އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެތެރެއިން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ. އަދި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ އިސްވެރިންގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނާއި، މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ، ވިލާ ރިސޯޓްސް، އަދި ޔުނިވަރސަލް ރިސޯޓްސްގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމް.އޭ.ސީ.އެލް ގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ އެމް.އޭ.ސީ.އެލް އަކީ ތަފާތު އެކިދާއިރާތަކުގެ މަސައްކަތުގެ ފުރުސަތުތައްއޮތް ތަނެއްކަމަށާއި ގިނަ މަސައްކަތްތަކަކީ ހާއްސަ ހުނަރު ބޭނުންވާ ދާއިރާތަކެއްކަމަށެވެ. މިފަދަ މަސައްކަތްތަކަށް މީހުން ތަމްރީނުކުރުމަކީ ކުންފުންޏަށް ބޭނުންޖެހިފަ އޮންނަ ކަމަކަށްވާއިރު، މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ކުންފުންޏަށް ބޭނުންވާ ހުނަރުވެރި މީހުން ހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި، ޤައުމީ ފެންވަރުގައި ފެށުނު މިމަސައްކަތަކީ ކާމީޔާބު މަސައްކަތަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށް ސީ.އީ.އޯ ވިދާޅުވިއެވެ.
އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ތަސައްވުރެއް ކަމަށެވެ. އަދި އެކަޑަމިކް ސަނަދު ހާސިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބުންވެސް އެއީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރި ފުރުޞަތުތަކާއި ބޭހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ހަރަކާތްތައް މިއަހަރުތެރޭގައި އެމް.އޭ.ސީ.އެލް އިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން، އެމް.އޭ.ސީ.އެލް ކެރިއަރ 2024 ގެ ނަމުގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފެއާރތަކެއް ކުރިއަށް ގެންދާއިރު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދާލަން ކެރިއަރ އެކްސްޕޯ" ގައި އެމް.އޭ.ސީ.އެލް އިން ވަނީ ބައިވެރިވެފައެވެ.