ކޮންމެ އަހަރެއްގައިވެސް 20 ނޮވެމްބަރަކީ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރަނީ ޔުނިސެފްއިން އިސްނަގައިގެން، ކުޑަކުދިންގެ ހައްޤުތައް ކަށަވަރުކޮށްދީ ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ ކަންކަން މުޖުތަމައުތަކުގައި އަށަގެންނެވުމަށް ބައިނަލްއަޤްވާމީގޮތުން ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަ ކުރަނީ އދ. ގެ 'ކޮންވެންޝަން އޮން ދަ ރައިޓް އޮފް ޗިލްޑްރަން' މި ނަމުގައި ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ ބައިނަލްއަޤްވާމީ މުއާހަދާ އެކުލަވާލެވުމާއި ގުޅިގެންނެވެ.
މިއަހަރު ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "މުސްތަޤުބަލުގެ އަޑުއަހާ، ކުޑަކުދިންގެ ހައްޤުތަކުގެ ދިފާއުގައި ތެދުވޭ" ނުވަތަ ލިސެން ޓު ދަ ފިއުޗަރ، ސްޓޭންޑް އަޕް ފޯ ޗިލްޑްރަންސް ރައިޓްސް" އެވެ.
ކުޑަކުދިންގެ ހައްޤުތައް ނެގެހެއްޓުމަކީ މިހާރަށްވުރެ ރަނގަޅު މާދަމައަށް ވާސިލުވުމަށް އޮތް ސަމުގާ ކަމަށާއި، މިއަދާއި މާދަމާ އަދި މުސްތަޤުބަލަށްވެސް އޮތް ސަމުގާއެއްގެ ގޮތުގައި ޔުނިސެފުން ދެކެއެވެ.
ކުޑަކުދިންގެ އަޑުތައް އަހާ އެކުދިން އަމިއްލަ ހިޔާލުތައް ހިއްސާކުރުމަށް ޖާގަދީ އެ ހިޔާލުތަކުން އެ އައިޑިއާތަކުން އަދަށްވުރެ ރަނގަޅު މާދަމާއެއް ހޯދިދާނެކަން ގަބޫލުކޮށް އެކުދިންގެ އަޑުތައް ޝައުގުވެރިކަމާއެކު އެހުމަކީ ނުހަނު މުހިންމު ކަމެކެވެ.
ދުނިޔޭގައި ކުޑަކުދިންގެ ހާލަތު
2024 ވަނަ އަހަރާއި ހަމައަށް ބަލާއިރު، އެތައް މިލިއަން ކުޑަކުދިން ވަނީ އަޅާނުލާ ދޫކޮށްލެވިފައެވެ. ކުޑަކުދިންގެ ހައްޤުތަކަށް އިހުތިރާމް ނުކުރާ މުޖުތަމައުތަކާއި، އެކުދިންގެ ހުރި ހުނަރު އެކަށީގެންވާ ގޮތުގައި ދައްކާ ތަރައްޤީކުރުމުގެ ފުރުސަތު ނުލިބޭ އެތައް މިލިއަން ކުޑަކުދިން އެބަތިއްބެވެ. ދިރިހުރުމާއި މަރާ މެދު ހަނގުރާމަ ކުރާ އެތައް މިލިއަން ކުޑަކުދިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭނެއެވެ. ކާނާ އާއި ބޯފެނާއި، ގެދޮރާއި ރަނގަޅު ސިއްހަތެއް ފަދަ އިންސާނީ އަސާސީ ހައްޤުތަކުން މަހުރޫމުވެފައިވާ އެތަށް މިލިއަން ކުދިންނެއް އުޅޭނެއެވެ.
ކުޑަކުދިންނަށް ކުރާ ޖިސްމާނީ އަނިޔާއާއި ނަފްސާނީ އަނިޔާ އާއި ތައުލީމު ހާސިލުކުރުމަށް ލިބިދޭންޖެހޭ ފުރުސަތުތައް ނުދީ ހިފަހައްޓާފައިވާ އެތަށް މުޖުތަމައެއް އޮންނާނެއެވެ. އަވަށްޓެރި ގައުމުތަކުން ފެށިގެން ގޮސް އަރަބި ކަރައަށް ނަޒަރު ހިންގާއިރު މިއަދު ބައިނަލްއަޤްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރާއިރު އެންމެ ހިތްދަތި މަންޒަރަކީ ފަލަސްތީނާއި، ޔަމަނާއި، ލުބުނާނާއި، ސޫދާންފަދަ ޤައުމުތަކުގައި ކުޑަކުދިން އުފުލަމުންދާ ވޭނީ ހާލަތެވެ. ހަނގުރާމައިގެ ސަބަބުން ބަނޑަށްޖެހިފައިވާ އެތަށް ހާސްކުދިންނެވެ. މަދަރުސާތައް ބިމާ ހަމަކޮށްލާފައިވާތީ ތައުލީމުން މަހުރޫމުވެފައިވާ އެތަށް މިލިއަން ކުދިންނެވެ. އެ ކުދިންނަށް މާދަމާއެއް ބިނާކޮށްދޭން ތިބި މައިންބަފައިންނަށް ހަނގުރާމައިގެ ސަބަބުން ދިމާވެފައިވާ ނުކުޅެދުންތެރިކަމާއި، އަތްމަތި ދަތިކަމުގެ ސަބަބުން ދަރިންގެ ހައްޤުތައް އަދާކޮށްދިނުމަށް ނުކުޅެދިފައިވާ މިންވަރަކީ ހިތް ކުދިކުދިވާވަރު ކަންކަމެވެ.
މީގެ އިތުރުން ކުޑަކުދިންނާއިމެދު ކުރާ އަނިޔާތަކަކީވެސް އެކުދިންގެ މުޅި އުމުރަށް އެކަމުގެ އަސަރުތައް ދެމިގެންދާ ކަންކަމެވެ. ތަކުރާރުކޮށް ޖިންސީ އަނިޔާއާއި ޖިސްމާނީ އަނިޔާ ލިބޭ އެތައްހާސް ކުދިންނެއް އުޅެއެވެ. ބޮޑެތިމީހުންގެ އިހުމާލުން އެ ތުއްތު ނަފްސްތައް ދިރިތިއްބާ އެ ކަތިލާ ކަތިލުން ހުއްޓުވާނެ ފަރާތެއް ނެތި އެހީއަށް އެދި އެދި ބިރުވެރިކަމާއި ނާމާންކަމުގައި އަދިރި ދުވަސްތައް ހޭދަކުރާ ކިތަންމެ ކުއްޖެއް މި ރާއްޖޭގައިވެސް އުޅޭކަން އެނގެއެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ އިތުރުން ގަނާ ކުރުމާއި، އެކުދިންގެ އަގު ވަޒަން ނުކުރުން ފަދަ އެތައް ކަމެއް މި މުޖުތަމައުންވެސް ފެނެއެވެ. ކުޑަކުދިން ބޮޑެތި ކުށްތަކުގެ ތެރެއަށް ވެއްދުމާއި، ސުކޫލު މާހައުލާއި ގޭތެރޭގެ މާހައުލުގައިވެސް އެ ކުދިންނަށް އިހުމާލުވާ މަންޒަރު އަބަދުވެސް ފެނެއެވެ.
ޔުނިސެފުން ބުނާގޮތުގައި ކޮންމެ ހަތަރު މިނެޓެއްގެ ތެރޭގައި ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކުޑަކުއްޖެއް އަނިޔާއެއްގެ ސަބަބުން މަރުވެއެވެ. 90 މިލިއަނެއްހާ ކުޑަކުދިން މިއަދުވެސް ދިރިއުޅެނީ ޖިންސީ ހާނިއްކައިގެތެރޭގައެވެ. އަހަރެއްގެ މައްޗަށް 370 ކުޑައަންހެން ކުދިންނަކީ ރޭޕްގެ ޝިކާރައަކަށްވެފައިވާ ކުދިންނެވެ.
އަދި 15 އަހަރާއި 19 އަހަރާއި ދެމެދުގެ 50 މިލިއަނާއި ގާތްކުރާ އަދަދެއްގެ އަންހެން ކުދިންނަކީ އެކުދިން އިނދެގެން އުޅޭ ފިރިހެނުންނާއި ރައްޓެހިވެގެން އުޅޭ ފިރިހެނުންގެ ފަރާތުން ޖިންސީ އަނިޔާލިބޭ މީހުންނެވެ. އަދި 1.6 ބިލިއަން ކުޑަކުދިންނަކީ ގޭތެރެއިން ކޮންމެވެސް ސިފައެއްގައި އަނިޔާ ލިބޭ ކުދިންނެވެ. އޭގެތެރޭގައި ނަފްސާނީ އަނިޔާއާއި ޖިސްމާނީ އަނިޔާ ހިމެނެއެވެ.
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު މިކަންކަން ހުއްޓުވާ އޯގާވެރި މުޖުތަމައަކުން ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ނުހަމު މުހިންމު ކަމެކެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާގައި ކޮންމެ 4 ން 1 އަންހެން ކުއްޖަކީ ޗައިލްޑް އެބިއުސް ތަހަންމަލުކޮށްފައިވާ ކުއްޖެކެވެ. އަދި ކޮންމެ 13 އަކުން 1 ފިރިހެން ކުދިންނަކީ ޗައިލްސް އެބިއުސްގެ ކޮންމެވެސް ހާދިސާއެއް ތަޖުރިބާކުރަންޖެހުނު ކުއްޖެކެވެ. ޔޫރަޕަށް ބާލައިރު ކޮންމެ 5 ކުއްޖަކުން 1 ކުއްޖަކަށް ޖިންސީ އަނިޔާ ލިބެއެވެ.
މައުލޫމާތު: ޔުނިސެފް