ގޯލްސްޓޯން ނުވަތަ ގޯލްބްލެޑާގައި އުފެދޭ ހިލައަކީ ގޯލްބްލެޑާއަށް ޖަމާވާ ޙަޖަމުކުރަން އެހީވެދޭ ފްލުއިޑްގެ ހަރު ބައިތަކެވެ. ގޯލްބްލެޑާއަކީ ބަނޑުގެ ކަނާތްފަރާތުގައި އޮށެއްގެ ބައްޓަމަށް އިންނަ ގުނަވަނެކެވެ. އެ ގުނަވަން އިންނަނީ ފުރަމޭގެ ތިރީގައެވެ. ގޯލްބްލެޑާއިން ހިފަހައްޓައިދޭނީ ކުޑަކަމުދާ ހޮޅިން ބޭރުވާ ޑައިޖެސްޓިވް ފުލުއިޑެވެ. އެއަށް ކިޔަނީ ބައިލްއެވެ.
ގޯލްސްޓޯން އުފެދޭއިރު އެކި ސައިޒުތަކަށް ހުރެއެވެ. ކުޑަ ވެލިފުކެއް ވަރަށްވެސް ހުރެދާނެއެވެ. އެހެންހުރެ ހިލަ ބޮޑުވަމުން ގޮސް ގޮލްފް ބޯޅައެއްގެ ސައިޒާ އެއްވަރަށްވެސް ބޮޑުވެދާނެއެވެ. ބައެއް މީހުންގެ އުފެދެނީ އެންމެ ހިލައެކެވެ. އެހެންނަމަވެސް އެއްފަހަރާ ބައިވަރު ހިލަ އުފެދޭ މީހުންވެސް އުޅެއެވެ.
ގޯލްސްޓޯންސްގެ ސަބަބުން އެއްވެސް ޢަލާމާތެއް ނުފެނި ނުވަތަ އުނދަގުލެއް ކުރިމަތި ނުވާނަމަ ފަރުވާއެއް ކުރާކަށް ނުޖެހެއެވެ. އެކަމަކު ގޯލްބްލެޑާގައި ހިލައުފެދިގެން އުނދަގޫތައްވާނަމަ ގިނަފަހަރަށް ޖެހެނީ އެ ގޯލްބްލެޑާ ނަގާށެވެ.
ބައެއް ފަހަރު ގޯލްސްޓޯން ހުރެގެން އެއްވެސް އުނދަގެއް ނުވެދާނެއެވެ. ގޯލްބްލެޑާގައި ހިލަ އުފެދިއްޖެނަމަ ބައެއް މީހުންނަށް ފެންނާނެ އަލާމަތްތަކެއް ހުރެއެވެ. އަދި މި އުނދަގޫތައް ގަޑިއެއްހާއިރަށްވެސް ދެމިގެންދިއުން އެކަށީގެންވެއެވެ.
ގޯލްބްލެޑާގައި ހިލަ އުފެދިއްޖެނަމަ ފެންނާނެ އަލާމާތްތައް
ކުއްލިއަކަށް ނުވަތަ އަވަސްއަވަހަށް ބަނޑުގެ ކަނާތްފަރާތުގައި ރިހުން.
ކުއްލިއަކަށް ނުވަތަ އަވަސްއަވަހަށް ބަނޑުގެ މެދަށް ތަދުވުން
ކޮނޑާއި ބުރައްކަޓާއި ދެމެދު ރިހުން
ކަނާތު ކޮނޑުގައި ރިއްސުން
މޭނުބައިކުރުން ނުވަތަ ހޮޑުލެވުން
މިއިން އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކަންވާނެއެވެ. ސީރިއަސް ޢަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުން އިތުރުވެ ތަނެއްގައި ހަމަޖެހިގެން އިށީނދެ އިންނަށް އުނދަގޫވުން ހިމެނެއެވެ. އަދި ހަންގަނޑާއި ލޮލުގެ ހުދުބައި ރީނދޫވުން (ރީނދޫބަލި) ޖެހުމާއި، ގަދަޔަށް ހުންއައުން ހިމެނެއެވެ.
ޑޮކްޓަރުން ބުނާ ގޮތުގައި ގޯލްބްލެޑާގައި ހިލަ އުފެދެނީ ބައިލްގައި މާގިނައިން ކޮލެސްޓްރޯލް ހުރުމުގެ ސަބަބުންނެވެ. އާންމުގޮތެއްގައި ފުރަމެއިން ބޭރުކޮށްދޭ ކޮލެސްޓްރޯލް ގިރުވާލަދޭން ބައިލްގައި އެކަށީގެންވާ މިންވަރަށް ކެމިކަލް އެކުލެވިގެންވާނެއެވެ.
ބައެއްފަހަރު ބައިލްގައި މާ ގިނަ ޢަދަދަކަށް ބިލުރުބިން ހުރުމުގެ ސަބަބުންވެސް ހިލަ އުފެދިދާނެއެވެ. ބިލުރުބިން އަކީ ހަށިގަނޑުގައިވާ ރެޑްސެލްތައް ހަލާކުކޮށްލުމުން އުފެދޭ ކެމިކަލްގެ މާއްދާއެކެވެ.
ގޯލްބްލެޑާ އެއްކޮށް ހުސްނުކުރާނަމަ ނުވަތަ އެކަށީގެންވާވަރަށް ހުސްނުކުރެވޭނަމަ ބައިލްތައް ޖަމާވެ ހަރުވާން ފަށާނެއެވެ. އަދި ހިލަ އުފެދުމަށް އެހީވެދޭނެއެވެ.
ގޯލްބްލެޑާގައި އުފެދޭ ހިލައިގެ ބާވަތްތައް
އެންމެ ޢާންމުގޮތެއްގައި އުފެދެނީ ކޮލެސްޓްރޯލް ގޯލްސްޓޯން ކިޔާ ހިލައެވެ. މިބާވަތުގެ ހިލަ ޢާންމުކޮށް އުފެދެނީ ރީނދޫ ކުލައިގައެވެ. މިބާވަތުގެ ހިލަ އުފެދެނީ ނުގިރި ހުންނަ ކޮލެސްޓްރޯލްގެ ބައިތަކުންނެވެ. އަދި އެހެނިހެން ބައިތައްވެސް މިބާވަތުގެ ހިލައިގައި ހުންނާނެއެވެ.
ދެވަނަ ބާވަތަކީ ޕިގްމެންޓް ގޯލްސްޓޯން ކިޔާ ހިލައެވެ. މީގެ ހިލަ ހުންނާނީ ގަދަ މުށި ކުލައެއްގައި ނުވަތަ ކަޅު ކުލައިގައެވެ. މިއީ ބައިލްގައި މާގިނައަދަދަކަށް ބިލުރުބިން ހުރުމުގެ ސަބަބުން އުފެދޭ ހިލައެކެވެ.
ގޯލްސްޓޯންގެ ނުރައްކާ ބޮޑީ ކޮން ބަޔަކަށް؟
އަންހެނުންނަށް
40 އަހަރާއި އެއަށްވުރެ އުމުރުން ދުވަސްވީ މީހުންނަށް
މާބޮޑަށް ބަރުދަން އިތުރު މީހުންނާ ފަލަމީހުން
މާބަނޑުމީހުން
ކޮލެސްޓްރޯލްގިނަ ކާއެއްޗެހި ކާމީހުން
ފައިބާގެ މިންވަރު މަދު ކެއުން ކާމީހުން
ހަކުރުބަލި ހުންނަ މީހުން
ފުރަމޭގެ ބައްޔެއް ހުރުން
މާ އަވަހަށް ބަރުދަން ލުއިވުން
ލޭގެ މައްސަލައެއް ހުރުން (މިސާލަކަށް ލޫކީމިއާ)
ގޯލްސްޓޯންއަށް ރައްކާތެރިވާނީ ކިހިނެތް؟
ގޯލްބްލެޑާގައި ހިލަ އުފެދުމުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަތަކުގެތެރޭގައި:-
ކާގަޑިތަކުގައި ކެއުން ސްކިޕް ނުކުރުން: ކާގަޑިތަކުގައި ކެއުން ހުއްޓާނުލާ ކޮންމެ ދުވަހަކުވެސް ޢާންމުކޮށް ކާގަޑިތަކަށް ފަރުވާތެރިވާން ވާނެއެވެ. ކެއުން މެދުކަނޑާލާނަމަ ހިލަ އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ.
ލަސްލަހުން ހަށިގަނޑުގެ ބަރުދަން ލުއިކުރުން: ބަރުދަން ލުއިކުރަން ބޭނުންނަމަ ލަސްލަހުން އެކަން ކުރާށެވެ. ކުއްލިއަކަށް ބަރުދަން ލުއިކުރާނަމަ ހިލައުފެދުމުގެ ފުރުސަތު ބޮޑެވެ. ހަފްތާއަކު 0.5 ނުވަތަ 1 ކިލޯ ލުއި ކުރަން މަސައްކަތް ކުރާށެވެ.
ގިނައިން ފައިބާ ހުންނަ ކެއުންތައް ހިޔާރުކުރުން: ކެއުމުގައި ގިނައިން ފައިބާ ހުންނަ ބާވަތްތައް، ތަރުކާރީ އާއި މޭވާ ބޭނުން ކުރާށެވެ.
ސިއްޙަތަށް ރައްކާތެރި މިންވަރެއްގައި ބަރުދަން ހިފެހެއްޓުން: ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރު ދަށްކޮށް ހަރަކާތްތެރިވެ އުޅޭށެވެ. ބޭނުންވާ މިންވަރަށް ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށްފަހު އެ މިންވަރުގައި ބަރުދަން ހިފަހައްޓުމަށް ސިއްހަތަށް ފައިދާހުރި ކެއުންތައް ކެއުމަށާއި، ކަސްރަތު ކުރުމަށް އިސްކަންދޭން ވާނެއެވެ.
ނޯޓް:މައުލޫމާތު ނަގާފައިވަނީ:
https://www.mayoclinic.org