ރާއްޖޭގައި ކުރިއަށްގެންދިޔަ ބައިނަލްއަގްވާމީ ރާޅާއެޅުމުގެ ކުޅިވަރު ހަރަކާތް، އިންޓަނޭޝަނަލް ބޮޑީބޯޑިންގ ކޮމިއުނިޓީ (އައި.ބީ.ސީ) ވޯލްޑް ޓުއާގައި ހިމެނޭ " ވިޒިޓް މޯލްޑިވްސް ޕްރޯ 2024" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފު އެވެ. މިރަސްމިއްޔާތުގައި މެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި ވިމެންސް އޯޕަން ކެޓަގަރީގެ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު އެވެ. އޯގަސްޓް މަހުގެ 2 އިން 9 އަށް ވަރުނުލާ ރާޅުގަނޑު ސަރަޙައްދުގައި ކުރިޔަށްގެންދިޔަ މި މުބާރާތުގައި ރާއްޖޭގެ 15 ބައިވެރިންނާއެކު ޖުމްލަ 14 ޤައުމަކުން އެތުލީޓުން ބައިވެރިވެފައިވެއެވެ. އެގޮތުން މި މުބާރާތުގައި ފިރިހެން އޯޕަން ޑިވިޝަނުގައި 50 އެތުލީޓުން، އަންހެން އޯޕަން ޑިވިޝަނުގައި 23 އެތުލީޓުން އަދި ޖޫނިއާ ބައިގައި 23 އެތުލީޓުން ބައިވެރިވިއެވެ. މިމުބާރާތުގައި ވާދަކުރި އެތުލީޓުންގެ ތެރޭގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ނަން މަޝްހޫރު ފަރާތްތައް ވެސް ހިމެނެއެވެ. މިއީ މި މުބާރާތް ރާއްޖޭގައި ބާއްވާ ތިންވަނަ ފަހަރެވެ.
ފޮޓޯ: ރައީސް އޮފީސް