ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ބަލި ޖެހުމުގެ ނުރައްކަލަށް ހުށަހެޅިފައިވާ 1.8 ބިލިއަން މީހުން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާ، ޑަބްލިއު. އެޗް. އޯ އިން ބުނެފިއެވެ.
ޑަބްލިއު. އެޗް. އޯ އިން 26 ޖޫން 2024 ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ މިއީ ދުނިޔޭގެ އާބާދީގެ ނިސްބަތުން 31 އިންސައްތަ މީހުން ކަމަށެވެ.
2022 ވަނަ އަހަރުގެ ހޯދުންތަކެއްގެ މައްޗަށް ބުރަވެ ޑަބްލިއު.އެޗް.އޯ އިން ހަދާފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި ބޮޑެތި މީހުންގެ މެދުގައި ޖިސްމާނީ ހަރަކާތްތެރިކަން ކުޑަ މިންވަރު، ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް އިތުރުވެފައެވެ.
ހެލިފެލިވެ އުޅުމާއި، ހަރަކާތްތެރިކަން ކުޑަވުމުގެ "ޓްރެންޑް" މިދާ ރޭޓްގައި އިތުރުވަމުންދާ ނަމަ 2030 ވަނަ އަހަރާއި ހަމައަށް އާބާދީގެ ގާތްގަނޑަކަށް، 35 އިންސައްތަ މީހުންނަށް ބަލިތަކަށް ހުށަހެޅުމުގެ ނުރައްކާ އޮންނާނެ ކަމަށް ލަފާކުރެވެއެވެ.
ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމުގެ ސަބަބުން ބޮޑެތި މީހުންނަށް ހާޓް އެޓޭކާއި، ސްޓްރޯކާއި، މިނޫންވެސް ހިތުގެ ބަލިތަކާއި، ޓައިޕް 2 ހަކުރު ބައްޔާއި، ޑިމެންޝިއާ އަދި އުރަމަތީގެ ކެންސަރާއި، ބޮޑު ގޮހޮރުގެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. 2010 ވަނަ އަހަރުން 2022 ވަނަ އަހަރާއި ހަމައަށް ބޮޑެތި މީހުންގެ އާބާދީގައި ހަރަކާތްތެރިކަން ކުޑަވި މިންވަރު މިވަނީ 5 އިންސައްތައަށް އިތުރުވެފަ އެވެ.
'އިންއެކްޓިވިޓީ' ނުވަތަ ހަރަކާތްތެރިކަން ކުޑަ އާބާދީގެ މިންވަރު ދަށްކުރުމަށް ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ދޭ އިރުޝާދަކީ، މެދުމިނުގެ ޖިސްމާނީ ހަރަކާތްތެރިކަން ހަފްތާއަކު 150 މިނެޓަށް ހޯދުން، ނުވަތަ 75 މިނެޓް ވަރުގެ 'އިންޓެންސިޓީ' ވަރުގަދަ ޖިސްމާނީ ހަރަކާތްތަކެއް ކުރުމެވެ.
ލަންސެޓް ގްލޯބަލް ހެލްތް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގެ އާ ހޯދުންތަކުގައި ބޮޑެތިމީހުންގެ އާބާދީގައި ހިތުގެ ބަލިތަކާއި، ކެންސަރުން ސަލާމަތްވެވެން އޮތް ފުރުސަތު އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އޮތް ފުރުސަތު، ހަރަކާތްތެރިވެ ނޫޅުމުގެ ސަބަބުން ގެއްލިފައިވާކަން ވަރަށް ބޮޑަށް ފާހަގަކޮށްފައިވެއެވެ.
އދ. ގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ ކަންބޮޑުވާން ޖެހޭ މި އާދަ ކުރިއަރަމުން އަންނަ މިންވަރު ފަހަތަށް ޖައްސާލުމަށްޓަކައި، ޖިސްމާނީ ހަރަކާތްތެރިކަމުގެ މިންވަރު އިތުރުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި، ސިޔާސަތުތައް ހަރުދަނާކޮށް ޖިސްމާނީ ހަރަކާތްތެރިކަމުގެ ވަސީލަތްތަކަށް ފަންޑިން އިތުރު ކުރަންޖެހޭ ކަމަށެވެ.
މި ރޭޓް އެންމެ މަތިކަމަށް ބެލެވެނީ ހައި އިންކަމް އޭޝިއާ ޕެސިފިކް ރީޖަނުގައެވެ. އެއީ 48 އިންސައްތައެވެ. ދެވަނައަށް ސައުތް އޭޝިއާ ސަރަހައްދެވެ. އެއީ 45 އިންސައްތަ އެވެ. ހައި އިންކަމް ހުޅަނގުގެ ގައުމުތަކުގައި 28 އިންސައްތަ އަދި އޯޝޭނިއާގެ ގައުމުތަކުގައި 14 އިންސައްތައެވެ.
ރިސްކު ބޮޑު އާބާދީގެ ރޭޓަށް ބަލާއިރު މީހުންގެ އުމުރާއި ޖިންސަށް ބަލާއިރު ހަރަކާތްތެރިކަން ކުޑައީ ފިރިހެނުންނަށްވުރެ ގިނައިން އަންހެނުންނެވެ. މީގެ އިތުރުން 60 އަހަރުން މަތިވުމުން ހަރަކާތްތެރިކަން ކުރިއަށްވުރެ ކުޑަވެއެވެ. އެހެންކަމުން 60 އަހަރުން މަތީގެ މީހުންގެ މެދުގައިވެސް ހަރަކާތްތެރިކަން އިތުރު ކުރުން ޕްރޮމޯޓްކޮށް އެކަން ކުރިއަރުވަން ޖެހޭ ކަމަށް އދ އިން އިރުޝާދު ދެއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ އޮފް ހެލްތް ޕްރޮމޯޝަން، ޑރ. ރުޑިގާ ކްރެޗް ވިދާޅުވީ "ފިސިކަލް އިންއެކްޓިވިޓީ އަކީ ބައިނަލްއަގްވާމީ ސިއްހަތަށް އޮތް ސައިލެންޓް ތްރެޓެއް" ކަމަށެވެ. ޖިސްމާނީ ހަރަކާތްތެރިކަން ކުޑަވުމަކީ ދުނިޔޭގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމަށާއި، ދިގުދެމިގެންދާ ބަލިތަކުގެ ބުރައަށް ބޮޑު ދައުރެއް އަދާކުރާ ކަމެއް ކަމުން، އުމުރާއި، ދިރިއުޅޭ މާހައުލާއި، ސަގާފީ ފަސްމަންޒަރަށް ރިއާޔަތްކޮށް އަލުން މީހުންގެ ހަރަކާތްތެރިކަން އިތުރުކޮށް ހެލިފެލިވެ އުޅުމަށް ބާރުއަޅާނެ އާ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށާއި، ޖިސްމާނީ ހަރަކާތްތައް އެންމެންނަށް ފަސޭހައި، ހެޔޮ އަގުގައި، އަދި އުފާވެރި ގޮތަކަށް ހޯދައިގެން ގައިންގަޔަށް ނާރާ ބަލިތަކާއި ދުރު ސިއްހީ ގޮތުން ދުޅަހެޔޮ އުފެއްދުންތެރި އާބާދީއެއް އުފެއްދިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ގާތްގަނޑަކަށް ދުނިޔޭގެ ދެބައިކުޅަ އެއްބައި ގައުމުތަކުން ވަނީ ފާއިތުވި އަހަރުތަކުގައި މިކަމުން ކުރިއެރުންތައް ހޯދާފައެވެ. އަދި 22 ގައުމެއް ވަނީ 2030 ވަނަ އަހަރަށް ހަރަކާތްތެރިކަން ކުޑަ މީހުންގެ އަދަދު 15 އިންސައްތައަށް ކުޑަކުރުމަށް އަމާޒެއް ކަނޑައަޅާފައެވެ.
މި ހޯދުންތަކުގެ އަލީގައި އދ އިން ގައުމުތަކަށް ގޮވާލަނީ މުޖުތަމައުތަކުގެ ފެންވަރުގައި ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުމަށްން، ކުޅިވަރާއި ރިކުރިއޭޝަނަލް ހަރަކާތްތަކަށް މަގުފަހިކޮށްދީ އެކަން ޕްރޮމޯޓް ކުރުމަށެވެ. އަދި ހަރަކާތްތެރި އާބާދީއެއް ބިނާކުރުމަށް، ހިގުމާއި، ބައިސްކަލް ދުއްވުމާއި، އާންމު ދަތުރުފަތުރު ފްރޮމޯޓްކޮށް މިކަންކަން ތަންފީޒު ކުރުން ހަރުދަނާ ކުރުމަށެވެ.