October 5, 2024 13:21
Advertisement

-Advertisement-

އީރާނުން އިސްރާއީލަށް ފޮނުވާލި ވަރުގަދަ މިސައިލްތަކުން މުސްލިމް އުންމަތަށް ހިތްހަމަޖެހުމެއް!

އިސްރާއީލު ސިފައިން ޣައްޒާ ސުންނާފަތި ކޮށްލުމަށްފަހު އަވަށްޓެރި ލުބުނާނަށް ހަމަލާދޭން ފެށިފަހުން ހަފްތާއެއް ވެފައިވާއިރު އީރާނުން ވަނީ އިސްރާއީލުގެ އަމާޒުތަކަށް މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ.


އީރާނުން ވާގިވެރިވާ ހިޒްބުﷲ އާއި ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގައި ހިޒްބުﷲގެ ލީޑަރު ހުސެއިން ނަސްރުﷲ މިދިޔަ ހުކުރު ދުވަހު އަވަހާރަކޮށްލުމާއި ގުޅިގެން އަދި ހަމާސް އާއި އިސްލާމިކް ރިވެލިއުޝަނަރީ ގާޑް ކޯފްސްގެ ލީޑަރުން އަވަހާރަކޮށްލުމުގެ ސަބަބުން، އީރާނުން އިސްރާއީލަށް ހަމަލާދީފައިވާއިރު އިސްރާއީލުން ބުނީ އެކަމުގެ ބަދަލު ހިފާނެ ކަމަށެވެ. އިސްރާއީލު ސިފައިން ވަނީ މިއަދުވެސް ލުބުނާނަށް ފަސް ހަމަލާއެއްދީފަ އެވެ. ވެރިރަށް ބެއިރޫތުގެ ދެކުނުގައި އެއްގަމުމަގުން ހަމަލާ ދެމުން އަންނައިރު ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށް ރައްދު ދެމުންނެވެ. 


އިސްރާއީލުގެ މައިގަނޑު އަސްކަރީ އަދި ސެކިއުރިޓީ ޓާގެޓްތަކަށް އަމާޒުކޮށް އީރާނުން ބެލެސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވަނީ ރޭގެ ވަގުތެއްގައެވެ.
ޣައްޒާގައި ފެށި ހަނގުރާމައިގައި ފަލަސްތީނުގެ 41،638 މީހުން ޝަހީދުކޮށް 96،460 މީހުން ޒަހަމްކޮށްލާފައިވާއިރު، އިސްރާއީލުން އަންނަނީ މެދު އިރުމަތީގައި އިތުރަށް ހަމަނުޖެހުން އުފައްދަމުންނެވެ. އެގޮތުން ލުބުނާނާއި ޔަމަނަށްވެސް ވަނީ ބޮންއަޅާފައެވެ. އަދި ޖޯޑަންއަށްވެސް ހަނގުރާމައިގެ އަސަރުކޮށްފައިވެއެވެ.

Advertisement

   
ލުބުނާންގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް އިސްރާއީލު ސިފައިން ދިން ހަމަލާތަކުގައި ގެދޮރު ހަލާކުވެ، އަދި އަމިއްލަ ވަޒަން ދޫކޮށް ދާން އެތަށް ހާސްބަޔަކަށް ވަނީ މަޖުބޫރުވެފައެވެ.

އަދި ހަނގުރާމަިއގެ ސަބަބުން ކާނާއާއި ސިއްހީ ފަރުވާއަށް ޖެހިފައިވާ އެތައް އާއިލާއެއް ލުބުނާނުގައި އެބަތިއްބެވެ. ވަންނާނެ ތަނެއް ނެތި، ކާރުތަކާއި، ޕާކުތަކާއި މައިޒާންތަކުގައިވެސް މީހުން ތިބިއިރު، ބައެއް ސުކޫލުތަކުގައިވެސް ރައްކާތެރިކަން ހޯދުމަށް އާއިލާތަކުން އެބަތިއްބެވެ.

އޭގެތެރެއިން ކާނާއާއި ބޯހިޔާވަހިކަމާއި، ސިއްހީ ފަރުވާއަށް ބޭނުންޖެހިފައިވާ 47 އިންސައްތަ މީހުންނަކީ ކުޑަކުދިން ކަމަށް އިންޓަނޭޝަނަލް ރެސްކިއު ކޮމިޓީ (އައިއާރްސީ) އިން ބުނެއެވެ.


އީރާނުން އިސްރާއީލަށް ދިން ހަމަލާއަށްފަހު މެދު އިރުމަތީގެ މަޝްރަހާއި މެދު ކަންބޮޑުވުން ފާޅުކޮށް އދ ގެ ސަލާމަތީ މަޖިލީހުން ވަނީ މިއަދު ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ނިންމަވާފައެވެ.

އިސްރާއީލުން ބެއިރޫތުގެ އެކި ސަރަހައްދުތަކުން މީހުން ފައިބަން އަމުރުކޮށް ލުބުނާނުގައި ހިތުހުރި ގޮތަކަށް އަމަލުކުރަމުންދާއިރު އދ އާއި މެދު އިރުމަތީގެ ގައުމުތައްވެސް އޮތީ ހިމޭނުންނެވެ.

ލުބުނާނަށް އަންގާރަ ދުވަހު އެއްގަމު މަގުން އަރާ އިތުރަށް މަސްރަހު ގޯސްކުރުމަށް އިސްރާއީލުން މަސައްކަތް ކުރާއިރު 700 އަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ ޝަހީދުކޮށްލާފައެވެ. އަދި ލުބުނާނުގެ 1 މިލިއަން މީހުން ތިބީ ގެދޮރު ގެއްލި ވަންނާނެތަނެއް ނެތި ރެފިއުޖީންނަށްވެފައެވެ.

އީރާނުން އިސްރާއީލަށް ފޮނުވާލި ވަރުގަދަ މިސައިލް ހަމަލާތަކާއެކު މުސްލިމް އުންމަތަށް މިވަނީ ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބިފައެވެ. އިސްރާއީލުން ޣާޒާގެ އެތައްހާސް ބަޔަކު ޝަހީދުކޮށް ގެދޮރުތައް ބިމާއި ހަމަކޮށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް އެތައް ދުވަހެއްވެފައިވާއިރު އިސްރާއީލުގެ ދިފާޢީ ނިޒާމު ފޫދުއްވާލެވިދާނެ ކަމުގެ އުންމީދު މިވަނީ އާވާންފަށައިފައެވެ. އިރާނުން އިސްރާއީލަށް ހަމަލާ ދޭން ފެށުމާއެކު ސޯޝަލް މީޑިއާގައި އެތައް ހާސް މުސްލިމުން ވަނީ ރޭގަ އުފާ ފާޅުކޮށްފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމުން މުސްލިމް އުންމަތް ސަލާމަތްކުރައްވާ މުސްލިމުންނަށް ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން!

+1
0
+1
0
+1
0
+1
0
+1
0
+1
0
+1
2

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް