October 2, 2024 05:19
Advertisement

-Advertisement-

ޖައުހަރީ ފޮޓޯ: ސޯޝަލް މީޑިއާ

ޖައުހަރީ: މުޒާހަރާތައް ފޮޓޯ ނެގުމުގައި ފަނޑުވުމެއް ނެތް އެއޮންނަ ލޯބި ފާހަގަކުރެވޭ!

ނޫސްވެރިކަމުގެ ދާއިރާއަށް އަޅުގަނޑަށް ވަދެވުނީ 2006 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެދުވަސްވަރަކީ ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ގެނައުމަށް ވަރުގަދަ އިސްލާހީ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ ދުވަސްވަރެކެވެ. އަދި ރައީސް އަލްއުސްތާޛު މައުމޫނު އަބުދުލްޤައްޔޫމުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމަށް މާލޭގައި ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްގެންދިޔަ ދުވަސްވަރެކެވެ.

ޖައުހަރީ

މިފަދަ މުޒާހަރާތައް ކަވަރު ކުރުމަށް އުޅޭއިރު ފެންނަ ތަފާތު ފޮޓޯގްރާފަރެއް ހުރެއެވެ. އެއީ ހ. ވެލަސްފަރުގެ އިބްރާހީމް ޖައުހަރީ (ޖައުފަރު) އެވެ. އޭނާގެ ތަފާތު ކަމަކީ މުޒާހަރާތަކުގެ ފޮޓޯތައް ނެގުމަށް އެއޮންނަ ލޯތްބެވެ. ޖައުހަރީ ނުފެންނަ މުޒާހަރާއެއް ކަވަރު ކުރުމަށް އަޅުގަނޑަކަށް ނުދެވެއެވެ. އެންމެ ކުރީ ސަފުގައި ކުޑަކެމެރާއެއް ހިފައިގެން ރީނދޫ ޓައިއެއްގައި ތަފާތު ޖެކެޓެއްގައި ފެންނާނީ ޖައުހަރީއެވެ. ޖެކެޓުން ކާޑު ފެންނަން ހުންނާނެއެވެ.

އިއްޔެ ހަވީރު ފުލުހުން ހާމަކުރީ ޖައުހަރީ ނިޔާވެފައިއޮއްވާ މޫދުން ފެނުނު ވާހަކައެވެ. ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ސެޕްޓެމްބަރ 30 ވަނަ ދުވަހު 15:04 ހާއިރު ބްރިޖު ކައިރިން މޫދަށް މަސްބޭނުމަށް ޖައުހަރީ ފޭބިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ. އެހެންވުމުން އުސްފަސްގަނޑާއި ދިމާ ކަނޑުން ޖައުހަރީ ނިޔާވެފައި އޮއްވާ އެފެނުނީ މަސްބާނަން ފޭބިތާ 2 ގަޑިއެއްހާއިރު ފަހުންނެވެ. އުމުރުން 62 އަހަރުގެ ޖައުހަރީގެ ޖަނާޒާ ކުރިއަށްގެންގޮސްފައިވަނީ ރޭގެ ފަތިސްނަމާދަށްފަހުގައެވެ.

Advertisement

އެމްޑީޕީއަށް ވަރުގަދަ ލޯތްބެއް އޮތް ޖައުހަރީގެ ޚިދުމަތާއި ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޯޝަލް މީޑިއާގައި ވިދާޅުވެފައިވެއެވެ. " ޖައުހަރީ (ޖައުފަރު) އަކީ ހުނަރުވެރި، ކުޅަދާނަ ފޮޓޯގްރާފަރެއް. އިސްލާހީ ހަރަކާތްތަކުގެ އެންމެހާ މަންޒަރުތައް ކަވަރ ކޮށްދިން ވަރުގަދަ ޚިދުމަތްތެރިއެއް".

އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ އެޕާޓީއަށް ޖައުހަރީ ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކޮށްފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެފައިވެއެވެ. "ޖައުހަރީ އަކީ ރާއްޖޭގައި ސިޔާސީ އިސްލާހީ މަސައްކަތުގެ ފާހަގަކޮށްލެވޭ ބައިވެރިއެއް. އަދި އެމްޑީޕީ އަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ކުޅަދާނަ ފޮޓޯގްރާފަރެއް".

މުޒާހަރާތައް ކަވަރުކުރުމުގައި އުޅޭއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގައިވިއަސް ޖައުހަރީގެ ހިތްވަރަކަށް ޝައުގުވެރިކަމަކަށް ބަދަލެއް ނާދެއެވެ. ފުލުހުންގެ ބެލުމުގެ ދަށުން ދޫކުރާއިރަށް ފެންނާނީ އަނެއްކާވެސް މުޒާހަރާއިންނެވެ. ފޮޓޯ ނެގުމުގައެވެ. ވޭތުވެދިޔަ 20 ވަރަކަށް އަހަރު މުޒާހަރާތަކުން އެފެނުނު މޫނު ދެން ނުފެނުނު ކަމުގައިވިއަސް ނޫސްވެރިންނާއި އެމްޑީޕީގެ މެންބަރުންގެ ހިތުން ޖައުހަރީގެ ނަން ހަނދާން ނުނެތޭނެއެވެ. މައްޔިތާއަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އާމީން

+1
0
+1
1
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް