November 23, 2024 19:04
Advertisement

-Advertisement-

އަލިފާނުގެ ހާދިސާ ހިނގި ކެފޭގެ މަތީގައި 50 ބިދޭސީން، ނުރައްކަލުގެ އިންޒާރެއް!

ވެރިރަށް މާލެސިޓީގެ ސޯސަންމަގުގައި ހުންނަ 'ގާމަގު ކެފޭ'ގައި މިއަދު ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި އެތަން ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. މިއަލިފާނުގެ ހާދިސާގައި މީހަކަށް މާބޮޑު ގެއްލުމެއް ނުލިބުނު ކަމުގައިވިއަސް އަލިފާންގަނޑު ކޮންޓްރޯލްވީވެސް 3 ގަޑިއިރެއްހާއިރު ފުލުހުންނާއި ސިފައިން ކުރި މަސައްކަތުންނެވެ. އަލިފާންގަނޑު ނިއްވާލެވުނު ކަމުގައިވިއަސް ގިނައަދަދެއްގެ ޓިނާއި ލަކުޑިން ހަދާފައި ހުރި ތަނަކަށްވުމުން ދޭތެރެ ދޭތެރެއިން ހުޅުހިފާތީ އެމްއެންޑީއެފްއިން ދަނީ މޮނިޓަރ ކުރަމުންނެވެ. މުޅި ސަރަހައްދުގައި އަލިފާނުގެ ދުމުގެ އަސަރު ހުރިއިރު 2 މީހަކަށް ވަނީ ދުމުގެ އަސަރުކޮށްގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެއީ ރާއްޖެއިން ބޭރުގެ އުމުރުން 30 އަހަރުގެ އަންހެނަކާއި 48 އަހަރުގެ ދިވެހި އަންހެނެކެވެ.

2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާ/ ފޮޓޯ: ސޯޝަލްމީޑިއާ

ނުރައްކަލުގެ އިންޒާރެއް!

2019 ވަނަ އަހަރު ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ރޭ ހެންވޭރު 'ތިލަފުށިގޭ'ގައި ހުރި ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 7 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އަންހެނަކު މަރުވެފައިވެއެވެ. 2022 ވަނަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހު މާލެ 'ނިއުކޮލަމްބިއާ' ގޭގައި ހުރި ގަރާޖުގައި ރޯވެ އެގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މިހާދިސާގައި ގަރާޖު ކައިރީގައި ޕާކުކޮށްފައި ހުރި 6 ސައިކަލުވެސް އަނދާހުލިވިއެވެ. ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާއަކީ 2022 ވަނަ އަހަރު ނޮވެންބަރު 9 ވަނަ ދުވަހު މާފަންނު ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އިސްކަންދަރު މަގާއި ކޯރުކެނޑިމަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖުގައި ރޯވި އަލިފާނުގެ ސަބަބުން އެ ގަރާޖުގެ މަތީގައި ދިރިއުޅުނު 10 ބިދޭސީއަކު މަރުވެފައިވެއެވެ.

Advertisement

މާލޭގެ ހެންވޭރު 'ދޫހިމެރިގޭ'ގެ ކެފޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައިވެސް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކެފޭ މަތީގައި ޑެކްއަޅައިގެން ޓިނުން ހަދާފައި ހުރި ތަނުގައި 50 ބިދޭސީން ދިރިއުޅުނު ކަމަށް މައުލޫމާތު ލިބުނުއިރު ކުޑަކުޑަ ތަންތަނުގައި ގިނައަދަދެއްގެ ބިދޭސީން ދިރިއުޅުމަކީ ނުރައްކަލުގެ އިންޒާރެކެވެ. މިފަދަ ތަންތަނުގައި ގިނައަދަދެއްގެ ތެލާއި ގޭސްފުޅިތައް ބަހައްޓާފައި ހުންނައިރު އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތައް ލިބި އަލިފާން ނިއްވުމަށް ގިނަވަގުތު ހޭދަވާ އެއްސަބަބަކީވެސް އެއީއެވެ.

ކެފޭ ހުރި އިމާރާތުގައި މިއަދު ރޯވެ އަނދަނީ

ކެފޭ ރެސްޓޯރެންޓްތައް އަދި އެތަންތަނުގެ ގުދަންތައްވެސް ގަވާއިދުން ޗެކްކުރަން އެބަޖެހެއެވެ. ވަކި މިންވަރަކަށް ނޫނީ މިފަދަ ކުދި ތަންތަނުގައި ގޭސްފަދަ އެއްޗެހި ނުބެހެއްޓޭ ގޮތް ހެދުމަކީ ރައްކާތެރިކަމެކެވެ. އެހެންނޫނީ މިފަދަ ކޮންމެ އަލިފާނުގެ ހާދިސާއެއްގައި އެތައް ގެއްލުމެއް ލިބި މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންތައް ދިއުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ. ގަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ޑީޕޯޓްކުރުމުގެ ވަރުގަދަ މަސައްކަތްތަކެއް އައު ސަރުކާރުން ކުރަމުން އަންނަ ބީދައިން ގިނައަދަދަކަށް ބިދޭސީން އުޅޭ މިފަދަ ތަންތަން ފާހަގަކޮށް ރަނގަޅު މޮނިޓަރިން ނިޒާމެއް ގާއިމް ކުރެވެންޖެހެއެވެ.

ގަރާޖެއްގައި ހިނގި އަލިފާނުގެ ހާދިސާ

އަލިފާނުގެ ކޮންމެ ހާދިސާއަކާއެކުވެސް އަޑުއިވެނީ ތޮއްޖެހިފައިވާ މާލޭގައި ހުންނަ އަލިފާން ރޯވާފަދަ ތަންތަން ކަމުގައިވާ ގުދަންތަކާއި ގަރާޖުތައް މީހުން ދިރިނުއުޅޭ ސަރަހައްދަށް ބަދަލުކުރާ ވާހަކައެވެ. މިވާހަކަތައް އަޑުއިވޭތާ 3 އަހަރު ވެއްޖެއެވެ. އަދިވެސް މާލޭގައި މިފަދަ ގަރާޖުތައް މީހުން ދިރިއުޅޭ ކުދިކުދި އިމާރާތްތަކުގައި އެބަހުއްޓެވެ. މާލޭގެ ބައެއް ހަނިމަގުތަކާއި އިމާރާތްތަކަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެފަދަ ގޮތަކަށް ހުރި ތަންތަނެއް ނޫނެވެ. އާބާދީބޮޑު މާލެސިޓީގައި ދިރިއުޅޭ އާންމުންގެ ރައްކަލަކަށްޓަކައިވެސް އަލިފާނުން ރައްކާތެރިވުމަށް ކުރެވެންހުރި މަސައްކަތެއް ކުރަން އެބަޖެހެއެވެ. އަލިފާނުގެ ހާދިސާއެއް ހިނގާނީ ކޮންގަޑިއެއްގައި ކަމެއް ނޭނގެއެވެ. ފަރުދީ ޒިންމާވެސް އަދާކުރަން އެބަޖެހެއެވެ. ތިމާ ކުއްޔަށް ދީފައި ހުރި ތަނުގައި ބަހައްޓާފައި ހުންނަނީ ކޯއްޗެއްތޯ އެނގެން ޖެހެއެވެ. އަދި ކުއްޔަށް ހިފާ ފަރާތުންވެސް އެހެންމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަންޖެހެއެވެ. ގިނަ އަދަދެއްގެ ގޭސް ބަހައްޓާފައި ހުންނަ ތަންތަނުގައި އަލިފާން ރޯވުމާއެކު މުޅިތަނަށް އަލިފާން ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެތައްބައެއްގެ ފުރާނަ ގެއްލި މުޅިއުމުރު ކުރާ މަސައްކަތުން ހަދާފައި ހުންނަ ގެތައް އަޅިއަށް ވުމުގެ ކުރިން މިއީ ހައްލުކުރަންޖެހިފައިވާ ކަމެކެވެ.

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
1

Advertisement

ގުޅުންހުރި ލިޔުންތައް