November 24, 2024 19:32
Advertisement

-Advertisement-

ކުޑަކުދިންގެ ވާހަކަ: ބަރުދަނުގައި ތިން ކިލޯ

ފަރުމަހަކީ ކަޖޫބެއަށް ވަރަށް މީރު ކާއެއްޗެކެވެ. އެހެންކަމުން ފަރުމަސްވެރިކަން ކުރަން ކަޖޫބޭ ހުންނަނީ އަމަށަކު ފޯރިއެއް ނޫނެވެ. ވަގުތެއް ލިބިއްޖެނަމަ ކޮންމެ ދުވަހަކު ވެސް ފަރުމަހަށް ދިއުމަށް ކަޖޫބޭ ހުންނަނީ ތައްޔާރަށެވެ. އަދި ފަރުމަސް ބާނަން ޝައުޤުވެރިކަން ހުންނަ ފަދައިން ފަރުމަސް ކާން ވެސް ކަޖޫބޭ ވަރަށް ޝައުޤުވެރިކަން ހުރެއެވެ. އެހެންކަމުން ކަޖޫބޭ މަސްމާރުކޭޓަށް ދާ ކޮންމެ ދުވަހަކުހެން ފަރުމަހެއް ގަނެގެން ގެއަށް ވައްދައެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން ކަޖޫބޭ މަސްމާރުކޭޓަށް ވަދެގެން ދަނިކޮށް އެ ތަނުން ވަރަށް ތާޒާ ބޮޑެތި ރަތްމަސްތަކެއް ބަޔަކު ވިއްކަން ތިއްބާ ފެނިއްޖެއެވެ. ކަޖޫބޭއަށް އެ މަސްތައް ފެނުމާއެކު ކާހިތުން ކެތްމަދުވެއްޖެއެވެ. ވަގުތުން އެތަނުގައި އޮތް އެންމެ ބޮޑު ރަތްމަސް ގަނެގެން ގެއަށް ހިނގައްޖެއެވެ. ގެއަށް ވަދެވުމާއެކު ކަޖޫބޭ އޭނާގެ އަންހެނުން މަރިޔަނބަށް ގޮވައިލައިފައި ބުންޏެވެ.

ކަޖޫބޭ: މަރިޔަނބާ! މި މަސް މިރޭގެ ނާސްތާއަށް ވަރަށް މީރުކޮށް ތައްޔާރުކޮށްލާފައި ބާއްވާތީ! އަހަރެން މި ދަނީ

Advertisement

ވަރަށް ބޮޑުކަމަކު ބޭރަށް. އަންނަން ވާއިރަށް މަސް މީރުކޮށް ފިހެލާފައި ބާއްވާތި އިނގޭ!  މިހެން ބުނެފައި

ކަޖޫބޭ ބޭރަށް ހިނގައްޖެއެވެ.

ކަޖޫބޭ ބޭރަށް ދިއުމުން މަރިޔަނބު މަސްކައްކަން ބަދިގެއަށް ވަދެފައި އެ މަސް ފެނުމުން ހިތަށް އެރިއެވެ.  މިއަދު މިއޮތީ ވަރަށް ރަނގަޅު އެއްޗެއް ލިބިފައެވެ. އަހަރެންގެ އެކުވެރިން އަބަދުވެސް ޝަކުވާ ކުރަނީ އަހަރެންގެ އަތުން ކައްކާ މީރު ކާއެއްޗެއް ނުލިބިގެންނެވެ.  މިއަދު ވަރަށް މީރުކޮށް މި މަސް ފިހެލާފައި، އަދި އޭތީގެ ބޮލުން ގަރުދިޔަ ކައްކާފައި މަގޭ އެންމެ ގާތް ދެ އެކުވެރިންނަށް ކާންދޭންވީއެވެ. ކަޖޫ ކާން އައުމުގެ ކުރިން އެ ދެމީހުނަށް ކާންދީ ނިންމާލާނީއެވެ.

އެރޭ ކަޖޫބޭ ގެއަށް އައީ އިޝާ ނަމާދަށް ފަހުއެވެ. ކަޖޫބޭ މަސް ކާހިތް އޮތްލެއް ބޮޑުކަމުން ގެއަށް ވަނުމާއެކު އަވަސްއަވަހަށް ކާންހަދާށޭ  ގޮވައިލިއެވެ. މަރިޔަނބު ވެސް އަވަސްއަވަހަށް ސުފުރާމަތި ތައްޔާރުކޮށްލުމަށް ފަހު މަރިޔަނބު ދިޔައީ ބޯފެން ތައްޓެއް ބަލައެވެ. ދެން ކަޖޫބޭ ކާން އިށީނދެފައި، އެންމެ ފުރަތަމަ ވެސް މަތި ނެގީ ފިހުނު މަސް ބާއްވާފައި އޮތްކަމަށް ކަޖޫބޭ ހީކުރި ތަށި މަތީގައި އޮތް ގޮށްޓެވެ.  ގޮށި ދަށުގައި ހުރީ ހުސް ތައްޓެވެ. އެ ތަށީގައި މަސް ނެތްތަން ފެނުމުން، މަސް ކޮބައިތޯ ކަޖޫބޭ މަރިޔަނބާ ސުވާލުކުރިއެވެ.

އެ ވަގުތު މަރިޔަނބު ގޮވައިލިއެވެ.  "ގޮށި ދަށުގައި އެ އޮތީނު. ބަލާބަލަ!"

ކަޖޫބޭ:  "ބަލަ މިތަނަކު މަހެއް ނެތޭ!  އަވަހަށް ތިޔަ މަސް ގެނެސްބަލަ!"  ދެން  މަރީވެސް ކަޖޫބޭ ގާތަށް އައިސް 

ބަލައިލިއިރު އެއީ ތެދެއް. އޭނާ އެ ތަށިތެރޭގައި ބޭއްވި މަހެއް ނެތް. ދެން މަރީ އެކަމާ ހާސްވެފައި  ކުއްލިއަކަށް ބުންޏެވެ.

މަރިޔަނބު:  "ކަޖޫ ގެންގުޅޭ "ސަރީ" (ބުޅަލެއް) ތި ތަނަށް އަރައި އޮއްވާ ދުށިން. އެ ވާނީ އެ ސޮރު އެ މަސް ކައިލީ

ކަމަށް.  އެހެންނު ވާނީ އެ ސޮރު އޮންނަނީ މަސްކޮޅެއް ފެނިއްޖެނަމަ މޮޔަވެފަ ވިއްޔާ!"

ކަޖޫބޭ އެކަމާ ވަރަށް ދެރަވެއްޖެއެވެ. ނަމަވެސް އިތުރު އެއްޗެއް ނުބުނެ އެރޭ، ބަތާއި ހުސް ގަރުދިޔަ   

ކައިގެން ހިތްހަމަޖައްސައިލައިގެން ނިދައިފިއެވެ.

އޭގެ ދެ ދުވަސް ފަހެވެ. ކަޖޫބޭ ހަމަ ކުރީ ދުވަހު ގެނައި ފަދަ ބޮޑު ރަތްމަހެއް ގެއަށް ގެނެސް ލައިފިއެވެ. އަދި އަނބިމީހާއަށް ގޮވައިލައިފައި އެ ދުވަހު ވެސް ރޭގަނޑުގެ ކެއުމަށް އެ މަސް ވަރަށް މީރުކޮށް ތައްޔާރުކޮށްދިނުމަށް އެދިފައި ކަޖޫބޭ ދިޔައީ ބޭރަށެވެ.

އެރޭ ކަޖޫބޭ ގެއަށް އައި އިރު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. އަދި ހުރީވެސް ރަތްމަސް ކާހިތުން ކެތްމަދުވެފައެވެ. އެރޭ ވެސް ކަންތައް ދިމާވީ ހަމަ  ކުރީރެޔާ ދާދި އެއްގޮތަކަށެވެ. ކަޖޫބޭ ކާން އެރިއިރު ސުފުރާ މަތީގައި އެއްކަލަ މަހެއް ނެތެވެ. ދެން މަރީއަށް ގޮވައިލައިފައި މަސް ގެނެސްދިނުމަށް އެދުނެވެ. އެރޭ ވެސް މަރީ ވަރަށް ދެރަވެލައިފައި  ދިނީ ހަމަ ކުރީރޭ  ދިން ޖަވާބެވެ.

އެކަމަކު މަރިޔަނބު އެރޭ އެ ދިން ޖަވާބާ މެދު ކަޖޫބޭ ހިތްހަމައެއް ނުޖެހުނެވެ. އެރޭ ކަޖޫބޭ ގާތަށް އައީ ރުޅިއެވެ. ކަޖޫބޭގެ ހިތަށް އެރިއެވެ. މި މަރިޔަނބު  ކޮންމެވެސް ކަމެއް މަށަށް އެބަ ސިއްރުކުރެއެވެ. އެހެން ހިތަށްއެރުމުން އަނެއްކާ ވެސް ކަޖޫބޭ ބުންޏެވެ.

ކަޖޫބޭ:  މަރިޔަނބާ ދޮގުނުހަދާތި! މަ ގެނައި މަހަށް ކަލޭ ހެދީ ކިހިނެއް؟

މަރިޔަނބު: މަ މި ބުނީނު ކަޖޫ ތިޔަ ލޯބިން ގެންގުޅޭ ސަރީ އެ މަސް ކައިލިއްޔޭ!

ދެން ކަޖޫބޭ ކުރިކަމަކީ، އޭނާ ނުހަނު ލޯބިން ގެންގުޅޭ ސަރީ އެތާ އޮއްވައި ގޮސް އުރައިލިއެވެ. އެއަށްފަހު އޭނާގެ އަންހެނުންގެ އަތުގައި ހިފައިގެން ނިކުތީ ބޭރަށެވެ. ދެން ގޮސް ވަނީ އެ ގެއާ އެންމެ ކައިރީގައި ހުރި ފިހާރައަކަށެވެ. ކަޖޫބޭ ފިހާރަޔަށް ވަދެފައި ސޭޓުގެ އިޒުނަޔާއެކު، ވަރަށް ފަރުވާތެރިކަމާއެކު އެތާ ހުރި ކިރާ މެޝިނުން އޭނާ އުރާލައިގެން ހުރި ސަރީގެ ބަރުދަން ބަލައިލިއެވެ. އެއަށްފަހު ކަޖޫބޭ އޭނާގެ އަންހެނުންނާ ދިމާއަށް އެނބުރިލައިފައި ބުންޏެވެ.

ކަޖޫބޭ:  "އަހަރެން ގަނެގެން ގެނައީ 3 ކިލޯ ހުރި މަހެއް. މި ބުޅަލުގައި މިހާރު މި ހުރި ބަރުދަނަކީ ވެސް ހަމަ

އެންމެ 3 ކިލޯ.  ކަލޭ ތިޔަ ބުނަނީ މަ ގެނައި އެ 3 ކިލޯ ހުރި މަސް ކައިލީ މަގޭ މި ސަރީ ކަމަށް. ދެން

ބުނެބަލަ! އެހެންވީއިރު މިހާރު މަގޭ ސަރީވީ ކޮންތާކުތަ؟ ކަލޭ ތިޔަ ބުނަނީ  މަގޭ މި ސަރީ އެ 3 ކިޔޯ

މަސް ކައިލީ.  އަދި ވެސް ތިޔަ އުޅެނީ މަށަށް އޮޅުވައިލަން ކަމަށްތަ؟

މަރިޔަނބު: މާފުކުރޭ ކަޖޫ! އަހަރެންނަށް ދޮގުހެދުނީ. ދެ ދުވަހު ވެސް ދޮގުހެދީ. ކަލޭގެ ތިޔަ ސަރީ ދެކެ އަންނަ         ރުޅިން.  އެ ސޮރު މިގޭތެރޭ އެތައް މިތަނަށް ގުއިރީ ގޭތެރެ ހަޑިކޮށް ނަޖިސްކުރާތީ އަހަރެން މި ހުންނަނީ އެ ސޮރު ދެކެ އަންނަ ރުޅިން ހަދާނެ ގޮތް ހުސްވެފައި. އެ ސޮރު ބޭރުކޮށް ނުލެވިފައި. އެހެން ހުއްޓާ އަހަރެންނަށް މި ޚިޔާލު ދިނީ އަހަރެންގެ އެކުވެރިން މިގެއަށް ކާން ގެނައި ދުވަހު. އަހަރެންނަށް މާފުކުރޭ! ދެން މިފަދަކަމެއް އަހަރެން ތަކުރާރެއް ނުކުރާނަން.

ކަޖޫބޭ:  މި ފަހަރު އަހަރެން މަރިޔަނބަށް މާފުކޮށްފިން. ކުރިން ތިޔަ ގޮތަށް ތެދު ބުނިނަމަ އެހެން މީހުންގެ ކުރިމަތީ   

ފަޟީޙަތްނުވެ ސަލާމަތް ވީސް ދޯ؟ ދެންވެސް ރަގަޅު އެކުވެރިން ޚިޔާރުކުރަން ދަސްކުރޭ!

.......................................

ނޯޓް  ޙުސްނާ ފަހްމީ (ހުސްނާ މިސް) އަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާގައި 42 އަހަރަށް ވުރެ ގިނަ ދުވަހު އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ކަނބަލެކެވެ. އަދި މެދުނުކެނޑި 37 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި ދައުލަތައް ޚިދުމަތްކުރައްވާފައި ވާތީ، ރައިސުލްޖުމްހޫރިއްޔާ ދެއްވާ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު 2021 ވަނަ ލިބިވަޑައިގަތުމާއެކު 2023 ވަނަ އަހަރު ރެހެންދި އެވޯޑް ލިބިވަޑައިގެންފައިވެއެވެ. ޙުސްނާ ފަހްމީ "އަރާކުރި" ސީރީސް ގެ ނަމުގައި ދިވެހިބަހުގެ ހަތަރު ހުނަރަށް އަމާޒުކުރައްވައިގެން ނާސަރީ ކުދިންނަށް ޚާއްޞަ ދިވެހިބަހުގެ އަކުރުތަކާއި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދުމަދަރުސީ ގްރޭޑްތަކުގެ ކުދިންނަށް ޚާއްޞަކޮށްގެން ޢިބްރަތްތެރި އަދި މަޖާ ކުރު ވާހަކަތަކާއި، މަސައްކަތު ފޮތްތަކާއި، ވާހަކަ ދޭހައާއި ކިޔުމުގެ ދޭހައިގެ ފޮތްތަކުގެ އިތުރުން އުފެއްދުންތެރި ލިޔުމުގެ ފޮތްތައް ހިމެނޭނޭހެން 40 ފޮތެއް މިހާތަނަށް ނެރެ އާންމުކުރައްވާފައިވެއެވެ.

+1
0
+1
0
+1
1
+1
0
+1
0
+1
0
+1
0

Advertisement

އީމެއިލް ޝާއިރެއް ނުކުރާނަން

ގުޅުންހުރި ލިޔުންތައް