

އެމްޕޮކްސް ވައިރަހުގެ ސަބަބުން މިއަހަރު މަރުވި މީހުންގެ ތެރެއިން 96 އިންސައްތަ މީހުން މަރުވެފައިވަނީ ކޮންގޯއިންނެވެ.
ބުދަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގްލޯބަލް އިމަޖެންސީ އިއުލާނުކޮށްފައިވާއިރު އެފްރިކާގެ ގައުމުތަކުގައި ފެތުރެމުން އަންނަނީ އެމްޕޮކްސްގެ އައު ވައްތަރެއްގެ ވައިރަހެކެވެ. މި ބަލިން ރައްކާތެރިވުމަށް ދޭ ވެކްސިން، އެ ކޮންޓިނެންޓްގައި ލިބެން ހުރީ ވަރަށް މަދު އަދަދަކަށް ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. މި ބަލި ޖައްސާ އައު ވައްތަރުގެ ވައިރަހަކީ މީހުންގެ މެދުގައި ކުރިޔަށްވުރެ ފަސޭހަކަމާއެކު ފެތުރުން އެކަށީގެންވާ ވައްތަރެއްގެ ވައިރަހެއް ކަމުން ސައިންޓިސްޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޕޮކްސް އަކީ ކޮބާ؟
މަންކީ ޕޮކްސް ނުވަތަ އެމްޕޮކްސްއަކީ 1958 ވަނަ އަހަރު ރާމާމަކުނުގެ ގައިން ސައިންސްވެރިންނަށް ދެނެގަނެވިފައިވާ ބައްޔެކެވެ. ދާދި ފަހަކާއި ޖެހެންދެން އިންސާނުންގެ ކިބައިން މި ބަލި ފެނިފައިވަނީ މެދުތެރޭ އެފްރިކާ އަދި ހުޅަނގު އެފްރިކާގެ ގައުމުތަކުގެ މީހުންގެ ތެރެއިން، އެމްޕޮކްސް ބަލި ޖެހިފައިވާ ޖަނަވާރުތަކާއި ކްލޯސް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ މީހުންގެ ގައިންނެވެ.
ޖިންސީ ގުޅުމުގެ ޒަރިއްޔާއިން މި ބަލި ފެތުރޭކަން އެންމެ ފުރަތަމަ ޔަގީންކުރެވިފައިވަނީ 2022 ވަނަ އަހަރެވެ. އަދި އެ އަހަރުތެރޭގައި މި ބަލި 70 އަށްވުރެ ގިނަ ގައުމުގައި ފެތުރެމުން ދިޔައެވެ. އެހެންނަމަވެސް އޭރު މި ބަލި ޖެހިގެން ރިޕޯޓްކުރަމުން ގޮސްފައެއް ނުވެއެވެ.
އެމްޕޮކްސް އަކީ ސްމޯލްޕޮކްސް ޖައްސާ ވައިރަސް އާއި އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. މި ބަލި ޖެހުމުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި ގައިގައި ރިއްސުން ހިމެނެއެވެ. އަދި ބޮޑުވަރުވާ މީހުންގެ ކިބައިން ފެންނަ އަލަމާތްތަކުގެ ތެރޭގައި މޫނާއި އަތާއި މޭމައްޗާއި ޖިންސީ ގުނަވަންތަކުގައި ފޮޅުތަކެއް ނަގައެވެ. ދިފާޢީ ނިޒާމު ބަލިކަށި މީހުންނަށް މިބަލީގައި ބޮޑުވަރުވެއެވެ.