މަސައްކަތްތަކުން އެކަހެރިވެލާ ޗުއްޓީއެއް ނަގަން ހެއްޔެވެ. އެކަމަކު މަސައްކަތުގެ ހަނދާން އާވެ ޗުއްޓީއަށް ބުރޫއަރާ ދޯއެވެ. އިންބޮކްސް ފުލްވަންދެން މެސެޖު އާދެއެވެ. ނުވަތަ އަމިއްލަ ނަފްސަށް ވަގުތު ކޮޅެއް ހުސްކޮށްލައިގެން ޓީވީ ބަލާލަން ނުވަތަ ކުރާހިތްވާ ކަމެއް ކުރަން އިންނަން ހެއްޔެވެ.
އެކަމަކު އެހެން އިންނަ އިރުވެސް އޮފީހުގައި ކުރަން ހުރި ކަންކަން ހަނދާނަށް އައުމުން އުނދަގޫވޭ ދޯއެވެ. އަމިއްލަ ނަފްސަށް ހުސްކޮށްލި ވަގުތުކޮޅުގެ އަރާމުވެސް ނުލިބި ހަރާބުވެގެން ދިޔައީ އެހެނިހެން ހިޔާލުތަކާއި ހެދި ހެއްޔެވެ.
މީގެ ތެރެއިން އެއްވެސް ކަމެއް އިހްސާސް ކުރެވޭނެނަމަ މިއީ ހަމައެކަނި ތިބާއަށް ވާގޮތެއް ނޫންކަން ޔަގީން ކުރާށެވެ. އަރާމު ކޮށްލުމަކީ އެންމެ ފަސޭހަ ކަންތައް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެދާނެއެވެ.
ސައިކޮލޮޖީ ދާއިރާގެ ޕްރޮފެސަރުންނާއި ރިސާޗަރުން ދިރާސާތަކުގެ އަލީގައި ބުނަނީ ބައެއް މީހުންނަށް ރިލެކްސްކޮށްލަން ވަގުތުކޮޅެއް ހޭދަކުރުމަކީ ބޭކާރު ވަގުތެއްގެ ގޮތުގައި އިހުސާސް ކުރެވޭ ކަމަށެވެ. ގިނަ ފަހަރަށް ފޮތެއް ކިޔާލުން ނުވަތަ ފިލްމެއް ބަލާލުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށާއި، އަބަދުވެސް ހުންނަންވާނީ މަސައްކަތެއްގެ ތެރޭގައި ބިޒީވެގެން ކަމަށް ދެކޭ މީހުންވެސް އުޅެއެވެ.
އެހެންނަމަވެސް ބުރަ މަސައްކަތުގައި އަބަދު އުޅުމުގެ ބަދަލުގައި ކޮންމެވެސް ވަރަކަށް އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކޮށްލަންވާނެއެވެ. ރިލެކްސް ކޮށްލުމަކީ ވަރަށް މުހިންމު ކަމެކެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އަރާމު ކުރުން ވަރަށް މުހިންމު
އަރާމުކުރުމަކީ މީހާ ދުޅަހެޔޮކޮށް ހުރުމަށް ވަރަށް މުހިންމު ކަމެކެވެ. ހާސްކަމާއި ނުތަނަވަސްކަމުގައި ދިގު މުއްދަތެއް ހޭދަކުރާނަމަ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ބަލިކަށި ކޮށްލައެވެ. ދިގު މުއްދަތުގެ ބަލިތަކާއި ކުއްލިއަކަށް މަރުވުމުގެ ނުރައްކާވެސް އޮވެއެވެ.
އަރާމުކުރުމަކީ ރަނގަޅު ސިއްހަތެއްގައި ގިނަ ދުވަހު ހުރުމަށް އެހީތެރިވެދޭ ވަރަށް މުހިންމު ބައެކެވެ. އަދި މިއީ ސިކުނޑީގެ ހަމަޖެހުމަށްވެސް އެހީއެކެވެ.
ވަކި އިމެއް ކަނޑައެޅުން މުހިންމު
އަމިއްލަ ދިރިއުޅުމަށް ހުރަސްއެޅޭ މިންވަރަށް ވަޒީފާގެ މަސައްކަތްތަކަށް އިސްކަންދެވޭ ހެއްޔެވެ. ތިމާއަށް ލިބޭ އޮފް ދުވަހުގައިވެސް އޮފީހުގެ ކަންކަން ކުރެވޭ ހެއްޔެވެ. ބައެއް ފަހަރަށް އީމެއިލް ޗެކްކޮށްލުމާއި ނުކުރެވި ހުންނަ ކަންކަން ކުރުމާއި، މިހެންގޮސް ޗުއްޓީދުވަސް ހަރާބުވާވަރަށް އޮފީސް ކަންކަމުގައި އުޅެވިދާނެއެވެ.
އަމިއްލައަށް ލިބޭ ހުސްވަގުތުގެ ބޭނުންވެސް ނުހިފި އޮފީސް ކަންކަމުގައި ސިކުނޑި ހާސްކުރަނީ ކީއްވެ ހެއްޔެވެ. ކަމާ ގުޅުންހުރި މާހިރުން ދޭ އިރުޝާދަކީ ވަޒީފާގެ ގަޑި ގަނޑެއްގައި ނުވަތަ ބޯޑެއްގައި ލިޔެފައި ތިމާއަށް ފެންނަ ގޮތަށް ބެހެއްޓުމަށެވެ.
ފިހާރައެއްވެސް ބަންދުކުރުމަށްފަހު ވަކި މީހަކަށް ވިޔަފާރި ކުރަން އެ ފިހާރަ ނުހުޅުވައިދޭ ގޮތަށް އަމިއްލައަށްވެސް ވަޒީފާއިން ބޭރު ގަޑިތަކުގައި އަންނަ އީމެއިލެއް ނުހުޅުވާ ނުހުރެވޭވަރަށް ކަންބޮޑުވެގެން ނުވާނެއެވެ. ޖެހިގެން އަންނަ ދުވަހު އޮފީސް ގަޑީގައި އެ އީމެއިލް ބަލާލެވިދާނެއެވެ.
އަމިއްލައަށް ބައުންޑަރީއެއް ކަނޑައަޅާ ލައިނެއް ދަމާލަން ޖެހެއެވެ. އޮފީސް ގަޑިތަކުގައި ނޫން ވަގުތުތަކުގައި އޮފީސް މަސައްކަތް ކުރުމަށްވުރެ އާއިލާ އާއި ރައްޓެހިންނާއި އަމިއްލަ ނަފްސަށް އެ ވަގުތުކޮޅު ހުސްކޮށްލާށެވެ.
އަމިއްލަ ހަށިގަނޑަށް އަރާމު ބޭނުންވާނެ
ކިތަންމެ ބުރަކޮށް އުޅޭ މީހެއް ކަމުގައިވިޔަސް އަމިއްލަ ހަށިގަނޑަށް އަރާމު ބޭނުން ވާނެއެވެ. އަބަދު މަސައްކަތުުގައި އުޅެން ހަދައިގެން ވަރަށް ގިނަ މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައްވެސް އެބަހުއްޓެވެ. ވަޒީފާގެ މާހައުލުގައި ހުންނަ ކަންކަމާހެދި މީހާ ހާސްވާ ފަހަރުވެސް އާދެއެވެ.
އަމިއްލައަށް އަރާމުކޮށްލަން އުޅޭ ވަގުތުގައިވެސް އެކަންކަމާމެދު ވިސްނި ސިކުނޑިއަށް ބުރައަކަށްވެއެވެ. ހާސްކަން ފިލުވާލުމަށް 'ބްރީތިން އެކްސަސައިޒް' ކަހަލަ ކަސްރަތެއް ކޮށްލެވިދާނެއެވެ. ފުންކޮށް ނޭވާލުމަށްފަހު ނޭވާދޫކޮށްލުން ރިޕީޓްކޮށްލުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި ލުއިކަމެއް ހަށްޓަށްވެސް ލިބޭނެއެވެ.
ތެރަޕިސްޓެއްގެ އެހީ ހޯދިދާނެ
ބައެއް މިހުންނަކީ އަބަދުވެސް ބުރަކޮށް އުޅެން ބޭނުންވާ ބައެކެވެ. އެފަދަ މީހުންނަށް އަރާމުކޮށްލަން ލިބޭ ވަގުތުކޮޅުވެސް އެހެން ކަންކަމުގެ ތެރެއަށް ވަދެވި ހިޔާލުތަކުގެ ތެރޭގައި ސިކުނޑިއަށް ބުރަކޮށްލެވެއެވެ. އަމިއްލައަށް ރިލެކްސް ކޮށްލަން އުނދަގޫވާނަމަ އެއީ ތެރަޕިސްޓެއްގެ އެހީ ހޯދަން ޖެހޭ ފަދަ ހާލަތަކަށް ވެދާނެއެވެ.
ބައެއް މީހުންނަށް ވަޒީފާގެ މަސައްކަތާއި ގުޅޭ ހިޔާލުތަކާއި ދުރު ނުވެވި އަބަދު އެކަމުގައި ތާށިވެފައި ހުންނަން ޖެހެނީ އަމިއްލައަށް އަރާމު ބޭނުން ނުވާތީއެއް ނޫނެވެ. ބައެއް ފަހަރަށް މާ ބޮޑަށް މަސައްކަތުުގެ ތެރެއަށް ވަދެވި އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.
ނަމަވެސް ކޮންމެ މީހަކަށްވެސް ރެސްޓް ބޭނުންވާނެއެވެ. ރެސްޓް ކުރަން ނުވަތަ އަރާމުކޮށްލަން އުނދަގޫވާނަމަ ސައިކޮލޮޖިކަލް އުކުޅެއް ބޭނުންކޮށްލުން ބުއްދިވެރިއެވެ. 'ކޮގްނިޓިވް ބިހޭވިއަރަލް ތެރަޕީ' އަކުންވެސް އެފަދަ މީހަކަށް އަރާމުކުރުމަށް އެހީއަކަށް ވެދާނެއެވެ.
އަރާމު ކުރުމަކީ ކިހާ މުހިންމު ކަމެއްކަން ސިއްހީ އިރުޝާދު ދޭ މާހިރުން ފާހަގަ ކުރާ ފަދައިން އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށް ސަމާލުވާން ވާނެއެވެ. ފުރަތަމަ ފަށައިގަންނަ އިރު ބޮޑު ޗުއްޓީއެއް ނުނެގިނަމަވެސް އެއް ދުވަސް ދެ ދުވަސް ވަޒީފާ އާއި ދުރުގައި ހޭދަކޮށްލެވިދާނެއެވެ.
އެއްކަލަ އޮފް ދުވަހު އަންނަ އީމެއިލް ނުހުޅުވާ އެއް ދުވަހު ހުރިނަމަވެސް ކަމެއް ގޯހެއް ނުވާނެ ކަން ހަނދާނުގައި ބަހައްޓާށެވެ. މަޑުމަޑުން މިގޮތަށް ހޭނެން ފެށުމުން އޮފީސް މަސައްކަތާއި އަމިއްލަ ވަގުތާއި ދެމެދު އޮންނަ ފަރަގަށް ތިމާ ހޭނެން ފަށާނެއެވެ. ޖެހިގެން އަންނަ ދުވަހު އީމެއިލް ހުޅުވާ އެއާއި އެއްގޮތަށް މަސައްކަތް ކުރެވިދާނެއެވެ.
އަމިއްލަ ނަފްސަށް އަޅާނުލެވި ހާސްކަން ބޮޑު ނުވަތަ ސްޓްރެސްފުލް ދިރިއުޅުމެއްގައި އުޅޭނަމަ ވަޒީފާގެ މާހައުލުގައި ތިމާއަކީ މާ އުފެއްދުންތެރި މީހަކަށްވެސް ނުވެދާނެއެވެ. ވަޒީފާއެކޭ އެއްވަރަށް ތިމާގެ އަމިއްލަ ނަފްސަކީވެސް މުހިންމު އެއްޗެއްކަން ހަނދާންކޮށް "ފްރީ ޓައިމް ފްރީ" ކޮށްލާށެވެ. އަމިއްލައަށް ހިތްހަމަޖައްސާލާ ރިލެކްސް ކޮށްލާށެވެ.
މައުލޫމާތު ނަގާފައިވަނީ: ޓައިމް ޑޮޓް ކޮމް އިން