September 19, 2024 06:20
Advertisement

-Advertisement-

އަމްރާ: ބާސްކެޓްގައި ފިޔަޖަހަމުން އަންނަ ތަރިއެއް، ބޭނުންވަނީ އިތުރަށް ކުރިއަރުވަން

އަމްރާ މުހައްމަދު އާމިރު، މިއީ ރާއްޖޭގެ ބާސްކެޓްގައި އާ ނަމެއް ނޫނެވެ. ކުޅިވަރަށް ލޯބިކުރާ ކުޅިވަރުގެ ތެރޭގައި އުޅޭ "ޖެން ޒީ" ކުދިންގެ ފޭވަރިޓަކަށްވެސް ވެދާނެއެވެ. ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލުގެ ކުރީގެ ކެޕްޓަން، އަމްރާ އަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބާސްކެޓްގައި ވިދާތަރިއެކެވެ. 16 އަހަރުން ދަށުގެ ގައުމީޓީމުގައި ވެސް ހިމެނުނު ކުރިއަރަމުން އަންނަ ބާސްކެޓް ކުޅުންތެރިއެކެވެ. "އަޅުގަނޑު އެންމެ ކުޑައިރުންސުރެވެސް ވަރަށް ކުޅިވަރުތަކުގެތެރޭގައި އުޅުނިން، ގްރޭޑް 1 ން ފެށިގެން ޖިމްނާސްޓިކްގައި އުޅެފަ، ޓެނިސް ކުޅެ، އެތްލެޓިކްސްއަށް ގޮސް، އެތްލެޓިކްސް އިން އެޓޯލް ޗެމްޕިއަންޝިޕް ހޯދާފަ އެންމެ ފަހުން ބާސްކެޓަށް، އެހެންވީމަ އެންމެ ކުޅޭހިތްވަނީ އަދި ކުރިއަރާހިތްވަނީވެސް ބާސްކެޓްގައި" ކަމަށް އަމްރާ 'ޒީޓައިމްސް' އަށް ކިޔައިދިނެވެ. އަމްރާ ބުނީ ރާއްޖޭގައިވެސް ވަރަށް ގިނަ އަންހެނުން ބާސްކެޓް ކުޅޭތީ އާއި މިސަރަހައްދުގެ މުބާރާތެއް ކަމަށްވާ ސާބާގައިވެސް ރާއްޖެއަށް ވަނަތައް ލިބިގެންދާތީ ވަރަށް އުފާވާކަމަށެވެ.

އެންމެ ފާހަގަ ކުރެވޭ މުބާރާތްތައް
އަމްރާގެ ކެރިއަރުގައި މިހާތަނަށް ކުޅެވުނު މުބަރާތްތަކުގެ ތެރެއިން މާލޭގައި ބޭއްވި ގައުމީ މުބާރާތްތަކާއި، ސައުތު އޭޝިއަން ބާސްކެޓް ބޯލް އެސޯސިއޭޝަން (ސާބާ) އިން 2018 ވަނަ އަހަރު ބޭއްވި ސާބާ ޗެމްޕިއަންޝިޕް އަކީވެސް އަމްރާއަށް ވަރަށް ގިނަ ކަންކަން ދަސްވި ފާހަގަ ކުރެވޭ މުބާރާތްތަކެކެވެ. އަދި ރޯދަމަހު މާލޭގައި އޮންނަ ތްރީ އޮން ތްރީ މެޗްތަކާއި، މިހާރު އެމެރިކާގައި އޮންނަ މުބާރާތްތައްވެސް އޭގެތެރޭގައި ހިމެނޭކަމަށް އަމްރާ ބުންޏެވެ.

އެމެރިކާއަށް ދެވުނީ ކިހިނެތް؟

Advertisement

އަމްރާއަކީ މިހާރު އެމެރިކާގައި އޮންނަ ލީގުތަކުގައި އެކި ސްޓޭޓްތަކުގައިވެސް ކުޅޭ ދިވެހި ކުޅުންތެރިއެކެވެ. ރާއްޖޭގެ އަސްދަނޑިން ބޭރަށް އަމްރާގެ މި ހުނަރު ގެންގޮސްދިނީ އޭނާ ގްރޭޑް 1 ން ފެށިގެން ތަމްރީން ކުރަމުން އަންނަ ބަނީ ކޯޗުގެ ވަރަށް ބޮޑު ހިއްސާއަކާ އެކުގައެވެ. ބަނީ ކޯޗު ތަރައްޤީކޮށްދިން މި ހުނަރުން އިތުރު ހަރުފަތަކަށް އަމްރާ ގެންގޮސްދިނީ އެމެރިކާގެ ކޯޗެކެވެ.

"2020 ގައި ދާން އުޅުނީ ފިލިޕީންސްގައި އޮތް ޓްރޭނިން އަކަށް. އޭރު އެތާނގަ ހުރި އެމެރިކާ ކޯޗެއް، އެތަނަށް ގޮސް އެއްހަފްތާ ފަހުން އިންޑިއާއަށް ދާން އުޅެނިކޮށް އެ ކޯޗު ހޯދަދިން ފުރުސަތެއްގައި އެމެރިކާއަށް ދެވުނީ".

އެމެރިކާގެ ހައި ސުކޫލެއްގައި ކިޔަވަމުން އަމްރާ ބާސްކެޓް ޓްރޭނިން ހަދަމުން ދިޔައިރު އޭނާ ބުނީ އެތަނުގައި އެކިގައުމުތަކުގެ ކުދިން އައިސް އުޅޭ ކަމަށެވެ. އެގޮތުން އޭނާ އަށް ކުޅެން ފުރުސަތު ލިބުނުއިރު އެ ޕޫލުގައި، ޗައިނާ، ކޮރެއާ، ފިލިޕީންސް އާއި އެނޫން ގައުމުތަކުގެ ކުދިންވެސް އުޅޭތީ އަމްރާއަށް އެކި ގައުމުތަކުގެ ކުޅުންތެރިންނާއި އެކު މުޅިން ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތުވެސް ލިބުނެވެ. އޭނާ ތައުލީމު ހާސިލުކުރަމުންދިޔަ ހައި ސުކޫލުގެ ބާސްކެޓް ޓީމުގައި ހިމެނި އެ ޓީމް އެކި ސްޓޭޓްތަކުގައި ތަމްސީލުކޮށްދިނުމުގައިވެސް އަމްރާގެ ދައުރު ބޮޑެވެ.

މިހާރު ހިލްސް އެންޑް ޓެކްސަސްގައި ހުންނަ ޔުނިވަސިޓީއެއްގައި ގާނޫނީ ދާއިރާއިން ތައުލީމު ހާސިލު ކުރަމުން އަންނަ އަމްރާއަށް މާލެ އާދެވޭ ކޮންމެ ފަހަރަކުވެސް ބާސްކެޓާއި ދުރަކު ނުހުރެވެއެވެ. އަމްރާ އެންމެ ޝުކުރުވެރިވާ އެއް ކޯޗް، ބަނީ ކޯޗާއި އެކު އޭނާ ފަރިތަކުރުންތައް ބާއްވައެވެ. އަމްރާ ބުނީ އެންމެ ކުޑައިރުންފެށިގެންވެސް ބަނީ ކޯޗާއެކު ޕްރެކްޓިސް ކުރާ ކަމަށާއި، މާލޭގައި ސުކޫލުގައި އުޅުނުއިރުވެސް ފަތިހު ހަތަރުގަޑި ސާޅީސް ފަހެއް ނުވަތަ ފަހެއް ޖަހާއިރު ޕްރެކްޓިސްއަށް ދާ ކަމަށާއި، ސުކޫލަށްވެސް ދަނީ ބާސްކެޓް ބޯޅަ ކުޅުމަށްފަހުގައި ކަމަށެވެ.

ބާސްކެޓް ކުރިއަރުވަމުން، ކުރިއަށްދާން ބޭނުންވަނީ ޤާނޫނީ ދާއިރާއިން

"އަމްރާ ބޭނުންވަނީ ލޯޔަރަކަށް ވާން، މީހުންނާ ގުޅިގެން އެކީގައި މަސައްކަތް ކުރުމަކީ އަމްރާ ވަރަށް ކުރާހިތްވާ ކަމެއް. އަމްރާއަށް ވަރަށް ފަސޭހަ ކަމެއް" ކަމަށް ބުންޏެވެ. އެހެންނަމަވެސް ބާސްކެޓް ބޯޅަ ދޫކޮށްލާކަށް އަމްރާ ބޭނުމެއް ނުވެއެވެ. "ޔޫއެސްއަށް ދިޔައިރު އުޅޭނެ ކޯޗް މައިކް، އޭނައާއި އެކީގައި މަސައްކަތް ކުރަނީ އަތޮޅުތަކުގައި ބާސްކެޓް ކުރިއަރުވަން" އަމްރާ ބުނީ މައިކް ކޯޗާއި އެކު ލާމު އަތޮޅުގައި ކުޑަކުދިންނަށް ބާސްކެޓް ތައާރަފް ކޮށްދިނުމާއި އެކުދިން ޓްރެއިން ކުރުމުގައި ކޮންމެވެސް ވަރަކަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. "އަމްރާ މަސައްކަތް ކުރަން ކުޑަކުދިންނަށް ބާސްކެޓް ދަސްކޮށްދިނުމުގައި. ރޯލް މޮޑެލްއެއް ގޮތަށް އެކުދިންނާ ވާހަކަ ދައްކާ ހަދަން. ވަރަށް ބޭނުން ބާސްކެޓް ކުރިއަރުވަން، ހަމައެކަނި މާލޭގައެއް ނޫން، ތަފާތު ރަށްރަށުގައިވެސް. އަތޮޅުތެރޭގައި ބާސްކެޓް ކުރިއަރުވަން ވަރަށް ބޭނުން"

އަމްރާއަށް ބާސްކެޓުން ލިބުނީ ހަމައެކަނި ކުޅިވަރުގެ ހުނަރެއް ނޫނެވެ. އޭނާ ބުނާ ގޮތުންނަމަ ކޮމިއުނިޓީ ބިލްޑްކުރުމަށްވެސް ހުނަރު ދަސްވިއެވެ. އެމެރިކާގައި ތައުލީމު ހާސިލުކުރަމުން ދިޔަނަމަވެސް ލިބޭ ފުރުސަތެއްގައި މާލެ އާދެވުނަސް އެންމެ ގާތް އެކުވެރިންނަށްވެސް ތިބޭނީ ބާސްކެޓް ކުޅުނު އެކުވެރިން ކަމަށާއި، އެ އެކުވެރިންނަށްވެސް އަމްރާ އެކޭ އެއްގޮތަށް އެކި ގައުމުތަކުގައި ކުޅެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ހޯދައިދިނުމަކީ ކުރާ އުންމީދެކެވެ. "އެކުދިންވެސް ހަމަ މޮޅުވެގެންދާއިރު އެހެން ގައުމުތަކަށް އަދި ރަށްރަށަށް ދިއުމުގެ ފުރުސަތުވެސް އަމްރާ ބޭނުން ދެވެން."

އަމްރާ ބުނީ އެމެރިކާއިން މަތީ ތައުލީމު ހާސިލުކުރުމަށްފަހު ރާއްޖޭގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އެބަހުރި ކަމަށެވެ. އަދި އެކަޑަމީއެއް ހަދައިގެން ބާސްކެޓް ބޯޅަ ކުރިއެރުވުމާއި، ކުޅިވަރުގައި ރޯލް މޮޑެލްއަކަށްވުމާއި، ޤާނޫނީ ދާއިރާއިން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމަކީވަރަށް ކުރާހިތްވާ ކަމެއް ކަމަށް ކިޔާދިނެއެވެ.

"ކިޔެވުމުގައި އެމެރިކާގެ ސިސްޓަމްގައި އޮންނަނީ އަންޑަގްރޭޑް ނިންމާފަ ލޯ ސުކޫލަށް ދާން. އެހެންވެ އަޅުގަނޑު އަދި ވިސްނައިގެން މިހުންނަނީ ޔުނިވަރސީޓީގެ ފުރަތަމަ ޑިގްރީ ހަދާފަ، ލޯ ސުކޫލު ޑިގްރީ ހަދާފަ އެގައުމުގައި ކުޑަކޮށް ޕްރެކްޓިސް ކޮށްފަ ދެން ގޮތެއް ނިންމަން. ލޯޔަރަކަށް ވީމަ ވަރަށް ބޮޑަށް ބޭނުންވޭ މީހުން މޮޓިވޭޓް ކޮށްދެން، އެމީހުންނަށް ހުންނަ ފުރުސަތުތައް ހޯދައިދޭން".

ބާސްކެޓް ބޯޅައިގައި ބޭނުންވަނީ ގައުމީ ޓީމަށް ކުޅެމުން ކުރިޔަށްދާން ކަމަށް އަމްރާ ބުންޏެވެ. "ގްރޭޑް 3 ގައި އަމްރާ ބާސްކެޓް ކުޅެން ފެށީ، އެ އުމުރުން ފެށިގެން އިންޓަރ ސުކޫލުންވެސް ވަރަށް ގިނަ ވަނަތައް ހޯދުނު. ގައުމީ ޓީމަށް ފުރަތަމަ އަމްރާ ހޮވުނީ އަންޑަރ 16 އަށް، އަމްރާ އަށް އޭރު 12 އަހަރު. އޭރު ކުޅުނު މުބާރާތްތަކުން އަމްރާއަށް ގިނަ އެއްޗެހިތަކެއް ދަސްވި" ކަމަށާއި މިހާރު ރާއްޖެއަކީ އެހެން ގައުމުތަކާއި އެކީގައި ވާދަކުރާ ގައުމަކަށްވާތީ އަމްރާ ބުނީ ހަމަ އެގޮތުގައި ކުރިޔަށްދާން ބޭނުންވާ ކަމަށެވެ. އަދި ސާބާގައި ރާއްޖެއަށް ބްރޯންޒް މެޑްލްއެއް ލިބިއްޖެ ކަމަށާއި ދެން ސިލްވަރ ލިބިގެން ގޯލްޑެއް ލިބޭތޯ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.

އާއިލާގައިވެސް މޮޅު ބާސްކެޓް ކުޅުންތެރިން އެބަތިބި

އަމްރާ ބުނީ އޭނާގެ އާއިލާއަކީވެސް ކުޅިވަރުގެ އާއިލާއެއް ކަމަށެވެ. އޭނާ އަކީ މަންމަ އާއި ބައްޕަގެ އެންމެ ހަގު ދަރިފުޅެވެ. ދެން ތިބި ދެ ބޭބެ އަކީ ކުޅިވަރުގައި އުޅޭ ދެބެން ނޫނަސް އަމްރާގެ މަންމަ އަދި ކުރީގެ ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީ އަކީ ކުރިން ބާސްކެޓް ކުޅުއްވި ބޭފުޅެކެވެ.. އަދި އަމްރާގެ ބައްޕަ ފަރާތު އާއިލާގައި ބާސްކެޓް ބޯޅައާއި ނެޓްބޯޅައިގެ ރާއްޖޭގެ ނަންވިދާ ތަރިން އެބަތިއްބެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ، އަދި ގައުމީ ހިތްވަރު ދިނުމުގެ އިނާމްވެސް ހާސިލުކޮށްފައިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް އާއި އޭނާގެ ކޮއްކޮ ކުރީގެ ކެޕްޓަން ޒަބީރު ވެސް މިއީ އަމްރާގެ ބައްޕަ ފަރާތު އާއިލާގެ ވަރުގަދަ ކުޅިވަރު ޝަހްސިއްޔަތުތަކެކެވެ. މީގެ އިތުރުުން ކުޅިވަރުގެ ދާއިރާއިން 2017 ވަނަ އަހަރު ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކޮށްފައިވާ، ބާސްކެޓް، ނެޓްބޯޅަ އަދި ހޭންޑްބޯޅަ ކުޅުންތެރިޔާ، ފާތިމަތު ރިޝްމާއަކީ ވެސް އަމްރާގެ އާއިލީ މެންބަރެކެވެ.

ޔަގީނުންވެސް މަންމަ އާއި ބައްޕަ އަމްރާއަށް ވަގުތު ހުސްކުރޭ
އަމްރާ ބުނީ އޭނާ އެންމެ ކުޑައިރުންފެށިގެންވެސް މަންމަ އާއި ބައްޕަ އޭނާއަށް ވަރަށް ބޮޑަށް ވަގުތު ދެއްވާ ކަމަށެވެ. "އެއީ ބައްޕަ ވިއްޔަ އަމްރާ ހުރިހާ ޕްރެކިސްތަކާއި ސުކޫލަށްވެސް ގެންދާނީ، މަންމަ ވަޒީފާގައި ބުރަކޮށް އުޅުއްވިޔަސް ގެއަށް ވަޑައިގަންނަވާ ގޮތަށް ހަމަ ގޮވާލައްވާނެ، އަމްރާގެ ކަންކަން ބައްލަވާނެ ވާހަކަ ދައްކަވާ އޮޅުން ފިލުއްވާނެ".

އަމްރާ ބުނީ އެމެރިކާގައި އުޅުނުއިރު މަންމަ ދިފާއީ ވަޒީރުގެ މަސައްކަތުގައި އުޅުއްވިއިިރުވެސް، އަމްރާ މެޗެއް ކުޅޭ ދުވަހެއްނަމަ ރާއްޖެ ގަނޑިން ދަންވަރު އެ މެޗު އޮތްކަމުގައިވިޔަސް، މަންމަ ބައްލަވާނެ ކަމަށެވެ. "ދަންވަރު ދޭއް ޖަހާއިރު އޮތަސް ތެދުވެވަޑައިގަންނަވާނެ އޮންލައިންކޮށް ބައްލަވާނެ. ގޭމްސްތައް ނިމޭއިރަށް މަންމައަށް ގުޅުއްވޭ ގޮތަށް ހުންނަވާނީ. މެޗުގައި އެއްޗެއް ނޭނގުނަސް، ބަލިވިޔަސް، ހާސްވެ ކަންބޮޑުވެގެން އުޅޭ ވަގުތެއް އަޔަސް މަންމަ އާއި ބައްޕަ ވަރަށް ބޮޑަށް ހިތްވަރު ދެއްވާނެ". އުފަލާއެކު ފާހަގަކުރިއެވެ. 

ސުކޫލުގައި އުޅުނުއިރު އަމްރާ ބޭނުންވީ އެކުވެރިންނާއެކު ގްރެޖުއޭޓްވެލަން

އަމްރާގެ ކުރިއެރުމުގައި މަންމަގެ ރޯލު ވަރަށް ބޮޑު ކަމަށް އޭނާ ދެކެއެވެ. ކުޅިވަރުގައި ކުލަބުތަކުގައި އުޅުނުއިރުވެސް ކުޅިވަރުގެ އިތުރަށް ކިޔެވުން ވަރަށް ކުރިއަރުވަން ވާނެ ކަމަށް މަންމަ ބުނުއްވާ ކަމަށް އަމްރާ ބުންޏެވެ. ގްރޭޑް 1 ން ފެށިގެން ގްރޭޑް 9 އަކާއި ހަމައަށް މާލޭގައި ތައުލީމު ހާސިލުކުރި، އަމްރާ އެންމެ ލޯބިވާ މަދަރުސާއަކީ ޣިޔާސުއްދީނެވެ. ކިޔެވުމުގައި އަބަދުވެސް ކުލާހުން އެންމެ މޮޅު އެއްދަރިވަރަކީ އޭނާއެވެ. ދިވެހި އަދި އިނގިރޭސި އަދަބީ މުބާރާތްތަކުންވެސް ރަންވަނަތައް ހޯދާ 2020 ވަނަ އަހަރު ސްކޫލް ކެޕްޓަންކަން ލިބުނިއިރު އަމްރާ އެންމެ ބޭނުންވީ އެކުއެކީގައި ބޮޑުވި ކުދިންނާއެކު ގްރެޖުއޭޓްވުމަށެވެ. 

އެކުއެކީގައި ބޮޑުވި ރައްޓެހިންނާއެކު ގްރެޖުއޭޓް ނުވެނުނަސް ކޮވިޑުގެ ދުވަސްވަރު ސުކޫލު ކެޕްޓަނެއްގެ ހައިސިއްޔަތުން ޣިޔާސުއްދީނު ސުކޫލުގެ ދަރިވަރުންގެ މަޝްވަރާތައް މެނޭޖްމެންޓާއި ހަމައަށް ގެންގޮސްދީ އެކި ކަންކަމުގައި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބުމަކީ އަމްރާއަށް ނުހަނު އުފާ ކުރާ ކަމެކެވެ.

"އެމެރިކާގެ ސިސްޓަމަށް އެޖެސްޓްވެލާފައި ގްރެޖްއޭޓިން ސުކޫލުން އެންމެ ހައި ސްކޯ ހޯދިން" ކަމަށް އަމްރާ ބުންޏެވެ. ކިޔެވުމުގެ އިތުރަށް ސުކޫލުގައި އެތްލެޓިކްސް އާއި ހޭންޑް ބޯޅަ އާއި ނެޓްބޯޅަ އާއި ދިވެހި އަދަބީ ފޯވަހި ފަދަ ހަރަކާތްތަކުގައިވެސް ބައިވެރިވެ އޭނާ ވަނީ ރަން ވަނަތަކެއް ހޯދާފައެވެ.

އަމްރާ ބުނީ "ޝުކުރު ވެވޭނީ ފުރަތަމަވެސް ހަމަ މާތް ﷲ އަށް، އެއީ ދިރިއުޅުމުގައި އެހާ ބޮޑަށް ބަދަލުތައް އައިއިރުވެސް ވަރަށް ބޮޑަށް ޤުރުއާން ކިޔަވާ ދީނީ ކަންކަން ކުރީމަ ހަމަ ވަރަށް ބޮޑަށް ހިތަށް ފަސޭހަވޭ، ހުރިހާކަމަކާއި ޑީލް ކުރަން، އޭގެ އިތުރުން އަޅުގަނޑުގެ މަންމަ އެންމެ ބޮޑު ހިތްވަރެއް ދެއްވީ. ދެން ކޯޗެއް ގޮތުން ބަނީ ކޯޗު، އޭގެ އިތުރުން ހަމަ ވަރަށް ގިނަ ބޭފުޅުން އަމްރާގެ ކުރި އެރުމަށް ވަރަށް ބޮޑު ދައުރެއް ކުޅުއްވި" ކަމަށެވެ. މަންމަ އާއި ބައްޕަގެ އިތުރުން އަމްރާގެ ކުރިއެރުމަށް އޭނާގެ އެކުވެރިންވެސް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

ރާއްޖޭގެ ބާސްކެޓްގެ ކުރިމަގާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އަމްރާ ބުނީ "އަޅުގަނޑަށް ހީވާ ގޮތުގައި ފެސިލިޓީސްތައް ވަރަށް ބޮޑަށް ބާސްކެޓުގައި އެބަޖެހޭ ކުރިއަރުވަން. އަމްރާ ކުޑައިރުންސުރެވެސް ކުޅޭ ދެ ކޯޓު އޮންނާނީ މާލޭގައި އެކަމަކު މިހާރު ސޯޝަލް ސެންޓަރ ކުޑަކޮށް ރަނގަޅުވެއްޖެ. އޭސީ ކުރުމާއި ކޯޓު ޝެޑިއުލްކުރުންވެސް ފަސޭހަވެއްޖެ ކުރިޔަށްވުރެ. އެމެރިކާގައި އުޅޭއިރު ބާސްކެޓް ކޯޓު ތެރެއިން އިންނަނީ މަޑުކޮށްލާނެ ކޮޓަރިއެއްވެސް، އަދި ޖިމެއްވެސް ދެން އެތާނގައި ހުރިހާ ކުދިން ޓްރެއިން ކޮށްގެން ކުޅޭނީ."

"ޒީޓައިމްސް" އިން އެދެނީ އަމްރާ އަށާއި، ރާއްޖޭގެ ބާސްކެޓް ބޯޅައަށްވެސް އިތުރު ކާމިޔާބީ އާއި ކުރިއެރުމަށެވެ..

+1
1
+1
0
+1
2
+1
0
+1
0
+1
0
+1
0

Advertisement

ގުޅުންހުރި ލިޔުންތައް