މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނަރުހުންގެ ދުވަހެވެ. ނަރުހުންގެ ދުވަހަކީ 1950ގެ ކުރީކޮޅުން ފެށިގެން ފާހަގަކުރާ ދުވަހެއް ކަމަށް އިހުގެ ބައެއް ލިޔުންތަކުގައި ބުނެފައިވެއެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ “ނާސަސް: އަ ވޮއިސް ޓު ލީޑް އިންވެސްޓް އިން ނާސިން އެންޑް ރެސްޕެކްޓް ރައިޓްސް ޓު ސެކިޔޯ ގްލޯބަލް ހެލްތް” އެވެ. ނާސިން އަށް އިންވެސްޓް ކުރުމާއި ހައްޤުތަކަށް އިޙްތިރާމް ކުރުމަށް ލީޑް ކުރާނެ އަޑެއް ކަމުގައި ނަރުހުން ބަލާ މި ތީމްގެ ބޭނުމަކީ އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ބޮޑެތި ފައިދާތަކެއް ލިބިދާނެ ގޮތްތައް ދައްކުވައިދީ ނަރުހުންގެ ތަސައްވުރު ބަދަލުކުރުމަށް މުޖުތަމައަށް ބާރު އެޅުމެވެ. މި ޝިއާރުގެ ދަށުން މިއަހަރުގެ 12 މޭ ނަރުހުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާއިރު ރާއްޖޭގައި ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި 3 ހާހަށްވުރެ ގިނަ ނަރުހުން މަސައްކަތް ކުރެއެވެ.

މިއީ އިންސާނީޔަތުކަމުގެ ލޮބުވެތި މިސާލެވެ. އަމިއްލަ އެތައްކަމެއް ގުރުބާންކޮށްފައި ބަލިމީހުންނަށް ހޭހަންކުރުމާއި ބަލިމީހުންގެ ހިދުމަތުގައި އަގުހުރި ވަގުތުތައް ހޭދަކުރާ ބައެކެވެ. އެ ނަރުހުންގެ ހިދުމަތުގެ އަގުވަޒަންކޮށްލާ އެ ނަރުހުންނަށް ހާއްސަދުވަހެއްގެ ގޮތުގައި މިއަދު ފާހަގަކުރިނަމަވެސް ހަގީގަތުގައި އެ ހިދުމަތްތެރިންގެ ހިދުމަތަށް އެންމެ ދުވަހަކުން ޝުކުރު އަދާކޮށެއް ނުނިމޭނެއެވެ. އެއީ އަދުގެ ދުނިޔޭގައި ވަރަށް އަގުހުރި ރައުސުލްމާލެކެވެ.

ނަރުހުންގެ ދުވަސް ފާހަގަ ކުރާއިރު އަޅުގަނޑުމެއްގެ ހިތްތަކުގެ އެއްބައިކަމުގައިވާ މުސްލިމު މުޖުތަމައުން, ފަލަސްތީނުގެ ނަރުހުންގެ ހާލަތު ބަލާލުންވެސް މުހިންމެވެ. ފަލަސްތީނުގައި ޒަމާނުންސުރެ ހުއްޓުމެއް ނައިސް އެކި ސިފަސިފައިގައި އިސްރާއީލާއި ހަމާސްއާއި ދެމެދު ހިންގަމުންދާ އުދުވާންތަކުގައި ސިއްހީ ހިދުމަތްތެރިންނަށް ސީދާ ހަމަލާތައް އަމާޒުކުރެއެވެ.
އެ ނަރުހުން އެ މަސައްކަތް ކުރަނީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އެހެން ފުރާނަތައް ސަލާމަތްކުރުމަށެވެ. ރެއާ ދުވާލު ޝަކުވާއެއްނެތި ސާބިތުކަމާއެކު އެ ދެމި ތިބެނީ މާދަމާވެސް ދުނިޔޭގައި ހުންނާނެ ކަމުގެ އުންމީދެއް ނެތިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނީ ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިން ތިބޭ ތަންތަނަށް އަމާޒުކޮށް ނޮވެމްބަރ 2023ގެ ނިޔަލަށް 178 ހަމަލާދީފައިވާ ކަމަށެވެ. އަދި އިސްރާއީލާއި ހަމާސް ހަނގުރާމައިގައި 685 ސިއްހީ ހިދުމަތްތެރިން ޝަހީދުކޮށްލާފައިވާ ކަމަށް އެ އިދާރާގެ ރިކޯޑްތަކުން ދައްކައެވެ. އެއީ އޭރުގެ ރިކޯޑްތަކެވެ. މިއަދު އެ އަދަދުތައްވާނީ މަތިވެފައެވެ.
ދުނިޔޭގައި ނަރުހުންގެ ހިދުމަތް ފެށިގެން އައިސްފައިވަނީވެސް މުސްލިމުންގެ ތެރެއިންކަމަށް ހެކިދެއެވެ. ރަސޫލު ޒަމާނުގައި ހިނގާފައިވާ ބޮޑެތި ހަނގުރާމަތަކުގައި މުސްލިމުންގެ ފޭލިގެތަކުގައި ހަނގުރާމައިގެ އަނިޔާލިބުނު އެތައް ސަހާބީއަކަށްވެސް ފަރުވާދީފައިވަނީ މުސްލިމު ނަރުހުންނެވެ. ނަރުހުންގެ ހިދުމަތުގެ ފެންވަރުމަތިވެ އެއްދުވަހުން އަނެއް ދުވަހުން ނަރުހުންގެ އަދަދުތައް އިތުރުވަމުންދާއިރު ރާއްޖެ ފަދަ ގައުމެއްގައި ނަރުހުންނަކީ ގަދަރުވެރި ބައެކެވެ. ސަރުކާރުން އެ ނަރުހުންގެ ހިދުމަތުގެ އަގުވެސް ވަޒަން ކުރެއެވެ. އެއީ ހެލްތް ސެކްޓަރގެ މައިބަދައަކީ ނަރުހުންނޭވެސް ދެންނެވިދާނެއެވެ.

ނަރުހުންނަށް ހުރި ގޮންޖެހުންތަކާއި ނަރުހުންގެ ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އެއްދުވަހުން އަނެއްދުވަހަށް ސަރުކާރުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ނަރުހުންގެ ފެންވަރު މަތިކުރުމަށް ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރާ ނަރުހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ.

އަދި ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުންނަށް ވަޒީފާ ދިނުމުގައި މި ސަރުކާރުންވެސް ހާއްސަ އިސްކަމެއް ދެއެވެ. ދިވެހި ހީވާގި ނަރުހުންނާއި ބިދޭސީ ނަރުހުންގެ ހިދުމަތުގެ ސަބަބުން ބަލިމީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ކޮންމެ ދުވަހަކުވެސް ބޮޑު އިމްޕެކްޓެއް އާދެއެވެ. މުޖުތަމައުގައި ލޯތްބާއި އަޅާލުމާއި އޯގާތެރިކަމާއެކު ހިދުމަތް ދިނުމުގައި ދެމިތިބި ނަރުހުންނާއި ހިދުމަތުން ރިޓަޔާރ ކޮށްފައިވާ ނަރުހުންނަށްވެސް ދުވަހުގެ ތަހްނިޔާ އަރިސްކުރަމެވެ.