މާލޭގެ ގޭބިސީތަކުން ކުނި ނެރޭނީ ރޭގަނޑު 10 ން މެންދަމު 12 އަށް ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އެންގުމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވިއެވެ. އަދި އެނޫން ގަޑިތަކުގައި ކުނި ނެރުމަކީ 2021 ވަނަ އަހަރުގެ ޖެނުއަރީ 10ވަނަ ދުވަހުން ފެށިގެން މަނާކަމެއް ކަމަށް ވެމްކޯއިން އެންގި ނަމަވެސް، ވެމްކޯގެ އެންގުމަކީ ޢާންމުންނަށް ބަލައިގަންނަށް ދަތި އުނގަދޫ އެންގުމަކަށް ވެއްޖެއެވެ. މިކަން ބޮޑު ޝަކުވާއަކަށް ހަދައިފިއެވެ.
ޢާންމުންގެ ކަންބޮޑުވުން އުތުރިއަރައިގެން އަންނަނީ ސޯޝަލް މީޑިއާގައެވެ. އެގޮތުން ބައެއް މީހުން ކޮށްފައިވާ ޓްވީޓްތަކުގައި ބުނެފައިވަނީ ވެމްކޯއިން މިގޮތަށް އެންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބޭނުން ގަޑިއެއްގައި ކުނި ނެރެވެން ޖެހޭނެ ކަމަށެވެ. ރޭގަނޑު 10ގެ ފަހުން ކުނި ނެރެން އެންގުމުން އެގަޑިއަކީ ލަސް ގަޑިއެއް ކަމަށާއި 10 ޖެހުމުގެ ކުރިން ނިދާ މީހުން އުޅޭކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި ވެމްކޯއަށް ނުވަންޏާ ބަނގްލަދޭޝް މީހުންނާއި އަލުން ކުނިއުކަން ޙަވާލުކުރަން ބައެއް މީހުން ވެމްކޯއަށް ގޮވާލާފައިވެއެވެ. "އަހަރެންނަކީ ރޭގަނޑު 10 ޖެހުމުގެ ކުރިން ނިދާމީހެއް، އަހަރެން ކުނި ނެރޭނަން ނިދުމުގެ ކުރިން" މިއީވެސް ޓްވިޓާގައި މީހެއްގެ ޝަކުވާއެކެވެ. ވެމްކޯއިން މި މީހާއަށް ދިން ޖަވާބަކީ ވެމްކޯއިން ކުނިނަގާ ގަޑިއަށް ބަދަލު ގެނައީ ޓްރެފިކް ފްލޯއަށް ބެލުމަށްފަހު އަދި ސުކޫލުތަކާއި އޮފީސްތައް ހުޅުވިފައިވާއިރު އެކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ. އަދި ބައެއް ކަސްޓަމަރުންނަށް މިކަން ތަކުލީފަކަށް ވެދާނެކަން ވެމްކޯއަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް ވެމްކޯގެ އެންގުމަށް ބޯލެނބުމަށް އެދޭ ކަމަށެވެ.
ރޭގަނޑު 10-12 އަށް ކުނިނެރެން އެންގުމުން ބަޔަކު ޝަކުވާކުރިނަމަވެސް މިކަން ރަނގަޅުވެގެން ވެމްކޯއަށް ތަޢުރީފުކުރި މީހުންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން ޓްވިޓަރގައި ބައެއް މީހުން ބުނެފައިވަނީ މިގޮތަށް ހަމަޖެއްސުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށާއި، ވެމްކޯއިން މާލެތެރެ ސާފުކޮށް ބޭއްވުމަށް ކުރާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.
ވެމްކޯގެ ކަލެކްޝަންސް މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ މިއީ ވެމްކޯއިން އަމިއްލައަށް ހަމަޖެއްސި ގޮތެއްނޫން ކަމަށާއި، މިއީ މާލޭސިޓީ ކައުންސިލުގެ ނިންމެވުމެއް ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުންފެށިގެން ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރެވިފައި އޮތް ކަމެއް ކަމަށެވެ.
"ދުވާލު މާލޭގެ މަގުތައް ތޮއްޖެހުމާއި، ވެހިކަލްތަކުގެ އުނދަގޫ ކުރިމަތިވުމާއި ޓްރެފިކްގެ މައްސަލައާއި މިކަންކަން މިހެން ހުންނާތީ ސިޓީ ކައުންސިލުން ނިންމީ ރައްޔިތުން ކުނި ނެރެންވާނީ ރޭގަނޑު 10-12 އަށް ކަަމަށް. އަދި ވެމްކޯގެ މުވައްޒަފުން ކުނިނަގާ މަގުތައް ކްލިއާ ކުރަން ފެށޭނީ މެންދަމު 12:00 އިން އިރު އެރުމުގެ ނިޔަލަށޭ. އެހެންވީމަ އެއަށް ބޯލެނބުމުގެ ގޮތުން" ވެމްކޯ އިން ކުނި ނަގާ ގަޑިއަށް ބަދަލު ގެނެވުނީ ކަމަށް ޝާން ވިދާޅުވިއެވެ.
16 އާއި 18 އާއި ދެމެދުގެ އަދަކަށް ކުނި ނެގުމުގައި ވެމްކޯގެ ވެހިކަލްތައް ރޭގަނޑު 12 އިން ފެށިގެން ކުނި ނަގާ ނިމެންދެން ހަރަކާތްތެރިވެއެވެ. ވެމްކޯއިން ރޭގަނޑު މަގުތަކަށް ނެރޭ ސްޓާފުންގެ ތެރޭގައި ވެށި ފާރަވެރިންނާއި ޑިއުޓީ އޮފިސަރުންނާއި ޑްރައިވަރުންނާއި ގޭބިސީތަކުގެ ކުނިނަގާ މުވައްޒަފުންނާއެކު ކޮންމެ ރެއަކު 120 އާއި 125 އާއި ދެމެދުގެ އަދަދަކަށް މުވައްޒަފުން ހަރަކާތްތެރިވެއެވެ.
ޝާން ވިދާޅުވީ ދަންވަރު 12 އިން ފެށިގެން ވެމްކޯގެ ކުނިނަގާ ވެހިކަލްތައް މަގުތަކަށް ނެރެގެން އުޅޭއިރު ޓްރެފިކްގައި ޖެހުމުގެ މައްސަލަ އެއްގޮތަކަށްވެސް ކުރިމަތި ނުވެއޭ ބުނެވިދާނެ ކަމަށެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން ވެމްކޯގެ ވެހިކަލްތަކަށް ޚާއްސަކޮށް ދީފައިވާ ބައެއް ސަރަހައްދުތަކުގެ ބޭނުން ރޭގަނޑު 12ގެ ފަހުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ މައްސަލަ ކުރިމަތިވެއެވެ. އަދި ގޯޅި ގޯޅި ކަންމަތީގައި ޕާކްކޮށްފައި ހުންނަ ވެހިކަލްތަކުގެ ސަބަބުން ބައެއް ފަހަރު ކުނިނަގާ ވެހިކަލްތަކަށް އުނދަގޫ ކުރިމަތިވާ ކަމަށް ޝާން ވިދާޅުވިއެވެ.
އަދި ރޭގަނޑު 12ގެ ކުރިން ހުރިހާ ރައްޔިތުންގެސް ކުނި ނެރެފައި ބަހައްޓައިފިނަމަ ވެމްކޯއަށް ކުނިތައް ނަގާ ސާފުކޮށްލުމަށް ވަރަށް ފަސޭހަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ސިޓީ ކައުންސިލާއި ވެމްކޯއިން މިބަދަލު ގެނެސްފައި މިވަނީ މާލޭގެ ގޭބިސީތަކުން މީހުންނަށް ކުނި ނެރުމުގައި އުނދަގުލެއް ކުރިމަތި ކުރުވާކަށް ނޫނެވެ. މިއީ ރަނގަޅު ނިޔަތެއްގައި ކޮށްފައި އޮތް ކަމެކެވެ. ފަތިސްނަމާދަށް މިސްކިތަށްދާން ނިކުންނަ މީހުންނާއި ހެނދުނު އޮފީހަށްދާން ނިކުންނަ މީހާއަށް ކުރިން އެފެންނަ ކުނިކޮތަޅު ފުނިތައް ފެންނަން ނެތުމުން ގައިމުވެސް ހިތްހަމަ ޖެހުން ލިބޭނެއެވެ. އޭގެ ބަދަލުގައި މިހާރު މިފެންނަނީ ފަތިސްވެގެން އަންނައިރު މާލެތެރެ މުޅިން ސާފުކޮށް އޮއްވައެވެ. އަދި ހަމަ ކޮންމެ ދުވަހަކުވެސް ވެމްކޯއިން މާލެތެރެ ސާފުކުރުމުގައި އެބަ ހަރަކާތްތެރިވެއެވެ.
މިކަން ޝަކުވާއަކަށް ހެދުމުގެ ބަދަލުގައި މިކަމުން ޢާންމުންނަށް ވެގެންދާނެ ފަސޭހަތަކަށް ވިސްނާލަން ޖެހެއެވެ. ދުވާލުގެ ވަގުތުތަކުގައި މަގުތަކުގައި ތޮއްޖެހުން އިންތިހާއަށް އިތުރުވެފައި އޮންނައިރު ވެމްކޯގެ ވެހިކަލްތައް މަގުމަތީގައި ނޫޅޭތީ ޓްރެފިކް މައްސަލައަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް އަންނާނެއެވެ. އޮފިސްތަކާއި ސުކޫލްތަކާއި ބާޒާރުކުރަން ނިކުމެ އުޅޭ ފަރާތްތަކަށްވެސް ވެމްކޯގެ ވެހިކަލްތައް ނެތުމުން ފަސޭހަވެގެންދާނެއެވެ. އެހެންކަމުން މިބަދަލަށް ހޭނުން ކީއްތޯއެވެ.