ހއ. ހޯރަފުއްޓަށް އުފަން ޔައުޤޫބު އިބްރާހީމް އަކީ އުމުރުން 83 އަހަރުވެފައިވާ ވަރަށް ހަރަކާތްތެރިކޮށް ރަށުގައި އުފާވެރި ދިރިއުޅުމެއް އަނބިދަރިންނާއެކު ހޭދަކުރި މީހެކެވެ. މަސްބާނަންގޮސް މޫދަށް ދިއުމަކީވެސް އާދަކޮށް ހިތްހަމަޖެހުމަށް ކުރަމުން އައި ކަމެކެވެ. އެހެންނަމަވެސް ޔައުޤޫބުގެ ދިރިއުޅުމަށް މިއައީ ދުވަހަކު ހުވަފެނުންވެސް ދެކެން ބޭނުންނުވާފަދަ ހާލަތެކެވެ.
ޔައުޤޫބަށް ފަރުވާދެމުން އަންނަނީ އިންޑިއާގެ އެސްޓަރ މެޑިސިޓީ ހޮސްޕިޓަލުގައެވެ. ހާލަތާއި ގުޅޭގޮތުން އޭނާގެ ދަރިފުޅު ޒަހީރާ ޔައުޤޫބު ވަނީ 'ޒީޓައިމްސް' އަށް މައުލޫމާތު ހިއްސާކޮށްފައެވެ.
" ބައްޕައަކީ ހިތުގެ ބަލި ހުންނަ މީހެއް. ލޭދިޔާކުރާ ބޭސްވެސް ކާނެ. ފުރަތަމަ ފަޔަށް ތަދުވާން ފެށީ. ބާމް ހޭކީމަ ރަނގަޅުވޭ. އެހެންހުއްޓާ އެއްދުވަހަކު ފަޔަށް ވަރަށްބޮޑަށް ތަދުވެގެން ވެއްޓުނީ. ނުވެސް ހިނގުނު. ބޮޑުމީހަކު ރޯން ފެށީމަ އިނގޭ ކަމެއްވީކަން. ރަށުގެ ސިއްހީ މަރުކަޒުގައި އެޑްމިޓް ކުރުމަށްފަހު މާލެ ގެނައީ. ފުރަތަމަ ދެއްކީ އައިޖީއެމްއެޗަށް. ޑޮކްޓަރުން ވިދާޅުވީ ނާރުތައް ބްލޮކްވެފައި ހުރިކަމަށް. ފައި މަރުވަނީއޭ ބުނީ. ބުރިކޮށްލަންވެސް ޖެހިދާނޭ ބުނި. ވަރަށް ކުދިކުދި ނާރުތަކުންނޭ ލޭ ދައުރުވަނީ. އެނާރުތަކުން ލޭ ދައުރުވާތީއޭ ފައި މަރުނުވެ އެހެރީ. އައިޖީއެމްއެޗުން ބުނީ ނާރުތަކުގައި ބްލޮކްވެފަ ހުރި ބައިތައް ނެގީމަ ރަނގަޅުވެދާނޭ". ޒަހީރާ މައުލޫމާތު ދިނެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ މަޝްވަރާއާއެކު ޔައުޤޫބުގެ އޮޕަރޭޝަން ކުރުމަށް ގެންދެވުނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށް އާއިލާ އިން ވަނީ މައުލޫމާތު ދީފައެވެ.
" އޭޑީކޭ އިން ނާރުގެ އޮޕަރޭޝަން ކުރީ. އައިސީޔޫގައި ބާއްވާފައި ދޫކުރިއިރު ނުވެސް ހިނގޭ. ފައި ހުންނަނީ ވަރަށް ފިނިވެފައި. މާލެ ގެނައި އިރުވެސް ފައި ހުރީ ވަރަށް ފިނިވެފައި. އޮޕަރޭޝަނަށްފަހުވެސް އެކަން ރަނގަޅު ނުވާތީ އެހީމަ ޑޮކްޓަރު ބުނީ ރަނގަޅުވާން ދުވަސް ހޭދަވާނެ ކަމަށް".
އެހެންނަމަވެސް ޔައުޤޫބުގެ ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ގޯސްވަމުންނެވެ.
" ގެއަށް ބަދަލުކުރިތާ 3 ދުވަސް ފަހުން ފަޔަށް ތަދުވާވަރު ބޮޑުކަމުން ނޭވާލާންވެސް އުދަގޫވެ މީހާ ހުއްޓުން އަރާވަރުވީ. އަނެއްކާ އޭޑީކޭ އަށް ދިޔައީ. ތަޅުވާލީމަ ނޭވާލަނީވެސް. އެހެންވެ ބޭސް ދީފައި ހޮސްޕިޓަލުން ދޫކޮށްލީ. ދެން އަނެއްކާ ފައި ދުޅަވެފަ ކަޅުވާން ފެށީމަ އޭޑީކޭ އަށް ދިޔައިމަ ބުނީ އިންފެކްޝަން އުފެދެނީ ކަމަށް".
އާސަންދައިގެ އެހީތެރިކަމާއެކު އާއިލާއިން ޔައުޤޫބު ގޮވައިގެން ދިޔައީ އިންޑިއާގެ ކޮޗިން އަށެވެ. ޖޫންމަހުގެ 13 ވަނަ ދުވަހު އަމްރިތާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިގޮތަށް އެމަސް ނިމެންދެން އެ ހޮސްޕިޓަލުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ބާއްވައިގެން ވަނީ ފަރުވާ ދީފައެވެ.
އަމްރިތާ ހޮސްޕިޓަލުން ބުނީ އިންފެކްޝަން އުފެދި ފައި މަރުވެފަކަމަށް. މުޅި ހަށިގަނޑަށް އިންފެކްޝަން ފެތުރިގެންފައި ބުރިކުރީ. ބުރިކުރުމުގެ ކުރިން ހާޓްއެޓޭކެއް ޖެހުނު. އިންފެކްޝަންގެ ސަބަބުން ލިވަރ އާއި ކިޑްނީ އާއި ފުއްޕާމެއަށް އަސަރުކޮށް ގުނަވަންތައް ފެއިލްވަމުން ދިޔަކަމަށް ޑޮކްޓަރު ބުނީ. ނިއުމޯނިއާވެސް ޖެހިފައި ހުރީ. އޮކްސިޖަން ދެމުން ދިޔައީ. އެއްވެސް ހަރަކާތެއްވެސް ނުކުރޭ. އިންޑިއާގައި އޮޕަރޭޝަން ކުރިފަހުން މިއަދާއި ހަމައަށް 5 ފަހަރު ސްޓްރޯކް ޖެހިފައިވަނީ. އަމްރިތާގެ ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފަ. އަޅުގަނޑުމެން އުންމީދު ކަނޑާލަން ބޭނުންނުވާތީ އިތުރު ފަރުވާއެއް ލިބޭތޯ އެހެން ހޮސްޕިޓަލަކަށް މި ބަދަލުކުރީ".
އާއިލާއިން މައުލޫމާތު ދޭގޮތުގައި ޔައުޤޫބުގެ ހާލަތު ހުރިގޮތުން ރާއްޖެއަށް ގެނެވޭނެ ގޮތެއްވެސް ނެތެވެ. ހޮސްޕިޓަލުގައި ބާއްވައިގެން ރަނގަޅުވޭތޯ ފަރުވާދިނުން ނޫން ގޮތެއް ނެތެވެ.
" އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށްފަހު އެސްޓަރ މެޑިސިޓީ ހޮސްޕިޓަލަށް ބަދަލުކުރުމުން އާސަންދައިގެ ދަށުން ހަމަޖެހުނީ 2670 ޑޮލަރު. އިތުރަށް ހިނގާ ޚަރަދު ހަމަޖައްސަން ޖެހެނީ އާއިލާއިން. ހޮސްޕިޓަލުން ބުނަނީ ފަރުވާއަށް ހޭދަވާނެ ދުވަހެއް ނޭނގޭ ކަމަށް. އަޅުގަނޑުމެން އެދެނީ އާންމު ރައްޔިތުންގެ އެހީތެރިކަން ބައްޕައަށް ލިބުން". ޔައުޤޫބުގެ ދަރިފުޅު ޒަހީރާ މައުލޫމާތު ދިނެވެ.
ނޯޓް: ޔައުޤޫބް ވަަނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހު ނިޔާވެފައެވެ. އެހެންވުމުން މި ރިޕޯޓުގައި ކުރިން ގެނެސްދީފައިވާ އެކައުންޓް ނަންބަރާއި ފޯން ނަންބަރު ވާނީ އުނިކޮށްފައެވެ. އާންމުން ވެދިން އެހީތެރިކަން ފާހަގަކޮށް އާއިލާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.