June 30, 2024 00:54
Advertisement

-Advertisement-

ފުވައްމުލަކު ރަސްގެފަންނު ސަރަހައްދު

ބިޔަ ރާޅުތަކުގެ ދަށުވެ އެތައް ބައެއްގެ ފުރާނަ ގެއްލުނު ފުވައްމުލަކުގެ އެހަނދާންތައް!

ފުވައްމުލަކަކީ ތަފާތު ރީތި ރަށެކެވެ. ދިވެހިރާއްޖޭގައި އެއްފަސްގަނޑަކަށް އޮންނަ ހަމައެކަނި އަތޮޅެވެ. ފުވައްމުލަކުގެ ވާހަކަ ދައްކާއިރު އެރަށާއި ގުޅިފައިވާ ތަފާތު ހަނދާންތަކެއްވެއެވެ. ބަނދަރު ހެދުމުގެ ކުރިން އެރަށަށް އަރައި ފޭބުމުގައި އެކުރަންޖެހުނު ބިރުވެރި ތަޖުރިބާއެވެ. ރަށުގެ ވަށައިގެން އެނަގާ ބިޔަ ރާޅުތަކުގައި ޖެހި ބަންޑުންވި ބޮއްކުރައެއްގައި އެއްފަހަރު ހުރި މީހެއްގެ ހައިސިއްޔަތުން އެއީ ދުވަހަކުވެސް ނުނެތޭނެ ހަނދާނެކެވެ.

ކުރީޒަމާނުގައި އާންމުކޮށް ބޭނުންކުރި ރަސްގެފަންނު، ސަރަހައްދު

ހުވަދު އަތޮޅުން ފުވައްމުލަކަށް އާއިލާ މީހުންނާއެކު ދިޔައީ ޗުއްޓީ ދަތުރެއްގައެވެ. ދޯނި ކައިރި ކުރެވެން ނެތުމުން ކުޑަ ބޮއްކުރައެއްގައި ފުވައްމުލަކަށް ފޭބުމަށް ކުރި މަސައްކަތް ނާކާމިޔާބުވީ އައި ބޮޑު ރާޅެއްގައި ޖެހި ބޮއްކުރާ ބަންޑުންވި ހިސާބުންނެވެ. މިގޮތަށް ރަށަށް އަންނަ ދޯނިތަކުގެ އިންތިޒާރުގައި ގިނަބަޔަކު އަތިރިމަތީގައި ތިބިކަން އެއީ ނަސީބެކެވެ. އެއްބަޔަކު ފަތާފައި ގޮސް ކަނޑުވި މީހުން ސަލާމަތްކުރިއެވެ. އެއީ ދުވާލުގެ ވަގުތަކަށްވީ އެމީހުންގެ ނަސީބެވެ. ލޮނުބޮވިގެން ފަރުވާ ދޭން ޖެހުނު ކަމުގައިވިއަސް މިދަތުރުގެ ބައިވެރިންގެ ފުރާނަ ސަލާމަތްވިއެވެ. އެހެންނަމަވެސް މިފަދަ ބިރުވެރި ތަޖުރިބާތަކުގައި ކަނޑުވެ ފުރާނަ ގެއްލުނު މީހުންގެ އަދަދެއްވެސް ނޭނގެއެވެ.

" ތާރީޚީ ނަޒަރަކުން ފުއައްމޮލޮއް " މި ފޮތުގައި އަދުނާން އިބްރާހީމް ދީދީ ވަނީ ކުރީ ޒަމާނުގައި ބިޔަ ރާޅުތަކުގެ ދަށުގައިވެ މީހުންގެ ފުރާނަ ގެއްލުނު ހާދިސާއެއްގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. ރަށުގެ ހީވާގި މަސްވެރިން ކިތަންމެ ވިއްސާރަޔަކަސް، ފުރަމެންދަމަކަސް، ރަށުގެ ނެރުން ވަދެ ނުކުތުމަށް ނެރާ ދިމާކުރާ ކޮންމެ ފަހަރަކު ރާޅު ވަރުލާ ވަގުތު ކޮންމެހެންވެސް ބަލަންޖެހެއެވެ. ކިތަންމެ ދިގު އިންތިޒާރަކަށްފަހު ނެރާ ދިމާކުރި ކަމުގައިވިއަސް ބައެއްފަހަރު ނަގާ ބޮޑެތި ރާޅުގައި ޖެހި، އެއުޅަނދެއް ފެތި، އުޅަނދަށް ގެއްލުންވުމުގެ އިތުރުން އެތައްބައެއްގެ ފުރާނަވެސް ވަނީ ރާޅުތަކުގެ ތެރޭގައި ގެއްލިފައެވެ. ބައެއްފަހަރު ނިޔާވި މީހުންގެ މަސްގަނޑުވެސް ނުފެނި ގެއްލިފައިވަނީ ކިތައް އަޚުންނާއި އުޚުތުންގެ ކަމެއް ދަންނަވާކަށް ހިތަށް ފަސޭހަ ނޫން ކަމުގައި އަދުނާން ލިޔުއްވައިފައިވެއެވެ.

Advertisement

" ބަނދަރަށް ވަން ފެންފުށީ ގަނޑުވަރު ވަދުދޯނި. އެ ދޯނި އަލަށް ބަނދެގެން މަސްބާނަން ދިއުމަށްފަހު އެނބުރި އައިސް ކަނޑިންމައިން ވަންނަނިކޮށް ނެގި ބޮޑު ރާޅެއްގައި ޖެހި ދޯނި ބަންޑުންވެ، ދޯނިން ދިޔަ މީހުންގެ ތެރޭގައި ހިމެނޭ ފެންފުށީ ދިއައްކޮއަށް ވީނުވީގޮތެއް ނޭނގި ވަނީ ގެއްލިފައި. އަދި އައްޑުއަތޮޅުން މުލަކަށް އައި ދޯންޏެއްވެސް ކަނޑިންމައިން ވަންނަން އުޅެނިކޮށް ރާޅުގައި ޖެހި ދޯނިފެތި، ދޯނީގައި ތިބި މީހުންގެ ތެރެއިން ދެމީހަކު ގެއްލުނު ކަމަށާއި މީގެތެރެއިން އެކަކީ ފާތުމާބީ. އޭނާ ފެނުނީ ތިން ދުވަސް ފަހުން ރަށުގެ ދެކުނުކޮޅުގައި އޮންނަ ކެޑެމޫލެފަރު ކައިރީ މަރުވެފައި އޮއްވާ ކަމަށް ބުނެވޭ" ތާރީޚީ ނަޒަރަކުން ފުއައްމޮލޮއް ފޮތުގައި ފާހަގަކޮށްފައިވެއެވެ.

އޮއެ ގަދަކަމުން ފުވައްމުލަކުގެ ނެރުމަތީގައި ދޯނިތައް މަޑުކުރުމަކީވެސް އުދަނގޫ ކަމެކެވެ. މިކަމަށް ހައްލު ގެނައުމަށް ރައްޔިތުން އަމިއްލައަށް ގަލުން ތޮއްޓެއްލިއެވެ. ލަފާ ފުރުމަށް މިގޮތަށް ހަދާފަހުރި ނެރުތައް އެކި ދުވަސްވަރު ފުންކުރުމުގެ މަސައްކަތްވެސް ކޮށްފައިވެއެވެ. ކުރީ ޒަމާނުގައި މިފަދަ މަސައްކަތްތައް ކުރުމަކީ އުދަނގޫ ކަމެކެވެ. އަދުނާނު ލިޔުއްވާފައިވާ ގޮތުގައި ޑައިނަމައިޓް އަޅައިގެން ތޮރުފުމަކީ އުނދަގޫ ކަމަކަށް ވުމުން އެކަންކުރީ ފަލަ ދަގަނޑެއްގެ އެއްކޮޅުން ތޮރުފޭ ގޮތަށް ދަރުޖަހައި ތޫނުކޮށްގެން، ދަގަނޑުގެ އަނެއްކޮޅު ދަމާ ގާޑިއަލެއްގެ ފުރޮޅުގެ މައިދަގަނޑު ހުންނަތާގައި ހަރުކޮށް ތޫނުކުރިކޮޅު ތޮށިގަނޑުގައި ޖައްސައި ފުރޮޅުގައި ގިނަ މީހުން ހިފަހައްޓައިގެން އަނބުރަމުން ގޮސް ލޯވަޅު ހެޔޮވަރުކުރަމުންނެވެ. " މިގޮތަށް ދުވާލަކު އެޅެނީ ދެލޯވަޅު ނުވަތަ ތިން ލޯވަޅު. މި ބުރަ މަސައްކަތުން ތޮރުފައިގެން ޑައިނަމައިޓް އަޅައިގެން ނެރުގޮއްވައި، ފުންކޮށްގެން ދިޔައީ ނެރުގެ ބޭނުން ކުރަމުން".

ކުރީ ޒަމާނުގައި ރަސްގެފަންނުގެ އިތުރުން ފުވައްމުލަކުގެ އިރުމަތީ ފަރާތުގައި ހަތަރު ނެރު ވަނީ ބޭނުން ކޮށްފައެވެ. އެއީ އަނބުލުނެރު، ބަނޑަލްފަންނުނެރު، ހީނާޑިއެފަންނުނެރު އަދި ބޮޑުފަންނު ނެރެވެ. މިއީ ހުޅަނގު މޫސުމުގައި ބޭނުންކުރި ނެރުތަކެވެ.

ފުވައްމުލަކު ރައްޔިތުންނަށް ވަނީ ބަނދަރެއް ނެތުމުން ހިތްދަތި އެތައް ތަޖުރިބާތަކެއް ކުރެވިފައެވެ. ފަރުމައްޗަށް ލައްވެ އުޅަނދުތައް ހަލާކުވުން ހިމެނެއެވެ.

ފުވައްމުލަކުގެ ރައްޔިތުންގެ ދިގު އިންތިޒާރަކަށް ނިމުން އައީ ސަރުކާރުން ހަދައިދިން ބަނދަރާއެކުގައެވެ. ރަށުބަންދުގައި ތިބި ގިނަބަޔަކު އާންމުކޮށް ދަތުރުކުރަން ފެށީ އެހާހިސާބުންނެވެ. ރަސްމީގޮތުން ބަނދަރު ހުޅުވީ 10 ޖުލައި 2003 ގައެވެ. ރާއްޖޭގެ އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބްދުލްޤައްޔޫމް ފުވައްމުލަކަށް ވަޑައިގެން ބަނދަރުގެ ހަނދާނީ ލޯގަނޑުގެ ފަރުދާ ކައްސަވާލެއްވުމާއެކު ފުވައްމުލަކު ރައްޔިތުންނަށް އުފާވެރިކަން ގެނުވިއެވެ. ބަނދަރާއެކު ހުވަދުއަތޮޅުގެ މަސްވެރިން ވެސް އާންމުކޮށް ދާ ރަށަކަށް ފުވައްމުލަކު ވިއެވެ. ރަށުގެ އިޤްތިސާދަށް ކުރިއެރުން ލިބެން ފެށިއެވެ. އިންޖީނުލީ ބޮޑެތި މަސްދޯނިފަހަރު ފުވައްމުލަކުގައިވެސް ވަނީ އިތުރުވެފައެވެ. ބަނދަރަށް 20 އަހަރު ފުރުނުއިރު ފުވައްމުލަކަށް ވަނީ އެއަރޕޯޓެއް ވެސް ލިބިފައެވެ. ދަތުރުކުރުމުގައި ފަހުގެ ޖީލަށް މިވަނީ އާދަޔާޚިލާފު ލުއިފަސޭހަތަކެއް ލިބިފައެވެ. ކުރީޒަމާނުގެ އެހިތްދަތި ތަޖުރިބާތައް މިވަނީ ޒަމާނާއެކުވެ ގޮސްފައެވެ.  

+1
0
+1
3
+1
7
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް