July 3, 2024 06:46
Advertisement

-Advertisement-

ޣައްޒާގެ ބޮޑުބައި ބިމާ ހަމަވެއްޖެ: ނަސްރަށް އެދި ދުޢާ ކުރަމާ

2004 ވަނަ އަހަރު ސުނާމީ އެރި އިރު ތިބާއަށް ހުރެވުނީ ކޮންތަނެއްގައިކަން ހަނދާން އެބަހުރިތޯއެވެ. އަނބިދަރިންނާއި މައިންބަފައިން, އާއިލާ އާއި ރައްޓެހިން އެ ދުވަހު ވީ ކޮންފަދަ ހާލެއްގައިތޯ ވިސްނާ ފިކުރު ކުރެވުނު ހެއްޔެވެ. އަލްހަމްދުލިالله އެވެ. ސަލާމަތްވާން ގޮސްތިބީ މިސްކިތްތަކާއި ސުކޫލުތަކާއި ފެރީ ޓާމިނަލްތައް ފަދަ ބޮޑެތި މައިދާންތަކުގައި ދޯއެވެ.

އެއީ ކުޑަ ވަގުތު ކޮޅަކަށް, ނުވަތަ މަދު ދުވަސްތަކެއް, ހަފްތާތަކެއް ވަންދެން ދޯއެވެ. އެ ހަނދާން އާ ކޮށްލުމަށްފަހު ފަލަސްތީނުގެ ރައްޔިތުން ސަލާމަތްވާން ވަންނާނެ ތަނެއް ނެތިގެން އެ އުޅޭ ހާލު ހިތަށް އިހްސާސް ކުރެވޭ ހެއްޔެއެވެ.

ކިތަސް ދުވަސްތޯއެވެ. ކިތައް މަސްތޯއެވެ. 7 އޮކްޓޫބަރު 2023 ގައި ހަމާސް އާއި އިސްރާއީލްގެ ޑިފެންސް ފޯސް އާއި ދެމެދު ހިނގި ކުރިމަތިލުންތަކަށްފަހު އަހަރެއްވާން ކައިރިވީއެވެ.

Advertisement

އެ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގައި ގެދޮރުން ފަހާ ނެރެމުން ގޮސް, ގެތައް ސުންނާފަތިކޮށް, އެމީހުން ވަގުތީ ހިޔާ ކަމުގައި ބަލައިގެން ތިބި ސުކޫލުތަކާއި, ހޮސްޕިޓާތަކާއި, ފޭލިގެތަކަށްވެސް ބޮން އަޅާ އެވަނީ އަންދާލާފައެވެ. ބިމާ ހަމަކޮށްފައެވެ. އެހިތްދަތި ދިރިއުޅުމަށް އެހާ ގިނަ ދުވަހު ފަލަސްތީނުގެ ރައްޔިތުން އަދި ވަކިން ހާއްސަކޮށް ފަލަސްތީނުގެ މުސްލިމުން އެ ކެތްކުރާ ފަދައިން އަޅުގަނޑުމެންނަށް ކެތްވާނެތޯއެވެ.

ތުއްތު ކުދިން ޔަތީމުވެ, ނިކަމެތިހާލުގައި ކާނެ ބޯނެ އެއްޗެއް އަދި ރީތި ފޭރާމެއްވެސް ނެތި އެ ހޭދަކުރާ ދުވަސްތައް ތިބާގެ ދަރިން ހޭދަކުރާނަމަ މައި ލަގޮނޑިއަށް ކެތްވާނެތޯއެވެ. އިންސާނިއްޔަތު ކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހެއް ނަމަވެސް އެ ކުދިންނަށް އެހެން ހަދަން ކެރޭނެތޯ އެވެ.

އަނިޔާވެރިކަމުގަ ހައްދުފަހަނައަޅާ ގޮސް މުސްލިމުން ނިކަމެތި ކުރަމުންދާއިރު އަޅުގަނޑުމެންގެ އަޑު ފަނޑުވެގެން ދިޔުން ބުއްދިވެރިތޯއެވެ. ހަތިޔާރުން ހަމަލާދީ ބަލި ނުކުރެވުނަސް އިސްރާއީލުގެ އަނިޔާވެރިކަމުގެ މައްޗަށް ގަދަކަން ހޯދުމަށް އަޅުގަނޑުމެންގެ އަތުގައިވާ އެންމެ ބާރުގަދަ ހަތިޔާރުގެ ބޭނުން ހިފަމާތޯއެވެ. ފަލަސްތީނަށްޓަކައި, ޣައްޒާއަށްޓަކައި, މުސްލިމުންގެ ހުރުމަތްތެރިވެގެންވާ އަލް އަޤްސާ މިސްކިތުގެ ހިމާޔަތުގައިވެސް އެ ހަތިޔާރު ނަގަން އެބަޖެއެވެ. ނަސްރަށް އެދި ދުޢާ ކުރަމާ ހިނގާށެވެ. މި ދެންނެވި އެ ބާރުގަދަ ހަތިޔާރަކީ އަޅުގަނޑުމެން الله ސުބްހާނަހޫ ވަތައާލާއަށް ކުއްތަންވެ ކުރާ ހިތުގެ ހާލިސް ދުޢާއެވެ.

ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ހަމަލާދީ އެތަން ބޭނުން ނުކުރެވޭވަރަށް ހަލާކުކޮށްލާފައި - ފޮޓޯ:އޭއެފްޕީ

ޣައްޒާގެ ބޮޑުބައި ބިމާ ހަމަވެއްޖެ, ސުކޫލުތަކާއި ހޮސްޕިޓަލްތައް އަދި ފޭލިގެ ތަކުގައިވެސް ރައްކާތެރިކަމެއް ނެތް

ޕޮލިޓިކަލް ސައިންޓިސްޓެއް ކަމަށްވާ, ޖޯޖް ވޮޝިންޓަން ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ރިލޭޝަންސް އެންޑް ޕޮލިޓިކަލް ސައިންސް ޕްރޮފެސަރު, ނަތަން ބްރައުން އަލްޖަޒީރާއަށް ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން ކުރަމުން އެދަނީ އެމެރިކާއިން ހީކުރާ ކަހަލަ ހަނގުރާމައެއް ނޫނެވެ. މުޅިން ތަފާތު ހަނގުރާމައެކެވެ. ހުއްޓުމެއް އޮތް ހަނގުރާމައެއްހެން ހިއެއްވެސް ނުވެއެވެ. އެމެރިކާއިން އިރާގާއި, އަފްޣާނިސްތާނުގައި ހިނގިފަދަ ހަނގުރާމައެއްވެސް ނޫނެވެ.

އިސްރާއީލުގެ ވިސްނުން ހުރީ ނަސްލެއް ނައްތާލުމަށެވެ. ފަލަސްތީނުގެ އަރަބިންގެ ބިންތަކުން އެމީހުން ވަސްވެސް ފޮހެލުމަށެވެ. މުސްލިމުންގެ ލެއިން އެ ބިންތައް ދޮވެލުމަށެވެ.
އިސްރާއީލުން ހަމާސް ނެތިކޮށްލުމުގެ ނަމުގައި ޣައްޒާގައި ގަތުލު އާންމު ހިންގަމުން އެދަނީ ކާމިޔާބުވާނެކަމުގެ ވަރުގަދަ އަޒުމަކާއެކު އެއްވެސް ބިރެއް އަދި ހުރަހެއްވެސް ނެތިއެވެ.

ވަގުތީ ހިޔާތަކުގައި ރެފިއުޖީންގެ ހާލަތުގައި ދިރިއުޅެމުންދިޔަ މީހުންނަށް އަމާޒުކޮށް ބޮންއަޅާ އެ އިމާރާތްތަކާއި ފޭލިގެތަށްވެސް ހަލާކުކޮށްލައިފިއެވެ. ނިދާފައި ތިބި މީހުންނާއެކު އަންދާލައިފިއެވެ. އިސްރާއީލުގެ ޔަހޫދީ ސަރުކާރުން ހަމަލާތައް ވަރުގަދަ ކުރަނީ ރޭގަނޑަށެވެ. ދަންވަރަށެވެ. ނިދާފައިތިބޭ ތުއްތުކުދިންނާއި އެނދުމަތިވެފައިވާ މުސްކުޅިންނަށްވެސް ބެލުމެއް ނެތިއެވެ.

ފޮޓޯ: އެނަޑޮލޫ އެޖެންސީ / މިޑްްލް އީސްޓް މޮނިޓަރ

ޖަލުތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ކުރަނީއެވެ. ޖަލުގައި ބަންދުކޮށްފައިވާ އަންހެން ކުދިންނާއި އަންހެނުން ރޭޕް ކުރާ ކަމުގެ ރިޕޯޓްތައްވެސް ލިބިފައިވާ ކަމަށް އދ ގެ އެކްސްޕާޓުން ފެބުރުއަރީ 2024 ގައި ނެރެފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ.

ޖަލުތަކުގައި ބަންދުކޮށްގެން ގެންގުޅޭ އެތައްސަތޭކަ އަންހެނުންގެތެރޭގައި ގިނައީ ޣައްޒާގެ ނޫސްވެރިންނާއި, އިންސާނީ ހައްގުތަށް ދިފާއުކުރާ މީހުންނާއި, ހިއުމެނިޓޭރިއަން މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނެވެ. އެ މީހުންނަށް މައްސަރުކަންތައް ދިމާވުމުން, ޕެޑް ދޭން އިންކާރު ކުރުމާއި, ހަށިގަނޑުގެ އެކި ތަންތަނުގައި ތަޅާ އަނިޔާ ކުރުމާއި, ޝަރީއަތެއް ނުހިންގާ އަންހެން ކުދިންނާއި އަންހެނުން ޖަލުގައި މެރުމާއި, އިންސާނިއްޔާތާއި ހިލާފު އެތަށް އަމަލެއް އިސްރާއީލު ސިފައިން ޣައްޒާ އާއި ހުޅަނގު އަސޭރީގައި ހިންގާ ކަމަށް އދ ގެ ހޯދުންތަކުން އެނގެއެވެ.

ހަޤީގަތުގައި ކަންބޮޑުވަނީ ކިހާ މިންވަރަކަށް

ފަލަސްތީނުގެ އާންމުންގެ ހާލާމެދު ކަންބޮޑުވާކަން ހާމަކޮށް ބައެއް ގައުމުތަކުން މީޑިއާއަށް ދައްކާލަނީ ދަޅައެކެވެ. ފަހަތުގައި ތިބެ އިސްރާއީލަށް ވާގިވެރިވެދީ އެފަދަ ގައުމުތަކުން އެދަނީ އިސްރާއީލަށް މިސައިލާއި ބޮމާއި ޓޭންކަރާއި އެހެނިހެން އަސްކަރީ ހަތިޔާރު ވިއްކަމުން އަދި ހަދިޔާވެސް ކުރަމުންނެވެ. މުސްލިމުންނާއި މެދު ނަފްރަތް އުފައްދާ އެ ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނިއްޔަތުގެކަމުގެ އަތެއް ދިއްކޮށްލަންވެސް ނުކެރިފައި ތިބި އިރު މުސްލިމު ގައުމުތަށްވެސް ވަނީ އެ މަޅީގައި ބެދިފަތޯއެވެ.

އދ ގެ މުއާހަދާތަކާއި ބައިނަލްއަގްވާމީ ސުލްހައިގެ އެއްބަސްވުންތަކާއި ދެކޮޅަށް އިސްރާއީލުން ޣައްޒާގެ އާންމުންނަށް ހަމަލާދީ ޝަހީދުކޮށްލި މީހުންގެ އަދަދު އެ ވަނީ 35 ހާހުން މައްޗަށް އަރާފައެވެ. 2 މިލިއަނެއްހާ މީހުން އަމިއްލަ ގެދޮރު ކަމުގައި ދެކިގެން ދިރިއުޅެމުން އައި ޣައްޒާއިން އެ ސިޓީން އަނެއް ސިޓީން ފަހާ ނެރެމުން ގޮސް ޣައްޒާގެ އާބާދީގައި ބާކީ ތިބީ ކިތައް މީހުންކަންވެސް ނޭނގޭ މިންވަރަށް މިވަނީ ކަންކަން ބޮއްސުންލާފައެވެ. ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި ކޮންކްރީޓްތަކުގެ ދަށުގައި މަރުވެފައި ތިބީ ކިހާ އަދަދެއްގެ ބައެއްކަން ބުނަން އިނގޭ އިދާރާއެއްވެސް ނެތެވެ.

މުޅި ޣައްޒާގެ ވަށައިގެން ބަންދުކޮށް އިސްރާއީލުން އުޅޭތާ އެތަށް އަހަރެއްވީއިރުވެސް އެކަމަށް ބައިނަލްއަގްވާމީ ގޮތުން ހައްލެއް ނުލިބި، ރަފަހް ބޯޑަަރުގައި އެހީގެ ޓްރަކްތައް ކާނާއާއި ބޯ ފެނާއި, ބޭހާއި ޒަރޫރީ މުހިންމު ތަކެތި ބަރުކޮށްގެން އައިސް ތިއްބާ, އެތަކެއްޗަށް ޖެހި އެތައް ބައެއްގެ ފުރާނަ ގޮއްސިއެވެ. އެ ހާލަތުގައިވެސް އެ ޓްރަކްތަކަށް އެތެރެވެވޭނެ ފުރުސަތެއް އިސްރާއީލަކުން ނުދިނެވެ.

އަވަށްޓެރި މިސްރުންވެސް ރަފަހް ބޯޑަރު ސަރަހައްދުގައި ތަކެތި ވިއްކަމުން ދިޔަ އަގުތައް އުފުލާލީއެވެ. ހަނގުރާމައިގެ ހާލަތުގައިވެސް, އަވައްޓެރި ޣައްޒާއަށް ބޭނުންވާ ބޭހާއި ހޮސްޕިޓަލުތަކަށް ބޭނުންވާ އާލާތްތަކުގެ އަގުތައްވެސް މިސްރުން އުފުލާލީ ކަމަށް ޣައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެހީދޭ ޖަމްއިއްޔާއެއްގެ އޮފިޝަލަކު ވިދާޅުވިއެވެ. ކާނާގެ އަގުތައްވެސް ބޮޑު ކުރީއެވެ.

ޣައްޒާގެ ހޮސްޕިޓަލްތައް އެ ވަނީ ހަލާކުކޮށްލާފައެވެ. ހަލާކުނުވާ ބަނދަރެއް އަދި ބައިނަލްއަޤްވާމީ ވައިގެ ބަނދަރެއްވެސް ނެތެވެ. ޣައްޒާ އަލުން އާރާސްތު ކުރަން އެތައް މިލިއަން ޑޮލަރު ބޭނުންވާނެއެވެ. އެ ފައިސާ ދޭން ތިބީވެސް އެތަން ސުންނާފަތި ކުރަމުންދާ އިސްރާއީލަށް ވާގިވެރިވާ ދުނިޔޭގެ ބާރުގަދަ ގައުމުތަކެވެ. ހިލޭ އެހީ އާއި ލޯނުގެ ނަމުގައި އިސްތިއުމާރުކޮށް ދުނިޔޭގެ ބިންތައް ފަތަހަ ކުރަމުން އެ ބިންތަކުން ނަފާ ހޯދަމުން އެދަނީ ހަމަ އެ ބާރުގަދަ ގައުމުތަކުންނެވެ.

ފަލަސްތީނު ޗާޓުން ފޮހެލާ އިސްރާއީލު ބޮޑު ފަޅި ހޯދުމުގެ އެޖެންޑާއެއް އޮތީތަ؟

އިސްރާއީލަށް ފަލަސްތީނުގެ ސްޓޭޓްތައް އަތުލައިގެން އިސްރާއީލުގެ ބައެއްގެ ގޮތުގައި ކަނޑައަޅައިގެން ތިބެވޭނީވެސް ބައިނަލްއަގްވާމީ ރުހުމުގައެވެ. މީގެ އަހަރުތަކެއް ކުރިންވެސް ހުޅަނގު އައްސޭރި އާއި ޣައްޒާގެ ކޮންޓްރޯލް އިސްރާއީލުން ދޫކޮށްލީ ސުލްހައަށްޓަކައި މިސްރަށާއި ޖޯޑަންއަށެވެ. އެ ގައުމުތަކުގެ އިންތަކާއި ގުޅޭ ސަރަހައްދުތަކުގައި ހަނގުރާމަ ނުކުރުމަށެވެ.

އެހެންނަމަވެސް މިއަދު ފެނިގެން މިދަނީ އޭރު ޖޯޑަން އާއި މިސްރާއިއެކު ހެދި ސުލްހައިގެ އެއްބަސްވުންތަކާއި, ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ހިލާފުވެފައިވާ މަންޒަރެކެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމަށް ބައިނަލްއަގްވާމީ ގައުމުތަކުންވެސް އެއްބަހެއް ނުވެއެވެ. އދ ގެ ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމުތަކަށްވެސް ދާދި ފަހަކާއި ޖެހެންދެންވެސް އޮތީ ފަލަސްތީނަށް "ވަން ސްޓޭޓް" ސޮލިއުޝަނެއް ހޯދައި ނުދެވިފައެވެ.

ފަލަސްތީނުގެ އެކި ސްޓޭޓްތަކުގައި ވެރިކަން ހިންގަމުން އެދަނީ އެކި ޖަމާއަތްތަކުންނެވެ. ސިޔާސީ ހަމަޖެހުމެއްވެސް ނެތެވެ. އަރަބިންގެ ބާރެއްވެސް ހަގީގަތުގައި މިއަދު ނެތެވެ. ފަލަސްތީނުގެ ކޮންމެ ދިމާއަކުން ފެންނަނީ ޔަހޫދީންގެ ބާރެވެ. މަސްޖިދުލް އަގްސާ ހުންނަ ޖާރުއްސަލާމް އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައަޅާ, އެކަން ބައިނަލްއަގްވާމީ ގައުމުތަކުން ބަލައިގަތުމަށް އިސްރާއީލުން އެދުނެވެ. މީގެ 70 އަހަރު ކުރިން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި އެމެރިކާއިން ބަލައިގަތް ދުވަހުން ފެށިގެން އިސްރާއީލުގެ ވެރިރަށް ކަމުގައި ކަނޑައަޅާފައި އޮތީ ޖާރުއްސަލާމްއެވެ. އެހެންނަމަވެސް އެކަން އެއްވެސް ގައުމަކުން ބަލައެއް ނުގަތެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެމެރިކާއިން 2020 ގައި އެކަން ގަބޫލުކުރުމާއި އެކު ކުރިން ވެރިރަށްކަމުގައި ދެކިގެން ވެރިކަން ހިންގަމުން އައި ތެލްއަވީވުން މުހިންމު އިދާރާތަކާއި ބައެއް ގައުމުތަކުގެ އެމްބަސީތައްވެސް ޖާރުއްސަލާމަށް ބަދަލުކޮށް އިސްރާއީލު އަސްކަރިއްޔާގެ ބާރު އެ ސަރަހައްދުގައި ގަދަކުރީއެވެ.

ދެން އޮތީ ހަމާސް އިން ވެރިކަން ކުރަމުންދާ ޣައްޒާވެސް އިސްރާއީލުގެ ސްޓޭޓެއް ކަމުގައި ކަނޑައެޅުން ކަމަށް އިސްރާއީލުގެ އެޖެންޑާގައި އޮވެދާނެއެވެ. އެހެންނަމަވެސް ނަސްލެއް ނައްތާލަން ކުރާ މި ހަނގުރާމައިން ބިކަވެގެން އެދާ އެތައް މިލިއަން ފަލަސްތީނުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ދިނުމަކީ އެންމެ އިންސާފުވެރި ގޮތެވެ. ޣައްޒާގެ ބިންތައް އަލުން އާރާސްތުކޮށް އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިވާން އެ ބިންތައް ދޫކޮށްލައިފިނަމަ ދެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މުސްލިމުންނަށް ހައްގުވާ ބިންތައް ކޮބައިތޯއެވެ. އެމީހުން ދިރިއުޅުން އާރާސްތުކުރަން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ.

ފަލަސްތީނުގެ އާބާދީގެ ބޮޑު ބަޔަކީ މުސްލިމުން, ދެން ތިބީ ނަސާރާއިން!

'ޕެލެސްތީނިއަން ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް'ގެ 2020 ގެ ރިކޯޑުތައް ބުނާގޮތުގައި ދުނިޔޭގެ އެކި ގައުމުތަކުގައި އުޅޭ ފަލަސްތީނު ރައްޔިތުންގެ އަދަދު 13.5 މިލިއަނަށް އަރައެވެ. އޭގެތެރެއިން އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި 3 މިލިއަން 19 ހާސް ނުވަސަތޭކަ ސާޅީސް އަށެއް, އަދި ޣައްޒާގައި 2 މިލިއަން 18 ހާސް ނުވަސަތޭކަ ހަތްދިހަ ފަލަސްތީނު ރައްޔިތުން ދިރިއުޅެއެވެ. ފަލަސްތީނުގެ އާބާދީގެ 98 އިންސައްތަ އަކީ މުސްލިމުންނެވެ. ބާކީ 2 އިންސައްތައަކީ ކްރިސްޓިއަނުން (ނަސާރާ) އިންނެވެ. ހުޅަނގު އައްސޭރިއާއި އިރުމަތީ ޖާރުއްސަލާމްގައި އިސްރާއީލުގެ 6 ލައްކަ ރައްޔިތުން ވަޒަންވެރިވެގެން އުޅެއެވެ. މިއީ މީގެ ހަތަރު އަހަރު ކުރިން އެއްކޮށްފައިވާ ތަފާސްހިސާބުތަކެވެ.

މި ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭނެ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތެއްވެސް މިއަދަކު ނެތެވެ. ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި މުއާހަދާތަކާއި އެއްގޮތަށް ފަލަސްތީނުގެ ރައްޔިތުންގެ ދިރިތިބުމުގެ ހައްޤު ހޯދައިދިނުމަށް ބައިނަލްއަގްވާމީ ދުނިޔެ ނުކުޅެދިފައިވާ މި ދަނޑިވަޅުގައި މުސްލިމުން ދެއަތް އުރާލައިގެން ތިބެގެން ނުވާނެއެވެ. ފަލަސްތީނުގެ ބިމަށް ނަސްރަށް އެދި ކުރާ ދުއާގެ އަޑު ހަރުކުރަމާތޯއެވެ. އަނިޔާވެރިން ބަލިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާށިއެވެ. އާމީން!

 

މައުލޫމާތު ނަގާފައިވަނީ: ޔޫއެން ހިއުމަން ރައިޓްސް, އަލްޖަޒީރާ އަދި ކަލްޗަރަލް އެޓްލަސްގެ ވެބްސައިޓުން

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް