January 18, 2025 12:59
Advertisement

-Advertisement-

އާއިދާ

އާއިދާ: ވީއޭއެމްގެ ފުރަތަމަ އަންހެން ނައިބު ރައީސް، ވޮލީއަށް ހިތްދޫވީ އަހުމަދިއްޔާއިން!

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއެމްއެމްގެ) ހިންގާ ކޮމިޓީގެ އާ ދައުރަކަށް މި ހިނގާ 2024 ވަނަ އަހަރު އިންތިހާބު ކުރިއިރު އެންމެ ބޮޑު ހައިރާންކަމަކާއި ހިތްހަމަޖެހުމެއް ލިބުނީ ވީއޭއެމްގެ ނައިބުރައީސް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އިންތިހާބު ކުރުމުންނެވެ.

ވޮލީ މެޗެއްގެ ތެރެއިން

އެއީ އަހުމަދިއްޔާ ސުކޫލުން ފިޔަޖަހާލި ކުޅިވަރު ތަރިއެކެވެ. އަހުމަދިއްޔާ ސުކޫލުގައި ގްރޭޑް 5 ގައި އުޅުނުއިރު އިންޓަރ ކްލާސް ފުޓްބޯޅަ މުބާރާތެއްގައި ކުޅެން ފެށި އާއިދާ އަބްދުލް ހަކީމް (އާއި) އެވެ. އާއި އަށް ވޮލީގެ ތެރެއަށް ވަދެވުނުގޮތް "ޒީޓައިމްސް" އާއި ހިއްސާކުރަމުން ބުނީ، އަހުމަދިއްޔާގައި އުޅުނުއިރު ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ އެ އުމުރުފުރާގެ އޭރުއޮތް ސްކޮޑުގައިވެސް އޭނާ ހިމެނުން ކަމަށެވެ. އެހެންނަމަވެސް އަހުމަދިއްޔާއިން އެއްފަހަރަކު ބޭއްވި އިންޓަރކުލާސް ވޮލީ މުބާރާތެއްގައި ބައިވެރިވުމާއި އެކު ފުޓްބޯޅައަށްވުރެ ބޮޑަށް ވޮލީއަށް އާއިގެ ހިތް ދޫވިއެވެ.

"ދެން އިންޓަރ ސުކޫލު ޓީމުތަކުގެ ތެރެއިން ފާހަގަވެގެން ވައިޑީޕީއަށް ނަގައިފި، އެތަނަށް ދާން ފެށިފަހުން ވޮލީއަށް މާ އިންޓްރެސްޓް ވެއްޖެ. އެހެންވެ ހުއްޓާލީ ފުޓްބޯޅަ".

Advertisement

އަހުމަދިއްޔާއިން ފިޔަޖަހާލިނަމަވެސް ވޮލީގައި އޭނާ ވިދަން ފެށީ ފަހުން ކިޔަވަން ފެށި ސްކޫލުކަމުގައިވާ މާލޭ އިންގްލިޝް ސުކޫލް (އެމްއީއެސް) ޓީމުންނެވެ. އޭރު އެމްއީއެސް ވޮލީ ޓީމުގެ ކެޕްޓަނަކީވެސް އާއިދާއެވެ. އަދި ސުކޫލު ނިންމި އަހަރު އިންޓަސުކޫލު ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ލިބުނީ އާއިދާގެ ކެޕްޓަން ކަމުގެ ދަށުން އެމްއީއެސްއަށެވެ. އެ މުބާރާތުގެ ގަދަ 10 ގައިވެސް އޭނާ ހިމެނުނެވެ.

ގުރޭޑް 10 ނިންމުމަށްފަހު ރައްޓެހިން އެކި ޓީމުތައް ހަދައިގެން ކުޅެން ނިކުންއިރު އާއިވެސް އެމީހުންނާއެކު ކުޅެން ދިޔައެވެ. މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވަރުގެ ކުޅުންތެރިޔަކަށްވިއެވެ. އަދި އޭގެފަހުން ގައުމީ ޔުނިވަރސީޓިގައި  ޖާނަލިޒަމް ކޯސް ހަދަމުން ދިޔައިރު، ބޭއްވި މުބާރާތެއްގައި ބައިވެރިވެ އޭނާގެ ޓީމުން ޗެމްޕިއަންކަން ހޯދިއެވެ. ނަމަވެސް ފަހުން އާއި ވޮލީ ބޯޅައެއް ޖަހާތަނެއް ނުފެނުނެވެ.

"އަސްލު އަޅުގަނޑު ވަރަށް ބާރަށް ސާވިސްކުރާނެ، އެހެންވެ އެޓޭކަރަކަށް ކުޅެން ބޭނުންވީ. އެކަމަކު އިސްކޮޅުން ކުރުވީމަ ކުޅެން ޖެހެނީ ލިބަރޯއަކަށް. ލިބަރޯއަކަށް ކުޅޭ ހިތެއްނުވޭ ސާވިސް ނުކުރެވޭތީ. 4 ވަރަކަށް އަހަރު ކުޅެން އުޅެފަ 2012 ވަނަ އަހަރު ޖާނަލިޒަމް ކިޔަވަމުން ވޮލީ ކުޅުން ހުއްޓާލީ".

ލަންކާގައި އޮތް މުބާރާތެއްގެ ފައިނަލް މެޗުގައި އޮފިޝަލްކަން ކުރަނީ

ވޮލީ އާއި ދުރުވެވޭ ގޮތެއް ނުވި!

އޭރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އަދާ ކުރަމުންދިޔަ ވަޒީފާ އާއި ދިރިއުޅުމުގައިވެސް ބުރަކޮށް އުޅެންޖެހުމާއި، ދަރިން ލިބި ޒިންމާތައް ގިނަވުމުން އާއިއަށް ވޮލީ ކުޅުމާއި ދުރަށްދާން ޖެހުނީ އެވެ. އެހެންނަމަވެސް ކޮންމެވެސް ސިފައެއްގައި ވޮލީއަށް ހިދުމަތް ކުރަން ބޭނުންވާތީ ދެން ހެދީ ކުލަބެކެވެ. ފިރިމީހާ އާއި ބައެއް ރައްޓެހިން ގުޅިގެން ހެދި އެ ކުލަބުން އިންޓަރ ސުކޫލު މުބާރްތަކުގައި ކުޅޭ ކުދިންގެ ހުނަރަށް ބަލާ، ކުރިޔަށް ދެވިދާނެހެން ހީވާ ކުދިންނާއި ވާހަކަ ދައްކައިގެން ކުލަބަށް ނަގައިގެން އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރި ކުރަން ފެށިއެވެ. ނަމަވެސް 2015 ވަނަ އަހަރު ވޮލީބޯޅަ އެސޯސިއޭޝަނާއި ޖެހުނު މައްސަލަތަކެއްގައި އެ ކުލަބުގެ އިސްވެރިން ނިންމީ ދެން ވޮލީގައި ބައިވެރިނުވެ ހޭންޑްބޯލްގައި ޓީމު ބައިވެރި ކުރާ ގޮތަށް ކަމަށް އާއިދާ ބުންޏެވެ.

" އެކަމަކު އަޅުގަނޑު ބުނީ ބޭނުމޭ ކުލަބެއް ހަދައިގެންވިޔަސް ވޮލީ ކުރިޔަށް ގެންދަން. އެހެންވެ އަމިއްލައަށް އާއި ސްޕޯޓްސް ކުލަބު ކިޔޭގޮތަށް 2016 ވަނަ އަހަރު އަމިއްލަ ކުލަބެއް އެއީ، 'އެސްޕިރޭޝަން ފޯ އޯލް ސްޕޯޓްސް' ކިޔާފަ ހެދީ. މި ކުލަބުން ޓީމެއް ނެރެގެން ވީއޭއެމްގެ މުބާރާތްތަކުގައި ބައިވެރިކުރަމުން މިދަނީ".

އާއިދާ އޭނާގެ ފިރިމީހާ އާއި ދޮށީދަރިފުޅާއެކު

އައު ހިތްވަރެއް ލިބުނީ އެފްއޭއެމުން ކުރިމަތިވި ހިތާމައަކުން

2012 ވަނަ އަހަރުން ފެށިގެން އެފްއޭއެމް ގައި އާއިދާ އަދާކުރަމުން ދިޔަ ވަޒީފާއަކީ އޭނާ އެންމެ ބޭނުންވާ ވަޒީފާއެވެ.  ވުމެންސް ފުޓްބޯލް ޑިވެލޮޕްމެންޓް އޮފިސަރުގެ ވަޒީފާ އެއީ. 2015 ގައި އެތަނުގެ އޭރުގެ ބައެއް މީހުން ބޭނުން ނުވީ އެމަގާމުގައި އަޅުގަނޑު ބަހައްޓަން. އެތަނުގެ އިސްވެރިއެއްގެ ލޯބިވެރިޔަކު އެމަގާމު ބޭނުންވެގެން. ދެން ނޯޓިސްއެއްވެސް ނުދީ ކަނޑާލީ. އެކަމާއި ދެރަވެގެން މި ހިތްވަރު ލިބުނީ، ފުޓްބޯޅަ ދޫކޮށްލާފައި 2015 ވަނަ އަހަރު ވޮލީއަށް އެއްކޮށް ހުސްވީ".

ދެން އާއިދާ ބެލީ ވޮލީ ނުކުޅުނަސް ކޯޓުގައި އިނދެވޭނެ ގޮތެކެވެ. ވޮލީ ކުރިއެރުވުމުގެ ވަރުގަދަ އަޒުމުގައި މިފަހަރު އޭނާ ނިކުތީ ކަށިގަނޑު ހިފައިގެން ރެފްރީ ކިޓްގައެވެ. ރެފްރީކަން ކުރަމުން މުބާރާތްތަކަށް 'އާއި ސްޕޯޓްސް ކުލަބު' ނެރެމުން ދިޔައެވެ. އަދި އެ ކުލަބަށް އެސޯސިއޭޝަންގެ ފުރިހަމަ މެންބަރެއްގެ ހައިސިއްޔަތު ހޯދައިދިނެވެ. މިހާރު އެއީ ވީއޭއެމްގައި ވޯޓު ލެވޭ ކުލަބެކެވެ.

ސަރަހައްދީ ވޮލީ މުބާރާތެއްގައި އާއިދާ ރާއްޖެ ތަމްސީލުކުރަނީ

ވީއޭއެމްގެ ނައިބު ރައީސްކަން ލިބުނީ ކިހިނެތް؟

އާއިދާ ބުނީ އަލަށް އިންތިހާބުކުރި ވީއޭއެމްގެ ބޯޑަށް އޭނާއަށް އާދެވުނީ، ރައީސް މުހައްމަދު ލަތީފް އެކަން އޭނާއަށް ހުށަހެޅުއްވީމަ ކަމަށެވެ.

"ރައީސް ވިދާޅުވީ މިފަހަރު ހުސްވާ މަގާމުތަކަށް ލާންވާނެއޭ އާއި، ވައިސް ޕްރެޒިޑެންޓަކަށް ވާންވީ ނޫންހޭ. ތިވަރަށް ވޮލީ ކުރިއަރުވަން އުޅޭ އަންހެނަކު ނެތޭ. އަންނަންވީނުންހޭ ވައިސް އަކަށް. އާއިއަށް ވާނެއޭ އާއިއަކީ މިކަމާއިގެން އުޅޭ މީހެކޭ" ވޮލީ ކުރިއަރުވަން މަސައްކަތް ކުރާ މީހެއްވީމަ އެ ފުރުސަތު ލިބުނީ ކަމަށް އާއިދާ ކިޔައިދިނެވެ.

ރާއްޖޭގައި ފުޓްބޯޅަ ނަގާފައި ދެވަނައަށް އެންމެ މަގްބޫލު ކުޅިވަރަކީ ވޮލީ ކަމަށް ގަބޫލުކުރާ އާއިދާ ބުނީ މާލޭގައި ބޭއްވޭ މުބާރާތްތައް މަދު ނަމަވެސް ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީ މުބާރާތްތައް ވަރަށް ގިނައިން ބާއްވާ ކަމަށެވެ.

"އެހެންވީމާ ހަމަ އެތަންތަނުންވެސް މޮޅެތި ކުޅުންތެރިން އެބަ އުފެދޭ. ހަގީގަތުގައި ރާއްޖޭގައި ވޮލީ ކުރިނާރާއިގެން މިއުޅެނީ ވައިޑީޕީއާއި ކަންކަން ނުހިންގޭތީ ކުޅުންތެރިން ނުއުފެއްދޭތީ" ކަމަށް އާއި ދެކެވެ.

މިހާރު ރިޓަޔާވަމުން އެދަނީ ކުރިން ވޮލީގެ ވައިޑީޕީގައި އުޅުނު ކުޅުންތެރިންކަން ފާހަގަ ކުރަމުން އާއި ބުނީ ކާމިޔާބު ހޯދަން ބޭނުމިއްޔާ މިހާރުންފެށިގެން ކުޑަކުދިންނަށް ބޭސިކް ދަސްކޮށްދީގެން ޕްލޭޔަރުން އުފައްދަން ފަށަންވީ ކަމަށެވެ.

"ވޮލީބޯޅަ އެސޯސިއޭޝަނުން މިކަން ކުރަންވީ. ވައިޑީޕީ އާއި ކަންކަން ވީއެމްއެމްގެ މިދިޔަ ދެ ދައުރުވެސް ހަމަ އެއްވެސް ވަރަކަށް ނެތޭވެސް ބުނެވިދާނެ. ކުޅުންތެރިން އުފެއްދުމެއް ނެތް. ހަމަ އެހެންމެ އަންނަ ކުޅުންތެރިން ލައިގެން ނޭޝަނަލް ޓީމެއް ހަދަނީ. އެކަމަކު އޭގެ ބަދަލުގައި އަޅުގަނޑުމެން ވައިޑީޕީއިން ފެށިގެން ކުދިން މޮޅުކޮށްދެމުން ގޮސް ނޭޝަނަލް ޓީމަށް ކުދިން ދާނަމަ ރާއްޖެއަށް ވޯލީ އިން ރީތި ނަން ލިބޭނެ".

އާއިދާ ބުނީ މިހާރު ފުޓްބޯޅަ އޮތީ ވަރަށް ހާލުގައި ކަމަށާއި، މި ދަނޑިވަޅުގައި ވޮލީން އެންމެން ގުޅިގެން މަސައްކަތްކޮށްފިއްޔާ ވަރަށް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ބޮޑަށް މީހުން ބަލައިގަންނާނެ ކަންނޭނގެ ވޮލީ ރަނގަޅަށް ދަންޏާ. ގިނަމީހުން ބަލާނެ ކަންނޭނގެ. އެއީ މިހާރުވެސް ހަގީގަތަކީ ރަނގަޅު މެޗެއް އިންޑޯގައި ކުޅެންޏާ މުޅި ތަން އޮންނަނީ ފުރިފަ. އެހެންވީމާ ރާއްޖޭގައި ވަރަށް ބޮޑަށް ސަޕޯޓް އެބައޮތް ވޮލީއަށް".

އާއިދާ ބުނީ މިހާރު ކުރަންވީ ކަމަކީ ރަށްރަށަށް މިކަން މިހާރަށްވުރެ ބޮޑަށް ފުޅާކޮށް މާލޭގައި ބާއްވާ މުބާރާތްތައް އެހެން ރަށްރަށަށް ބަދަލުކޮށް ޒޯންތަކުގައި ކޮންމެ އަހަރަކު އެއް މުބާރާތް ނަމަވެސް ބޭއްވޭ ގޮތް ހެދުން ކަމަށެވެ. އޭނާ ބުނީ އޭރުން ރަނގަޅު ކުޅުންތެރިން އުފެއްދޭނެ ކަމަށާއި ސަޕޯޓަރުންވެސް އިތުރުވެގެންދާނެ ކަމަށެވެ.

ވީއައިއެސް އާއި އީސްކޯރިން ކޯސް ފުރިހަމަކުރުމަށްފަހު ސެޓިފިކެޓް ހާސިލުކުރަނީ

ސިޔާސީ ދާއިރާއަށް ނިކުތީ ކީއްވެ؟

20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕްރައިމަރީގައި ނިކުތީ، ކުޅިވަރު ކުރިއަރުވަން ބޭނުމިއްޔާ މަޖިލީހުން ކަންކަން ކުރަން ކުޅިވަރު މީހުން ތިބެން ޖެހޭކަމަށް ގަބޫލުކުރާތީ ކަމަށް އާއިދާ ބުންޏެވެ.

"ޤާނޫނަށް އިސްލާހު ނުގެނެވިގެން ހުއްޓިފައި ހުރި ބައިވަރު ކަންކަން އެބަހުރި. މިސާލަކަށް ވޮލީބޯޅަ އެސޯސިއޭޝަން މިހާރު އޮންނަން ޖެހޭނީ ފެޑެރޭޝަނެއްގެ ގޮތުގައި. އެކަމަކު ޤާނޫނުން އެ ފުރުސަތު ނުލިބޭތީވެ، އަދިވެސް ފެޑެރޭޝަނެއްގެ ލަގަބު ނުލިބިގެން މިއުޅެނީ".

އެހެންވީމަ ކުޅިވަރުގެ މީހުން މަޖިލީހަށް ވަދެގެން ކުޅިވަރުގެ ކަންކަން ކުރިޔަށްދާނެ ކަމަށް ފެންނާތީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީގެ ޓިކެޓް ހޯދުމަށް އާއިދާ ޕްރައިމަރީގައި ނިކުތީ މަޑަވެލި ދާއިރާއަށެވެ.

"އެކަމަކު މިހާރު ހިތަށް އަރަނީ ބޮޑަށް ކުޅިވަރުގެ ދާއިރާގައޭ އުޅޭނީ. މިދާއިރާއި ވަރަށް ގިނަ ކާމިޔާބީތަކެއް ލިބިފައި ހުރީ ، އެއީ ރާއްޖޭގެ ފުރަތަމަ އަންހެން ވީއައިއެސް އަދި ސްކޯރާ ކަން ލިބިއްޖެ. ރާއްޖޭގައި އަދި ތިބީވެސް ވީއައިއެސް އާއި އީސްކޯރިން ހަދާފަ ތިބި ތިން ފިރިހެނުންނާއި އަޅުގަނޑާއި އެކަނި. ދެން އިންޓަނޭޝަނަލް މުބާރާތެއްގައި ކޮންޓްރޯލް ކޮމިޓީގައިވެސް ހިމެނިއްޖެ. އެވެސް އަދި އަލަށް ދިވެހިރާއްޖޭގެ އަންހެނަކަށް އެވަރުގެ މުބާރާތެއްގައި ކޮންޓްރޯލް ކޮމިޓީގައި އިނދެވުނީ."

މަޖިލީހުގެ ތެރެއިން ކުޅިވަރުގެ ޤާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ޝައުގުވެރިކަން ހުރި ނަމަވެސް ސިޔާސީ މަގާމަކުން ފެންނާކަށް އާއިދާގެ ޝައުގުވެރިކަމެއް ނެތެވެ. "ފުރުސަތުވެސް ލިބުނު، ފަހުން ވިސްނުން ބަދަލުވީ، އަބަދުވެސް ބޭނުންވަނީ އަމިއްލަ ބަސް ބުނެވޭ ހިސާބެއްގައި ހުންނަން."

ޚަބަރު ކިޔުމުގެ އިތުރަށް ބައެއް ޕްރޮގްރާމްތަކުންވެސް އާއި ފެނިފައިވޭ

ނޫސްވެރިކަމުގެ ތެރެއަށް ވަދެވުނީ ކިހިނެތް؟

އާއިދާ ބުނީ ނޫސްވެރިކަމުގައި އަމިއްލަ މަސައްކަތެއް ކުރުމަކީ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ. އެހެންކަމުން ދެން އިރާދުކުރެއްވިއްޔާ މޭ 3 ގައި އޭނާގެ އަމިއްލަ ނޫހެއް ކަމަށްވާ ރިޔާވާ ނޫސް ވުޖޫދު ކުރެވިގެންދާނެ ކަމަށެވެ.

ބޯޅަ ޑޮޓް ކޮމްގެ ނަމުގައި ހިންގި ކުޅިވަރަށް ހާއްސަ އޮންލައިން ނޫހެއްގައިވެސް އާއިދާ ޕާޓްނަރެއްގެ ގޮތުން މަސައްކަތް ކުރިއެވެ.

"ސުކޫލުގައި ވަރަށް ނުކިޔަވަން ކުޅިވަރުގައި އަބަދު އުޅެވުނީ، އެކަމަކު ޓީވީމޯލްޑިވްސްގައި ޒިންދު ސޯލިހުމެން ޚަބަރު ކިޔާތަން ފެނުނީމަ ވަރަށް ބޭނުންވޭ ޚަބަރު ކިޔަން. ބޮޑުވެގެން ޚަބަރު ކިޔާނަމޭ އަބަދުވެސް އޭރު ހިތަށް އަރާ."

ގައުމީ ޔުނިވަސިޓީން ޑިޕްލޮމާއިން ޖާނަލިޒަމް ފުރިހަމަކޮށްފައިވާ އާއިދާ ވަނީ ޗެނަލް 13، ސަން ޓީވީގައިވެސް މަސައްކަތް ކޮށްފައެވެ. ވަން އޮންލައިން އާއި މެންދުރު އޮންލައިންގައި މަސައްކަތް ކޮށްފައި، މިހާރު މަސައްކަތް ކުރަނީ އަމިއްލަ ނޫހެއް ފެށެންދެން ދިޔަރެސްގައި ކަމަށް އާއިދާ ބުންޏެވެ.

އާއިދާއަށް މިއަދު އާދެވިފައި ހުރި ހިސާބަށް އާދެވުމުގައި ގިނަ ބައެއްގެ އެހީތެރިކަން ލިބުނުކަން ފާހަގަކޮށް އޭނާ އެފަރާތްތަކަށް ޝުކުރުއަދާކުރެއެވެ. ޒީޓައިމްސްއިން އެދެނީ އާއިދާއަށް އިތުރު ކާމިޔާބީއަށެވެ.

+1
1
+1
5
+1
3
+1
4
+1
0
+1
0
+1
0

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. އައިދާ އަކީ ވަރަށް ހީވާގި މުރާލި ހުރިހާ ޢުމުރެއްގެމީހުންނާގުޅޭ ވަރަށްހިތް ހެޔޮ ރަނގަޅު ކުއްޖެއް.
    ރާއްޖޭގެ ވޮލީ އިތުރުހަރުފަތަކަށް ގެންގޮސްދޭނެ ފިސާރި ކަނބަލެއް

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް