October 5, 2024 13:27
Advertisement

-Advertisement-

ޝަމީމާ: ކެންސަރުގެ ވޭނުގައި އަނގައިގެ ބޮޑުބައެއް ކަފައި ނަގައިފައިވާއިރު އެދެނީ ދީލަތި އެހީއަށް!

މ. މަޑުއްވަރީ އަށް އުފަން ޝަމީމާ މުހައްމަދު (64އ) އަކީ އާންމު ދިރިއުޅުމެއް އުޅެމުން އައި މީހެކެވެ. އާއިލާއާއެކު އުޅެމުން އައި އުފާވެރި ދިރިއުޅުމަށް ބޮޑު ސިހުމެއް ލިބުނީ މި އަހަރުގެ އޮގަސްޓްމަހުގެ 15 ވަނަ ދުވަހު ލިބުނު ނަތީޖާއިން ކެންސަރު ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ.

އަމްރިތާ ހޮސްޕިޓަލުން ސެޕްޓެންބަރު 30 ވަނަ ދުވަހު ދީފައިވާ ލިޔުން

ޝަމީމާގެ ދަރިފުޅު ފާޠިމަތު ޔޫހާ އިބްރާހީމް ވަނީ އޭނާގެ މަންމަގެ ފަރުވާ ކުރިއަށްދާގޮތް 'ޒީޓައިމްސް' އާއި ހިއްސާކޮށްފައެވެ.

" ހުޅުމާލެ ހޮސްޕިޓަލަށް ދައްކައިގެން ހެދި ޓެސްޓުން އެނގުނީ ކެންސަރ ހުރިކަން. ޑޮކްޓަރ ލަފާދެއްވީ ވީއެންމެ އަވަހަކަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބަލިމީހާ ގޮވައިގެން ދިއުމަށް. އާސަންދައިގެ ދަށުން އިންޑިއާއަށް އައިސް ހެދި ޕެޓް ސްކޭން އިން އެނގުނީ ކެންސަރ ހުރީ ސްޓޭޖް 4 ގައިކަން. ޑޮކްޓަރ ވިދާޅުވީ ވަރަށް ބޮޑު އޮޕަރޭޝަންއެއް ކަމާއި ވީއެންމެ އަވަހަކަށް އޮޕަރޭޝަން ކުރުމަށް އެއްބަސްވުމަށް. ކެންސަރ ޖެހުނީ އަނގައިގެ އެއްފަޅިއަށް. އެފަޅީގެ ކަށިތަކާއި ހިރުގަނޑަށްވެސް ކެންސަރުގެ އަސަރުކޮށްފަ ހުރީ".

Advertisement

އަސަރާއެކު ޔޫހާ ކިޔައިދިން ގޮތުގައި ޝަމީމާގެ އަނގައިގެ ބޮޑުބައެއް ވަނީ ކަފައި ނަގައިފައެވެ.

" ދެފައިން މަސްނަގައި އަނގައިގެ ކެފިބައިގައި ވަނީ ހަރުކޮށްފަ. ކަރު ތޮރުފައި ނޭފަތަށް ވަނީ ހޮޅިލައްވައިފައި. އޮޕަރޭޝަން ކާމިޔާބު. އެކަމަކު ފައިގެ ކެފިތަނަށް މަސްއަރަން ދުވަސް ހޭދަވާނެކަމަށް ޑޮކްޓަރު ވިދާޅުވި. ބަލިމީހާ ގެއަށް ދޫކުރިއަސް ދޫވެސް ހުރީ އަނގައިގެ އެތެރެއަށް ވާގޮތަށް އައްސާފަ. ޑޮކްޓަރު ވިދާޅުވީ 3 މަސް ފަހުންނޭ ދޫ ނެރެވޭވަރު ވާނީ. ދެން އޮތީ އަސްލު ކެންސަރަށް ދޭންޖެހޭ ރޭޑިއޭޝަނާއި އިތުރު ފަރުވާ. އިންޑިއާގައި މަޑުކުރަންޖެހޭ 5 ވަރަކަށް މަސްދުވަހަށް". އިންޑިއާގެ ކޮޗިންގައި މަންމަގެ އެހީތެރިއެއްގެ ގޮތުގައި ހުރި ޔޫހާ ކިޔައިދިނެވެ.

އާސަންދައިން ކަވަރު ނުކުރާ އިތުރު ކަންތައްތަކަށް އާއިލާއިން ބޮޑު ހޭދައެއް ކުރަންޖެހޭއިރު އާއިލާއިން އެދެނީ ޝަމީމާގެ ފަރުވާއަށް އާންމުންގެ ދީލަތި އެހީތެރިކަމެއް ވެދިނުމަށެވެ.

ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާ ދިވެހީން ދުވަހެއް ދުވަހަކަށް ގިނަވަމުންދާއިރު އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދާ ގިނަ އަދަދެއްގެ މީހުން އުޅެއެވެ.

" ރާއްޖެއިން ބޭރުގައި ތިބެ ފަރުވާ ފުރިހަމަކުރުމަށް ބޮޑު ހޭދައެއް އާއިލާއިން ކުރަންޖެހޭ. ތަނެއް ކުއްޔަށް ހިފުމުގެ އިތުރަށް ކެއުމާއި ދަތުރުތަކަށްވެސް ބޮޑުއެއްޗެއް ހޭދަވޭ. އާސަންދައިގެ އިތުރަށް ހޮސްޕިޓަލަށް ވެސް 10،000 ރުޕީސް އަމިއްލައަށް ދައްކަން ޖެހުނު. އެއީ އާސަންދަ ކަވަރު ނުކުރާ ކަންތައްތަކަށް. މަންމައަކީ ކުރިންވެސް ބޮޑު އޮޕަރޭޝަނެއްކޮށް ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔަ މީހެއް. އަޅުގަނޑު އެދެނީ މިފަދަ ބޮޑެތި ބަލިތަކުގެ ފަރުވާ ރާއްޖެއިން ކުރެވޭނެ ގޮތެއްވުން". ކެންސަރު ބަލީގައި މަންމަ އުފުލަމުންދާ ވޭން އެންމެކައިރިން ފެނި އެކަމުގެ ހިތްދަތިކަމުގައި ދުވަސްތައް ހޭދަކުރަމުންދާ ޔޫހާ ކިޔައިދިނެވެ.

ޝަމީމާ އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް: ފާޠިމަތު ޔޫހާ އިބްރާހީމް ވައިބަރ ނަންބަރ 7700334

އެކައުންޓް ނަންބަރު: 7715118289101 (ފާޠިމަތު ޔޫހާ އިބްރާހީމް)

 

ނޯޓް: ޝަމީމާ މުހައްމަދުގެ އޮޕަރޭޝަންގެ އިތުރު ފޮޓޯތައް ޒީޓައިމްސް އަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް އެފޮޓޯތަކުގެ ބާވަތުން އާންމުކުރުން ރަނގަޅުކަމަކަށް ނުފެންނާތީ މި ލިޔުމުގައި އެފޮޓޯތައް ހިއްސާނުކުރީއެވެ. ޝަމީމާ އަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި. އާމީން!

+1
0
+1
0
+1
0
+1
0
+1
0
+1
1
+1
19

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް