November 21, 2024 21:00
Advertisement

-Advertisement-

ގަރުދިޔައާއި ބަތް ކާން ބުނުމުން ޖޯކު ޖެހުމުގެ ބަދަލުގައި ވިސްނާލަމާ

މި ދުވަސްވަރު ދިވެހިން ސޯޝަލްމީޑިއާގައި ފާޅު ކުރަނީ ގަރުދިޔަބަތުގެ ވާހަކައާއި ގުޅޭ ޝުއޫރުތަކެވެ.
ގަރުދިޔައާއި ބަތް ކައިގެން މި ދުވަސްވަރު ދިވެހިން އާދައިގެ ދިރިއުޅުމަކަށް ތިރިވެލަން ޖެހޭ ކަމަށް ރައީސް އޮފީހުގެ ވަޒީރަކު ވިދާޅުވުމުން އެކަމަށް ފުރައްސާރަކޮށް އެކި މަންސަ ތަކުގައި އެ ވަޒީރަށް ބަހުގެ ހަމަލާތައް ރައްދުކުރަނީއެވެ.

ނަމަވެސް ހަގީގަތުގައި މިއީ ދިވެހިން ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ. ރާއްޖޭގެ އިގްތިސާދު އަނދިރި ފައްތަރަކާއި ދިމާއަށް މިސްރާބު ޖަހާފާނެކަމުގެ އިންޒާރު ރާއްޖެއަށް ލިބޭތާ ދުވަސްތަކެއް ވެއްޖެއެވެ. ބޭރުުގެ ދަރަނި އިންތިހާއަށް ބޮޑުވެ މަޝްރޫއުތަށް ނުނިމި ދިގުލައިގެން ގޮސް މުވައްޒަފުން ވަޒީފާތަކުން ކަނޑާ މިންވަރަށް ދައުލަތާއި ދައުލަތުގެ ކުންފުނިތަކުގެ ހަރަދުތައް މި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ބޮޑުވެފައެވެ. ދެކޮޅު ނުޖެހި ހިންގާ ކުންފުނިތަކަށް ލިބެން ޖެހޭ އެތަށް އާމްދަނީއެއް ނުލިބި މި ސަރުކާރާއި ވެރިކަން ހަވާލުކުރިއިރު ދައުލަތުގެ ހަޒާނާއަށް ވަންނަން ޖެހޭ އެތަށް ފައިސާއެއް ވަނީ ނުވަދެއެވެ. ރާއްޖޭގެ ފަހުގެ ތާރީހުގައި ހިންގާލި އެންމެ ބޮޑު، ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާވެސް ދައުލަތަށް އަނބުރާ ހޯދިފައެއް ނެތެވެ. ފެނަކައިގެ ހިޔާނާތްތައްވެސް އިންތިހާއަށް ގިނަ ކަމަށް ތަހްގީގީ އިދާރާތަކަށް ހުށަހެޅިފައިވާ މައްސަލަތަކުން ދޭހަވެއެވެ.

އެހެންކަމުން މިއަދު ދިވެހިން މިފަދަ ވާހަކައަށް ޖޯކު ޖެހުމުގެ ބަދަލުގައި ބިނާކުރަނިވި ވިސްނުމަކުން ވިސްނާކަށް ނުވޭތޯ އެވެ. ރާއްޖޭގެ އިގްތިސާދު ހީނަރުވަމުން ދާން ދޫކޮށް ނުލާ އިގްތިސާދު ކުރަން ދަސްކުރަން ދިވެހިން ޖެހެއެވެ. އަދި ސަރުކާރުންވެސް ޚަރަދު ކުޑަކުރަން ފިޔަވަޅު އަޅަން ޖެހެއެވެ. ލިބޭހާ ފައިސާއެއް ގޭގެ ކުއްޔާ، ރެސްޓޯރެންޓްތަކުގެ ބިލުތަކާއި ކޮފީ، ސިނގިރޭޓް، ވޭޕް، ޝީޝާ އަދި ކަރޯކޭތަކާއި އޮންލައިން ގޭމުތަކަށް ހޭދަކޮށްގެން ދެކޮޅު ޖެއްސޭނެ ތޯއެވެ.

ރާއްޖެއަކީ ދިރިއުޅުމުގެ ޚަރަދުތައް މި ސަރަހައްދުގައިވެސް އެންމެ ބޮޑު އެއް ގައުމަށްވާއިރު، ކޮންމެ މީހަކަށް ސައިކަލަކާއި، އަގު ބޮޑު ފޯނަކާއި، މޮޅު ގަޑިއެއް ކަހަލަ ކޮންމެވެސް އެއްޗެއް ބައެއް ޒުވާނުން މި ގަންނަނީވެސް ލޯނެއް ނަގައިގެންނެވެ.
ލޯނު ނުދެއްކި އެތައް އަހަރެއް ފާއިތުވެގެންދާއިރުވެސް ދަރަނިން ސަލާމަތްނުވެ އުޅެން ޖެހެނީ ނުފޯރާ ފޮތިން ފޫ ގަޅައިގެންނެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭގެ) އިރުޝާދުތަކަށް ބަލާއިރުވެސް މިއީ ދިވެހިން އިގްތިސާދުކޮށް ފަހަށް ރައްކާކުރަންވީ މުހިންމު ދަނޑިވަޅެކެވެ. އަވަށްޓެރި ސްރީލަންކާއަށް ވެގެންދިޔަ ގޮތް ވިޔަ ނުދިނުމަށް ދިވެހިން ފަރުދީ ފެންވަރުގައި ފަހަށް ރައްކާ ކުރަން ޖެހެއެވެ. ސުކޫލުތަކުން ފެށިގެން ވަޒީފާގެ މާހައުލާއި ހަމައަށްވެސް ކުއްޖާ އަންނަންވާނީ ސޭވް ކުރުން ނުވަތަ ފަހަށް ރައްކާކުރުމުގެ ސިފަ އަށަގަންނުވާ އެކަން ދަސްކޮށްގެންނެވެ. ނޫންނަމަ އަބަދުވެސް ދިވެހިން ތިބޭނީ "ބްރޯކް" ސްޓޭޓަސް ޖަހައިގެން، "ބްރޯ ލޯނެއް ދީބަ؟ ސިސް ކާއެއްޗެއް ގަންނަން ލާރިކޮޅެއްދީބަލަ" މިފަދަ ހާސަރުތަކެއްގެ ތެރޭގައެވެ. ދުވަހަކުވެސް ތިމާއަށް ތިމާގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހެއް ނުފެނި އެހެން މީހުންގެ އެހީހޯދައިގެން އުޅެން ޖެހޭ ހާލަތުވެސް ގިނަ މީހުންނަށް ކުރިމަތިވެއެވެ.
އަދި އެކަށީގެންވާ ވަރަށް އަތުގައި ލާރި ނެތަސް ބޮޑެތި ޕާޓީތައް ބާއްވާ ޒަވާޖީ ހަޔާތެއް ފަށައި، މާގިނަ ދުވަހެއް ނުވެ ދަރިން ލިބި ދަރިންގެ ހަރަދުތަކާއި ދިރިއުޅުމުގެ ހަރަދުތައް ނުބެލެހެއްޓިގެ މައިންބަފައިންނަށް ބަރޯސާވާ ޒުވާނުންވެސް މި ގައުމުގައި މަދެކޭ ނުބުނެވޭނެއެވެ.

އިހުގައި ކާބަފައިން ފަހަށް ރައްކާކުރި ބީދައިން އަމިއްލައަށް ފައިސާ އެއްކޮށްގެން ގެދޮރު ބިނާ ކުރާނެ ހިތްވަރެއް، އޮޑިދީނި ފަހަރު ބަންނާނެ ހިތްވަރެއް އަދި އެ ޖޯޝެއްވެސް އަދުގެ ޒުވާނުންގެ ކިބައިގަ ނެތޭ ބުނެވޭ މިންވަރަށް ޒުވާނުންގެ ކަންކަން މިވަނީ ބޮއްސުންލާފައެވެ.

ވަގުތު ބޭކާރު ކުރުމާއި، ކުޅިވަރާ މަޖަލުގައި ވަގުތުތައް ހޭދަކުރުމާއި، މައިންބަފައިންނާއި، މުސްކުޅި މާމަ ކާފައަށް ސަރުކާރުންދޭ އެލަވަންސްކޮޅާއި ނުލައި ހަރަދުތައް ފޫބައްދައިގެން އުޅެން ދަތި އާއިލާތައްވެސް މި މާލޭގައިވެސް އެބަހުއްޓެވެ.

ބޭނުންވަނީ ނެތް ފެންވަރު ދައްކައިގެން ނުފޯރާ ފޮތިން ފޫގަޅައިގެން އުޅެން ކަމުގައިވާނަމަ މާދަމާ ބޮޑުކަމެއް ޖެހުމުން ބޭނުން ކުރާނެ ފައިސާއެއް އެފަދަ ބައެއްގެ އަތުގައި އޮންނާނެތޯއެވެ.

ވީމާ ގަރުދިޔަ އާއި ބަތް ނުކެޔަސް، ހަރަދުތައް ކުޑަކޮށް އިގްތިސާދު ކުރުން މުހިންމެވެ. އަދި ރައީސް އޮފީހުގެ ވަޒީރަށް މަލާމާތާއި ފުރައްސާރަކުރުމުގެ ބަދަލުގައި އެ ވަޒީރު އެ ދެއްކެވި ވާހަކަފުޅުގެ ޖުމްލަ މާނައަށް ތަންކޮޅެއް ފުންކޮށް ވިސްނާލުން ކީއްތޯއެވެ. ތެދެކެވެ، ގަރުދިޔަ އާއި ބަތަކީ ދެރަ އެއްޗެއް ކަމަށް އެކަކުވެސް ހިތައިގެން ނުވާނެއެވެ. ދިވެހިންގެ މައިގަނޑު ކެއުމުގައި ގަރުދިޔަ އާއި ބަތަކީ ކޮންމެ ގެއެއްގައިވެސް
ސުފުރާމަތިން އާންމުކޮށް ފެންނާނެ އެއްޗެކެވެ. އެކަމަކު އަބަދު ރެސްޓޯރެންޓްތަކުން ކެއުމާއި ޓޭކަވޭތައް ހަދައިގެން ކެއުމަށްވުރެ ހަގީގަތުގައިވެސް ގޭގައި ގަރުދިޔަ ކައްކައިގެން ކާނަމަ ހަރަދު ކުޑަވާނެއެވެ. މަހުގެ އަގު ބޮޑު ނަމަވެސް އެއް މަހުން ކައްކާ ގަރުދިޔަގަނޑުން ގިނަ ބަޔަކަށް ރާހަތް ކުރާނެތާއެވެ. ވަޒީރު މިބީދައިން ވާހަކަ ފުޅު ދެއްކެވީ ދިވެހިންގެ ޒަމާންވީ އެންމެ ދިވެހިވަންތަ ކެއުން ދެރަކޮށްލުމުގެ ނިޔަތުގައި ނޫން ކަމަށް މުޅި ވާހަކައަށް ވިސްނާމުލުން އެނގެއެވެ.

+1
0
+1
5
+1
1
+1
6
+1
1
+1
0
+1
2

Advertisement

ޖުމްލަ 2 ކިޔުންތެރިންގެ ހިޔާލު

  1. ގިނަ ދިވެހިން އިންޓަވިއު ކޮއްލާ އިރަށް ބުނާނެ އަޅުގަޑަށް މީރީ ގަރުދިޔަ ބަތެ

ކޮމެންޓްސް ބަންދުކުރެވިފައި

ގުޅުންހުރި ލިޔުންތައް