ރޭގަނޑުގެ ކެއުމަކަށް ދައުވަތުލިބިގެން އާއިލާއާއެއްކޮށް ރައްޓެއްސެއްގެ ގެއަށް ދިޔައީމެވެ. ކެއުން ތައްޔާރުކޮށްފައި ހުރީ ވަރަށްވެސް ފުރިހަމަކޮށެވެ. ސުފުރާމަތި ފުރާލާފައިހުރީ ތަފާތު ވައްތަރުގެ ކެއުމުގެ ބާވަތްތަކުންނެވެ. ވަރަށްވެސް ފުރިހަމަ މެހެމާންދާރީއެއް އެކުވެރިޔާގެ ގެއިން ލިބުނެވެ. އެންމެ ކުޑަ ކުއްޖާއިން ފެށިގެން މާމަ/ކާފަ އާއި ހަމައަށް އެންމެންވެސް މަރުހަބާކީ ވަރަށްވެސް ރީތި ހިނިތުންވުމަކާއެކުގައެވެ. "އެދުވަހު އިހުސާސްވީ އާއިލީ ގުޅުމަކީ ކިހާ އުފާވެރި ގުޅުމެއްކަން" ގެއެއްގެ މާހައުލުން އެފަދަ މަންޒަރެއް ފެނުމުން މިޒަމާނުގައިވެސް އާއިލީ ގުޅުން ދަމަހައްޓާ ބަޔަކު އުޅޭކަން އެނގުނެވެ. ވަރަށްވެސް އުފާވެރިއެވެ. އެކުވެރިޔާއަށް އެފަދަ ނަސީބެއް ލިބުމުން އެކަމާ އުފާވެ އެގުޅުން ދެމެހެއްޓުމަށްއެދި ހިތާހިތާ ދުޢާ ކޮށްލެވުނެވެ.
އަޅުގަނޑަކީ އަބަދުވެސް ކައި ނިމިގެން ކާތަށި ދޮންނަން އާދަވެފައިވާ މީހެއްކަމުން ކައި ނިމިގެން އަތް ދޮންނަން ސިންކު ކައިރިއަށް ދެވުނީ ތަށި ހިފައިގެންނެވެ. ކުއްލިޔަކަށް އަންހެނަކު ތަށިބަހައްޓާށޭ ބުނުމުން ތަށި މޭޒުމަތީގައި ބެހެއްޓީމެވެ. ކޮންމެ ގެއެއްގައިވެސް އެބަޔަކު އަމަލުކުރާ އުސޫލުތަކެއް ހުންނާނެކަން ހަނދާންވީ އެހިސާބުންނެވެ. ލަދެއްނުގަނެއެވެ. އެވަގުތު އެކަން އަޅުގަނޑަށް ހަނދާން ނެތުނީއެވެ. އެންމެން އެކުގައި ކެއުމަށް އިންސާފުކުރުމަށްފަހު ސިޓިންރޫމުގައި ހުރި ސޯފާގައި ތިބެގެން ގުޅުން ބަދަހިކުރުމުގެ ނިޔަތުގައި ވާހަކަދައްކާ ދިންކެއުމަށް ޝުކުރުއަދާކޮށް އަޅުގަނޑު ދިޔައީ އާއިލާ ގޮވައިގެން ގެއަށެވެ. ޖެހިގެން އައި ދުވަހު އޮފީސް ކެންޓީނުން ރަހުމަތްތެރިޔާއާާއިި ދިމާވެގެން ތަށިދޮންނަން ދިޔައީ ކީއްވެތޯ ސުވާލު ކުރިއެވެ. ޖަވާބުގައި އަޅުގަނޑުބުނީ ގައިގައި ހިފާފަހުރި އާދައެއްކަމުން އެކަން އެގޮތަށް ކުރެވުނީކަމަށެވެ. އަޅުގަނޑުގެ 5 އަހަރުގެ ފިރިހެން ދަރިފުޅުވެސް ކައި ނިމިގެން ތަށިދޮންނާނެއެވެ. ދުވަހަކުވެސް ތަށިދޮންނަން ނުބުނަމެވެ. ނަމަވެސް އެކަން ކުރާތަން ފެނި އަމިއްލައަށް ކުރަނީއެވެ. ތަރުބިއްޔަތަކީ އަމަލުންވެސް ދައްކާ ކުރެވޭނެ ކަމެކެވެ. އެހެން ބުނުމުން ޖަވާބުގައި އެކުވެރިޔާ ބުނެފައިވަނީ އެއީ އަންހެންވެރިންގެ މަސައްކަތެއް ކަމަށެވެ. އިހުތިރާމް ކުރުމުގެ ގޮތުން އިތުރަށް އެއްޗެކޭ ނުބުނަމެވެ. މިއީ ޒުވާނަކަށް ދިމާވެފައިވާ ހާދިސާއެކެވެ.