އެއީ އުމުރުން 12 ވަރަކަށް އަހަރުގެ ކުއްޖެކެވެ. އެހެން ހުކުރެކޭ އެއްގޮތަށް މިއަދުވެސް ގޭގެ ކައިރީގައި ހުންނަ މިސްކިތަށް ހުކުރުނަމާދަށް ދިޔައީ އެކަންޏެވެ. އެކުއްޖާގެ އުމުރުން ވަރަށް ކުޑައިރުއްސުރެ ހުންނަނީ މަންމަ ކައިރީގައެވެ. ބައްޕަ އަކީ އެހެން ރަށެއްގައި ދިރިއުޅޭ މީހެކެވެ. ދަރިފުޅަށް ޚަރަދު ނުކުރެއެވެ. މިކަން އެދަރިފުޅަށްވެސް އެނގެއެވެ. ސްކޫލަށް ގެންގޮސް ބަލިވީމަ ބޭސްކޮށްދީ ހުރިހާކަމެއް ކޮށްދެނީވެސް މަންމަކަން ދަރިފުޅު ވަރަށް ރަނގަޅަށް ދަނެއެވެ.
ހުކުރު ނަމާދު ނިމުނުގޮތަށް ގެއަށް އައިސް ފުރަތަމަވެސް މަންމަ ކައިރީގައި ބުނީ " މަންމީ މިއަދުގެ ހުކުރު ޚުޠުބާގައި ކިޔައިދިނީ ބައްޕަމެން ކުދިންނަށް ޚަރަދު ނުކުރަންޏާ ވާނެގޮތް". މިހެން ބުނިއިރު މިކުޑަކުޑަ ދަރިފުޅުގެ މޫނުން ފެންނަންހުރި ބަޔާންކުރަން ދަތި ހިތްދަތި އިހުސާސްތައް އެންމެ ކައިރިން ފެނުނީ މަންމައަށެވެ. އެވަގުތު މަންމަގެ ލޮލުން ހޯސްލާފައި ފައިބަންފެށީ ކަރުނައެވެ.
އެކަނިމާއެކަނި ދަރިފުޅު ގޮވައިގެން އެއްކޮޓަރީގައި އެ ދިރިއުޅެނީ ރަނގަޅު ތަޢުލީމެއް ދެވޭތޯ މާލޭގައެވެ. ގަވާއިދުން ދޭންޖެހޭ ތެރަޕީތައް ރަށުން ނުދެވުމަކީވެސް މާލޭގައި މަޑުކުރަންޖެހޭ އެއްސަބަބެވެ. އެކަމަކު އެމައުސޫމް ދަރިފުޅަށް ޚުޠުބާއިން އެކުރި އަސަރު ހިލަހިތެއްގެވެރި ބައްޕައަށް ކުރި ބާއެވެ. ތިމާގެ އެހީތެރިކަން އެންމެ ބޭނުންވި ދުވަހު އެކަނި ދޫކޮށްލާ ޒިންމާ އަދާނުކުރަނީ ކީއްވެބާއެވެ. މިއީ އެންމެ ކުއްޖެއްގެ ވާހަކައެވެ. މި މުޖުތުމަޢުގައި މިފަދަ އެތައް ކުދިންނެއް އެބަތިއްބެވެ. އާއިލާ ރޫޅި ދަރިން ބިކަވަނީއެވެ.
ހުކުރު ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައިފައިވާ ގޮތުން ފިރިމީހާ އޭނާގެ އަނބިމީހާއަށް އަދި ބައްޕަ އޭނާގެ ދަރީންނަށް ޚަރަދުކުރުމަކީ އޭނާގެ މައްޗަށް މާތް ﷲ ވާޖިބުކުރައްވައިފައިވާ ކަމެކެވެ. އަދި ތިމާގެ އަނބިދަރީންނަށް ރިޒުޤު ތަނަވަސް ކޮށްދިނުމަށްޓަކައި މަސައްކަތް ކުރުމަކީ ﷲގެ މަގުގައި ޖިހާދުކުރުން ފަދަ ސަވާބު މަތިވެރި ކަމެކެވެ. ފިރިންނަކީ މާތް ﷲ ވަރަށް މަތިވެރި އަމާނާތެއް ހަވާލުކުރައްވައިފައިވާ ބަޔެކެވެ. އޭނާއަށް ހަވާލު ކުރެވިފައިވާ އެންމެ ބޮޑު އަމާނާތަކީ އޭނާގެ އަނބިދަރީންނެވެ. އަނބިދަރީންނަށް ޚަރަދު ކުރުމަކީ ފިރިމީހާގެ މައްޗަށް ވާޖިބުވާ ކަމަކަށްވާއިރު އެ ވާޖިބު އަދާކުރުންމަތީ ދެމިތިބުމަކީ ނުހަނު މަތިވެރި ސަވާބާއި ދަރުމަހުރި ކަމެކެވެ. ނަމަވެސް ހިތާމައަކީ މިހާރަކަށް އައިސް ބައެއް ފިރީން އަނބިދަރީންނަށް ޚަރަދުނުކޮށް އެކަމަށް އިހުމާލުވަމުންދާ ކަމެވެ. އަދި ދެމަފިރީން ވަރިވުމަށްފަހު ދަރީންނަށް ޚަރަދުނުދީ ފިލައިގެެން އުޅޭ މީހުންވެސް މަދެއްނޫނެވެ. ކޯޓު މެދުވެރިކޮށްވެސް ދަރީންނަށް ދޭން ޖެހޭ ޚަރަދު ނުދީ އުޅޭ މީހުން ވެސް މަދެއް ނޫނެވެ. މިއީ އިންތިހާއަށް ހިތާމަކުރަންޖެހޭ ކަމެކެވެ. މިކަންކަމާ ބެހޭގޮތުން ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެއެވެ. ވީމާ މިގޮތަށް އުޅޭ މީހުން ވަގުތު ފާއިތުވުމުގެ ކުރީން ތައުބާވެ ﷲ ރުހިވޮޑިގަތުން ހޯދުމަށް މަސައްކަތްކުރުމަށް ޚުޠުބާގައި ވަނީ ވަސިއްޔަތްކޮށްފައެވެ.
ޖުމްލަ 3 ކިޔުންތެރިންގެ ހިޔާލު
ހިތާމައަކީ މިފަދަ ފިރިހެނުން (ބަފައިން) އަންހެނަކު ހާލުގަޖައްސާފަ ދަރިންނަށް އަޅާނުލާ ޙަރަދު ނުކޮށް ގޮސް އެހެން އަންހެނުންނާއެކީ ދިރި އުޅެން ފުރުސަތު ދެނީވެސް ހަމަ އަންހެނުން ނަށް ވާތީ މިފަދަ ފިރިހެނުން ތަކުރާރު ކޮށް ގިނަ ބަޔަކާ އިންނަމުން ދާން އެފުރުސަތު އަންހެނުން ދޭކަން އެއީ ދެރަކަމެއް
ވ ފުރިހަމަ ލިއުމެއް …ކުރާ މަސައްކަތުގައި ބަރަކާތް ލައްވާށި….
ކީކުރާނީ އަބިދަރިންނަށް ކާންނުދީވެސް މައިދައިތަގެ އުނގު ފުރަާލަދޭން ޖެހޭ.. ފިރިމީހާ އަށް މިޖެހެނީ މައިވަންތަ ކަމުގެ ގުޅުމާއި އާއިލީ ގުޅުން ވެސް ފައިސާ މުދާ ދީފަ ގަންނަން
އަހަރުމެން ތިބެން މިޖެހެނީ ދިރި އުޅުމުގެ އެތައް ކަމަކުން މަހުރޫމް ވެފަ
ދެއަތް އުފުލާ ﷲއަށް ދުޢާ ދެންނެވުން ފިޔަވާ އެހެން ގޮތެއް މިދުނިޔެމަތީގަ ނޯންނާނެ