ގްލޯބަލް ސްޓޭޓް އޮފް ޓޮބޭކޯ, ހާމް ރިޑަކްޝަންގައި ވާގޮތުން ރާއްޖޭގެ އާބާދީގައި ހިމެނޭ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން 33.2 އިންސައްތަ މީހުންނަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމުގައި ކޮންމެ އަހަރު ރާއްޖެއިން އެވްރެޖް ގޮތެއްގައި 172 މީހުން މަރުވެއެވެ. މިއީ 2023 ވަނަ އަހަރުގެ ދިރާސާއަކުން ދައްކާ ނަމްބަރެކެވެ. ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވައްޓަފާޅި ނުވަތަ ޓްރެންޑް މިހާރު ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އީ ސިނގިރޭޓް ރާއްޖެ އެތެރެކުރަން ފެށި ހިސާބުން ފެށިގެން އެއަށް ދެވިހިފާފައިވާ މީހުން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހޯދައިގެން, އީ ސިނގިރޭޓްގެ އެންމެ ފަހުގެ ވައްތަރުތައްވެސް ރާއްޖެއަށް ގެންނަމުންނެވެ. އެންމެފަހުން ވޭޕްގެ ޝިކާރައަކަށްވެ "ގައުމުގެ މައިބަދަ" ކަމުގައިވާ ޒުވާނުން މިވަނީ އެ ވަބާގައި ޖެހި އަވަދިވެފައެވެ. ވޭޕްގެ ވާހަކަ ދައްކަން މިހާރު މާ ބޮޑަށްވެސް ލަސްވެއްޖެ ނޫންތޯ އެވެ.
ތަންފީޒު ނުކުރެވޭ ޤާނޫނާއި ޤަވާއިދު
ދުންތަފް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން 2010 ވަނަ އަހަރު އީ ސިނގިރޭޓް ވަނީ ދުންފަތުގެ ބާވަތްތަކުގެ ތެރޭގައި ހިމަނާފައެވެ. އޭރުން ފެށިގެން ދުންފަތް ކޮންޓްރޯލް ކުރުމަށް އެކި ފިޔަވަޅުތައް އެޅިކަން ލިޔެކިއުމުން އެނގެން އެބަހުއްޓެވެ. ގޭބިސީތަކުގެ އެންމެން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލައިފިނަމަ އެ ގެއަކަށް އެވޯޑެއް ދިނުމާއި, ދުންފަތް އެތެރެކުރުމުން ނަގާ ޑިއުޓީ ބޮޑުކުރުމާއި, ވަކިވަކިން ސިނގިރޭޓް ނުވިއްކުންފަދަ ފިޔަވަޅު އަޅައިފިއެވެ. އަދި މަގުމަތީގައި ކަފިހި ހުރަހުން ހިނގާފައިދާއިރު ސިނގިރޭޓް ބޯނަމަ ނުވަތަ ދުއްވާ ވެހިކަލްގައި ސިނގިރޭޓް ބޯ މީހުން ޖޫރިމަނާ ކުރުމަށްވެސް ގަވާއިދުތައް ހެދިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނު (ގާނޫނު 15/2010) ގެ ދަށުންނެވެ. އެ ގާނޫނުގައި ވަނީ ރާއްޖޭގެ މާކެޓަށް ތައާރަފްކުރާ އުފެއްދުންތަކަކީ ހެލްތު މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ތަކެތި ކަމަށެވެ.
އަދި ދުންފަތުގެ ބާވަތްތައް 18 އަހަރުން ދަށުގެ ކުދިންނަށް ވިއްކުން މަނާ ކަމަށާއި، ވެންޑިން މެޝިން، ޕޯސްޓް، އިންޓަނެޓްގެ ޒަރިއްޔާއިންވެސް ވިއްކުން މަނާ ކަމަށެވެ. އީ-ސިނގިރޭޓްގެ ހުރިހާ ބާވަތެއްގެ އިޝްތިހާރު ކުރުމާއި ޕްރޮމޯޓް ކުރުމާއި ސްޕޮންސަރ ކުރުން މަނާކޮށްފައިވާއިރު، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި ވޭޕް ކުރުންވެސް މަނާކޮށްފައިވެއެވެ. ގާނޫނު ނަންބަރު 31/79 (މޯލްޑިވްސް އެކްސްޕޯޓް އިމްޕޯޓް ގާނޫނު) ބުނާގޮތުން ދުންފަތުގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ކުރާ ހަރަދާއި އެތެރެކުރުމަށް ދައްކާ, އިންޝުއަރެންސް އަދި ފްރެއިޓް ވެލިއުގެ %200 އިމްޕޯޓް ކުރާއިރު ދައްކަންވާނެ ކަމަށް ގާނޫނުން ލާޒިމް ކުރެއެވެ. އަދި އެ ތަކެތި ވިއްކާއިރު %6 މުދަލާއި ހިދުމަތުގެ ޓެކްސްއަށްވެސް ނަގައެވެ. ނަމަވެސް ވޭޕިންގ އަށް ބޭނުންކުރާ އާލާތްތަކުން ޓެކްސް ނަގަނީ ދުންފަތުގެ ބާވަތްތައް ބޭނުންކުރުމަށް ބޭނުންކުރާ ތަކެތީގެ ގޮތުގައި ނޫން ކަމަށާއި، އިލެކްޓްރޯނިކް ޑިވައިސްތަކެއްގެ ގޮތުގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ގަވާއިދުތައް މިހެން ހުއްޓަސް މިކަމަށް ފިޔަވަޅު އެޅި ރެގިއުލޭޓް ކުރެވޭބާއެވެ. މިއަދުވެސް ވެރިރަށް މާލޭގައިވެސް ސައިކަލްތަކުގައި އެދާ ބައެއް ޒުވާނުން ހަމަ އެއްވެސް ޖެހިލުންވުމެއް ނެތި އެދަނީ ސިނގިރޭޓް ބޮމުންނެވެ. ވޭޕް ކުރަމުންނެވެ. ޅަ ކުދިންވެސް އޭގެ އަވާގައި ޖައްސައިފިއެވެ. ޒުވާން އަންހެން ކުދިންވެސް އެ ބޯލެއް މަދެއް ނޫނެވެ. ދޮށީ އުމުރުގެ މީހުންވެސް ވޭޕް ކުރަނީއެވެ. ދުންގުޑުގުޑާވެސް ބޮނީއެވެ. ކޮންމެތަނެއްގައި ހުރެފައިވެސް އެ ދަމާލައެވެ. އަދި އެކަކު އަނގަ ޖަހާފައި އޮންނަ ޕޮޑް އަނެކަކަށްވެސް ދެއެވެ. އަމިއްލަ ނަފްސަށް ގެއްލުންދޭ އެއްޗެއްކަން އެނގި ހުރެ ފައިދާއެއް ނެތް މިފަދަ ގެއްލުންބޮޑު ބޭކާރު ހަރަދެއް މި ވެރިން މި ކުރަނީ ކީއްވެބާއެވެ.
ސިއްހީ ގޮތުން ނުރައްކާ, ސަމާލު ނުވެވިއްޖެނަމަ ފުރާނައަށް ނުރައްކާ
ވޭޕްކުރާ ބައެއް އަންހެންކުދިންނާއި ވާހަކަ ދައްކާލުމުން ބުނީ މިއީ ހިތްހަމަޖައްސާލަން ކުރާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ހަޤީޤަތުގައި އެއީ ފަހުން ހިތްހަމަޖެހޭ ކަމަކަށް ނުވާނެއެވެ. އަމިއްލަ އަތުން އަމިއްލަ ފުއްޕާމެއަށް އަދި ވަށައިގެންވާ މީހުންގެ ތެރެއަށް ދުންގަނޑު ދޫކޮށްލުމުން އެދެވެނީ ކިހާވަރެއްގެ ގެއްލުންކަމެއްކަން އެނގޭނީ އަމިއްލަ ފުއްޕާމެއާ ލޭ ހޮޅިތަކާއި ހިތް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުންނަނަމަ އެކަނިތާއެވެ. މޫނުގައިވާ އޮށާޅަތަކާ ބިހިތަކާއި ލައްތައް ފޮރުވަން އެކިކަހަލަ މޭކަޕް ސާމާނާއި ފައުންޑޭޝަން އެކި ފަށަލަތަކަށް އުނގުޅާ ބީދައިން އޭރުން ފުއްޕާމެއާއި ލޭ ހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް ފޮރުވަން ވެސް މިވެރިން އުޅޭނެތާއެވެ.
ޒުވާނުންނޭ! ވޭޕް ކުރުމަކީ ކުރުން ހެޔޮވާވަރު ކަމެއް ނޫން ކަމަށް ސިއްހީ މާހިރުން ވިދާޅުވާއިރު އަވަހަށް ދުރުވަމާ ހިނގާށެވެ. އަމިއްލަ އަތުން އަމިއްލަ ހަށިގަނޑަށް ގެއްލުން ނުދީ އަވަހަށް ވޭޕް ކުރުމާއި, ދުމާއި, ދުންފަތާއި ދުރުހެލިވާށެވެ. އަތުން ތިޔަ ހޭދަކުރާ ފައިސާއަކީ ހަމަ އިސްރާފެކެވެ. ފަހުން ސިއްހަތު ސަލާމަތް ކުރަން އަތުން ކުރަން ޖެހޭނީ ކިހާ ބޮޑު ހަރަދެއްކަން އެނގޭނީ ކާކަށްހެއްޔެވެ.
ލޭހޮޅިތައް ހަލާކުކޮށްލާ ހިތުގެ މައްސަލަތަކަށް ހުށަހެޅޭ
އެމެރިކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތްއިން, ހިތާ ފުއްޕާމެއާއި ލެއާއި ގުޅޭ ގޮތުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި އީ ސިނގިރޭޓް ބޭނުން ކުރުމާއި ދިގުމުއްދަތަކަށް ވޭޕް ކުރުމުގެ ސަބަބުން ލޭ ހޮޅިތަކުގެ މަސައްކަތަށް ހުރަސް އެޅި ހިތުގެ ބަލިތަކަށް މަގުފަހިވެއެވެ. އަދި ވޭޕް ކުރުމާއިއެކު ސިނގިރޭޓް ބޯނަމަ އަދި ނުރައްކާ މާބޮޑެވެ.
މި ދިރާސާ ހަދާފައިވަނީ އިންސާނުން ބޭނުންކޮށްގެންނާއި ކުއްތާ ބޭނުންކޮށްގެން ދެބައިގެ ސާމްޕަލްތައް ވަކި ވަކި ޓެސްޓްކޮށްގެންނެވެ.
ވޭޕް އަކީ ނިކޮޓިން ނުހުންނަ އެއްޗެއް ކަމަށް ލޭބަލްކޮށްގެންވެސް ވިއްކައެވެ. ނަމަވެސް ދިރާސާކާރުން ވަނީ އެތަކެތި ތަހުލީލުކޮށް އޭގައި ނިކޮޓިން ހިމެނޭކަން ދެނެގަނެފައެވެ. ވޭޕް ކުރާ އާލާތްތަކުގައި ހުންނަ ވިހަ މާއްދާތައް އެކުލެވޭ ކެމިކަލްގެ ސަބަބުން ލޭގެ ހިނގުމާއި ހިތުގެ ސިއްހަތާއި ފުއްޕާމެއަށް ނޭދެވޭ އަސަރު ކުރުވައެވެ.
ރާއްޖޭގައި ވޭޕް ކުރުން އިންތިހާއަށް އާންމުވެފައިވާއިރު މިކަން ހުއްޓުވުމަށް އެތެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވާފައެވެ. ޑޮކްޓަރ ވިދާޅުވެފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމާއި ވޭޕް ކުރުން މަނާ ނުކޮށްފިނަމަ ރާއްޖޭގެ ޒުވާން އާބާދީ ހަލާކުވެދާނެ ކަމަށެވެ. އެހެންކަމުން ސިނގިރޭޓާއި ވޭޕް ކުރުމާއި ދުން ބުއިމާއި ދުރުވުމަށް ސިއްހީ އެހީތެރިންގެ ލަފާ އާއި އިރުޝާދު ހޯދާށެވެ. އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރުވުމަށް އެހީވެދޭ ކްލިނިކްތައްވެސް ގާއިމުކޮށްފައި އެބަހުއްޓެވެ. ރައްކާވެ ތިބިއްޔާ ދަތުރޭ ބުނާ ބީދައިން ބޮޑު ބައްޔަކަށް ތިމާ ހުށަހެޅޫމުގެ ކުރިން ވޭޕް ކުރުން ހުއްޓާލަމާތޯއެވެ.
މައުލޫމާތު ނަގާފައިވަނީ:
https://gsthr.org/countries/profile/mdv/