އެންމެންގެ ލޯތައް ރަފަހަށް ނުވަތަ "އޯލް އައިސް އޮން ރަފަހް" މިހެން ލިޔެފައިވާ އޭ އައި ޖެނެރޭޓެޑް ފޮޓޯއަކުން ވަނީ މީސްމީޑިއާ ފުރާލާފައެވެ.
އިންސްޓަރގްރާމްގައި މި ފޮޓޯ ޝެއާކުރި އަދަދު 40 މިލިއަނަށް އަރާފައިވާއިރު މިއީ އިސްރާއީލުގެ ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލުމަށް ދައުރުކުރަމުންދާ ފޮޓޯ އެކެވެ. ބައިނަލްއަގްވާމީ ނިންމުންތަކަށް އިހްތިރާމެއް ނެތި އިސްރާއީލުގެ ރަހުމެއް ކުލުނެއް ނެތް ޔަހޫދީން ގެންދަނީ ރަފަހަށް އަރާ އެ ސިޓީވެސް ސުންނާފަތި ކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް ގެދޮރު ނެތް ރެފިއުޖީންގެ ޓެންޓްތައްވެސް އެދަނީ ލޫޓުވަމުންނެވެ. އަދި އެއްގަމު މަގުން ހަމަލާދީ އެތަންތަންވެސް ބިމާ ހަމަކުރަމުންނެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޮނިހިރު ދުވަހު ބުނެފައިވަނީ ހަމާސް ނެތިކޮށްލެވެންދެން ހަނގުރާމަ ހުއްޓާ ނުލާނެ ކަމަށެވެ. ފަލަސްތީނުގެ ކުށެއްނެތް އާންމުންގެ އަބުރުވެރި ދިރިއުޅުން ނަގާލާ، އާއިލާތައް ނެތިކޮށްލާ ގެދޮރު ފުނޑުކޮށް ބިމާ ހަމަކޮށްފައިވާއިރު އިސްރާއީލުން ހަނގުރާމައިގެ ބަހަނާއަކަށް ދައްކަނީ ހަމާސްއެވެ. ހަމާސް އިން 7 އޮކްޓޫބަރު 2023 ގައި ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިވާ އިސްރާއީލު މީހުން ދޫކޮށްލުމަށް ޑިމާންޑްކޮށް އެ ދުވަހުން ފެށިގެން ހަމާސް އާއި އިސްރާއީލު އަސްކަރިއްޔާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައަށް މިހާރު 8 މަސްވާން ކައިރިވެފައިވާއިރު ބައިނަލްއަގްވާމީ ފިއްތުންތަކަށްވެސް ދޫދޭކަށް ނަތަންޔާހޫގެ ސަރުކާރު ބޭނުމެއް ނުވެއެވެ.
އިސްރާއީލަށް އެންމެ ވާގިވެރިވާ އެއް ގައުމަކީ އެމެރިކާ ކަމަށްވާއިރު މީޑިއާގައި އެމެރިކާއިންވެސް އަންނަނީ އިސްރާއީލަށް ޕްރެޝަރު ކުރުމުންނެވެ. ޣައްޒާގެ އިތުރުން ރަފަހަށް އިސްރާއީލު ސިފައިން ދޭ ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ވަނީ އެކަން ހުއްޓާލުމަށް އިޒްރޭލަށް ގޮވާލާފައެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ މިހާރު ތަޅާފޮޅުން ހުއްޓާލަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. ބައިޑެން ވިދާޅުވީ 7 އޮކްޓޫބަރުގައި ދިންފަދަ ހަމަލާއެއް ދެެވޭވަރަށްވުރެ މިހާރު ހަމާސް ވަނީ ބަލިކަށިވެފައި ކަމަށާއި، އަދި އެއްބަސްވެފައިވާ ގޮތަށް ދެފަރާތުން ހިފަހައްޓާފައިވާ ރަހީނުން ބަދަލުކުރުމާއިއެކު ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން ވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައިވާ މި ދަނޑިވަޅުގައި އިސްރާއީލު ސިފައިން ރަފަހަށް އަރައިގަނެ ބައިނަލްއަގްވާމީ މުއާހަދާތަކާއި ސުލްހައިގެ އެއްބަސްވުންތަކާއިވެސް ވަނީ ހިލާފުވެފައެވެ. ފަލަސްތީނުގެ ރައްޔިތުންގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ނުބައިކަމުން ފަލަސްތީނު މިނިވަން ކުރުމަށް މުސްލިމު ޤައުމުތަކުން ފަސްނުޖެހުމަށް ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާންވެސް ވަނީ ގޮވާލައްވާފައެވެ. އުރުދުޣާން ވިދާޅުވީ މުސްލިމުންގެ މަރުވެފައިވާ ހަށިގަނޑުތައް ފަލަސްތީނުގެ މަގުތަކުގައި ކުއްތާތައް ކަމުންދާ އިރު މުސްލިމު ގައުމުތަކުން މަޑު ކުރަނީ ކޮންކަމަކަށްތޯ ސުވާލު އުފެދޭ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް "ސީސްފަޔަރ ޕްރޮޕޯސަލް" އެއް ހުށަހަޅާފައިވާއިރު އެ ޕްރޮފޯސަލަށް އދ، އިނގިރޭސިވިލާތް، ފްރާންސް، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އިން ވަނީ މަރުހަބާ ކިޔާފައެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ނަތަންޔާހޫ ހުށަހަޅުއްވާފައިވާ ޝަރުތުތަކަކީ ހަމާސްއިން ހިފަހައްޓާފައިވާ ރަހީނުން އެއްކޮށް ދޫކޮށްލުމާއިއެކު ހަމާސްގެ އެއްވެސް އުނދަގުލެއް އަދި ބިރުވެރިކަމެއް އިސްރާއީލަށް ނެތްކަށް ކަށަވަރު ވުމެވެ. އިސްރާއީލުން ބޭނުންވަނީ ހަމާސްގެ އަސްކަރީ ގާބިލުކަމާއި، ޣައްޒާގައި ވެރިކަން ހިންގުމުގެ ބާރު ދެރަކޮށްލާ ހަމާސްގެ އެއްވެސް ބާރެއް އެ ސަރަހައްދުގައި ނެތް މިންވަރަށް ހަމާސް ބަލިކަށިކޮށްލުމަށެވެ. ހަމާސްއިން ބުނީ އެ ޕްލޭން "ޕޮސިޓިވް"ކޮށް ރިވިއުކޮށްފައިވާ ކަމަށާއި، އެއްކޮށް ހަނގުރާމަ ހުއްޓާލުމާއި ގުޅޭ ކޮންމެ އެއްބަސްވުމަކާއިއެކު ކުރިޔަށްދިއުމަށް، ބިނާކުރަނި އަދި "ޕޮސިޓިވް" ކޮށް ޑީލް ކުރުމަށް އެ ޖަމާއަތުން ތައްޔާރު ކަމަށެވެ.
ރަފަހަށް އެންމެންގެ ލޯތައް އަމާޒުކުރަންވީ ކީއްވެ؟
އިސްރާއީލު ސިފައިން ރަފަހަށް ހަމަލާދޭން ފެށީ މޭ 26 ގައެވެ. ރޭގަނޑު އަނދިރި ވަގުތުގައި އެއްގަމު މަގުން ރަފަހަށް އަރައިގަނެ ހަމަލާދިނީ ވަގުތީ ހިޔާތަކަކަށެވެ. ނިކަމެތިވެ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދިނުމަށްފަހު ރަފަހްގައި ހުރި ދެ ހޮސްޕިޓަލަކަށްވެސް ހަމަލާދީފިއެވެ. އަނިޔާވެރިކަމުގައި ހައްދު ފަހަނައަޅާފައިވާ ޔަހޫދީންގެ މި އަމަލުތައް މުޅި ދުނިޔެއިން ކުށްވެރި ކުރިއެވެ. ރަތް ރޮނގު ހުރަސް ނުކުރުމަށް ބައިނަލްއަގްވާމީ ދުނިޔެއިން އެންގި ނަމަވެސް ނަތަންޔާހޫގެ ސަރުކާރުން މި އަޑެއް ނޭހިއެވެ. އިސްލާއީލުން ރަފަހަށް ހަމަލާދިން ސަރަހައްދުތަކުގެ ތެރޭގައި "ސޭފް ޒޯން" ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައްވެސް ހިމެނެއެވެ. ފޭލިގެތަކުގައި ރެފިއުޖީންގެ ހާލަތުގައި އުޅެމުންދިޔަ ފަލަސްތީނުގެ އާންމުންނަށް ހަމަލާތައް އަމާޒުކޮށް 7 ކިލޯގެ ބޮމާއި މިސައިލްތަކެއް، ރަފަހްގެ ފޭލިގެތަކަށް ދިން ފުރަތަމަ ހަމަލާގައި ބޭނުންކުރި ކަމަށް އިސްރާއީލުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެއެވެ. އެ ވަގުތީ ހިޔާތައް އަންދާ އަޅިއަށް ހަދަނީ އެ ހިޔާތަކުގައި ތިބި މީހުންނާވެސް އެކުގައެވެ. އިސްރާއީލުން ބުނީ އެ ވަގުތީ ހިޔާތަކުގައި ރޯވި އަލިފާންގަނޑު ބޮޑަށް ފެތުރުނީ އެތާ ކައިރީގައި ހުރި ތެޔޮ ޓޭންކެއްގައި ހުޅު ހިފުމުގެ ސަބަބުން ކަމަށެވެ. އޭގެ ފަހުން ޖެހިގެން އައި ދުވަހު (27 މޭ) ގައި ބިރުވެރި އަދި ހިތްފަޅައިގެންދާވަރުގެ ހިތާމަވެރި މަންޒަރުތަކެއް ފެންނަ ވީޑިއޯތައް އާންމުވިއެވެ. އަނދާފައިވާ ހަށިގަނޑުތަކާއި، ބޮލެއްނެތް މަރުވެފައިވާ ކުޑަކުއްޖަކު އުރާލައިގެން ހުރި ފަލަސްތީނު މީހެއްގެ ވީޑިއޯއެއްވެސް އާންމުވިއެވެ. އެ ހަމަލާގައި 45 މީހުން ޝަހީދުކޮށްލިއެވެ.
ޣައްޒާގެ ސިއްހީ ނިޒާމު ފުނޑުފުޑުވެފައިވާއިރު އިސްރާއީލުން 28 މޭގައި ވަނީ ރަފަހްގައި ހުންނަ އިންޑޮނޭޝިއަން ފީލްޑް ހޮސްޕިޓަލަށް ހަމަލާދީފައެވެ. އެ ހޮސްޕިޓަލުގެ މަތީ ފަންގިފިލާތަކަށް ބޮން އަޅާ ސިއްހީ ނިޒާމު އިތުރަށް ނިކަމެތި ކުރުމަށް އިސްރާއީލު ސިފައިން ވަނީ މަސައްކަތް ފަށާފައެވެ. ޣައްޒާގެ ރައްޔިތުން ފަލަސްތީނުގެ އާންމުން ދިރިއުޅެމުންދާ ރަފަހްގެ އެކި ސަރަހައްދުތަކަށް ބޮން އަޅަމުން އަންނައިރު އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވި ގިނަ މީހުންނަކީވެސް ހަލުގައި ޖެހިފައިވާ މީހުންނެވެ. އިސްރާއީލު ސިފައިން ހިންގާ މި ޖަރީމާއަށް މުސްލިމު ގައުމުތަކުން ކަނު ލޯތަކެއް ދީގެން ވާނެތޯއެވެ. މުސްލިމުން ރެފިއުޖީންނަށް ހަދާ އަމިއްލަ ބިމުގައި ހާލުގައި ޖައްސާފައިވާއިރު، ބޮން އަޅާ ޝަހީދު ކުރަމުން އެދަނީ ތުއްތު ކުދިންނާއި އަންހެނުންވެސް ހިމެނޭ ގޮތަށެވެ. އަދި އެނައްތާލަނީ ޒުވާން ޖީލެކެވެ. ޖީލެއް ނެތިކޮށްލުމަށް އިސްރާއީލުން ހިންގާ މި އުދުވާންތައް ބަލަން "އެންމެންގެ ލޯތައް ރަފަހަށް" ހުއްޓާލައިގެން ތިބެވޭކަށްވެސް ނެތެވެ. އިސްރާއީލުގެ އަމަލު ހުއްޓުވާ މުސްލިމުން އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް މުސްލިމު އުންމަތުން ނިކުންނަންވީ ވަގުތު ޖެހިއްޖެ ނޫންތޯ އެވެ.