމުގެ އަޒުމުގައި މަސައްކަތް ކުރާށެވެ. ހެޔޮ ދުޢާ ކުރުން ގިނަ ކުރާށެވެ.