ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިއިވެމުންދަނީ ހާދަ ހިތްދަތި ވާހަކަތަކެކެވެ. ލޯތްބާއި ހިމާޔަތް ދޭން ތިބި މައިންބަފައިންގެ ފަރާތުންވެސް ކުދިންނަށް ތަފާތު އަނިޔާ ލިބޭ ވާހަކައެވެ. އެއަނިޔާތަކަށް ކެތް ނުކުރެވިގެން މިދުނިޔެ ދޫކުރި ކުޑަކުޑަ އިބްތިހާލު މަތިން ގިނަ ދިވެހީން ހަނދާން ހުންނާނެއެވެ. ޖިންސީ އަނިޔާއާއި ކުރިމަތިލާންޖެހި ކުދިކުދި ހިތްތަކެއް ކަތިލެވެމުންދާއިރު މިފަދަ ކުދިން އެއުޅެންޖެހޭ ވޭނީ ދިރިއުޅުމުގެ މަތިން ހަނދާން ހުންނަނީ މަދު ބައެކެވެ. މިފަދަ ކަމެއް ފެންމަތިވާއިރު އެކަމާއި ހިތާމަކޮށް އަޑުއުފުލާ ގިނަބަޔަކު އުޅެއެވެ. އެކަމަކު މާގިނަދުވަހެއް ނުވެ އެއަޑުތައް މަޑުވެއެވެ.
ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުދިން ދެނެގަނެވި އެ އަނިޔާވެރިކަމުން ސަލާމަތްކުރެވެނީ މަދުފަހަރަކުއެވެ. އެންމެ ބޮޑު ސަބަބަކީ މިފަދަ ކަމެއް ދިމާވުމުން އެވާހަކަ ދައްކަން ޖެހިލުންވާ ކުދިން ގިނަވުމެވެ. ނުވަތަ އެވާހަކަ ދައްކައިފިނަމަ އާއިލާގެ ތެރެއިން ހިމާޔަތް ނުލިބިދާނެކަމުގެ ބިރު އޮތުމުންނެވެ.
އާބާދީ ބޮޑު ރަށަކަށް ނިސްބަތްވާ އާއިލާއެކެވެ. އެއާއިލާގެ އަންހެން ދަރިފުޅަށް ބައްޕަ ޖިންސީ ގޯނާ ކުރާކަން ފަޅާއެރީ ވަރަށް ފަހުންނެވެ. އެއަންހެންކުއްޖާއަށް އެވާހަކަތައް ކިޔައިދޭން ހިތްވަރު ލިބުނީ އެފަދަ ކަންކަމުގެ ނުބައިކަމުގެ ވާހަކަ ސްކޫލުގައި ކިޔަވައިދިން ދުވަހަކު އެކުއްޖާއަށް އެއީ ކިހާވަރެއްގެ ކަމެއްކަން ވިސްނުމުންނެވެ.
" އެއްވެސް މީހަކާއި އެވާހަކަ ހިއްސާ ނުކުރުމަށް އެކުއްޖާގެ ބައްޕަ އޮތީ އަމުރުކޮށްފަ. އެހެންވުމުން އެކުއްޖާ ހުރީ ބިރުން ކިޔައިދޭން. އެކަމަކު ސްކޫލުގައި ފިލާވަޅެއް ނެގި ދުވަހަކު ކުއްޖާއަށް އައި ބަދަލު ފެނި ގާތް ރައްޓެއްސަކު ކުރި ސުވާލުތަކެއްގެ ސަބަބުން ހިތްވަރު ލިބި ކިޔައިދިނީ. އެމައްސަލަ ބަލައި ކުއްޖާގެ ބައްޕައަށް ފިޔަވަޅުވެސް އެޅި".
މިއީ މިފަދަ އެންމެ ހާދިސާއެއްގެ ވާހަކައެވެ. މިހެން ކުރާ ޖަލު ހުކުމަކުން މިފަދަ ބަފައިން އެދިން އަނިޔާގެ ޝިކާރައަކަށްވި ދަރިފުޅަށް ލިބުނު ގެއްލުން ފޫނުބެއްދޭނެއެވެ. އެންމެ އިތުބާރުކޮށް އެހީތެރިކަން ދޭނެކަމަށް އުންމީދުކުރި ބައްޕަގެ އަނިޔާވެރިކަމުގެ ޝިކާރައަކަށް ދަރިފުޅުވުމުން ދެން މިދުނިޔޭގައި ވަކި އިތުބާރު ކުރާނީ ކޮން ފިރިހެނަކަށްހެއްޔެވެ؟
ނިމިދިޔަ ހަފްތާގައިވެސް ސޯޝަލް މީޑިއާއަށް ފެންމަތިވީ ބައްޕައަކު އޭނާގެ 2 ދަރިންނަށް ޖިންސީ ގޯނާކުރި ވާހަކައެވެ. މިފަދަ މީހުންނަށް ހައްގު އަދަބު ދޭން އެބަޖެހެއެވެ. ދެވަނަ ފަހަރަށް މިފަދަ ކުށަކަށް އަރައިނުގަނެވޭނެ ފަދަ ގޮތަކަށް އަމަލުކުރެވެން ޖެހެއެވެ. އަދި އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ފުރިހަމަ ރައްކާތެރި މާހައުލެއް ހޯދައިދޭންޖެހެއެވެ. ނަފްސާނީ ގޮތުން އެލިބޭ ގެއްލުމުން އަރައިގަންނަން އެހީތެރިކަން ފޯރުކޮށްދީ އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް އެންމެންގެ އެހީތެރިކަން ބޭނުންވެއެވެ.
ދަރިން ހޭލުންތެރި ކުރަމާ!
ދަރިން އެންމެ ކުޑައިރުއްސުރެ ރަނގަޅުގޮތްތައް ކިޔައިދޭން ޖެހެއެވެ. ހަށިގަނޑުގައި އަތްޖެއްސޭނެ ތަންތަނާއި އަތް ނުޖެއްސޭނެ ތަންތަން ބުނެދޭން ޖެހެއެވެ. އެއީ ކިތަންމެ ގާތްމީހަކު ކަމުގައިވިޔަސް ނުބައި ނިޔަތެއްގައި ނުވަތަ ގޯސްއަމަލެއް ހިންގައިފިނަމަ އިތުބާރު ހިފޭ މީހަކަށް އެވާހަކަ ކިޔައިދިނުމަށް ވިސްނައިދޭން ޖެހެއެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރާނެ ގޮތް ބުނެދޭންޖެހެއެވެ. ހެވާއި ނުބައި ރަނގަޅަށް ވަކިކޮށްދޭން ޖެހެއެވެ.
ސްކޫލު މާހައުލުގައިވެސް އެކީގައި އުޅޭ ކުދިންގެ ފަރާތުން ނުވަތަ މުދައްރިސުންގެ ފަރާތުން މަދުންނަމަވެސް ޖިންސީ ފުރައްސާރައާއި ކުދިންނަށް ކުރިމަތިލާންޖެހެއެވެ. އެފަދަ ހާލަތެއްގައިވެސް އަމަލު ކުރާނެ ގޮތް ކުއްޖާއަށް ކިޔައިދީ ވިސްނައިދޭންޖެހެއެވެ. ކޮންމެފަދަ ހާލަތެއްގައިވެސް އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަސްކޮށްދޭންޖެހެއެވެ.
ސިއްރުނުކޮށް ރިޕޯޓް ކުރަމާ!
ޖިންސީ ގޯނާގެ ޝިކާރައަކަށް ކުއްޖާވުމުން އެކުށްކުރި މީހާއަށް ހިމާޔަތް ދިނުމުގެ ބަދަލުގައި އަވަހަށް ކަމާއި ގުޅުންހުރި މުއައްސަސާތަކަށް ރިޕޯޓް ކުރަމާ ހިނގާށެވެ. އަދި ހެކި ފޮރުވުމަށް މަސައްކަތްނުކޮށް ހައްގު އަދަބު ދޭން އަތުކުރި އޮޅާލަމާ ހިނގާށެވެ. އެއަނިޔާވެރިއަކީ އަމިއްލަ ފިރިމީހާ ނުވަތަ އާއިލާގެ އިތުރު މީހަކަށްވިއަސް އަދަބު ލިބެންޖެހެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރުގައި ކުށް ސާބިތުވެ ޖަލަށްލާފައިވާ 200 އަށްވުރެ ގިނަ މީހުންގެ މައުލޫމާތު ހިމަނާފައިވާއިރު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެގެން 20 އަހަރަށް ޖަލަށްލާފައިވާ މީހުންގެ މައުލޫމާތުވެސް ހިމަނާފައިވެއެވެ. މި 200 މީހުންގެ ތެރޭގައި އެކިއުމުރުގެ ދިވެހީންގެ އިތުރުން ބޭރު މީހުންވެސް ހިމެނެއެވެ.
ލޮލުގެ ކޮއި ފަދައިން ލޯބިން ގެންގުޅޭ އަމިއްލަ ދަރިންގެ ދިރިއުޅުން އަނިޔާވެރިކަމަށް ވެއްޓުމުގެ ކުރިން އެފަދަ އަނިޔާއިން އެކުދިން ސަލާމަތްކުރަން ކުރެވެން ހުރި މަސައްކަތެއް ކުރަމާތޯއެވެ. ލޯބިލޯބި ކުދިންނާއިމެދު އިތުރަށް ވިސްނައި އަމިއްލަ ގޭތެރެއިންވެސް އަނިޔާއެއް ލިބުނަ ނުދީ ރައްކާތެރިކުރުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމާތޯއެވެ.
މިފަދަ ހާލަތްތަކުގައި އެހީތެރިކަން ބޭނުންވާނަމަ ތިރީގައިވާ ނަންބަރުތަކަށް ގުޅާލެވިދާނެއެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ސޯޝަލް ސަރވިސް ހެލްޕްލައިން – 1421
ޗައިލްޑް ހެލްޕްލައިން - 1412